Support Us

"ތާރީޚީ ނަޒަރަކުން ފުއައްމޮލޮއް": އަގުހުރި މުތީން ފުރިފައިވާ ޚަޒާނާއެއް

އެއީ މުދައްރިސެކެވެ. ކާތިބެކެވެ. ރޭޑިޔޯ ޓެލެފޯނު އޮޕަރޭޓަރެކެވެ. ކުޑަކަތީބެކެވެ. ކަތީބެކެވެ. ބޮޑުކަތީބެއް ވެސް މެއެވެ. މި ހުރިހައި މަޤާމެއް ފުރުއްވުމުގެ ފުރިހަމަ ހައިސިއްޔަތުން ދިވެހި ޤައުމަށާއި އަމިއްލަ ވަޒަނަށް ޚިދުމަތް ކުރެއްވުމުގެ އިތުރަށް އޭނާއަކީ ކުޅަދާނަ ލިޔުންތެރިއެކެވެ. އާދޭހެވެ! ޏ. ފުވައްމުލަކު، ވިއުޕާކު، އަދުނާން އިބްރާހީމެވެ. ފުވައްމުލަކު މާދަޑިބެއަގެ އަދުނާން އިބްރާހިމް ދީދީއެވެ.

މުޙުތަރަމް އަދްދާން އިބްރާހީމް ދީދީ ލިޔުއްވި "ތާރީޚީ ނަޒަރަކުން ފުއައްމޮލޮއް" އަޅުގަނޑަށް ހަދިޔާ ކުރެއްވީތީ ނުހަނު ލޯތްބާއި އިޙުތިރާމާ އެކު ޝުކުރު ދަންނަވަމެވެ. އަގުހުރި މުތީން ފުރިފައިވާ މި "ޚަޒާނާ" އަޅުގަނޑާ ހަމައަށް ގެނެސްދެއްވީ އަދުނާނުގެ ލޮބުވެތި ދަރިކަނބަލުން ޒީނާޒް އަދުނާނެވެ. އެ ކަމަށް ޓަކައި ޒީނާޒަށް ޝުކުރު ދަންނަވަމެވެ.

"ތާރީޚީ ނަޒަރަކުން ފުއައްމޮލޮއް" އަޝްރަފު އަލީ އަށް ޒީނާޒް އަދުނާނު ހަދިޔާކުރައްވަނީ -ފޮޓޯ: އަޝްރަފު/ އެފްބީ

އަޅުގަނޑު މި ފޮތް ބަލައިފީމެވެ. ކިޔައިފީމެވެ. ވިސްނައިފީމެވެ. މިއީ ފުވައްމުލަކާ ބެހޭ އިއްޔެގެ ވަރަށް ރީތި ގަލަމީ ތަސްވީރެކެވެ. ފުވައްމަލުކުގެ ސިފަތަކާއި ބަހުރުވައާއި ތާރީޚާއި ތަރިކައާއި އާދަކާދަތަކާއި ފުވައްމުލައް އަދު މި ދެކޭ ތަރައްގީގެ ކަންކަން ކުރިއަރަމުން އައި ގޮތްތަކާއި އެކި ޒަމާންތަކުގައި އެކިއެކި ކަންކަމުން ފުވައްމުލައް ވާސިލްވެފައިވާ މޭލުދަނޑިތަކާއި ހާސިލްކޮށްފައިވާ ކާމިޔާބީތައް މި ފޮތުން ސާފުކޮށް އެނގެއެވެ. މިއީ ފުވައްމަލުގެ އަދުގެ ދަރީން ކޮންމެހެން ވަދެ ހޯދައިބަލާން ޖެހޭ ޚަޒާނާއެކެވެ. މި ޚަޒާނާގެ ކޮންމެ މުތަކަކީ އަދުގެ ފުވަމުލައްކުގެ ދަރީންނަށް އަގުހުރި ޖަވާހިރެކެވެ.

މިފަދަ އަގުހުރި ފޮތެއް ވުޖޫދުކުޅަ ކަމަށް ޓަކައި މުހްތަރަމް އަދްނާން އިބްރާހީމް ދީދީއަށް ތަހުނިޔާ ދަންނަވައި މުބާރަކުބާދީ އަރިސްކުރަމެވެ. މި ފޮތް ކިޔުމުން މުޅި ފުވައްމަލައް ހިތަށް ސިފަވެއެވެ. ރަށް އުފެދުމުގެ ހަމައިން ރަށް އިސްލާމުވީ ގޮތާއި ރަށް ބިނާވެފައިވާ އަވަށްއަވަށާއި ރަށުގެ ވެރިކަން ހިނގަމުން އައި ގޮތްތަކާއި އެ ވެރިކަންތަކުގައި ރަށަށް ލިބިނު ތަރައްގީއާއި ކުރިއެރުންތަކުގެ ވާހަކަތައް ވަރަށް ތަފްސީލުކޮށް ލިޔުއްވައިފައި ވެއެވެ. އަތޮޅުވެރިކަން ކުރެއްވި ބޭބޭފުޅުންނާއި ރަށް ހިންގަވާން އިސްވެ އުޅުއްވި އެންމެހައި ވެރީންގެ ޚިދުމަތުގެ ސަފުހާތަކެއް މި ފޮތުން އަޅުގަނޑު ކީމެވެ. އެންމެ އުފާވީ މުޠުލަޤަށް ކޮންމެ ވާހަކައެއް ވެސް އަދްނާނު ތެދުބަސްފުޅުން ލިޔުއްވައިފައިވާތީއެވެ. ކަމެއް ކޮށްދެއްވި ނަމަ އެ ކަމެއް ލިޔުއްވައިފައި ވެއެވެ. ނުކޮށްދެއްވަންޏާ އެ ކަން ވެސް ސާފުކޮށް ބަޔާންކުރައްވައިފައިވެއެވެ.

މި ފޮތުން ފާހަގަ ކުރެވުނު މުހިންމު އަނެއް ކަމަކީ ދެކުނު ބަޣާވާތުގެ ވާހަކައެވެ. އެ ބަޣާވާތުގައި ފުވައްމަލަކާ މެދު ކަން ވީ ގޮތް ނިކަން ރީއްޗަށް ބަޔާންކުރައްވައިފައިވެއެވެ. ބަޣާވާތަށް ފަހު ދެން ކަންކަން ތަރުތީބުވެގެން އައި ގޮތާއި ރަށުގެ އިޖުތިމާޢީ އިޤުތިސާދީ އުމުރާނީ ސިއްޙީ ދީނީ އަދި ތަޢުލީމީ ކަންކަން ތަރުތީބުވެ ފުރިހަމަވެގެން އައި ހަމަތަކާއި އިންތަކާއި އުސޫލުތައް ބަޔާންކުރައްވައިފައިވެއެވެ. މީގެއިތުރަށް ރަށުގައި އާންމުކޮށް ކުރަމުން އަންނަ މަސައްކަތްތަކާއި ކުރިއެރުމާއި ތަރައްގީއށް މީހުން ކުރަމުން އަންނަ ތަފާތު އަމިއްލަ ކަންކަމާއި ދަތުރުފަތުރާއި މުވާސަލާތު ކުރިއަރަމުން އައި ގޮތުގެ މައްޗަށް ވެސް ވަރަށް ފުރިހަމަ ވާހަކަތަކެއް ދައްކަވައިފައިވެއެވެ. ހަމައެހެންމެ އެކި ޒަމާންތަކުގައި ފުވައްމުލަކަށް ދިމާވެފައިވާ ތަފާތު ހާދިސާތަކާއި އިހުއްސުރެ ކިޔަމުން އަންނަ ފޯކުލޯރުތައް ފަދަ ހާދިސީ ވާހަކަތައް ވެސް ވިދާޅުވެދެއްވައިފައި ވެއެވެ.
ކުރުކޮށް މި ދެންނެވުނީ މި ފޮތުގެ ތާރަފެކެވެ. މިއީ 26 ބާބެއް ހިމެނޭ ގޮތުން 275 ސަފުހާގެ މައްޗަށް އެކުލަވައިލައްވައިގެން އަދުނާނު ކުރައްވައިފައިވާ ވަރަށް ބުރަ އަދި ބަރު މަސައްކަތްޕުޅެކެވެ.

އަޅުގަނޑާ ދުވަހަކު ވެސް އަދުނާނާ ބައްދަލުވެފައެއް ނެތެވެ. އެހެނަސް އަދުނާނުގެ ވާހަކަތަކާއި އޭނާގެ ބޮޑުކަތީބު ކަމުގެ ދުވަސްވަރުގެ ކަންކަމާއި އަދި އެހެނިހެން މަގާމު ފުރުއްވި އިރު ކުރެއްވި ޚިދުމަތްތަކާ ބެހޭ ގޮތުން ވަރަށް ހެޔޮ ބަސްފުޅުތައް އަޅުގަނޑަށް ވަނީ އިވިފައެވެ. މިހެން ހުއްޓާ އޭނާ ލިޔުއްވި މި ފުރިހަމަ ފޮތް ފެނުމުން އޭނާގެ މަސައްކަތްޕުޅުގެ "ހިނިތުންވުން" އަޅުގަނޑަށް ސިފަކުރެވެއެވެ.

މި ފޮތް ކިޔަމުން ދިޔަ އިރު އަޅުގަނޑުގެ ހިތަށް އަރަމުން ދިޔަ ޝުޢޫރެއް ދަންނަވައިލާ ހިތްވެއެވެ. ރާއްޖޭގެ ކޮންމެ ރަށެއްގެ ވެސް މިފަދަ ކަތީބުން ނުވަތަ ކުޑަކަތީބުން ނުވަތަ ބޮޑުކަތީބުން ތިއްބަވާނެއެވެ. ދުނިޔޭގައި ތިއްބެވި ނަމަ އެ ބޭފުޅުން ވެސް އެ ބޭފުޅުންގެ ރަށްތަކުގެ އިއްޔެ އަދަށް މިފަދައިން ވިދާޅުވެ ދެއްވާނެ ނަމައެވެ. ކޮންމެ ރަށެއް ވެސް ކޮށްފައިވާނީ ތަފާތު ތަޖުރިބާއެއް ވީމައެވެ. އެއީ އަދުގެ މި ތަރައްގީގެ ޒަމާނުގެ ދަރީންނަށް އިއްޔެ ރަށް އޮތް ގޮތާއި ސިފަތައް އެނގުމަކީ މާދަމާއަށް ރަށް ކުރިއަރުވައި ތަރައްގީގެ ޗާޓުތައް ކުރެހުމުގައި ބަލާނޭ ނަމޫނާ މޫނުބަލާ ލޯގަނޑަށް ވެދާނޭ ފަދަ ކަމަކަށް ވެދާނެއެވެ.

މުހްތަރަމް އަދުނާން އިބްރާހީމް ދީދީގެ މި މަސައްކަތުގައި ބަރަކާތް ލެއްވުން އެދި ދުޢާކުރަމެވެ. އޭނާ ދުޅަހެޔޮ ސިއްހަތުގައި ލަހައްޓަވައި މިފަދަ އިތުރު މަސައްކަތް ކުރެއްވުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރައްވާށިއެވެ. މިއީ އެ ޚަޒާނާއަކުން ފުވައްމުލަކުގެ އަދުގެ ޖީލާއި މާދަމާގެ ޖީލު އަގުހުރި މުތްތައް ހޮވާނޭ ޚަޒާނާއެއް ކަމުގައި ލައްވާށިއެވެ. ދިވެހި އެންމެހައި ދަރީންނަށް ރަށާއި ގައުމަށް ޚިދުމަތް ކުރުމުގައި ނަމުނާ ލިބިގަންނަ އުފާވެރި ހަދިޔާއެއް ކަމުގައި މި ފޮތް ލައްވާށިއެވެ. އާމީން!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *