މުދަލާއި ގެދޮރާ އަނބިދަރީން ދޫކޮށް ދަތުރު ދޭ މުސްލިމުން
މުދަލުން ނުހަނު ބޮޑު ހޭދަކޮށް ހޯދަން އިލާހީ ރުއްސެވުން
ޙައްޖަށް ގޮވައިލެއްވެވި ފަހުން މަތިވެރި ޚަލީލުﷲ މާތް
ބައްރުގެ ދުރާ ކައިރީން ދަތުރު ކުރަމުންދެޔޭ އެކި ރަށްފުށުން
ހާޖިރު ޒަބީޙާ މާތް ޚަލީލު ޒިކުރާ ވެޔޭ ޙައްޖުގެ ތެރޭ
ޢާޖިޒުވި ހިނދު ހާޖިރު ޞަފާ މަރުވާ ދެމެދު ފަދަ ހިންގެވުން
މަބްރޫރު ޙައްޖުއް ފާފަތައް ފޮހެވޭ އެ މަތިވެރި ނިޢުމަތަށް
ޞަބްރު ޖިހާދެއްކޮށް ދަތުރު ކުރެޔޭ ނުހަނު ގަދަ ހިތްވަރުން
ޢަރަފާތު ދުވަހުގެ މާތްކަމަށް ވާރިދުވުމުން ގިނަގުނަ ޙަދީސް
ބަރަކާތް ދުވަހުގެ ލިބޭނެ މަގު ހޯދަން އެދޭ ގިނަ އަޅުތަކުން
ފުރުޞަތު ލިބުނުނަމަ ޙައްޖުގައި ޢަރަފާތު ފަރުބަދަ ކައިރިޔަށް
ޙުރުމަތުގެ ހިތަކުން ގޮސްއުޅޭ ޢަރަފާތު ބިމުގައި މީސްތަކުން
ފުރުޞަތު ނުލިބިތިބި މީސްތަކުން ދުނިޔޭގެ އެކިއެކި ކަންކޮޅުން
ދުރުގައި ތިބޭއިރު ރޯދައިން މަޣްފިރަތު އެދެޔޭ ހެޔޮ ހިތުން
