އެކުވެރި ޢަރަބި އިމާރާތުގެ ރައީސް މުޙައްމަދު ބިން ޒާއިދު މިމަހު 18ވަނަ ދުވަހު ރަސްމީ ދަތުރުފުޅެއްގައި ފަރަންސޭސިވިލާތަށް ވަޑައިގަންނަވާނެ ކަމަށް އިމާރާތުގެ ރަސްމީ ނޫސް އޭޖެންސީން ބުނެފިއެވެ. މިއީ މުޙައްމަދު ބިން ޒާއިދަށް އިމާރާތުގެ ރައީސްކަން ލިބިވަޑައިގެން ފަހުން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މި ދަތުރފުޅުގައި ބިން ޒާއިދު ފަރަންސޭސި ރައީސް މެކަރޯނާއެކު ބާއްވަވާ ރަސްމީ ވާހަކަދެއްކުންތަކުގައި ކުރިމަގުގެ ހަކަތައާއި މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ކުރިއަރަމުން އަންނަ ފަންނިއްޔާތާ ބެހޭ ފައިލްތައް ހިމެނޭނެއެވެ.
މީގެ އިތުރަށް ތަޢުލީމާއި ސަޤާފަތާއި ހަވާއާ ބެހޭ މައިދާންތަކުގައި އެއްބާރުލުން ވަރުގަދަކުރުމާ ބެހޭގޮތުން ވެސް މަޝްވަރާ ކުރްވާނެއެވެ. މި ފައިލްތަކާ ބެހޭގޮތުން ބަހުސް ކުރައްވާނީ އެ ދެ ޤައުމުގެ ދެމެދުގައިވާ އިސްތިރާތީޖީ ބައިވެރިވުމުގެ އަލީގައި ކަމަށް އިމާރާތުގެ ނޫސް އޭޖެންސީ ބުނެއެވެ.
މި ދިޔަ އަހަރު ވަނީ ވިޔަފާރީގެ ބޮޑެތި މުޢާމަލާތުތަކެއްގައި އިމާރާތުން ފަރަންސޭސިވިލާތާއެކު ސޮއިކޮށްފައެވެ. އޭގެތެރޭގައި 19 ބިލިއަން ޑޮލަރުގެ ހަތިޔާރު ގަތުމާބެހޭ ޑީލެއް ހިމެނެއެވެ. މި ޑީލުގައި ރައީސް މެކަރޯން ސޮއިކުރެއްވީ އޭނާ ގަލްފަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައެވެ.
މި ދަތުރުފުޅުގެ ސަބަބުން ހަކަތަޔާ ބެހޭ ފަރަންސޭސިވިލާތުގެ ޓޯޓާލް އެނރޖީ ކުންފުންޏާއި އެންޖީ ކުންފުންޏާއެކު އިމާރާތުން ވަނީ އެތައް ބިލިޔަން ޑޮލަރެއް ހިމެނޭ ޑީލްތަކެއްގައި ސޮއިކޮށްފައެވެ.
ޓޯޓާލް ކުންފުނީގެ ރައީސް ޕެޓްރިކް ބޫޔާން މި މަހު 13ވަނަ ދުވަހު ހާމަކުރެއްވި ގޮތުގައި އެ ކުންފުނިން ދަނީ މި އަންނަ ފިނި މޫސުމަށް ބޭނުންވާ އުނދަނައާއި ޑީޒަލް އިމާރާތުން އެތެރެކުރުމަށް ޓަކައި ވާހަކަތައް ދައްކަމުންނެވެ. ރަޝިޔާއާ ދެކޮޅަށް ޔޫރަޕުންނާއި އެމެރިކާއިން އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާއިން ރަޙްމަތްތެރިނޫން ޤައުމުތަކަށް ތެލާއި ގޭސް ވިއްކުން ހުއްޓައިލައިފައެވެ.
އިސްތިރާތީޖީ ބައިވެރިވުން ފުންކޮށް ވަރުގަދަކުރުން
އަނެއްކޮޅުން ފަރަންސޭސި ރިޔާސީ ގަނޑުވަރު އެލީޒޭ ބުނާގޮތުގައި ރައީސް މެކަރޯން އިމަރާތުގެ ރައީސާ ބައްދަލު ކުރެއްވުމަށް ފަހު ރަސްމީ ފަރިއްކޮޅެއް ބާއްވަވާނެއެވެ. ރޭގަނޑުގެ މި ފަރިއްކޮޅު ބޭއްވޭނީ ފަރްސާއި ބަގީޗާ ގައެވެ. ޔޫރޯ ނިވްޒ ބުނާގޮތުގައި އަމްނާއި ހަކަތަޔާއި ކުރިމަގުގެ ފަންނިއްޔާތާ ބެހޭގޮތުން ބޭއްވޭ ދެ ރައީސުންގެ ވާހަކަދެއްކުންތައް ރަމްޒުވެގެން ދަނީ އެ ދެ ޤައުމުގެ ދެމެދުގައި ޤާއިމުވެފައިވާ އިސްތިރާތީޖީ ބައިވެރިވުމަށެވެ.
ހަކަތަ ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން
އެކުވެރި އަރަބި އިމާރާތުގެ ރައީސް މުޙައްމަދު ބިން ޒާއިދު މި ދިޔަ ބުދަ ދުވަހު ދެއްވި ޚިޠާބުގައި ވިދާޅުވެފައިވާ ގޮތުގައި ހަކަތައިގެ މައިދާނު އިތުބާރު ކުރެވޭފަދަ މަޞްދަރަކަށް އިމާރާތް ވާނެއެވެ.ފްރާންސް ޕްރެސް ބުނާގޮތުގައި ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގު މައްޗަށްދާ ދިޔުމަކީ އިމާރާތް ވެސް އެކަމާމެދު ކަންބޮޑުވާ ކަމެކެވެ. ރައީސް ބިން ޒާއިދުގެ މި ޚިޠާބަކީ އޭނާ ރައީސްކަމަށް އިސްކުރެވުނު ފަހުން ދެއްވި ފުރަތަމަ ޚިޠާބެވެ.
ޝައިޚު ބިން ޒާއިދު ވިދާޅުވިއެވެ. "ހަކަތައިގެ މައިދާނުގައި ދައުލަތުގެ މަޤާމު މަތިވެރިކުރުމަށް އަހުރެމެން މި ދަނީ މަސައްކަތް ކުރަމުންނެވެ. ޢާލަމީ ހަކަތަ ޖާމިނުކޮށްދިނުމަށް އަހުރެމެން މަސައްކަތް ކުރާނަމެވެ. ހަކަތައަކީ ދުނިޔޭގެ އިޤްތިޞާދީ ތަރައްޤީގެ މައިކަށްޓެވެ."
އެހެނަސް އިމާރާތުން ބުނަމުންދާ ގޮތުގައި އެ ޤައުމުގައި އުފައްދާ ތެލުގެ މިންވަރު ވަނީ ފަންގެފިލާގައި ޖެހެން ކައިރިވެފައެވެ. އޯޕެކް ޕްލަސް އިން ނިންމާފައިވާ ނިންމުންތަކަށް އިމާރާތުން އިޙްތިރާމު ކުރާނެ ކަމަށް އަބޫ ޡަބްއި ބުނެއެވެ.



advertisment