Support Us

ކޮލަމް ކޯދު: ސޫފިޔާނާ ޚިޔާލެއް

އުފަލުގެ ވަގުތުތަކުގައި، އިންސާނުންނާ މުޚާތަބުކުރައްވައި އެކަލާނގެ ބަސްފުޅު ސިއްރު ސިއްރުން، އިއްވައެވެ. އެބަސްފުޅު އަޑުއަހައި އިންސާނާ ޝުކުރުކުރޭތޯއެވެ. އަދި، ޝުކުރުކުރާ ނަމަ، އިތުރު ނިއުމަތްތައް ދެއްވުމުގެ ބިޝާރަތު، އުފާވެރި ޚަބަރު، ވެސް ދެއްވައެވެ.

ކުށްކުރަން އުޅޭ ވަގުތު، އިންސާނުންގެ ޒަމީރު މެދުވެރިކޮށް، އިންސާނުންނަށް އަޑުއިވޭ ވަރަށް، އެކަލާނގެ ބަސްފުޅު އިއްވައެވެ. ކުށަށް އަރައިނުގަނެ، ސަލާމްލެއްވި ޔޫސުފުގެފާނު ފަދައިން، އިންސާނާ ކުށާ ފެއަށް ދިޔުމުގެ މަގުފަހިކޮށްދެއްވުމުގެ ގޮތުންނެވެ. ޔޫސުފު ސޫރަތް ކިޔާލުމުން މިކަން ފާހަގަވާނެއެވެ. 'އެކަން ކުރުމުގެ އެދުން ހިތަށް ވެރިވި ކަމުގައި ވިޔަސް’، ހިތުގެ އެދުމަށް ތަބާވެވަޑައިނުގެން، އެކަލޭގެފާނުގެ ޒަމީރުގެ ހަނދާންކޮށްދިނުމާ އެއްގޮތަށް ކަންތައް ކުރައްވައި، ދުވެވަޑައިގެން، އެކަމުން ދުރަށް ވަޑައިގެންނެވިއެވެ.

އިންސާނުން، ޖަމާއީ ސިފައެއްގައި، ކުށްތަކުގެ ތެރެއަށް ގެނބިގެންދާ ވަގުތު، ބަލިމަޑުކަމާއި އަދިވެސް މިނޫން ދަތިތަކުގެ ވޭން މެދުވެރިކުރައްވައި، ވަރަށް ބާރަށް ހަރުއަޑުފުޅުން، އިންސާނުންނާ މުޚާތަބުކުރައްވައި އެކަލާނގެ، ބަސްފުޅު އިއްވަވައެވެ. އިލާހީ އެބަސްފުޅު އަހައި، އެކަލާނގެ މަގަށް އިންސާނުން ރުޖޫއަވޭތޯއެވެ.

އާދެ، ހުރިހާ ހާލަތެއްގައި ވެސް، މާތްކަލާނގެ އިންސާނުންނާ މުޚާތަބުކޮށް އެކަލާނގެ ބަސްފުޅު އިއްވަވައެވެ. އިލާހީ އެ ބަސްފުޅު އަހަން ޝައުގުވެރި ވެވޭނަމަ، އެބަސްފުޅުގެ އަޑުއިވޭނެއެވެ. އަދި، އިލާހީ އެ ބަސްފުޅުގެ އަޑުއަހައި، އެކަލާނގެ ހަޒުރަތަށް ރުޖޫއަވުމަށް އަވަސްވެވޭނެ ނަމައެވެ. ބައެއް ހަދީސްތަކުގެ މާނައިގައިވާ ގޮތުން، މާތްކަލާނގެ ރުހިވޮޑިގެންވާ އެންމެ ހެޔޮ ސޯލިހު އަޅުންގެ ތެރޭގައި ކުށް ފާފަތަކަށް އިއުތިރާފުވެ، ތައުބާވެ، އެކަލާނގެ މަގަށް ރުޖޫއަވާ އަޅުތަކުން ހިމެނެއެވެ. "كُلُّ بَني آدَمَ خَطَّاءٌ، وَخَيرُ الخَطَّائِينَ التَّوَّابُونَ"