Support Us

ފެންފުއްޓަށް އުދައަރަނީ -ފޮޓޯ: މީސްމީޑިއާ

ދެންވެސް ސަމާލުވޭ! އުދައެރުމަކީ އިންޒާރެއް!

އަޅުގަނޑުމެން ތިމާވެށީގެ ވާހަކަ ދައްކަމުއެވެ. ދުނިޔެ ހޫނުވާ ވާހަކައާއި ކަނޑުގެ ލޮނުގަނޑު އުފުލޭ ވާހަކައެވެ. އޯޒޯން ފަށަލަ ތުނިވާ ވާހަކައާއި ހޫނުގަދަވާ ވާހަކައެވެ. ދުނިޔޭގެ ގަނޑުފެންތައް ވިރި ކަނޑަށް އެޅެމުންދާ ވާހަކައެވެ. މި ނުރައްކަލުގައި އެންމެ އަވަހަށް ނޭދެވޭ އަސަރުކުރާނީ ދިވެހިރާއްޖެ ފަދަ ބިންތިރި، ކުދި ޖަޒީރާތަކަށް ކަމަށެވެ. ތިމާވެށީގެ ރެފިއުޖީންނަށް ދިވެހީން ވެދާނެކަމުގެ ބިރުވެރި އަދި ނުރައްކާތެރި ވާހަކައެވެ.

މި ވާހަކަތަކާއި އިންޒާރުތައް އިވުނަސް އަދި އެ ވާހަކަތައް ގަބޫލުކުރެވުނަސް އެކަމާމެދު ފަރުދީ ފެންވަރުގައި ދެވޭ ސަމާލުކަން އަދިވެސް ވަރަށް ކުޑައެވެ. ޖަމާޢަތުގެ ފެންވަރުގައާއި ރަށު ފެންވަރުގައި ކުރެވޭ މަސައްކަތްތައް މަދެވެ. ޤައުމީ ފެންވަރުގައި ގާނޫނުތަކާއި ސިޔާސަތުތައް އެކުލަވާލެވުން ދިޔަޔަސް އަޅުގަނޑުމެންގެ ހޭލުންތެރިކަން ދަށެވެ. ނޫނީ ވިސްނާ ގޮތަށް މާބޮޑު ބަދަލެއް އަދިވެސް ނާދެއެވެ. އެހެން ތިއްބައި، މޫސުމީ ބަދަލުތަކާ އަޅުގަނޑުމެންގެ ގިނަ ބައެއްގެ ގަބޫލުކުރުންތަކާއި ޢަމަލުތައް އަރާހަމަނުވަނީސް މޫސުމީ ބަދަލުތަކުން ކުރާ އަސަރުތައް މިއަދު އަޅުގަނޑުމެން ފަސްދީ ދާންފެށީ ނޫން ބާވައޭ ހިތަށްއަރައެވެ.

ދިވެހި ކާބަފައިން ބުނެއެވެ. "ފުނޯސް ނަކަތުގައި ޖެހޭނީ ކަށިވައެވެ." ހުޅަނގު މޫސުމުގެ ފުނޯސް ނަކަތް ލައިގަންނަނީ ޖުލައި މަހުގެ އެއްވަނަ ދުވަހުއެވެ. މިއީ ވައި ބާރުވެފައި ރާއްޖެ ކަނޑުތަކުގެ ރާޅު އުފުލޭ ދުވަސްވަރެކެވެ. އާންމުކޮށް ރާއްޖޭގެ ރަށްރަށަށް އުދައަރާ ދުވަސްވަރެކެވެ. ކަނޑުގެ ލޮނުގަނޑަށްވުރެ އުސްކޮށް މީޓަރެއް ވެސް ހަމަނުވާ ޖަޒީރާ މި ރަށްތަކާ ދިމާއަށް ނަގަމުންދާ ބާނިތައް ފަސް ހަފޫޓަށް ވުރެ އުސްވީމާ އަރާ ރާޅަށް އަޅުގަނޑުމެން އުދައެރުމޭ ކިޔަނީއެވެ. ކަނޑުގެ އަޑީގައި އުފެދޭ ބާރުގަދަ އޮއިވަރާއެކު ރާޅުތައް އުސްވެގެން އައިސް މި ކުދިކުދި ރަށްތަކަށް ބިންދާލަނީއެވެ.

މަޑަވެލީ ރަށުތެރެއަށް އުދަ އަރައިފައި -ފޮޓޯ: މީސްމީޑިއާ

ހަގީގަތަކީ މީގެ ކުރިން އަރާ އުދައެރުމާއި ދިވެހީން މިހާރު މި ތަޖުރިބާކުރާ އުދައެރުމާ ތަފާތެއް ވާކަމެވެ. ސީދާގޮތުން ލިބޭ ގެއްލުންތައް ބޮޑުވެފައި، ނޭދެވޭ އަސަރު ފޯރާ ފަރާތްތައް ގިނަކަމެވެ. ރާއްޖޭގެ ރަށަކަށް އުދައަރައިގެން އެ ބާނީގައި މޫދަށް ދަމައިގަނެގެން މިހާތަނަށް މީހަކު މަރުވި ޚަބަރެއް ނާހަމެވެ. އދ. ފެންފުށީގައި މި މަހު އެއް ވަނަ ދުވަހު ތ. ދިޔަމިގިލީ، ޢީސާ ޖުނާހު، 23، ނިޔާވި ހިތާމަވެރި ޚަބަރާއެކު އެ ތާރީޚު ވެސް ބަދަލުވެއްޖެއެވެ. މިހާރު މިއަރާ އުދަ އެރުމަކީ އެތައް ދުވަހެއް ކުރިން ލިބެމުން އައި މޫސުމީ އިންޒާރުތަކެއްގެ ނަތީޖާއެވެ. ނޫނީ އަލަށް ދިވެހީން ކުރިމަތިލާންޖެހޭ މޫސުމީ ކާރިސާތަކެއްގެ އިންޒާރެވެ.

މިއީ އަތިރިމައްޗާއި ގޮނޑުދޮށްތަކުގައި ދިރިއުޅޭ މީހުން ޚާއްޞަ ސަމާލުކަންދޭވީ ކަމެކެވެ. ކުޑަކުދިންނާއި ދުވަސްވީ މީހުންނާމެދު މިކަމުގައި ޚާއްޞަ ނަޒަރެއް ދޭންވީ ކަމެކެވެ. މި ދެތިން ދުވަހު ރާއްޖޭގެ ބައެއް ރަށްރަށަށް އަރާފައިވާ އުދައިން ބައެއް ރަށްރަށުގެ މީހުންނަށް އިހުސާސް ކުރެވުނީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއެވެ. ހަނދާންވާނީ އޭރު ވާހަކަ ދެކެވުނު ރައްކާތެރި ގޮތްގޮތަށް ގޯތިގެދޮރު ޢިމާރާތް ކުރުމުގެ މަފްހޫމްތައް މަތިންނެވެ. ސޭފް އައިލެންޑް ކޮންސެޕްޓެވެ. މޫސުމީ ކާރިސާތަކަށް ޕްލޭންތައް ހަދައި ތައްޔާރުވެ ތިބެންޖެހޭކަމެވެ. އޭރު ހެދި ޕްލޭންތަކާއި ކުރި ފަރިތަކުރުންތަކެވެ. އަދި އެކަންކަން އަޅުގަނޑުމެން ހަނދާން ނައްތާލާފައިވާ މިންވަރެވެ.

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *