Support Us

ދަރަންޏަށް ތަކެތި ނެގުމަށްފަހު ދަރަނި އަދާނުކުރި އަންހެނަކަށް ވީގޮތުގެ ވާހަކަ

ކީރިތި ރަސޫލާ ﷺގެ ޒަމާނުގައި މައްކާގައި ވަރަށް ގަދަރުވެރި އަންހެނަކު އުޅުނެވެ. މިއަންހެން މީހާއަކީ އެހެން އަންހެނުން އަތުން ދަރަންޏަށް ތަކެތި ނެގުމަށްފަހު އެތަކެތި އަނބުރާ ރައްދުކޮށްދިނުމަށް ހަނދާން ނައްތާލާ މީހެކެވެ. ހަނދާންކޮށްދިނުމުންވެސް، ދުވަހަކުވެސް އެއްވެސް އެއްޗެއް ދަރަންޏަށް ނަގައިފައިނުވާ ކަމަށް ބުނެ އިންކާރުކުރެއެވެ.

ދެންފަހެ މި ކަންތައް މިގޮތަށް ދެމިގެން ގޮސް މީސްތަކުންގެ ކެތްތެރިކަން ކޮޅުންލައި، މި މައްސަލަ ކީރިތި ރަސޫލާ ﷺގެ އަރިހަށް ހުށަހެޅުނެވެ. އެހިނދު އެކަލޭގެފާނު އެ އަންހެން މީހާގެ އަތްކެނޑުމަށް ޙުކުމް ކުރެއްވިއެވެ. ނަމަވެސް މިއީ ޤުރައިޝުންނަށް ބަރުދާސްތުކުރެވޭވަރު ކަމަކަށް ނުވިއެވެ. އެހެނީ އެ އަންހެން މީހާއަކީ އެމީހުންގެ އެންމެ ބޮޑު އެއް ޤަބީލާގެ، ނަޞަބުން މޮޅު ކަނބަލެކެވެ. އޭނާގެ އަތް ކަނޑާލުމަކީ ޤުރައިޝުންނަށް ފަސޭހަ ކަމަކަށް ނުވިއެވެ. އެހެންކަމުން މި މައްސަލައާ ބެހޭގޮތުން الله ގެ ރަސޫލާއާ މަޝްވަރާ ކުރުމަށް އެމީހުން ނިންމިއެވެ.

އެގޮތުން އެ އަންހެން މީހާ ގައިގައި ހައްދު ޖަހައިގެން ނުވަތަ ޖޫރިމަނާ ކޮށްގެން ވިޔަސް އަދަބު ލުއިކޮށްދިނުމަށް އެމީހުން ހުށަހެޅިއެވެ. ނަމަވެސް މިކަމާ ބެހޭގޮތުން މާތް ނަބިއްޔާގެ އަރިހަށް މަޝްވަރާ ކުރުމަށް ދާ ކޮންމެ މީހަކުވެސް އެނބުރި އަންނަނީ ނާކާމިޔާބު ވެގެންނެވެ. އެހެންކަމުން އެބައިމީހުން ނިންމީ މި މައްސަލައާ ބެހޭ ގޮތުން މާތް ނަބިއްޔާގެ އަރިހަށް މަޝްވަރާ ކުރުމަށް އުސާމާ ބިން ޒައިދު ފޮނުވުމަށެވެ. އެހެނީ އެކަލޭގެފާނަކީ މާތް ނަބިއްޔާ އިންތިހާ ދަރަޖައަށް ލޯވިފުޅުވާ، އަދި އެކަލޭގެފާނުގެ ސީދާ ބެއްލެވުމުގެ ދަށުން، ދަރިކަލެއް ފަދައިން ތަރިބިއްޔަތު ކުރެއްވި ލޮބުވެތި ޞަހާބީ ޒައިދުގެފާނުގެ ދަރިކަލުންނެވެ. އެހެންކަމުން ގުރައިޝުން ދުށްގޮތުގައި މި ހައްސާސީ މައްސަލާގައި އުސާމާ ފިޔަވައި އެހެން މީހަކަށް الله ގެ ރަސޫލާއާ މަޝްވަރާކުރައްވައިގެން ކާމިޔާބެއް ނުލިބޭނެއެވެ.

މިގޮތުން އެބައިމީހުން އުސާމާއާ ވާހަކަ ދެއްކިއެވެ. އެއާއެކު އުސާމާ ﷲގެ ރަސޫލާގެ އަރިހަށް ވަޑައިގެންނެވިއެވެ. ރަސޫލާ އެކަލޭގެފާނަށް މަރުހަބާ ވިދާޅުވެ، އެކަލޭގެފާނާ އެކު އިށީނދެވަޑައިގެންނެވިއެވެ. އެހިނދު އުސާމާ މާތްނަބިއްޔާގެ އަރިހުގައި މި އަންހެން މީހާގެ އަދަބު ލުއިކޮށްދެއްވުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަން ފެއްޓެވިއެވެ.

އެކަލޭގެފާނު ދެންނެވިއެވެ. "ޔާ ރަސޫލުﷲ އެވެ. އެ އަންހެން މީހާއަކީ ޤުރައިޝުންގެ އެންމެ ބޮޑު ޤަބީލާގެ އަންހެނެކެވެ. އޭނާގެ އަދަބު ލުއިކޮށް ދެއްވާށެވެ."

ފަހެ މި އަންހެން މީހާގެ އަދަބު ލުއިކޮށްދެއްވުމަށް އެދި މާތް ނަބިއްޔާގެ އަރިހުގައި ވާހަކަ ދައްކަވައި، އެކަލޭގެފާނުގެ ވިސްނުންފުޅު ބަދަލުކުރައްވާތޯ އުސާމާ މަޝްވަރާކުރައްވުން ގެންދެވިއިރު މިކަމަކީ ޙަޤީޤަތުގައިވެސް ކުރެއްވޭނެ ކަމެއް ނޫންކަން އުސާމާއަށް އެނގިވަޑައިނުގަންނަވައެވެ. އެހިނދު ކީރިތި ރަސޫލާ ﷺ ހަނު އިންނެވިއެވެ. އެއަށްފަހު އެކަލޭގެފާނުގެ މޫރިތި މޫނުފުޅުގެ ކުލަވަރު ބަދަލުވެ ކޯފާ އިސްކުރެއްވިއެވެ. އަދި އުސާމާގެ މޫނަށް ބައްލަވައިލެއްވުމަށްފަހު ހަދީޘް ކުރެއްވިއެވެ. "ކަލޭގެފާނު ތިމަންކަލޭގެފާނުގެ އަރިހުން ތިޔަ އެދިވަޑައިގަންނަވަނީ الله ސުބުޙާނަހޫ ވަތަޢާލާގެ ހުކުމްފުޅު ތަކުގެ ތެރެއިން ހުކުމްފުޅަކާ ޚިލާފުވުމަށް ހެއްޔެވެ؟"

އުސާމާއާ މެދު އެކަލޭގެފާނުގެ ކޯފާއިސްކުރެއްވި ސަބަބު ބަޔާންކުރައްވައި، ވިދާޅުވިއެވެ. "ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ އަޅުތަކުންގެ މައްޗަށް ބާވައިލައްވާފައިވާ އެއްވެސް ހުކުމްފުޅަކަށް އެއްވެސް މީހަކަށް ބަހެއް ނުބުނެވޭނެއެވެ. އެކަމެއް ބަދަލުކުރުމުގެ ހައްޤު އެއްވެސް މަޚުލޫޤަކަށް ނުވެެއެވެ."

ދެންފަހެ އެކަލޭގެފާނަށް މި ކުރެއްވުނީ ކިހާވަރެއްގެ ކަމެއްކަން އުސާމާއަށް ވިސްނިވަޑައިގަތެވެ. އަދި ވިދާޅުވިއެވެ. "އޭ الله ގެ ރަސޫލާއެވެ. އަޅުގަނޑުގެ ފާފަފުއްސަވައިދެއްވުމަށް އެދި ﷲ ގެ ހަޟުރަތުގައި ދަންނަވައިދެއްވާށެވެ." އެއަށްފަހު ހަވީރުވުމުން މާތްނަބިއްޔާ މީސްތަކުންގެ ތެރެއަށް ނިކުމެވަޑައިގަތެވެ. އަދި މިމްބަރަށް އަރާވަޑައިގެން، މާތްﷲ އަށް ހަމްދުކުރެއްވުމަށްފަހު މީސްތަކުންނާ މުޚާޠަބު ކުރައްވައި ހަދީޘްކުރެއްވިއެވެ.

"އޭ މީސްތަކުންނޭވެ. ތިޔަބައިމީހުންގެ ކުރީގެ އުއްމަތްތަކުގެ މީހުން ހަލާކު ކުރެއްވުނީ ކީތްވެކަން އެނގޭހެއްޔެވެ؟ އެބައިމީހުން އެމީހުންގެ ތެރެއިން މާތް މީހަކު ވައްކަން ކޮށްފިނަމަ އެމީހަކު ދޫކޮށްލައެވެ. އަދި ދެރަ، ނިކަމެތި މީހަކު ވައްކަންކޮށްފި ނަމަ އެމީހަކަށް އަދަބު ދެއެވެ. ތިމަންކަލޭގެފާނުގެ ފުރާނަފުޅު އެކަލާނގެ ގުދުރަތްތެރިކަމުގެ ދަށުގައިވާ ރަސްކަލާނގެ ގަންދެއްވައި ވިދާޅުވަމެވެ. މުޙައްމަދުގެފާނުގެ ދަރިކަނބަލުން ފާޠިމަތު ވައްކަން ކޮށްފިނަމަވެސް، ތިމަންކަލޭގެފާނު އެކަމަނާގެ އަތް ކަނޑުއްވާހުށީމެވެ." އެއަށްފަހު އެ އަންހެން މީހާގެ އަތް ކަނޑާލުމަށް އަމުރު ކުރެއްވި އެވެ.

މި ހާދިސާއާ ބެހޭ ގޮތުން އުއްމުލް މުއުމިނީނަ ސިއްތުނާ ޢާއިޝާ ރަޟިޔަ الله އަންހު ވިދާޅުވެފައި ވެއެވެ. "މި އަންހެންމީހާ ފަހުން އިޚްލާޞްތެރިކަމާއެކު ތައުބާވިއެވެ. އަދި ކައިވެނިކުރިއެވެ. އެ އަންހެންމީހާ ތިމަންކަމަނާގެ އަރިހަށް ޒިޔާރަތްކޮށް އުޅެއެވެ. އަދި ތިމަންކަމަނާ އޭނާގެ ބޭނުންތަކާ ބެހޭގޮތުން ރަސޫލުﷲގެފާނުގެ އަރިހުގައި ދަންނަވަމެވެ."

މައުލޫމާތު: ޑޮކްޓަރ މުޙައްމަދު އަބުދުއްރަޙުމާން އަލް އަރީފީ ލިޔުއްވާފައިވާ "އެންޖޯއި ޔުއަރ ލައިފް"

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *