Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- އިބިލީހުގެ ނަސޭހަތް

ކުށުގެ އިލްޒާމުތައް އޭނާގެ ބޮލުގައި އެޅިފައިވާ އެ މީހާ، އެނދުމަތީ އޮށޯވެލައިގެން އޮތެވެ. އޭނާގެ ކުށުގެ ހަޔާތުގެ މައްޗަށް ފިކުރުކޮށްލަކޮށްލައެވެ. އެތައްއެތައް އަހަރު ދުވަހުގެ ދިގު ހުކުމެއް އޭނާގެ މައްޗަށް އަތުވެދާނެތީ އެކަމުގެ ފިކުރުގައެވެ. އެކަނި އިނދެ، ކަންކަމާ ފިކުރު ކޮށްލާނޭ ވަގުތު މިރޭ އެބަ އޮތެވެ. އޭނާ ހިތާހިތާ ބުންޏެވެ. އިތުރު ކުށަކަށް އަރައިގަންނަށް މިރޭ ބޭރަށް ދިޔުން ބުއްދިވެރި ނޫންވީމައެވެ.

ކޮންމެ އަކަސް، އޭނާގެ ކުށުގެ މާޒީ އޭނާ ހަނދާންކޮށްލިއެވެ. އޭނާގެ ކުށުގެ ދިގު ސަފުހާތަކުގައި މީހަކު މަރާލިކަމުގެ މައުލޫމާތު އެނގުން އޭނާ ފާހަގަކޮށްލި އެވެ. މިއީ އޭނާގެ ކުށުގެ 'އުސް އައްޔެވެ'. ފަޚުރުވެރިވުން ހައްގު ކަމެކެވެ. މީހުން މެރުމަކީ ނުވަތަ އެކަމުގައި ބައިވެރިވެލެވުމަކީ، އޭނާގެ ނަޒަރުގައި، އާދައިގެ މީހުންނަށް ކުރެވޭނޭ ފަދަ ކަން ކަމެއް ނޫންވީމައެވެ. އެކަން ކުރެވޭނީ 'ގަދަ' މީހުންނަށެވެ. އެފަދަ ކަންކަން ކުރެވޭނީ ސީދާ ބަތަލުންނަށެވެ. ނަމަވެސް، އެވާހަކައިގެ ތަފްސީލަށް އޭނާ ދާކަށް ބޭނުމެއް ނުވެއެވެ. ހިތާހިތާ ވެސް، ހަގީގަތުގައި ކަން ހިނގި ގޮތުގެ ވާހަކަ ދައްކާކަށް، އޭނާ ބޭނުމެއް ނުވެއެވެ. އެކަން ނިމި ހިނގައްޖެއެވެ. އެހެންވެ، ހިތަށް ވެސް އެކަން ސިއްރުކޮށްފައި ބޭއްވުން ބުއްދިވެރިކަމަށް އޭނާ ދުއްޓެވެ.

ދެން މަރާމާރީގެ މައްސަލަތަކެވެ. މީސްމީހުންނަށް ހަމަލާދީ އަނިޔާކުރި މައްސަލަތަކެވެ. ޖިންސީ ގޯނާގެ މައްސަލަތަކެވެ. އަދި، ކުޑަކޮށް، ބުއްދިފިލާ ދިޔަ ވަގުތެއްގައި، ފޮނިކަނޑާލުމުގެ ގޮތުން، ނޭނގި ނަމަވެސް، އެކަމަށް އިއުތިރާފުވެ ޓުވީޓުކުރެވުނު ކަމެވެ. އަދި، އޭގެ ކުރިން ވެސް، މީހާގެ މުހިއްމުކަމާއި ހައިބަތު ދައްކާލުމުގެ ގޮތުން، އެކި ކަހަލަ 'ގަދަ’ކަންތައްތައް- އެއް ބަޔެއް މާނަކުރާ ގޮތުގައި ދަށުދަރަޖައިގެ ބޮޑެތި ޖަރީމާތައް- ކުރިކަމުގެ ވާހަކަތައް، ބޭރުގެ ބައެއް ނޫސްތަކަށް ދީފައި ވެސް ވެއެވެ. އަދުގެ ހަރުދަނާ ޕާޓީގެ ޑިމޮކުރަސީގެ އަދުލު އިންސާފުގެ ނިޒާމުގެ ދަށުން މީ މާ ބޮޑެތި މައްސަލަތަކަކަށް ނުވެއެވެ. މުޖުރިމުންނަށް ހިމާޔަތް ދިނުމަކީ ވެސް، އޭނާ ފަދަ ނަރުގިސީ (ނާސިސިސްޓު) ޝަޚުސިއްޔަތުގެ ވެރިން ކުރާ ކަމެކެވެ. އެއީ އޭނާގެ ނަފްސް އޭނާ އަމިއްލައަށް ސިފަކުރާ ގޮތެއް ނޫނެވެ. އެހެން ބައެއް މީހުން އޭނާ ސިފަކުރާ ގޮތެވެ.

ނަރުގިސީ ޝަޚުސިއްޔަތޭ ހެއްޔެވެ؟ މި މަފްހޫމުގެ މައްޗަށް އޭނާ އަލުން ވިސްނާލާ ހިތްވިއެވެ. އެކަން ސާފުކޮށް ދިނުމުގެ ގޮތުން މީހަކު އޭނާ ގާތު ބުނެފައިވާ ވާހަކަތައް ހަނދާންކޮށްލައިގެންނެވެ. އެންމެ ސާފު ސީދާކޮށް ބުނާ ނަމަ، އެފަދަ ޝަޚްސިއްޔަތެއް ލިބިފައިވުމުގެ މާނައަކީ މަވެތިވުމުގައި- ހުރިހާ އެއްޗެއް މަށަށް މަށަށް އެދުމުގައި- ހައްދު ފަހަނައަޅާ ދިޔުމެވެ. ނަރުގިސީ ޝަޚަސިއްޔަތެއްގެ ވެރި މީހެއްގެ ނަޒަރުގައި މުޅި ދުނިޔެ ދައުރުވަމުންދާނީ އޭނާގެ ވަށައިގެންނެވެ. މުޅި ދުނިޔޭގައިވާ އެންމެ މުހިއްމު މީހަކީ އޭނާއެވެ. އެހެންވެ، ދުނިޔޭގައި ވާ ހުރިހާ އެއްޗަކާއި މަގާމުތަކަކީ ވެސް އޭނާއަށް ހައްގުވެގެންވާ އެއްޗިއްސާއި ކަންކަމެވެ. އެހެންވެ، އަބަދުވެސް، އޭނާ އެދޭ ގޮތެއް ވާންޖެހެއެވެ. ގާނޫނާއި ގަވާއިދު ތަން ނުދިންނަމަވެސް މެއެވެ. ގާނޫނާއި ގަވާއިދު ވެސް އޭނާގެ އަމިއްލަ އެދުންތަކުގެ ކުރިމަތީގައި ޖެހޭނީ ލެނބޭށެވެ!

އަދިވެސް އިތުރަށް އޭނާ ހިތާހިތާ ވާހަކަ ދައްކައި އެ ވާހަކަތަކުގެ ހަނދާން އާކޮށްލިއެވެ. ނަރުގިސީ ޝަޚްސިއްޔަތުގެ ވާހަކައިގެ އަސްލު ގުޅެނީ ޔޫނާނީ ޚުރާފީ ވާހަކައަކާއެވެ. މި ވާހަކައިގެ ބަތަލަކީ ނާސިސެސްއޭ ކިޔުނު ޒުވާން ވަރަށް ވެސް ރީތި ޔޫނާނީ ފިރިހެނެކެވެ. ޔޫނާނީ އުސްތޫރީ ވާހަކަތައް (މިތޯލޮޖީ) ކިޔައިދޭ ގޮތުގައި ޔޫނާނީ ދޭވަތާއަކު ނާސިސެސްއާ ހިތާވިއެވެ. ނަމަވެސް، ނާސިސެސް އެ ދޭވަތާގެ ލޯތްބަށް ފުރަގަސް ދިނެވެ. އެކަމުގެ އަދަބެއްގެ ގޮތުން، ފެންގަނޑަކުން ފެންނަ ނާސިސެސްގެ އަމިއްލަ ސޫރައާ ހިތާވާ ގޮތް މެދުވެރިވިއެވެ. ދެން، ތިމާގެ އަމިއްލަ ނަފްސު ދެކެ އިންތިހާއަށް ލޯބިވެވި، އެހެން ނަމަވެސް، ދޭދޭ ލޯތްބެއް ފަދަ ލޯތްބަކަށް އެ ލޯބި ހަގީގަތަކަށް ހަދާނުލެވުމުން، އޭނާގެ އަމިއްލަ ސޫރައަށް ނާސިސެސްއަށް ބަލަހައްޓައިގެން އިނދެވުން ނޫން ކަމެއް އޭނާއަކަށް ނުކުރެވެއެވެ. އެންމެ ފަހުން، ފެންގަނޑުން ފެންނަން އޮތް އޭނާގެ ސޫރަ ނަރުގިސް މަލަކަށް ފުރޮޅި ބަދަލުވެގެން ދިޔައެވެ.

ތިމާއަކީ ހަމައެކަނި ހުރި މީހާކަމާއި މުޅި ދުނިޔެ އެނބުރެން ޖެހޭނީ ތިމާގެ ވަށައިގެން ކަމާއި، ހުރިހާ ކަމެއް ވެސް ވާން ޖެހޭނީ އަބަދު ތިމާ އެދޭ ގޮތަށް ކަމަށް، މި ނަންގަތް ނަރުގިސީ ޝަޚުސިސްޔަތުގެ ވެރިންނަށް ގަބޫލުކުރެވޭ ކަމުގައި، އަޅުގަނޑުމެންގެ އަދުގެ ވާހަކައިގެ ބަތަލަށް ކިޔައި ދެވިފައި ވެއެވެ. ޔޫނާނީ ނާސިސެސްއަށް އޭނާގެ އަމިއްލަ ސޫރައަށް ބަލައި، އަބަދުމެ އެ ސޫރަ ފެންނަ ފަދައިން، ނަރުގިސީ ޝަޚުސިއްޔަތުގެ މީހުންނަށް އަބަދުވެސް، ބަލާލި ކޮންމެ ދިމާއަކުން ފެންނާނީ އެމީހުންގެ އަމިއްލަ ސޫރައެވެ. އެހެންވެ، ކޮންމެ ކަމަކުން ވެސް، މުޖުރިމުންނާ ބައިވެރިވެ، އެމީހުން ރަނގަޅުކޮށް، އެމީހުންނަށް ހިމާޔަތްދީގެން ވެސް، އަމިއްލަ ނަފްސުގެ ބޮޑުކަމާއި ޝުހުރަތު ދިރުވޭތޯ ނަރުގިސީ ވެރިން މަސައްކަތްކުރެއެވެ.

މި ވާހަކަތަކުގެ މައްޗަށް ނަޒަރު ހިންގާލައި ވިސްނައި ފިކުރުކޮށްލުމަކުން އަޅުގަނޑުމެންގެ އަދުގެ ވާހަކައިގެ ބަތަލުގެ ހިތަކަށް ގަރާރުކަމެއް، ކުޑަވެސް ހަމަޖެހުމެއް ނުލިބުނެވެ. ސަބަބަކީ، އެންމެ ފަހުން ކުރެވި، އާންމުވި ޖިންސީ ކަންތައްގަނޑުގެ މައްސަލައިގެ ސަބަބުން، އެކަމުން ރެކި ނުގަނެވިދާނެތީ އެކަމާ ފިކުރު ކުރެވެނީއެވެ. އެއީ އެކަން ގޯސްކަމަކަށްވާތީ އެއް ނޫނެވެ. އެބާވަތުގެ މާ ގިނަ މައްސަލަތައް އެއްފަހަރާ ފެންމަތިވެގެން އުޅޭ ދުވަސްވަރަކަށްވާތީއެވެ. އެހެންވެ، އެކަން އޮއްބާލަން ތަންކޮޅެއް އުނދަގޫވެދާނެތީއެވެ. ކޮންމެ އަކަސް މިފިކުރެއްގައި އޮއްވައި ލޯ މެރި، އޭނާއަށް ނިދުނެވެ.

ނިދީގައި އޭނައަށް ވަރަށް އާދަޔާ ޚިލާފު ހުވަފެނެއް ފެނުނެވެ. ހުވަފެނުން އޭނައަށް ފެންނަނީ އިބިލީހެވެ. އެއީ އިބިލީސްކަން އޭނާއަށް ޔަގީންވިއެވެ. ކުލައާއި ލޮލާއި ބޮލުގައި އިން ދެ ދަޅަށް ބަލައިލުމުންނެވެ. އެހެންނޫނަސް އިބިލީހުގެ އަމަލުކުރާ އިބިލީހުގެ އައުވާނުންނަށް އިބިލީސް ހުވަފެނުން ފެނުން އެއީ ދުރުކަމަކަށްވާކަށް ނުޖެހޭ ނޫން ހެއްޔެވެ؟

ކޮންމެއަކަސް، އިބިލީސް އޭނާ ގާތު ބުންޏެވެ. މިއަދު މާ ކަންބޮޑުވެފައި ތި އޮންނަނީ ކީއްވެ ހެއްޔެވެ؟ ދެން، އޭނާގެ ހިތުގެ އުދާސްތަކުގެ ވާހަކަތައް އިބިލީހަށް ކިޔައިދިނެވެ. އިބިލީހުގެ ގާތު އޭނާގެ ކަންބޮޑުވުންތައް ސާފުކޮށް ބަޔާންކޮށްދިނެވެ. ބޮޑެތި ޖަރީމާތަކުގެ ތުހުމަތު އޭނާގެ ބޮލުގައި އެޅި، އޭނާ ކުށްވެރިވެދާނެ ކަމުގެ ބީރު ހީވާކަމުގެ ވާހަކަ، ވަރަށް ކަންބޮޑުވެ ހުރެ، އިބިލީސް ގާތު އޭނާ ބުންޏެވެ.

އިބިލީސް އެއްޗެއް ނުބުނެ، އިރުކޮޅަކު މަޑުން އިނދެފައި ބުންޏެވެ. ތީ އެއްވެސް ކަމެއް ނޫނެވެ. ކުށްވެރިވެ، ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ކަލެއަކަށް އަދި ނުކުރެވެއެވެ. ތިކަމުގެ ހައްލު އަހަރެން ބުނެދީފާނަމެވެ. ކަލޭގެ ފުރާނައާއި ހަށިގަނޑު އަހަރެންގެ ޕާޓީއާ ހަވާލުކުރާށެވެ. އެއަށްފަހު، ކަލޭ އެއްވެސް ކަމަކާ އަމިއްލަ ވިސްނުން ބޭނުންކޮށްގެން ނުވާނެއެވެ. ކަލޭ ކުރަން ޖެހޭނެހާ ވެސް ކަމަކީ އަހަރެން ކިޔާހާ އެއްޗަކާ އެއްބަސްވެފައި، އަތްޖެހުމެވެ. އަދި، އިތުރު ދިހަ މީހުންގެ ފުރާނައާއި ހަށިގަނޑު ވެސް އަހަރެންގެ ޕާޓީއަށް ގެނައުމެވެ. އޭރުން، ކަލޭގެ އިސްވެ ދިޔަ ޖަރީމާތަކާއި އަދި ކުރަން ހުރި ޖަރީމާތަކުގެ ކަންތައް ވެސް ފޮހެވި، އެކަމުގެ ކުށުން ބަރީއަވީއެވެ. އަދި ކަލެއަށާއި ކަލޭ ގެންނަ މީހުންނަށް ބޮޑެތި ބޮޑެތި ވަޒީފާތައް ދޭނަމެވެ. ކަލޭ ވިސްނާލުން މުހިއްމީ މިއީ ގިނަ ޕާޓީތަކުގެ ސިޔާސީ ނިޒާމު ގެނެސްދޭ ފައިދާތަކުގެ ތެރެއިން ބޮޑުވެގެންވާ ފައިދާއެކެވެ. އެ ފައިދާގެ ބޭނުން ރަނގަޅު ގޮތުގައި ހިފަން ދަސްކުރަންވާނެއެވެ.

މިވާހަކަތައް އަޑު އަހާފައި މުޖުރިމު ކަލޭގެއަށް، މިވާހަކަތައް ގަބޫލުކުރަން ދަތިވެގެން އިބިލީސް ގާތު ބުންޏެވެ. އެއީ ކިހިނެއް ވާނޭ ކަމެއް ހެއްޔެވެ؟ ޕާޓީއާ ގުޅުމުން، އަހަރެންގެ ހުރިހާ ކުށެއް ފޮހެވި، އަހަރެން ސާފު ހުދު ކަފަކޮޅަކަށް ހަމަ ވެދާނެ ހެއްޔެވެ؟ ދެން އިބިލީސް ޖަވާބުގައި ބުންޏެވެ. އެއީ ދެންމެ މި ބުނިހެން، ގިނަ ޕާޓީ ނިޒާމުގައި ކަންތައް އޮންނަ ގޮތެވެ. މިސާލަކަށް، އަހަރެންގެ ޕާޓީގެ މީހަކު، މި ބުނީ، އިބިލީހުގެ ޕާޓީގެ މީހަކު، ކުށެއް ކޮށްފި ނަމަ، ޕާޓީގެ ކުލަ ޖައްސާލުމުން، ކުށުގެ ކަޅުކުލަ ފޮރުވާލެވޭނެއެވެ. ދާދި ފަހުން ވެސް، އެ ގޮތަށް ކުލަ ޖައްސައިގެން، ޖިންސީ ހަރަކާތް ގަނޑެއްގެ މައްސަލަ އޮއްބާލައި، އެކަމުގައި ޝާމިލުވާ އިއްޒަތްތެރިން ސަލާމަތްކޮށްދިނީމު ނޫން ހެއްޔެވެ؟ ދެން، މާ ވާހަކަ ދިގުކުރަން ނުހަދާ މަ މިބުނާ ގޮތަށް ކަންތައްކުރާށެވެ. ކަލެއާ އަދި އިތުރު ދިހަ މީހުން އިބިލީހުގެ ޕާޓީ އާ ގުޅުވައިދޭށެވެ. އޭރުން އަހަރެން، އިބިލީސް، ކަލޭގެ މައްސަލަ ހައްލުކޮށްދޭނަމެވެ.

އިބިލީސް ގާތު، ދެން، އޭނާ ބުންޏެވެ. އެންމެ ރަނގަޅެވެ. ކަލޭގެ ޕާޓީއާ އަހަރެން ގުޅިފާނަމެވެ. ނަމަވެސް، އަދި އެއް ސުއާލު އެބަ އޮތެވެ. މިހެން ކަންތައް ކުރުމުން މީހުން ބުނާނީ ކީކޭ ހެއްޔެވެ؟

ޖަވާބުގައި އިބިލީސް ބުންޏެވެ. ގިނަ މީހުން އަޅައެއް ނުލާނެއެވެ. މަދު ބަޔަކު ދެ ދުވަހަކު އެ ވާހަކަދައްކާލައިފައި ހުއްޓާލަފާނެއެވެ. އެ ވާހަކަ ދައްކާ މީހުން އެ ވާހަކަ ދައްކާނީ އެކަން ގޯސްވެގެންނެއް ނޫނެވެ. އެއީ އެ މީހުން ނުރުހޭ މީހުންގެ ގައިގައި ތަޅަން ގެންގުޅޭ ލަޓިބުރިއެކެވެ. ނޫނީ އެމީހުންނަށް އެކަން އެގޮތަށް ކޮށް، އެމީހުންނަށް ފައިދާ ނެގުމުގެ ފުރުސަތު، މިވަގުތު، އެމީހުންނަށް ލިބިފައި ނެތީމައެވެ. އެ ފުރުސަތު އެމީހުންނަށް ލިބިއްޖެ ނަމަ، އެމީހުން ވެސް ކަންތައް ކުރާނީ ހަމަ މިހެންނެވެ. އެފަދަ އަމަލުތައް ހިންގާލާ އެމީހުންގެ މީހުން ވެސް ކުށެއް ނެތް ބަރީއަ މީހުންނަށް ހަދާލާނެއެވެ.

ދެން، އެފަދަ ކަންކަމާ ދެކޮޅު ހަދާފާނޭ މަދު ބަޔަކުގެ އަނގަ ބަންދުކޮށްލުމުގެ ގޮތުން، ކަމެއް ކުރާކަން ދައްކާލައި އާންމުންގެ ލޮލުގައި އަނދުނެއް އަޅުވާލާފައެވެ. އެކަން ތަހުގީގު ކުރާ ވާހަކަ ބުނެލާނީއެވެ. އިޒުރޭލުގައި ފަލަސްތީނު މީހުން މަރާފައިވެސް އެކަހަލަ އިއުލާނު ކުރޭނޫން ހެއްޔެވެ؟ ދެން މާ ބޮޑުވަރު ވެއްޖިއްޔާ ކޮމިޝަނެއް އެކުލަވާލެވިދާނެއެވެ. އޭރުން ހުރިހާ ކަމެއް ނިމޭނެއެވެ. ދުވަސްކޮޅެއް ކޮށްލާފައި، ކޮމިޓީތައް ހިންގަން މާ ބޮޑެތި ޚަރަދު ހިނގަނީއޭ ކިޔާފައި ކޮމީޓީތައް އުވާލީމާ ނިމުނީއެވެ. އެވަރުން ނުފުދިއްޖެއްޔާ އަހަރެން، އިބިލީހަކީ ވެސް އާލަމްތަކަށް ފޮނުއްވި ރަހުމަތެއް ކަމުގައި ބުނުމުން ހުރިހާ ކަމެއް ވެސް ނިމޭނެއެވެ. މިއީ ހަމަ ކުރިން ވެސް ހިނގާ ކަންކަމޭ ބުނެ، އެންމެން އެކަން ބަލައިގަނެ، އެންމެން ވެސް ބާރަށް އަތްޖަހަން ފަށާނެއެވެ!

ދެން، ކުށްވެރި މުޖުރިމު، އިބިލީހާ އެއްބަސްވެ، އިބިލީހުގެ ބަސް ގަބޫލުކުރިއެވެ. އަދި އިބިލީހުގެ ޕާޓީއާ ގުޅުނެވެ. އަދި، އޭނާގެ ކުށުގެ ބައިވެރިން ކަމުގައިވި ގާތް ބައެއް ރައްޓެހިން ވެސް ޕާޓީއަށް ގެންނަން ނިންމިއެވެ. އޭރުން، އޮފީސްތަކުގެ ބޮޑެތި ވަޒީފާތައް އެމީހުންނަށް ލިބޭނެތީއެވެ. އަދި، އެމީހުންގެ އިޖުރާމީ ސިކުނޑީގެ ވިސްނުން ބޭނުންކޮށްގެން، އެތައް ފައިދާތަކެއް ނެގޭ ގޮތްވާނެތީ ވެސް މެއެވެ.

ދެން، ކުށުގެ ތުހުމަތުގެ އެންމެ ވަރުގަދަ ގާނޫނީ ދިފާއީ ހެއްކަކަށް ޕާޓީގެ ކުލަ ފުދޭނޭކަން އޭނާއަށް ހިތުގެ އަޑިން ތެދުކޮށް، އެއްވެސް ޝައްކަކާނުލައި، އެކަމަށް އީމާންވިއެވެ. އަދި، އިބިލީހުގެ ޕާޓީގެ ކުލައިން އޭނާގެ ގައިގައި ކުލަލައި، އޭނާގެ ކުށުގެ ކަޅުކުލަ ފޮރުވާލިއެވެ.

އެހިސާބުން ކުއްލިއަކަށް، ސިއްސައިގެން ގޮސް އޭނާއަށް ހޭލެވުނެވެ. އަދި، އޭނާގެ ހުވަފެނަކީ ހަގީގަތަކަށްވާން ކިތައްމެ ވަރަކަށް އެދެވުނު ކަމުގައި ވިޔަސް، އިބިލީސް ދެއްކި އެއްވެސް ވާހަކައަކީ ހަގީގަތެއް ނޫންކަމާއި، ހަމައެކަނި ބިލާހީ ހުވަފެނެއްކަން އެނގުމުން، އޭނާ އިންތިހާއަށް އުފާކޮށް ހަމްދުލިއްލާހި ޝުކުރޭ ބުނެވުނެވެ.

 

(ނޯޓު: މިއީ ޚިޔާލީ ވާހަކައެކެވެ. އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާވެފައިވާ، ނޫނީ އެއްވެސް ހަގީގީ ހާދިސާއަކާ ގުޅުން ހުރި ވާހަކައެއް ނޫނެވެ.)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
3

One Response

  1. ނޫން ޑޮކްޓަރ! ތިޔައީ ހަމަ ވަރަށް ތެދު ހަގީގި ވާހަކައެއް. މި ރާއްޖޭގައި ކަން ހި ގާ ގޮތުގެ ބަރާބަރު ތަސްވީރެއް. ބަޔަކަށް އެއްޗެއް ވިސްނޭނެ ނަމަ ކޮން ފަދަތޯއެވެ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *