...

Support Us

އެބައިމީހުންގެ ދޫތަކުގައި ތިބާއަކަށް ނުހިފެއްޓޭނެއެވެ. ނަމަވެސް…

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ.

ދުނިޔެއަކީ ވަޤުތީ މަންޒިލެއް ކަމުގައި މެނުވީ ނުވެއެވެ. އަދި އަހަރެމެން އިންސީންނާއި ޖިންނީން ހަލްޤު ކުރައްވާފައިވަނީ ﷲ އަށް އަޅުކަން ކުރުމަށް މެނުވީ ނުވެއެވެ. އަހަރެމެން އިންސީން މިދުނިޔެ އަށް ފޮނުއްވީ އެކަނިމާއެކަންޏެވެ. އަދި އެކަލާނގެ ހަލުރަތަށް އަނބުރާ ގެންދަވާހުށީވެސް އެކަނިމާ އެކަންޏެވެ.

ދަންނާށެވެ. ކޮންމެ ނަފުސަކާވެސް އެނަފުސެއް ކުޅަ އަމަލުތަކާ ގުޅޭގޮތުން އެނަފުސަކާ ސުވާލު ވެވޭނެވެ. އޭނާގެ އަމަލުތަކާ ގުޅޭ ގޮތުން އެވެނި މީހަކު ނުވަތަ މިވެނި މީހަކު ދުށީ ކިހިނެއްތޯ ނުވަތަ އެވެނި މިވެނި މީހަކުގެ އަމަލުތަކާ ގުޅޭގޮތުން ތިބާ ދުށީ ކިހިނެއްތޯ ތިބާއާ ސުވާލު ނުވެވޭ ހުއްޓެވެ.

ވީއިރު ދުނިޔޭގައި ހެޔޮ އަމަލުކޮއް އުޚުރަވީ ހަޔާތް ބާއްޖަވެރިކުރުމަށް ލިބިފައިވާ މި ކުޑަކުޑަ ވަޤުތުކޮޅުތެރޭ ތިބާއާ ދޭތެރޭ އަނެކުން ފަތުރާ ހަޤީޤަތާ ހިލާފު އެބައި މީހުންގެ ކުށްހީތަކަށް ރައްދު ދިނުމަށް ތިބާގެ އަގުހުރި ވަޤުތުކޮޅު ބޭކާރު ނުކުރާށެވެ. އެހެނީ ހުރިހާ އެންމެން ރުހޭ ގޮތަށް ތިބާ އަކަށް ނުއުޅެވޭނެއެވެ. އަދި ތިބާއާ ދޭތެރޭ ހުރިހާ އެންމެން ދެކޭގޮތް ތިބާ އަށް ބަދަލެއްވެސް ނުކުރެވޭނެއެވެ.

ވިސްނާ ފިކުރު ކޮށްލާށެވެ. މި އުޑުދަށަށް ފޮނުއްވި އެންމެ މާތް އިންސާނަކީ އާލަމް ތަކަށް ރަހުމަތެއް ކަމުގައި ފޮނުއްވި ކައުއިތުރު مُحَمَّد رَسُولُ الله‎ ﷺ އެވެ. އެކަލޭގެފާނުންގެ އަދާވަތްތެރިން އެ މާތް ސާހިބާއާ ގުޅޭގޮތުން އެތައްއެތައް ހަޤީޤަތާ ހިލާފު ވާހަކަތައް ފެތުރިއެވެ. އެނގި ތިބެ އާއި އެެއުރެންގެ ކުށްހީތަކުގެ މައްޗަށް ބިނާކޮށެވެ. ވީއިރު އަހަރެމެން ކަހަލަ އާދައިގެ އިންސާނުންގެ ހާލަތަކީ ކޮބައިހެއްޔެވެ؟

ވިސްނާ ފިކުރު ކޮށްލާށެވެ. ތިބާ ޤަވާއިދުން ފަސް ވަޤުތު މިސްކިތަށް އަރާ ނަމާދުކޮށް ފާޅުގައި މީސްތަކުންނަށް އެހީވެ ސޮދަގާތްކޮށް ހަދާނަމަ ތިބާގެ ބޮލުގައި ދީނީ ތާކިހާ އަޅައިގެން ކަންދެއްކުމަށް އުޅޭކަމުގެ ތުހުމަތު އަޅުވާ އެކަމާ އުނދަގޫވެ ތިބާގެ ބޮލުގައި ދޮގު ތުހުމަތުތައް އަޅުވާ ފާޅުގައި ތިބާއާ ޖަދަލުކުރުމަށް ނިކުންނަ ބަޔަކު އުޅޭނެއެވެ. އަދި ތިބާއީ ފަސް ވަގުތު ނަމާދުކޮށް މީސްތަކުންނަށް އެހީތެރިވެ ސޮދަގާތް ކޮށްއުޅޭ މީހަކު ކަމުގައި ވީ ނަމަވެސް އެބައިމީހުނަށް ތިބާގެ އަމަލުތައް ނުފެންނަ ކަމުގައި ވަނީނަމަ ތިބާގެ ބޮލުގައި ދީނީ ކަންތައްތަކަށް ފަރުވާކުޑަ އަދި ދަހި މީހެއްގެ ތާކިހާ އަޅުވައި ފާޅުގައި ތިބާއާ ޖަދަލުކުރުމަށް ނުކުންނާނެއެވެ.

އެމީހުންގެ ނަޒަރުގައި އެއީ އެމީހުންނަށް ކެރޭކަމެވެ. ޖެހިލުން ކުޑަކަމެވެ. ހިތްވަރުގަދަކަމެވެ.

އޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ދެބައޮޑުވުމާއި ތިބާގެ ހީތަކުގެ މައްޗަށް ބިނާކޮށް ތިބާގެ ދުލުން ތިބާގެ އަޚުންނާއި އުޚުތުންގެ މަސް ނުކާށެވެ. ތިބާގެ އެ އަމަލަކީ ތިބާގެ ކެރުންތެރިކަމާއި ޖެހިލުން ކުޑަކަމުގެ މޮޅު އަމަލެއްގެ ގޮތުގައި ޒީނަތްތެރިކޮށް شَيْطٰانއާ ތިބާއަށް މިއަދު ދައްކާނެއެވެ.

ނަމަވެސް ތިބާގެ އެ އަމަލުގެ ސަބަބުން ޤިޔާމަތް ދުވަހުން ހިތާމަކޮއް ތިބާގެ އެއަމަލާ ގުޅިގެން ތިބާގެ ދުލުން އެއްވެސް ހައްގަކާ ނުލާ ޒަހަމްކުރި އަޚާއަށް ތިބާގެ ހެޔޮ އަމަލުން ބަދަލު ދޭންޖެހިދާނެއެވެ. އަދި ތިބާގެ ހެޔޮ އަމަލުން ބަދަލުދީ ނުފުދިއްޖެނަމަ އަނިޔާ ލިބުނު މީހާގެ ނުބައި އަމަލުތައް ތިބާ އުފުލަންޖެހި އެއީ ތިބާ ޖަހަންނަމައަށް ވަންނަން މެދުވެރިވާ ސަބަބުކަމުގައި ވެދާނެއެވެ. ވީމާ ތިބާއާ ގުޅޭގޮތުން އަނެކުން ފަތުރާ ހަޤީޤަތާ ހިލާފު ވާހަކަތަކަށް ރައްދު ދިނުމުގައި ތިބާގެ ވަޤުތު ބޭކާރުކުރުމުގެ ބަދަލުގައި އެބައިމީހުންނަށް ހެތޮވިސްނުން ދެއްވާ ފާފަ ފުއްސަވާތޯ ދުޢާކުރާށެވެ. އަދި ތިބާގެ ދުލުގެ ޝިކާރައަކަށް ތިބާގެ އަޚާ ނުވަތަ އުޚުތާ ނުހަދާށެވެ. އެހެނީ އެބައިމީހުންގެ ދޫތަކުގައި ތިބާއަކަށް ނުހިފެއްޓޭނެއެވެ. ނަމަވެސް ތިބާގެ ދޫ ރައްކައުތެރިކުރުމަކީ ތިބާގެ އަތްމަތީގައި އޮތްކަމެކެވެ. އަދި އެގޮތް ތިބާއަށް ހެޔޮކަންބޮޑެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.