...

Support Us

ކޮލަމް މާޒީ: ދަސްކުރި ޢިލްމެއްގެ ބޭނުން، ފަންނިއްޔާތުގެ ސަބަބުން ނެތިދާނެހެއްޔެވެ؟

ސުރުޚީގައި އެ އޮތް ސުވާލަށް ތިޔައިގެ ތެރެއިން ހަމަ ގައިމު ވެސް ގިނަ ބޭފުޅުން ދެއްވާނެ ޖަވާބަކީ ނޫނެކޭކަމަށް ވެދާނެއެވެ. އަޅުގަނޑުގެ ޖަވާބު އަދިއެއް ނުދަންނަވާނަމެވެ. ނަމަވެސް އަޅުގަނޑު މި އުޅެނީ މި ސުވާލުގެ ޖަވާބު އަޅުގަނޑުގެ ތަޖުރިބާއިން ޙިއްސާކޮށްލާށެވެ. އެތައް ދަހަރެއްގެ ކުރީގެ ވާހަކަތަކެކެވެ. ތާރީޚީ ވާހަކަތަކެކެވެ. ޝައުޤުވެރިކަމާއެކު ވިދާޅުވެވޭނެކަމަށް އުންމީދުކުރަމެވެ. ކުރިއަށް ވަޑައިގަންނަވާށެވެ!

އަޅުގަނޑަށް ފުރަތަމަ ސަރުކާރުގެ ވަޒީފާއެއް ލިބުނީ ސަރުކާރުން ހިންގެވި ކޯހެއް ފުރިހަމަކޮށް ޤައުމީ އިމްތިޙާނަކުން ފާސްވެގެން ސަނަދު ލިބުނީމައެވެ. ކޯސް ހިންގެވީ ދައުލަތުގެ އެންމެ މަތީ އޮފީހުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އޭރަކު، މަތީ ތަޢުލީމުދޭ އެއްވެސް މުއައްސަސާއެއް ރާއްޖެއަކު ނުހުރެއެވެ. ސަރުކާރުގައި ހަމަޖެހިފައި އޮންނަނީ އެކި ފެންވަރުގެ ސަނަދު ދޫކުރައްވާނެ ނިޒާމެކެވެ. އެއީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވަކި ޑިޕާޓްމަންޓަކުން ކުރައްވާ ކަމެކެވެ. (މިހާރުގެ ގޮތަށް ނަމަ އެއީ ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަނެވެ.) އެޑިޔުކޭޝަނުން ދޫކުރައްވާ ސަނަދެއް ފިޔަވައި، ސަރުކާރުން ގަބޫލުކުރައްވާ ސަނަދެއް ސެޓްފިކެޓެއް އޭރަކު ރާއްޖެއަކު ނުހުރެއެވެ. ހަނދާނީ ލިޔުމާއި ސެޓްފިކެޓް ދިނުމަކީ އޭރު މީހުން ދަންނަ ކަމެއް ހެނެއް ވެސް ހިޔެއް ނުވެއެވެ. އެކި ކޯސްތަކަށް (ސަނަދުތަކަށް) އެޑިޔުކޭޝަނުން ކަނޑައަޅުއްވައިފައި ހުންނަނީ މުޤައްރަރެވެ. މިހާރުގެ ގޮތަށް ވިސްނާނަމަ، މިއިން ކޮންމެ ސަނަދެއް ދޫކުރުމުގެ އިމްތިޙާނުގެ މުޤައްރަރަކީ އެކި ކޯސްކޯހުގެ މުޤައްރަރުތަކެވެ.  މިއީ ތަފާތު ކޯސްތަކެއްކަމަށް މިހާރު މާނަކުރެވިދާނެއެވެ. ނަމަވެސް މިއިން އެއްވެސް ކޯހެއް ހިންގަވާނެ ނުވަތަ ކިޔަވައިދޭނެ ސަރުކާރުގެ މުއައްސަސާއެއް ނުހުރެއެވެ. އެ މީހަކު އަމިއްލައަށް ބޭނުން ގޮތަކަށް އެ ފެންވަރު ޙާޞިލުކޮށްގެން އިމްތިޙާނުގައި ބައިވެރިގެން ސަނަދުތައް ޙާޞިލުކުރާންވީއެވެ. ނަމަވެސް އެ މުޤައްރުތަކަށް ކިޔަވައިދޭ އަމިއްލަ ކްލާސްތައް ހުރެއެވެ. އެ ކްލާސްތަކުން ކިޔަވައިދެނީ އެ މީހަކު ބައިވެރިވާ އިމްތިޙާނެއްގެ މުޤައްރަރުގައިވާ މިންވަރު ދަރިވަރުންނަށް ޙާޞިލުކޮށްދިނުމަށް ޓަކައެވެ. މި ދެންނެވި ފަދަ ކްލާސްތަކުން ކިޔަވައިގެން ނުވަތަ އަމިއްލައަށް އެ މިންވަރަށް އުނގެނިގެން އޭރު ޙާޞިލުކުރެވޭ ސެޓްފިކެޓް (ސަނަދު)ތަކެއް ވެސް މަދެއް ނޫނެވެ. މިސާލަކަށް: ނިޔާކަނޑައެޅުމުގެ ސަނަދު، ޤާނޫނީ ވަކީލުކަމުގެ ސަނަދު، މައްސާޙުގެ ވެރިކަމުގެ ސަނަދު، ރާއްޖެތެރޭގެ ރަށެއްގެ ވެރިކަމުގެ ސަނަދު (ކަތީބުކަމުގެ ސަނަދު)، ކާވެނީގެ މައުޛޫނުކަމުގެ ސަނަދު، މުދިންކަމުގެ ސަނަދު، (އެކި މާއްދާތައް ކިޔަވައިދިނުމުގެ) މުދައްރިސްކަމުގެ ސަނަދު، މާލިމީކަމުގެ ސަނަދު، ވަޔަރލެސް އޮޕަރޭޓަރކަމުގެ ސަނަދު، ޑޮމިސިލިއަރީ ވާރކަރކަމުގެ ސަނަދު، އިނގިރޭސި ސެކްރެޓަރީކަމުގެ ސަނަދު، ސެކްރެޓަރީކަމުގެ ސަނަދު، އިނގިރޭސި ކާތިބުކަމުގެ ސަނަދު، އެއް ނަންބަރު ކާތިބުކަމުގެ ސަނަދު، އިމާމުވެ ހުކުރުކުރުމުގެ ސަނަދު، ދެ ނަންބަރު ކާތިބުކަމުގެ ސަނަދު، ޤުރުއާން މުދައްރިސްކަމުގެ ސަނަދު، ޕިޔޯނުންގެ ސަރުދާރުކަމާއި އިނިސްޕެކްޓަރުކަމުގެ ސަނަދު، ޓައިޕިސްޓްކަމުގެ ސަނަދު، ޕިޔޯނުކަމުގެ ސަނަދު، ބަނޑޭރިކަމުގެ ސަނަދު ފަދަ ނަންނަމުގައި (އަދި މީގެ އިތުރަށް ކިތަންމެ ނަންނަމެއްގައި) އެތައް ބައިވަރު ސަނަދުތަކެއް އެޑިޔުކޭޝަން މިނިސްޓްރީއިން އޭރު ދޫކުރައްވައެވެ. އަޅުގަނޑު ވެސް މީގެ ތެރެއިން ދެތިން ހަތަރު އިމްތިޙާނެއްގައި ބައިވެރިވެގެން ފާސް ވެސް ވިއެވެ. މި ދައްކަނީ 1975-1976ގެ ވާހަކައެކެވެ. އަޅުގަނޑުގެ އުމުރުން އެންމެ 14-15 އަހަރުގެ ވާހަކައެކެވެ.

މި ދެންނެވި ދުވަސްވަރު ރާއްޖޭގެ މުއާޞަލާތުގެ ނިޒާމު ހަމަޖެހިފައި އޮންނަ ގޮތުން މާލެއިން އަތޮޅުތަކާ މުއާޞަލާތުކުރައްވަނީ ރޭޑިއޯޓެލެފޯނުގެ ޒަރީޢާއިންނެވެ. ރަސްމީ ލިޔުންތައް ފޮނުއްވާނީ އަނގަބަހުން މެސެޖުންނެވެ. އެ މެސެޖް އޮޕަރޭޓަރަށް އަޑުއިވޭ ގޮތަށް ކަރުދާހުގައި ލިޔެ އޮޕަރޭޓަރު ސޮއިކުރެއްވީމާ ރަސްމީ ލިޔުމަކަށްވީއެވެ. އެހެންވީމާ އަތޮޅު އޮފީސްތަކުގެ ރޭޑިއޯ އޮޕަރޭޓަރުންނަކީ ވަރަށް މުހިންމު މަޤާމެކެވެ. ދައުލަތުގެ އެކި މަޢުލޫމާތު އަތޮޅުވެރީންނަށްވުރެ ވެސް ކުރީން އެނގޭނީ އޮޕަރޭޓަރަށެވެ.

ހަމަ މި ގޮތުގެ މަތީން ކޮންމެ އަތޮޅެއްގެ ރަށްރަށާ އަތޮޅު އޮފީހުން މުއާޞަލާތުކުރައްވާނީ ވޯކީޓޯކީގެ ޒަރީއާއިންނެވެ. އަތޮޅު އޮފީހުގައި ވޯކީޓޯކީ އޮޕަރޭޓަރެއް ހުންނެވި ނަމަވެސް، ރަށްރަށުގެ އޮފީހުގައި ތިއްބަވާނީ ހަމައެކަނި ކަތީބަކާއި ކުޑަކަތީބެކެވެ. ވަރަށް މަދު ރަށެއްގައި ދެ ކުޑަކަތީބުން ވެސް ތިއްބަވައެވެ. މަދު ރަށެއްގައި ޤާޟީއަކު ހުންނަވައިފާނެއެވެ. ޤާޟީން މަސައްކަތްކުރައްވަނީ (ދައުރުވާ ގޮތަށް) އަތޮޅު ކޯޓުގައެވެ. ރަށުގައި ޤާޟީ މަސައްކަތްކުރައްވާނީ ނާއިބު އޮފީހުގައެވެ. އޭރަކު ރަށު ކޯޓެއް ނުހުރެއެވެ. ދެން ރަށުގައި ސަރުކާރުގެ ވަޒީފާއެއްގައި ހުންނަވާ ހަމަ އެކަނި ބޭކަލަކީ މިސްކިތު މުދިމެވެ. އެއީ ވެސް ރަށުގެ ވެރިއެއްކަމަށް ބަލައެވެ. ކިތަންމެ ރަށެއްގައި ވަގުތީ ގޮތުން އޮފީސް ހިންގެވުން އެ ރަށެއްގެ މުދިމާ ޙަވާލުކުރައްވައެވެ. އެހެންކަމުން އަތޮޅު އޮފީހުން ރަށްރަށަށް ވޯކީޓޯކީގެ ޒަރީޢާއިން ފޮނުއްވާ މެސެޖް އަޑުއައްސަވައި ލިޔުއްވާނީ އަދި ރަށު އޮފީސްތަކުން އަތޮޅު އޮފީހަށް ފޮނުއްވާ މެސެޖް ފޮނުއްވާނީ ކަތީބު ނުވަތަ ކުޑަކަތީބެވެ. އެހެން ނޫނީ މުދިމެވެ. ޤާޟީއަކު ހުންނަވާ ރަށެއްގައި ނަމަ، ޤާޟީ ވެސް ކަތީބަށް އެހީތެރިވެދެއްވުމަށް ޓަކައި ބައެއް ފަހަރު މި މަސައްކަތްކޮށްދެއްވައި ހައްދަވައެވެ. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އޭގެ ކުރީން އަތޮޅު އޮފީސްތަކުގައި ވެސް ވޯކީޓޯކީ އޮޕަރޭޓަރުންނެއް ނުތިއްބަވައެވެ. މެސެޖް ފޮވައި ނެގުމުގެ މަސައްކަތަކީ އޭރު ކާތިބުންގެ މަސައްކަތެކެވެ.

އިސްވެ ދެންނެވުނު ގޮތަށް ރޭޑިއޯ ޓެލެފޯނުންނާއި ވޯކީޓޯކީއިން ކުރާ މުއާޞަލާތަކީ ރޭޑިއޯތަކުގެ ބައެއް ފްރިކްއެއްސީތަކުން އިވޭ އެއްޗެކެވެ. ނަތީޖާއެއްގެ ގޮތުން ދައުލަތުގެ ބައެއް ސިއްރުތައް ވެސް އާންމުވުމުގެ ފުރުސަތު އޮވެއެވެ. އަދި ބައެއް އަމިއްލަ ފަރާތްތަކުން ބޯޓުފަހަރަށް ވޯކީޓޯކީ ހޯދައި، ބޭނުންކުރާން ފެށުމުން އަތޮޅުއޮފީހާއި ރަށްރަށާ ކުރެވޭ މުއާސަލާތު، އެއްވެސް ހުރަހެއް ނެތި އާންމުންނަށް އަޑުއަހައިލެވޭނެތާއެވެ. އަދި މާލެއާއި އަތޮޅުތަކާ ދޭތެރޭ ކުރެވޭ މުއާޞަލާތުގެ އަޑު ވެސް ރޭޑިއޯ ޓިޔުންކޮށްލައިގެން ވެސް އަޑުއެހޭނެއެވެ.

ސަރުކާރާއި އަތޮޅު އޮފީސްތަކާ ދެމެދު ކުރެވޭ މުއާސަލާތުގެ ސިއްރު ހިފެހެއްޓެވުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ކޮންމެ އަތޮޅު އޮފީހަކަށް ވައިރލެސް އޮޕަރޭޓަރެއްގެ މަޤާމު އިތުރުކުރައްވާށެވެ! މަޤާމު އިތުރުކުރެއްވިޔަސް އެ މަޤާމަށް ލާނެ މީހަކު އެއްވެސް އަތޮޅެއްގައި ނުހުންނާނެތާއެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނިންމެވީ ކޮންމެ އަތޮޅަކުން ކުއްޖަކު ގެންނަވައިގެން ސީދާ އެ އޮފީހުން ކޯހެއް ހިންގަވާށެވެ!

ވައިރލެސް އޮޕަރޭޓަރުކަން ކުރުމަށް ޓަކައި ދަސްކުރާންޖެހެނީ މޯސްކޯޑެވެ. އެހެންކަމުން މި ކޯހަށް ފޮނުވާނެ ކުއްޖަކު ހޮވުމަށް ޓަކައި ލ. އަތޮޅު އޮފީހުން ބޭއްވީ އިނގިރޭސިބަސް އެނގޭ މިންވަރު ބެލުމުގެ އިމްތިހާނެކެވެ. ނުވަތަ ބަސްދީގަތުމެކެވެ. މި ކަމަށް ޓަކައި ދަރިވަރުން އިންތިޙާނުކުރެއްވީ އޭރު ލ. އަތޮޅު ހެލްތު ސެންޓަރުގެ "ހެލްތު އެސިސްޓެންޓް" ޙުސައިން މޫސާއެވެ. ކޮންމެއަކަސް އަޅުގަނޑު ފާސްވެގެން މާލެ ފޮނުއްވީމާ އެ ކޯހުގައި ބައިވެރިވީއެވެ. އެހެންކަމުން އަޅުގަނޑު އެންމެ ފުރަތަމަ ހެދި ކޯހަކީ މޯސްކޯޑް ކޯހެކެވެ. (ކޯހުގައި އުޅުނު ދުވަސްވަރު ކޮންމެ މަހަކު އެލަވަންސެއް ވެސް ދެއްވިއެވެ.)

މޯސްކޯޑަކީ ލެޓިންއަކުރުގެ ކޮންމެ އަކުރަކަށާއި ހިސާބުގެ ކޮންމެ ޢަދަދަކަށާއި ލިޔެކިޔުމުގެ ކޮންމެ ނިޝާނަކަށް ދީފައިވާ އަޑުގެ ސިގްނަލްތަކުގެ ކޯޑެކެވެ. މި ސިގްނަލްތައް ހުންނަނީ ކުރު އަޑުތަކަކާއި ދިގު އަޑުތަކަކުންނެވެ. މޯސްކޯޑް ބަހުރުވައިގައި ކިޔަނީ "ޑޮޓް" އާއި "ޑޭޝް"އެވެ. ކޮންމެ ކުރުއަޑަކަށް ނުވަތަ ޑޮޓަކަށް އަޅުގަނޑުމެން ކިޔަނީ "ޓި"އެވެ. ކޮންމެ ދިގު އަޑަކަށް ނުވަތަ ޑޭޝްއަކަށް ކިޔަނީ "ޓާ"އެވެ. މި "ޓިޓާ"ތައް ބޭނުންކޮށްގެން ބައެއް ކުރު ޖުމުލަތަކަށާއި އިރުޝާދުތަކަށާއި އަމުރުތަކަށް ވެސް ކޯޑް ހަދައިފައި ހުރެއެވެ. އޭބީސީޑީގެ އަކުރުތަކަށާއި ހިސާބު ޢަދަދުތަކަށާއި ލިޔެކިޔުމުގައި ބޭނުންކުރާ ނިޝާންތަކަށް ދީފައި ހުންނަ ކޯޑްތަކަށް ކިޔަނީ މޯސްކޯޑެވެ. ޖުމުލަތަކަށާއި އިރުޝާދުތަކަށާއި އަމުރުތަކަށް ދީފައި ހުންނަ ކޯޑްތަކަށް ކިޔަނީ މޯސްކޯޑްގެ ކިޔޫކޯޑްތަކެވެ. މިއީ މީގެ މީޔާރު ނަމަށް ނުވިޔަސް މި ދެންނެވީ އަޅުގަނޑުމެންގެ ކޯހުގައްޔާއި މަސައްކަތުގެ ދާއިރާގައި ކިޔައި އުޅުނު ނަންތަކެވެ. މިއީ ބައިނަލްއަޤުވާމީ ނިޒާމެކެވެ. ބައިނަލްއަޤުވާމީ ކޯޑްތަކެކެވެ. (މޯސްކޯޑް ސިގްނަލްތަކުގެ ނަމޫނާއެއް މި ލިޔުމާއެކު އެ ވަނީއެވެ.)

ދިހަ މަސްދުވަހުގެ މި ކޯހުގައި ފުރަތަމަ ހުރިހާ ސިގްނަލްތައް ހިތުދަސްކުރުމަށް ފަހު ދެން ކޯހުގެ ބޮޑުބައި އޮންނަނީ ފަރިތަކުރާން (ޕްރެކްޓިސް ކުރުމަށް ޓަކައި) ޚާއްޞަވެފައެވެ. އަޅުގަނޑުމެންގެ މުދައްރިބަކީ ސިއްކަގޭ ޙުސައިން މަނިކުފާނު (ރަޙިމަހުﷲ)އެވެ. މޯސްކޯޑަށް ކުޅަދާނަ ބޭފުޅެކެވެ. ހުނަރުވެރި އޯގާވެރި މުދައްރިބެކެވެ. (އެ މަނިކުފާނުގެ ފުރާނަފުޅަށް މާތް ﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށިއެވެ!) ބައެއް ފަހަރު އަޅުގަނޑުމެންނާ މަސައްކަތް ޙަވާލުކުރެއްވުމަށް ފަހު ގަޑިދެގަޑިއިރަށް މަނިކުފާނު ބޭރަށް ވެސް ވަޑައިގަނެއެވެ. އެހެންކަމުން އަޅުގަނޑުމެން ކުދީންގެ ތެރޭގައި މި ކޯހަށް އޮޓޮމެޓިކް ކޯހޭ ވެސް ޖެއްސުމަށް ކިޔައި އުޅުނީމުއެވެ. ފަރިތަކުރުމަށް ޓަކައި މަނިކުފާނު ހެއްދެވި ގޮތަކީ ލަސް ސްޕީޑްގައި މެސެޖްތަކެއް ރެކޯޑްކުރެއްވުމަށް ފަހު އަޑުއަހައިގެން ލިޔާން ޙަވާލުކުރައްވަނީއެވެ. ދެން އަޅުގަނޑުމެން އަޑުއަހައިގެން ލިޔާން ފަރިތަކުރަނީއެވެ. ދެން ސްޕީޑް އަވަސްކުރައްވަމުން ކުރައްވަމުން ގެންދަވައި އެންމެ އަވަސް ސްޕީޑްގައި ރެކޯޑްކުރައްވައިފައި ހުންނަ މެސެޖްތައް ލިޔާން ފަރިތަވީމާ ދެން މެސެޖް ފޮނުވާން ފަރިތަކޮށްދެއްވަނީއެވެ. މި ގޮތަށް ސިގްނަލްތަކުން މެސެޖް ފޮނުވަނީ ޚާއްޞަ ގޮތަކަށް ހަދައިފައި ހުންނަ ކީޔަރ (ކީ) އަކުންނެވެ. އެ ދުވަސްވަރު މަގުމަތީގައި ދަމުން ކޯހުގެ އެކަކު އަނެކަކާ މޯސްކޯޑު ބޭނުންކޮށްގެން ކުރު ބުނުންތަކުން މުއާސަލާތުކޮށް ވެސް ހަދަމުއެވެ. ކްލާހަށް ގޮސް އައިސްވާއިރު އަބަދު ވެސް މީގެ ކީއެއް އަތުގައި އޮންނާނެއެވެ. އަޑު ނުކުންނަ ގޮތަށް ބަޒަރެއް ލައިގެން ބެޓެރީބުރިއަކާ ގުޅައިގެން ހަދައިފައި ހުންނަ ކީތަކުގެ ވަރަށް ގިނަ ވައްތަރުތައް ފަހުން އަޅުގަނޑުމެން ގަނެގެން ވެސް ގެންގުޅުނީމުއެވެ. މިއީ ލިޔާ މީހުން ގަލަން ގެންގުޅޭހާ ލޯބިން އެހެންމީހަކަށް ނުދީ ގެންގުޅޭ އެއްޗެކެވެ. (މީގެ ފޮޓޯއެއް މި ލިޔުމުން ތިޔަ ފެނިވަޑައިގަންނަވަނީއެވެ.)

ޙުސައިންމަނިކުފާނު ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ މިންވަރަށް ހުރިހާ ކުދީންނަށް ވެސް މެސެޖް ނަގާށާއި ފޮނުވާން ދަސްވުމުން ދެން އޮތީ ޢަމަލީ ބަޔެވެ. މިހާރުގެ ބަހުރުވައިންނަމަ ޕްރެކްޓިކަމްއެވެ. މި ކަމަށް ޓަކައި އަޅުގަނޑުމެން ފޮނުއްވީ ޓެލެލެކޮމިޔުނިކޭޝަން ޑިޕާޓްމަންޓް (ޓީސީޑީ) ކިޔާ އިދާރާއަކަށެވެ. އެ ޑިޕާޓްމަންޓްގައި ޢަމަލީ ގޮތުން މެސެޖް ފޮނުވައި ނެގުމުގެ ތަމްރީނު ހޯދީއެވެ.  އޭރު ރާއްޖޭގެ އަތޮޅުތަކަށް ސަރުކާރުގެ ހުރިހައި އިދާރާއަކުން ފޮނުވާ މެސެޖާއި އަތޮޅު އޮފީސްތަކުން ފޮނުވާ މެސެޖް ވެސް ފޮނުވައި ނަގައި ކަމާ ބެހޭ އިދާރާތަކަށް ފޮނުވުމަކީ ޓީސީޑީގެ މަސްއޫލިއްޔަތެވެ. މޯސްކޯޑުން އޭރު ހަމައެކަނި މުއާޞަލާތުކުރަނީ ލަންކާގައި ހުންނަ ދިވެހި އެންބަސީއާއި ބޭރު ދަތުރުކުރާ ބޯޓުފަހަރުންނެވެ. އޭރު ސަރުކާރުގެ އޮފީސްތަކުގެ ވެރީން ފިޔަވައި ދެން އެންމެ މަތީ މަޤާމަކީ ސެކްރެޓަރީންނެވެ. އެހެންނަމަވެސް ޓީސީޑީގެ އޮޕަރޭޓަރުންގެ މަޤާމަކީ ސެކްރެޓަރީންނަށްވުރެ މަތީ މަޤާމެކެވެ. ދަރަޖައާއި މުސާރަ ވެސް މައްޗެވެ. އޭރު އަޅުގަނޑު ހަނދާންވާ ގޮތުގައި ޓީސީޑީގެ އޮޕަރޭޓަރުންނަށް އުޅުއްވީ ޕާކަރު އަޙުމަދު ރަޝީދާއި ވޭމަންޑޫ އިބްރާހީމް ނާޞިރާއި ބުޗާ މުޙަންމަދު މަނިކާއި މަޝްހޫރު ދިވެހި މުދައްރިސް މޫސާ ޢަލީއެވެ. (އެހެން ބޭފުޅެއްގެ ނަމެއް ހަނދާނެއް ނެތެވެ.) ޢަމަލީ ތަމްރީނުގައި އަޅުގަނޑުމެންނަށް އެހީތެރިވެދެއްވީ މި ބޭބޭފުޅުންނެވެ. މި ހުރިހާ ބޭފުޅުންނަށް ވެސް އަޅުގަނޑުގެ ހިތުގައި އުފެދިފައިވަނީ ވަރަށް ޚާއްޞަ ލޯތްބެކެވެ. އެ ބޭފުޅުންގެ އެހީތެރިކަމާއި އޯގާވެރިކަން އަބަދު ވެސް ހަނދާން ހުރެއެވެ. ދިހަ މަސްދުވަހުގެ މި ކޯސް ނިމުމަށް ފަހު ޤައުމީ އިމްތިޙާނުގައި ބައިވެރިވެ ފާސްވުމުން ރޭޑިއޯ ޓެލެފޯނަށް ދިމާމާ ކުދިކުދި މައްސަލަތައް ޙައްލުކޮށް މަރާމާތުކުރުމުގެ ތަމްރީނު ވެސް ދެއްވިއެވެ. މި ތަމްރީނު ދެއްވީ ޓީސީޑީގެ ޓެކްނިކަލް ޑިޕާޓްމަންޓްގެ ފަރާތުން މައިޒާން އަޙުމަދުމަނިކެވެ.

ކޯސް ނިމުމަށް ފަހު ދެ ފުރުޞަތެއް ލިބެއެވެ. އެމްއެސްއެލްގެ ބޯޓެއްގެ ރޭޑިއޯ އޮފިސަރުކަމުގެ މަގާމު ނުވަތަ އަތޮޅު އޮފީހުގެ ވައިރލެސް އޮޕަރޭޓަރކަމުގެ މަޤާމެވެ. ކޮންމެއަކަސް އަޅުގަނޑަށް ސަރުކާރުން ފުރަތަމަ ލިބުނު ވަޒީފާއަކީ ހައްދުންމަތީ އަތޮޅު އޮފީހުގެ ވައިރލެސް އޮޕަރޭޓަރުކަމުގެ ވަޒީފާއެވެ. ވަޒީފާ ލިބުނީ 21 އޭޕްރީލް 1976ގައެވެ. ވަޒީފާ ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހާޒިރުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަޒީފާ ދެއްވައިފިކަން އަންގަވައިގެންނެވެ. މި ކަން އަޅުގަނޑަށް އެންގެވީ މުޙަންމަދު ޞާދިޤު ކިޔާ ބޭފުޅެކެވެ. ދެން ވަޒީފާދެއްވިކަމުގެ ސިޓީއަކާއެކު ރައީސް އޮފީހުގެ އިންސްޕެކްޓަރެއްގެ ޙަވާލުގައި އަޅުގަނޑު ފޮނުވީ މިނިސްޓްރީ އޮފް ހޯމްއެފެއަރޒްގެ އެ ޓޮލްސް ޑިވިޝަނަށެވެ. އެޓޮލްސް ޑިވިޝަނުން އަޅުގަނޑަށް އެންގެވީ އަވަހަށް ފުރާ އެއްޗަކުން ލ. އަތޮޅު އޮފީހަށް ގޮސް ގަވާއިދުން ވަޒީފާގެ މަސައްކަތާ ޙަވާލުވާށެވެ.

ރަށު ދޯންޏަކުން ރަށަށް ގޮސް ރަށު އޮފީހުގެ ކުޑަކަތީބަކާއެކު ހިތަދޫ އަތޮޅު އޮފީހަށް އަޅުގަނޑު ހާޒިރުވީމެވެ. ނަމަވެސް އަތޮޅުވެރިޔާ ވައިޖެހޭ އަޙުމަދު ރަޝީދު (ރަޙިމަހުﷲ) ވިދާޅުވީ، އެ އޮފީހަށް އިތުރު މުވައްޒަފަކު ހަމަޖެއްސެވިކަން އެޓޮލްސުން އަންގަވައިފައި ނުވާ ކަމަށެވެ. ދެން އަޅުގަނޑު އެނބުރި ހަމަ އެ ދުވަހު ރަށަށް ދިޔައީއެވެ. ނަމަވެސް ދެތިން ދުވަސް ވެސް ނުވަނީސް އަޅުގަނޑަށް ވަޒީފާ ދެއްވައިފިކަމަށާއި އަވަހަށް ވަޒީފާއަށް ނުކުންނާން ރަށު އޮފީސް މެދުވެރިކުރައްވައި އަޅުގަނޑަށް އަންގަވައިފިއެވެ. ޖެހިގެން އައި ދުވަހު އަޅުގަނޑު ހިތަދުވަށް ގޮސް ގަވާއިދުން މަސައްކަތް ފަށައިގަތީއެވެ. އަޅުގަނޑުގެ މަސައްކަތަށާއި އަޅުގަނޑަށް، ހުރިހައި އަތޮޅުވެރީންގެ ފަރާތްޕުޅުން ޚާއްޞަ އިސްކަމަކާއި ވަރަށް ޚާއްޞަ ލޯތްބެއް ލިބުނެވެ.

ހއ. ހދ. ނ. ބ. ޅ. މ. ދ. ލ. ސ. އަތޮޅު ފަދަ މަދު އަތޮޅުތަކަކަށް މި މަޤާމު ހަމަޖެހުނަސް މުޅި ރާއްޖޭގައި މޯސްކޯޑުން މުޢާޞަލާތު ކުރައްވާނޭ ފުރުޞަތެއް ސަރުކާރަކަށް ލިބިވަޑައެއް ނުގަތެވެ. ސަބަބަކީ މި ކަމަށް ތަމްރީނުކުރެވެނީ ކޮންމެސް ވަރަކަށް އިނގިރޭސި ބަސް އެނގޭ މީހުން ކަމަށްވާތީ ހުރިހާ އަތޮޅަކުން ތަމްރީނުކުރާނޭ ފެންވަރުގެ ކުދީން ނުލިބުމުން ކަމަށް އެނގިފައިވެއެވެ. އެހެންނަމަވެސް މި މަގާމަށް މީހުން ހަމަޖެހުނު އަތޮޅުތަކުގައި މޯސްކޯޑުން ނޫނީ މެސެޖް ފޮނުވުން އޭރު މަނާކުރެވުނެވެ. މި ގޮތަށް މުވާޞަލާތުކުރާއިރު މުވާސަލާތީ ކޮންމެ އިސްޓޭޝަނަކަށް ވެސް ކޯލްސައިންނެއް (މުޚާޠަބުކުރާ ނަމެއް) ދީފައިވެއެވެ. އަޅުގަނޑުގެ ހަނދާން ބަލިކަމުގައި ނުވާނަމަ، ޓީސީޑީއަށް ދެވިފައި އޮންނަ ކޯލްސައިންއަކީ 8Q2 (އެއިޓް ކިޔޫ ޓޫ) އެވެ. އަތޮޅުތަކުގެ އިސްޓޭޝަންތަކަށް ގޮވާނީ އަތޮޅުގެ އަކުރުންނެވެ. އެ އަކުރުތަކަށް ކިޔަނީ ލެޓިން ނަމެވެ. ލ. އަތޮޅުގެ އަކުރަކީ އޯއަކުރު ކަމަށް ވާތީ އެއީ "އޮސްކާ" އެވެ. އެއިޓްކިޔޫޓޫއަށް މޯސްކޯޑުން ގޮވާއިލާއިރު ބޭނުންކުރާ ސިގްނަލްތަކުގެ އަޑުތަކަކީ ޓާޓާޓާޓިޓި (އަށެއް) ޓާޓާޓިޓާ (ކިޔޫ) ޓިޓިޓާޓާޓާ (ދޭއް) އެވެ. އާދޭހެވެ! އޭރު އަޅުގަނޑުމެން ހުރިހާ މުއާޞަލާތެއް ކުރީ މި ސިގްނަލްތަކުންނެވެ. އަތުގެ އިނގިލިތަކުންނެވެ. އަނގައަކުންނޫނެވެ. ގިނަ މެސެޖްތަކެއް ފޮނުވާންޖެހޭ ދުވަހެއްގައި ނަމަ، ކަނާތުގެ މެދު އިނގިއްޔާއި ކުޑަހުޅު ހިސާބަކަށް ވާޅު ވެސް ވެއެވެ. ސިގްނަލް ފޮނުވާން އަޅުގަނޑު ބޭނުންކުރަނީ އަތުގެ މެދު އިނގިއްޔާއި ކުޑަހުޅުކަމަށްވާތީއެވެ. ނަމަވެސް އެއީ ޝައުޤުވެރި ކަމަކަށްވާތީ މަސައްކަތްކުރީ ވަރަށް ގަޔާވެގެންނެވެ.

އަޅުގަނޑުމެން އަތޮޅު އޮފީސްތަކުގައި މަސައްކަތްކުރާން ފެށިތާ މާ ގިނަ ދުވަހެއް ނުވެ ދިވެހިބަސް ލެޓިން އަކުރުން ލިޔާ ގޮތަށް ސަރުކާރުން ހަމަޖައްސަވައި ލެޓިން ސަނަދު ނަގާންޖެހުނެވެ. މިއީ މޯސްކޯޑް މުއާޞަލާތަށް ލިބުނު ވަރަށް ބޮޑު ފަހިކަމަކަށްވިއެވެ. އެހެނީ ސިގްނަލްތަކުގެ ކޯޑްތައް ދީފައި ހުންނަނީ ލެޓިން އަކުރުތަކަށްކަމަށް ވުމުން މެސެޖް ލިޔެވޭނީ ލެޓިންއަކުރުންކަމަށްވާތީއެވެ. އެހެންކަމުން ނަގާ މެސެޖްތައް އަލުން ތާނައަށް ބަދަލުކުރާކަށް ނުޖެހޭނެތާއެވެ.

ކޮންމެއަކަސް މާވަށުގައި ހުޅުވުނު ލ. އަތޮޅު ޕްރައިމަރީ ސްކޫލްގެ މާލޭން ފޮނުވާ ޓީޗަރުގެ މަޤާމަށް 7 އޮގަސްޓް 1979ގައި ވަޒީފާ ބަދަލުވަންދެން އަޅުގަނޑު ހުރީ ލ. އަތޮޅު އޮފީހުގެ ވައިރލެސް އޮޕަރޭޓަރގެ މަޤާމުގައެވެ. އަޅުގަނޑު ތަޢުލީމީ ދާއިރާއަށް ބަދަލުވިއިރު މޯސްކޯޑްގެ ދާއިރާއިން ތަމުރީނު ހޯދައި، ވަޔަރލެސް އޮޕަރޭޓަރކަމުގެ ސަނަދު ލިބިފައި ހުރި އެހެން މީހަކު ލ. އަތޮޅުގައި ނެތުމުން އެ މަޤާމު އުވައިލައްވައި، އަތޮޅު އޮފީހަށް "ރޭޑިއޯ ޓެލެފޯން އޮޕަރޭޓަރ"ގެ މަގާމު އުފައްދަވައި އެ މަޤާމަށް މުވައްޒިފަކު ހަމަޖެއްސެވީއެވެ. ވައިރލެސް އޮޕަރޭޓަރގެ މަގާމު އުވައިލެއްވީއެވެ. އެހެންކަމުން ލ. އަތޮޅު އޮފީހުގެ ވައިރލެސް އޮޕަރޭޓަރކަމުގެ މަގާމަކީ ހަމައެކަނި އަޅުގަނޑަށް ޓަކައި އުފެއްދެވި މަގާމެއްކަމަށް ފަޚުރުވެރިކަމާއެކު އަޅުގަނޑަށް ދެންނެވިދާނެއެވެ.

ދެން މާ ގިނަ ދުވަސްތަކެއް ނުވެ ރާއްޖެއަށް ވެސް ޓެލެފޯން އާންމުވެ ދުނިޔޭގައި ވެސް ފެކުހުގެ ނިޒާމު ގާއިމުވުމާ ގުޅިގެން އަތޮޅު އޮފީސްތަކުގެ ވައިރލެސް އޮޕަރޭޓަރުންނާއި ރޭޑިއޯޓެލެފޯން އޮޕަރޭޓަރުންގެ މަގާމާއި ރަށްރަށުގެ ވޯކީޓޯކީ އޮޕަރޭޓަރުންގެ މަޤާމުގެ ބޭނުން ކެނޑުނީއެވެ. އެ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން އިދާރީ އެހެން މަގާމުތަކަށް ބަދަލުކުރެއްވީއެވެ. ބޯޓް ފަހަރުގައި މަސައްކަތްކުރެއްވި ރޭޑިއޯ އޮފިސަރުންގެ މަގާމުގެ ބޭނުން ވެސް ނެތިދިޔައީއެވެ. ބޯޓުފަހަރުގައި ވެސް އެ މަގާމުތަކުގައި ތިއްބެވި މުވައްޒަފުންނަށް މެއިންޓަނެންސް އޮފިސަރު ނުވަތަ އެޗްއާރު އޮފިސަރު ފަދަ އެހެން މަގާމެއް ހަމަޖެއްސެވީއެވެ.

މޯސްކޯޑަކީ އަޅުގަނޑު ވަރަށް ޝައުޤުވެރިކަމާއެކު ދަސްކުރި ޢިލްމެއް ނުވަތަ ފަންނެއް ނުވަތަ ހުނަރެއްކަމަށް ވިޔަސް މިއަދު އެ ޢިލްމުގެ ނުވަތަ ފަންނުގެ ބޭނުންވަނީ ކެނޑިފައެވެ. މިހާރު މުއާޞަލާތުގެ ދާއިރާގައި މޯސްކޯޑްގެ އަޑެއް ވެސް އިވޭނެޔެކޭ ހިޔެއް ނުވެއެވެ. މޯސްކޯޑަކީ ކޮން އެއްޗެއްކަން އެނގޭ މީހުން ވެސް މިއަދު ވަރަށް މަދުވެދާނެއެވެ. (ނަމަވެސް މީގެ ދުވަސްކޮޅެއް ކުރީން ރޭޑިއޯ ޓިޔުނުކުރަނިކޮށް މޯސްކޯޑް ސިގްނަލްތަކެއްގެ އަޑު އަޅުގަނޑަށް އިވިފައިވެއެވެ.) ވީމާ ކުޑައިރު ދަސްކުރި ޢިލްމެއްގެ ބޭނުން މި އޮތީ ކެނޑިފަޔޭ އަޅުގަނޑަށް ދެންނެވިދާނެތާއެވެ. ފަންނިއްޔާތު ކުރިއަރައި ދިޔުމުގެ ސަބަބުން ދަސްކުރި ޢިލްމެއްގެ ބޭނުން ނެތިދާނެކަމަށް އަޅުގަނޑަށް ދެންނެވޭން އެބަ އޮތް ނޫންތޯއެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2

One Response

  1. ވަރަށް ގިނަ ތާރީޚީ މުހިންމު މަޢުލޫމާތެއް ލިބުނު ޝައުގުވެރި ތަފާތު ލިޔުމެއް. އުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލުއަށް ޝުކުރިއްޔާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *