Support Us

ކޮލަމް: އަލި

ޢީދު ތަހާނީގެ ތަފާތު ފަރުމާތަކެއް، އާދަޔާ ޚިލާފު ފަންނުވެރިއެއްގެ ފަރާތުން

ޢީދު ތަހާނީގެ ވަރަށް ގިނަ ޝުޢޫރުތައް އަޅުގަނޑަށް ލިބުނެވެ. ތަފާތު ފަރުމާތަކުގެ ކާޑުތައް ވެސް ލިބުނެވެ. އެހެނަސް، މިއީ ހިތަށް އުފާވެރިކަން ލިބުނު ކާޑުތަކެކެވެ. މިއީ ބޭފުޅެއްގެ އަތްޕުޅުން އުފައްދަވައިފައިވާ ކާޑުތަކެކެވެ. އޭނާގެ ކުރެހުންތަކެވެ. އޭނާގެ ފަރުމާތަކެވެ.

އެއީ ބ. ކުޑަރިކިލަށް އުފަން އިބްރާހިމް ފުޅު އަބޫބަކުރެވެ. އިބްރާހިމްފުޅަކީ ވަރަށް އާދަޔާ ޚިލާފު ފަންނުވެރިއެކެވެ. ދިވެހި ފަންނުތަކުން ގެއްލެމުން ވަޅުޖެހެމުން ދާ އެތައް ފަންނަކަށް އަރައިހުންނެވި އިބްރާހިމްފުޅަކީ މި ވަގުތު ދިވެހި ފަރުމާތަކާއި އޭގެ ކުލަތަކަށް ފޭލިވިޔުއްވަން ދެނެވަޑައިގަންނަވާ ހަމަ އެކަނި ބޭފުޅަކަށް ހުންނެވި ބޭފުޅާއޭ ވެސް ދަންނަވާ ހިތްވެއެވެ. އަތްޕުޅުން ބޮޑުއަކުރު އެކި ފަރުމާތަކަށް ލިޔުއްވައެވެ. ޚަބަރު ލިބިފައިވާ ގޮތުގައި ކީރިތި ޤުރުއާން އޭނާގެ އަތްޕުޅުގެ ބޮޑު އަކުރުން ލިޔުއްވަމުން އެބަ ގެންދަވައެވެ. މިހާރު ވަރަށް ބޮޑުބައި ނިންމަވައިފި ކަމަށް ވެސް މަޢުލޫމާތު ލިބުނެވެ.

އިބްރާހިމް ފުޅު އަތްޕުޅުގެ ބޮޑު އަކުރުން ލިޔުއްވަމުން ގެންދަވާ ކީރިތި ޤުރުއާން

ކުޑަރިކިލުގައި ހުންނަ އޭނާގެ ދާރުލްއާސާރަށް އަޅުގަނޑު ޒިޔާރަތްކުރީމެވެ. އެއީ މުއްސަނދި ތަރިކަތަކުގެ ޚަޒާނާއެކޭ ދަންނަވާ ހިތްވެއެވެ. ދިވެހިރާއްޖޭގެ ގައުމީ ދާރުލްއާސާރުގައި ނެތް ކިތައްމެ އެއްޗެއް އެ ތާނގައި އެބަ ހުއްޓެވެ.

އިބްރާހިމްފުޅަކީ ހާދަހާ ތަފާތު ބޭފުޅެކޭ ހިތަށް އަރާ ވަރުން ހަމަ މިހެން ލިޔެލާ ހިތްވީއެވެ. އޭނާގެ އިޚްލާޞްތެރި ފަންނުވެރި މަސައްކަތްތަކަކީ ލޮލާއި ހިތަށް ފިނިކަން ލިބޭ މަސައްކަތްތަކެކެވެ. މި ކާޑުތަކުން ވެސް އެ ކަން އިހުސާސްކުރެވުނު ލެއް ބޮޑުކަމުން ހަމަ އެއްޗެއް ދަންނަވައިލެވުނީއެވެ. މި ހެން މި ދެންނެވީ ވެސް، އޭނާއަކީ ތާރީފަކަށް އަދި އިނާމަކަށް ބޭނުންފުޅުވާ ބޭފުޅެއް ނޫން ކަން ވެސް ދެނެ ހުރެއެވެ. އަބަދުވެސް އަޅުގަނޑު ގާތުގައި ވިދާޅުވާ ވާހަކަފުޅެއް އޮވެއެވެ. "ހެޔޮ ނިޔަތުގައި ކަންކުރައްވާތި. ކަމެއްގެ ހެޔޮކަމާއި ރަނގަޅުކަން ބިނާވަނީ ރަނގަޅު ނިޔަތުގެ މައްޗަށް".

މިއީ އިބްރާހިމްފުޅުގެ ފަލްސަފާކަމުގައި ނޫނީ އަޅުގަނޑު ނުދެކެމެވެ. އޭނާއަށް ކާމިޔާބު ދެއްވާށިއެވެ. އިޚްލާޞްތެރި މަސައްކަތްޕުޅުގައި ބަރަކާތް ލައްވާށިއެވެ. ބާއްޖަވެރިކަމާއި ހެޔޮ ނަސީބު އަބަދުމެ މިންވަރު ކުރައްވާށިއެވެ.