Support Us

ޒިނޭކުރުމުގެ ހުއްދައަށް މާތް ނަބިއްޔާގެ އަރިހުގައި އެދުނު ޒުވާނާއަށް ވީގޮތުގެ ވާހަކަ

އެއް ދުވަހަކު ކީރިތި ރަސޫލާ ﷺ އެކަލޭގެފާނުގެ މަތިވެރި ސަޙާބީންނާ އެކު މަޖިލީހެއްގައި އިންނަވަނިކޮށް ޒުވާނަކު އެމަޖިލީހަށް ހާޒިރުވިއެވެ. ފަހެ މިޒުވާނާ މިސްކިތުގެ ތެރެއަށް ވަދެގެން ގޮސް، މީހަކު ހޯދަމުންދާ ފަދައިން ކަނާތްފަރާތާއި ވާތަށް ބަލަން ފެށިއެވެ. އަދި އޭނާގެ ނަޒަރު ކީރިތި ރަސޫލާ ﷺ އާ ދިމާލަށް ހުއްޓުމާ އެކު އެކަލޭގެފާނާ ދިމާއަށް ހިނގައިގަތެވެ. އަދި ޞަހާބީންތަކާ ބައިވެރިވެ އެ މަޖިލީހުގައި ހަމަޖެހިލައިގެން އިށީނދެއްޖެއެވެ.

އެހިނދު، ﷲ ސުބުޙާނަހޫ ވަތަޢާލާގެ މަތިވެރި ޒާތުފުޅުގެ މަތިން ހަނދުމަކޮށް މާތް ނަބިއްޔާ ދެއްވަމުން ގެންދެވި މަތިވެރި ދަރުސް މި ޒުވާނާވެސް އަޑުއަހާނެ ކަމަށް ހީކުރެވުނެވެ. ނަމަވެސް މި ޒުވާނާ އޭނާގެ ވަށައިގެން ތިއްބެވި ޞަހާބީންނާއި މާތްނަބިއްޔާގެ މޫރިތި މޫނުފުޅަށް ބަލައިލުމަށްފަހު، ވަރަށް ސާބިތުކަމާ އެކު ސުވާލު ދެންނެވިއެވެ.

"އޭ الله ގެ ރަސޫލާއެވެ! އަޅުގަނޑަށް ހުއްދަ ދެއްވަފާނަންތޯއެވެ؟"

އަނެއްކާވެސް އިރުކޮޅަކު ހިމޭނުން އިނުމަށްފަހު ދެންނެވިއެވެ. "އޭ الله ގެ ރަސޫލާއެވެ! އަޅުގަނޑަށް ހުއްދަ ދެއްވަފާނަންތޯއެވެ؟"

ފަހެ މި ޒުވާނާ މާތް ނަބިއްޔާގެ އަރިހުން އިޒުނަ އަށް އެދުނީ ކޮން ކަމަކަށް ހެއްޔެވެ؟ ޢިލްމު ހޯދަން ހެއްޔެވެ؟ ނޫނީ ޖީހާދު ކުރުމަށް ހެއްޔެވެ؟ ނޫނެކެވެ. މި ޒުވާނާ މާތް ނަބިއްޔާގެ އަރިހުން އިޒުނައަށް އެދުނީ ޒިނޭ ކުރުމަށެވެ.

އޭނާ ދެންނެވިއެވެ. "އޭ اللهގެ ރަސޫލާއެވެ! އަޅުގަނޑަށް ޒިނޭ ކުރުމަށް ހުއްދަ ދެއްވާށެވެ."

މިއީ ކިހާ ހައިރާން ކުރުވަނިވި ކަމެއް ހެއްޔެވެ؟ އެހާ ތެދުތެދަށް، ޖެހިލުމެއްނެތި އެފަދަ ސުވާލެއް މާތް ރަސޫލާއަށް އޭނާ ދެންނެވިއެވެ!

"އަޅުގަނޑަށް ޒިނޭ ކުރުމަށް ހުއްދަ ދެއްވާށެވެ." ސުބުޙާނަﷲ! ދެންފަހެ ކީރިތި ރަސޫލާ ﷺ އެ ޒުވާނާއަށް ބައްލަވާލެެއްވިއެވެ. ފަހަރެއްގައިވެސް އެ ޒުވާނާއަށް ކޯފާ އިސްނުކުރައްވައެވެ. ޤުރުއާނުގެ އާޔަތެއް ކިޔަވައިވިދާޅުވެފައި އޭނާއަށް އެކަން ހަރުކަށިކޮށް މަނާ ކުރައްވާފައި ދޫކޮށެއް ނުލައްވައެވެ. ބަދަލުގައި އެކަލޭގެފާނު އެ ޒުވާނާއާ ކުރެއްވީ ސުވާލުތަކެކެވެ. އިޚްތިޔާރުކުރެއްވީ އެ ޒުވާނާއަށް އެކަމުގެ ނުބައިކަން ވިސްނައިގަނެވޭނެ ފަދަ، ޙިކުމަތްތެރި ތަފާތު މަގެކެވެ.

މާތް ނަބިއްޔާ އެ ޒުވާނާ ގާތުގައި ވަރަށް މަޑުމައިތިރިކަމާއި އޯގާތެރިކަމާ އެކު އެއްސެވިއެވެ.

"އޭ ޒުވާނާއެވެ. ތިބާ، ތިބާގެ މަންމައާ އެކު އެހެން މީހަކު ޒިނޭ ކުރުމަށް ރުހެމުހެއްޔެވެ؟"

ފަހެ މި ޒުވާނާއަށް އޭނާގެ މަންމަ އެހެން މީހަކާ ޒިނޭކުރުން ތަޞައްވަރުވުމުން ލިބުނު ސިހުމާ އެކު ތެޅިގަނެފައި ދެންނެވިއެވެ.

"ޔާ ރަސޫލުﷲ އެވެ. ދުވަހަކުވެސް އަޅުގަނޑުގެ މަންމައާ އެކު މީހަކު އެފަދަ ކަމެއް ކުރުމަކަށް އަޅުގަނޑު ނުރުހެމެވެ."

އެ ހިނދު ކީރިތި ރަސޫލާ ﷺ މަޑުމަޑުން އެ ޒުވާނާ ގާތު ވިދާޅުވިއެވެ. "ހަމަ އެފަދައިން، އެހެން މީހުންވެސް އެބައިމީހުންގެ މަންމައިންނާ އެކު މީސްތަކުން އެފަދަ ކަމެއް ކުރުމަކަށް ނުރުހޭނެއެވެ."

އެއަށްފަހު އަނެއްކާވެސް ސުވާލުކުރެއްވިއެވެ. "ތިބާގެ އަންހެން ކޮއްކޮއަކާ އެކު މީހަކު ޒިނޭކުރަން ތިބާ ރުހެމުހެއްޔެވެ؟"

އެ ހިނދު އެ ޒުވާނާ އޭނާގެ ޢިއްފަތްތެރި ކޮއްކޮއާ މީހަކު ޒިނޭކުރުން ޚިޔާލަށް ގެނެވުމާ އެކު އަނެއްކާވެސް ތެޅިގަތެވެ. އަދި ވަގުތުން ޖަވާބު ދިނެވެ.

"ނޫނެކެވެ. ޔާ ރަސޫލުﷲ އެވެ. އަޅުގަނޑު ދުވަހަކުވެސް އަޅުގަނޑުގެ ކޮއްކޮއާ މެދު އެފަދައިން ކަންތައް ވުމަކަށް ނޭދެމެވެ."

ކީރިތި ރަސޫލާ ﷺ ހަދީޘް ކުރެއްވިއެވެ. "ހަމަ އެފަދައިން، އެހެން މީހުންވެސް އެބައިމީހުންގެ ކޮއްކޮމެންނާ އެކު މީސްތަކުން އެފަދައިން ކަންތައް ކުރުމަކަށް ނުރުހޭނެއެވެ."

އެއަށްފަހު މާތް ނަބިއްޔާ އަނެއްކާވެސް ސުވާލުކުރެއްވިއެވެ. "ތިބާ، ތިބާގެ ބައްޕަ ފަރާތު ބޮޑުދައިތަ ނުވަތަ މަންމަ ފަރާތު ބޮޑުދައިތައާ މެދު މީހަކު އެގޮތަށް ކަންތައް ކުރުމަށް ރުހެމުހެއްޔެވެ؟"

ޖަވާބުގައި އެ ޒުވާނާ ދެންނެވިއެވެ. "ނޫނެކެވެ. ނޫނެކެވެ. ޔާ ރަސޫލުﷲ އެވެ. އޭގެން އެކަކާމެދުވެސް އެފައިން ކަންތައް ވުމަކަށް އަޅުގަނޑު ނޭދެމެވެ."

އެ ހިނދު ކީރިތި ރަސޫލާ ﷺ ހަދީޘްކުރެއްވިއެވެ. "އޭ ޒުވާނާއެވެ. ތިބާ ތިބާގެ ނަފްސާ މެދު ކަންތައް ވުމަށް އެދޭ ފަދައިން އެހެން މީހުންނާ މެދުވެސް ކަންތައް ވުމަށް ލޯބިކުރާށެވެ. އަދި ތިބާގެ ނަފްސާ މެދު ކަންތައް ވުމަށް ނުރުހޭ ގޮތަށް އެހެން މީހުންނާ މެދު ކަންތައްތައް ވުމަށްވެސް ނޭދޭށެވެ."

ދެންފަހެ މި ޒުވާނާ، އޭނާއަށް މި ކުރެވުނު ކަންތަކުގެ ނުބައިކަމާ މެދު ވިސްނާލެވުނެވެ. އަދި ލަދުވެތިކަމާ އެކު ރަސޫލުﷲ ގެފާނުގެ އަރިހުގައި ދެންނެވިއެވެ.

"އޭ اللهގެ ރަސޫލާއެވެ. އަޅުގަނޑުގެ ހިތް ޠާހިރުކޮށްދެއްވުމަށް އެދި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟްރަތުގައި ދުޢާކޮށްދެއްވާށެވެ!"

އެހިނދު ރަސޫލުﷲ ގެފާނު އެޒުވާނާ އެކަލޭގެފާނުގެ އަރިހަށް ގެންނެވިއެވެ. އަދި އެކަލޭގެފާނުގެ ކުރިފުޅުމަތީގައި އެ ޒުވާނާ އިށީނުމުން އޭނާގެ މޭމަތީގައި އަތްޕުޅު އަޅުއްވައި ވިދާޅުވިއެވެ. "ޔާﷲ އެވެ. މީނާގެ ހިތް ތޯހިރުކޮށްދެއްވައި، މީނާގެ ފާފަތައް ފުއްސަވައިދެއްވާނދޭވެ. އަދި މީނާގެ ޢިއްފަތްތެރިކަން ރައްކާތެރިކޮށްދެއްވާނދޭވެ."

އެއަށްފަހު އެ ޒުވާނާ އުފާވެރި މޫނަކައިގެން އެ މަޖިލީހުން ނިކުމެގެން ދިޔައެވެ. އޭނާ ބުނަމުން ދިޔައެވެ. "އަހުރެން الله ގެ ރަސޫލާގެ އަރިހަށް ދިޔައިރު ޒިނޭއަކީ އަހަރެން އެންމެ ލޯބިވާ ޢަމަލެވެ. އެކަމަކު އަހަރެން އެކަލޭގެފާނުގެ އަރިހުން ނިކުމެގެން އައި އިރު ޒިނޭއަކީ އަހަރެން އެންމެ ނަފްރަތުކުރާ އަމަލެވެ."

މަސްދަރު: އެންޖޯއި ޔުއަރ ލައިފް / ޑޮކްޓަރ މުޙައްމަދު އަބްދުއްރަޙްމާން އަލްއަރީފީ

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ވަރަށް ފައްކާ ލިޔުމެކޭ ބުނެލެވޭނީ އިނގޭ! އެހެންވީމަ، ކީއްވެހޭ ހަތަރު އަނބިންނާ އިންނަން އަންހެންވެރިން މައްސަލަ ޖައްސާ ހިތް ނުރުހެނީ މިބުނީ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *