Support Us

"އަހުރެންގެ ދަރިފުޅު ކައިވެނި ކުރުވާނީ ހޫރުލްޢީނަކާ!"

މިއީ ބަޞަރާގެ ހެޔޮލަފާ ޞާލިހް އަންހެނަކާއި އޭނާގެ ދަރިފުޅުގެ މަޝްހޫރު ވާހަކައެވެ. މި ވާހަކަ ރިވާކުރެއްވީ އަބޫޖަފަރުލް ލުބާން ފަދަ ޢިލްމުވެރިންނެވެ. އޭނާ ރިވާކުރައްވާފައިވެއެވެ؛

އެއީ ބަޞަރާގެ ހެޔޮލަފާ ޞާލިހް ކަނބަލުންގެ ތެރެއިން ކަނބަލެކެވެ. ނަމަކީ އުއްމު އިބްރާހިމް އަލް ޙާޝިމިއްޔާ އެވެ. އެއް ފަހަރެއްގައި ކުއްފާރުންތައް މުސްލިމުންގެ ރަށަކަށް ހަމަލާދިނެވެ. އެހެންކަމުން އެބައިމީހުންނާ ދެކޮޅަށް ޖިހާދުކުރުމަށް މުސްލިމުންނަށް ހިތްވަރު ދިނެވެ. އެގޮތުން އަބްދުލް ވާޙިދު ބިން ޒައިދު އަލް ބަސްރީ ނަމަކަށް ކިޔުނު ބޭކަލަކު، މުސްލިމް ޒުވާނުން ޖިހާދަށް ނިކުތުމަށް ހިތްވަރު ދިނުމުގެ ގޮތުން ތަޤުރީރެއް ދެއްވިއެވެ. މި ތަޤުރީރު އަޑުއެހުމަށް ހާޒިރުވެ ތިބި މީހުންގެ ތެރޭގައި އުއްމު އިބްރާހިމް ހިމެނެއެވެ. ޢަބްދުލް ވާޙިދު ދެއްކެވި ވާހަކަތަކުގެ ތެރޭގައި، ޝަހީދުންގެ މަތިވެރި ދަރަޖަ ބަޔާންކޮށްދެއްވަމުން އަލް ހޫރުލްޢީނުންގެ ވާހަކަ ގެންނެވިއެވެ. އެހިނދު އަޑުއަހަން ތިބި މީހުންގެ ތެރެއިން އުއްމު އިބްރާހިމް ތެދުވެ އަބްދުލްވާޙިދަށް ދެންނެވިއެވެ. "އޭ އަބްދުލްވާހިދެވެ. ތިޔަބޭފުޅުންނަށްވެސް އަޅުގަނޑުގެ ދަރިފުޅު އިބްރާހިމް އެނގިވަޑައިގަންނަވާނެއެވެ. އަދި ބަޞްރާގެ ކަމުވޮށިގެންވާ ޤަދަރުވެރި ޢާއިލާތަކުގެ ބޭފުޅުން އެބައިމީހުންގެ އަންހެން ދަރިންނާއި އިބުރާޙިމް ކައިވެނި ކޮށްދެއްވުން އެދި ހުށަހަޅަމުން ގެންދެއެވެ. ނަމަވެސް އަޅުގަނޑު އަދި އެއިން އެއްވެސް ކައިވެންޏަކަށް އެއްބަސްނުވަމެވެ. އެކަމަކު ދެންމެ ކަލޭގެފާނު ތިޔަ ސިފަކުރެއްވި (ހޫރުލްޢީން) އަކާ އަހުރެންގެ ދަރިކަލުން ކައިވެނި ކުރުމަށް ރުހެމެވެ. އަދި ހޫރުލްޢީންއަކާ އަހަރެންގެ ދަރިފުޅު ކައިވެނި ކޮށްފިނަމަ އަހަރެން ވަރަށް އުފާވާނެއެވެ. އެހެންކަމުން ޢަދި އެއްފަހަރު (ހޫރުލްޢީނުން) އަހަންނަށް ސިފަކޮށްދެއްވަފާނަން ތޯއެވެ؟"

ދެންފަހެ ޢަބްދުލްވާޙިދު ހޫރުލްޢީނުން ސިފަކުރެއްވުމުގެ ގޮތުން ރީތި ޅެންބައިތެއް ކިޔުއްވިއެވެ. އެ ހިނދު އުއްމު އިބްރާހިމް ވިދާޅުވި އެވެ.

"އަހަރެން ބޭނުންވަނީ އަހަރެންގެ ދަރިފުޅު ތިޔަ ފަދަ އަންހެން ކުއްޖަކާ ކައިވެނި ކުރުމަށެވެ. އަދި އަހަރެން އެ އަންހެން ކުއްޖާގެ ކައިވެނީގެ ރަނުގެ ގޮތުގައި 10،000 ދީނާރު ދޭނަމެވެ. އަހުރެންގެ ދަރިކަލުން ތިޔަބައިމީހުންގެ ލަޝްކަރާ އެކު ޖިހާދަށް ގެންގޮސްދޭށެވެ. ފަހެ އޭނާއަށް ޝަހީދެއްގެ ދަރަޖަ ލިބިއްޖެ ނަމަ ޤިޔާމަތް ދުވަހު އަހަންނަށްޓަކައި ޝަފާޢަތްތެރި ވެދޭނެއެވެ."

ޖަވާބުގައި އަބްދުލް ވާހިދު ވިދާޅުވިއެވެ. "އެގޮތަށް ކަންތައް ކޮށްފިނަމަ އެއީ ތިބާއަށާއި ދަރިފުޅަށް ލިބޭ ވަރަށް ބޮޑު ހެޔޮކަމެކެވެ."

އެއަށްފަހު އުއްމު އިބްރާހިމް އެތަނުގައި އެއްވެފައި ތިބިމީހުންގެ ތެރެއިން ދަރިފުޅަށް ގޮވައިލިއެވެ.

ދަރިފުޅު ތެދުވެފައި ބުންޏެވެ. "ލައްބަ މަންމާއެވެ." އެކަމަނާ އެއްސެވިއެވެ. "ދަރިފުޅާ އެވެ. އޭނާ އެބުނި ފަދައިން ﷲގެ މަގުގައި ހަނގުރާމަކޮށް ތިބާގެ ނަފްސު ގަތުލުވެދިޔުމަށްފަހު ބަދަލުގައި ޖަންނަތުން ހޫރުލްޢީނަކާ ކައިވެނި ކުރުމަށް ތިބާ އެދެމުހެއްޔެވެ؟" ދަރިފުޅު ބުންޏެވެ. "މަންމާއެވެ. އާނއެކެވެ. ވަރަށް ބޮޑަށް އެދެމެވެ."

އެކަމަނާ ވިދާޅުވިއެވެ. "ޔާ ﷲ އެވެ. އިބަ ﷲ ހެކިވެ ވޮޑިގަންނަވާށެވެ. އަހުރެންގެ ދަރިފުޅު އިބަ ﷲގެ މަގުގައި ހަނގުރާމަކޮށް ޝަހީދުވުމުން، ޖަންނަތުން ހޫރުލްޢީނަކާ ކައިވެނި ކުރުވުމަށް އެދެމެވެ."

އެއާއެކު 10،000 ދީނާރު [ރަން ފައިސާ ފޮތި] ހިފައިގެން އައިސް ޢަބްދުލް ވާހިދަށް ދެއްވާފައި ވިދާޅުވިއެވެ. "މިއީ ކައިވެނީގެ ރަނެވެ. މިފައިސާ ﷲގެ މަގުގައި ހަނގުރާމަކުރާ މުޖާހިދުންގެ ކަންކަމަށް ހޭދަކުރައްވާށެވެ."

އެއަށްފަހު ހަނގުރާމައިގައި ސަވާރުވުމަށް ދަރިކަލުންނަަށް ރަނގަޅު އަހެއް ގަނެދެއްވިއެވެ. އަދި ހަތިޔާރު އަޅުވައި ތައްޔާރު ކުރުވިއެވެ. ދެންފަހެ ލަޝްކަރު ތައްޔާރުވެ ކުރިޔަށް ހިނގައިގަތުމުން، ގުރުއާން ކިޔަވަމުންދިޔަ މުޖާހިދުންނާއެކު، އަންނަނިވި އާޔަތް ކިޔަވަމުން އުންމު އިބުރާހިމް ނިކުތެވެ. إِنَّ اللَّهَ اشْتَرَىٰ مِنَ الْمُؤْمِنِينَ أَنفُسَهُمْ وَأَمْوَالَهُم بِأَنَّ لَهُمُ الْجَنَّةَ ۚ يُقَاتِلُونَ فِي سَبِيلِ اللَّهِ فَيَقْتُلُونَ وَيُقْتَلُونَ ۖ ހަމަކަށަވަރުން، اللَّه، مؤمنންގެ ކިބައިން އެއުރެންގެ نفس ތަކާއި، މުދާތައް، އެއުރެންނަށް ސުވަރުގެ ހުރިކަން އަންގަވައި، ބައްލަވައިގަތެވެ. އެއުރެން اللَّه ގެ މަގުގައި ހަނގުރާމަ ކުރެތެވެ. ފަހެ، އެއުރެން (دشمن ން) قتل ކޮށް، އަދި އެއުރެން قتل ވެދެއެވެ. [ތައުބާ ސޫރަތް 9:111]

އެހިނދު އުންމު އިބްރާހިމް އޭނާގެ ދަރިފުޅާ ވަދާޢީ ސަލާމް ކުރައްވަމުން ވިދާޅުވިއެވެ. "ދަރިފުޅާއެވެ. ސަމާލުވައްޗެވެ. ތިބާގެ ނަފްސުގެ ކިބައިން އެއްވެސް އުނިކަމެއް، ބަލިކަށިކަމެއް الله އަށް ދެކެވޮޑިގަތުމަށް ދޫކޮށްނުލައްޗެވެ." އަދި ދަރިފުޅުގެ ގައިގައި ބައްދާލަމުން ބޮސްދެއްވައިފައި ވިދާޅުވިއެވެ. "ޤިޔާމަތް ދުވަހުގައި މެނުވީ ދެން ދުވަހަކުވެސް الله އަހަރެމެން އެއްތަންކުރައްވާކަށް ނޭދެމެވެ." އަބްދުލް ވާހިދު ވިދާޅުވެފައިވެއެވެ.

އަހަރެމެންނަށް ދުޝްމަނުންގެ ސަރަހައްދަށް އާދެވުމުން ހަނގުރާމަ ކުރުމަށް ގޮވައިލެވުނެވެ. އެ ހިނދު އިބްރާހިމް ލަޝްކަރުގެ ކުރީ ސަފުގައި ހުރެ ފިސާރި ވަރުގަދަޔަށް ހަނގުރާމަކުރުމަށްފަހު ދުޝްމަނުންގެ ތެރެއިން ގިނަ ބަޔަކު މަރާލިއެވެ. އަދި އެއަށްފަހު އެމީހުން އޭނާގެ މައްޗަށް ގަދަވެގަނެ އޭނާ ޝަހީދުކޮށްލިއެވެ. ލަޝްކަރު އެނބުރި އައި މަގުމަތީގައި މުޖާހިދުން ގާތުގައި އަހުރެން ބުނީމެވެ. އަހަރެން ބުނަންދެން ތިޔަބައިމީހުން އުންމު އިބުރާހިމްގެ ގާތު އޭނާގެ ދަރިފުޅު ޝަހީދުވީ ވާހަކަ ނުބުނާށެވެ. ނަމަވެސް އަހަރެމެންނަށް ބަޞްރާއަށް ވަދެވުނުތަނާ އެކަމަނާ އަހަންނާ ބައްދަލުވެ އެއްސެވިއެވެ.

"އަހަރެންގެ ހަދިޔާ ﷲ ސުބުޙާނަހޫ ވަތަޢާލާ ގަބޫލުފުޅު ކުރެއްވި ކަމަށްޓަކައި އަހުރެން އުފާ ކުރަންވީތޯއެވެ؟ ނޫނީ އެކަލާނގެ އަހުރެންގެ ހަދިޔާ ރައްދުކުރެއްވިކަމަށްޓަކައި އަހުރެން ހިތާމަކުރަންވީތޯއެވެ؟" އަހަރެން ބުނީމެވެ. "الله ތަޢާލާ ކަމަނާގެ ހަދިޔާ ޤަބޫލުކުރައްވައިފިއެވެ. ކަމަނާގެ ދަރިކަލުން ޝަހީދުވެއްޖެއެވެ."

އެހިނދު އެކަމަނާ الله އަށް ޝުކުރު އަދާކުރުމަށްޓަކައި ސަޖިދައަށް ތިރިވެފައި ވިދާޅުވިއެވެ. "އަހަރެންގެ ހަދިޔާ ޤަބޫލު ކުރެއްވި ކަމަށްޓަކައި الله އަށް ޝުކުރުވެރިވަމެވެ."

ޖެހިގެން އައި ދުވަހު އެކަމަނާ އަހަރެންގެ ގާތަށް މިސްކިތަށް އައިސް ބުންޏެވެ. "އުފާކުރައްވާށެވެ." އަހަރެން ބުނީމެވެ. "އުފާވެރިކަމުގެ ޚަބަރަކީ ކޮބައިތޯއެވެ؟" އެކަމަނާ ވިދާޅުވިއެވެ. "އަހަރެންގެ ދަރިފުޅު އިބްރާހިމް ރޭ ހުވަފެނެއްގައި ދުށީމެވެ. ފެހި ހެދުން އަޅައިގެން ރީތި ބަގީޗާއެއްގައި މުތުން ހަދާފައިވާ ތަޚުތެއްގައި އިށީނދެގެން އިންދައެވެ. ބޮލުގައި ތާޖެއް އަޅުވާފައި ހުއްޓައެވެ. އޭނާ އަހުރެންނާ މުޚާތަބުކޮށް ބުންޏެވެ. މަންމާއެވެ. އުފާކުރައްވާށެވެ! ހޫރުލްޢީންއަކާ އަހުރެން ކައިވެނިކޮށްފީމެވެ!"

މަސްދަރު: قصص السلف الصالح ‎محمد بن سليم

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *