Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: ޢީދު ޗުއްޓީގައި ތިން މާހަނދު

އަހަރުގެ އެންމެ ފުރިހަމަ ތިން މާހަނދު މި ޖުލައި މަހުގެ 12، 13 އަދި 14 މި ތިން ދުވަހުގެ ރޭ ދިވެހިރާއްޖޭގެ ހުރިހައި ރަށަކަށް ވެސް ވަރަށް ރީތިކޮށް ފެންނާނެއެވެ. ބޮޑު ޢީދު ޗުއްޓީ ދުވަސްވަރާ ދިމާވި މި ޤުދްތަރީ ރިވެތި މަންޒަރާއި ހަނދުވަރުގެ ހިތްފަހިކަން، ދިވެހި ފަތުރުވެރީންނަށް ޙިއްޞާކުރާން ލިބޭކަމީ ކޮވިޑުގެ ވަބާގައި ބަންދުވެގެން ތިބުމަށްފަހު ވީއްލުމުން ގިނަ ބަޔަކު ރާއްޖޭގެ ކަންކޮޅުތަކުގައި ޢީދުގެ އުފާ ފާޅުކުރާއިރު ރޭގަނޑުގެ ވަގުތު ތަކުގެ ޙަރަކާތްތަކަށް ލިބޭ އިތުރު ޤުދްރަތީ ހަދިޔާއެކެވެ.

ޢާންމު ފުލްމޫނުގެ ރޭރޭގެ ހަނދުވަރަށް ވުރެ، މި ޖުލައި މަހުގެ ފުލްމޫންގެ ރޭތަކުގައި ދޭ ހަނދުވަރުގެ އަލިގަދަކަން %30 އިތުރުވާނެއެވެ.

ޖުލައި 13 ވަނަ ދުވަހުގެރޭ މާލޭގަޑިން 23:36 ގައި ދަނަ ރާހީގެ މުލަ ނަކަތުގެ 3 ދަރަޖަ 59 ދަގީގާ ހަނދު އަރައި ހަމަވާ ވަގުތު ދުނިޔެއާ 357،000 ކިލޯމީޓަރު ކައިރީގައި ހަނދު ހުންނާނެތީ އާއި، އަދި އެއީ، އެރޭ މާލެއަށް ހަނދު މެދަށް އައުމުގެ ކުޑަކުޑަ ވަގުތުކޮޅެއްގެ ކުރީގެ ވަގުތުކޮޅަކަށް ވުމުން، މި ފުރިހަމަ މާހަނދު މުޅި ރާއްޖެއަށް ވެސް އެންމެ ފުރިހަމައަށް ފެންނާނެއެވެ.

މި ދުވަސްވަރަކީ ރާއްޖެ ދެކޭ އެންމެ ގަދަ ވިއްސާރަ މޫސުން ކަމުގައިވާ ޖުންޖުލާ ވިއްސާރައިގެ ތެރެއިން އެންމެ ގަދަ އެއް ނަކަތް ކަމުގައިވާ ފުނޯސް ނަކަތް ބަލިވެ ފުސްނަކަތުގެ ބަނޑަށް ދަމާލާފައި "ދަހަނގު" ވެފައި އޮންނަ ދުވަސްވަރަށް ވުމުން، މި އަހަރުގެ އެންމެ ފުރިހަމަ، މާހަނދުގެ ސިލްސިލާގައި ހިމެނޭ ތިން މާހަނދު ވެސް، މުޅި ރާއްޖެއަށް އެންމެ ފުރިހަމައަށް ފެންނާނެއެވެ.

ޖުލައި 13 ވަނަ ދުވަހު މާލެއަށް ހަނދު އުދަވާނީ ޢަޤްރަބުއީރާނުގެ ދެވަނަ ދަރަޖަވީ ދިމާއިންނެވެ. އެއީ، އެޒިމުތު 117 ދަރަޖަވީ ދިމާއެވެ. އާދައިގެ ބަހުރުވައިން ނަމަ އެއީ، މާލޭގެ އިރުދެކުނުގެ މިޞްރާބެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21

One Response

  1. މިލިއުމަށް ނަޒަރު ހިންގާލާއިރު ކޮންމެވެސް ވަރަކަށް އެސްޓްރޮނޮމީގެ އަސަރު ހުއްޓަސް އެސްޓްރޮލޮޖީގެ އަސަރުވެސް ވަރަށް ބޮޑަށް ފާހަގަ ކުރެވޭ ވާހަކަ ދަންނަވަން
    މާލެއަށް ހަނދު މެދަށް އައުމުގެ ކުޑަކުޑަ ވަގުތުކޮޅެއްގެ ކުރި ކަމަށް 23:36 ވާގޮތެއް ހަމަ ކުޑަކޮށްވެސް ނޭގުނު
    އެހެނީ އޭރު ގެ ހަނދުގެ ޑިކްލަނޭޝަނަކީ ގާތްގަޑަކަށް 26 ދަރަޖަ ދެކުނުގައި ހުރި ހަނދެއް މާލެއަށް ހަނދު މެދުވާނެ އެއްވެސް ގޮތެއް ނޯންނާނެތީވެ ފަހަރުގައި އެބޭފުޅާގެ ހިތްޕުޅުގައި އޮތީ ހަނދު ކޮންމެވެސް ތަނަކަށް މެރީޑިއަން ވާވާހަކަ ކަމަށް ވާނަމަ އެސްޓްރޮނޮމިކަލް ޓާރމިއޮލޮޖީ ތައް ދަސް ކުރައްވައިގެން ބޭނުން ކުރައްވާނަމަ މިކަހަލަ އޮޅުންތަކެއް ނާރާނެ
    އަގުރަބު އީރާނު ދެވަނަ ދަރަޖަ ނުވަތަ ތިން ވަނަ ދަރަޖަ ނުވަތަ އެއްވަނަ ދަރަޖަ އަކީ ނިޔަމި ކަމުގައި އެއްވެސް ބަޔަކު ބޭނުން ކުރާ އުޞޫލެއް އޮންނަ ކަމެއް ނިޔެމިކަމުގެ އެއްވެސް ފޮތަކުން ފެންނާކަށް ނުހުރޭ އެސްޓްރޮނޮމީ އަށް ތަންކޮޅެއް ބީރައްޓެހި ކަން އިގެނީ އަޒިމަތެއް ދެއްވިއިރު 117 ދަރަޖަ އަކީ ކޮންޕާސް އިން ވައްތަރެއްގެ މިސްރާބެއްކަން ވެސް ވަކިވާން ނެތުން އަދި އެސްޓްރޮނޮމީ އާއި އެސްޓްރޮލޮޖީ އަކީ އެކައްޗެއްގެ ގޮތުގައި ލިއުމުން ފެންނާން ހުރި ހުރުމަކީ މިކަން ކަން ނޭގޭބަޔަކަށް ވަރަށް ބޮޑެތި އޮޅުން އަރާ އެގަހު ކެއޮލެއް މިގަހު ކެއޮލެއް ވަކިކުރާންނޭގި ބަޔަކު މަގުފުރެދިގެން ދިއުމުގެ ފުރުޞަތު އޮތަތީވެ މިފަދަ ލިއުން ތަކުން މުޖްތަމަޢަށް ކުރާނެ ފާއިދާއަށް ވުރެ ކުރާނެ ގެއްލުން މާބޮޑުވާނެތީވެ މިކަން ކިއުންތެރީންގެ ސަމާލު ކަމަށް ގެނައިން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *