Support Us

ކޮލަމް ކޯދު: އިންޑިޔާގެ މިނިވަންކަމުގެ ޒައީމުކަމުގައިވާ މަހަތުމާ ގާނދީގެ ބަހަކާއި އިތުރުކޮށްލުމެއް

އިންޑިޔާގެ މިނިވަންކަމުގެ ޒައީމު، މަހަތުމާ ގާނދީ، ޖަލުގައި ވަނިކޮށް، އޭނާގެ ރަހުމަތްތެރިއެއް ކަމަށްވާ ޗާލީ އޭނާއަށް ޒިޔާރަތްކުރިއެވެ. ޗާލީއަކީ ނަސާރާ ދީނަށް ދައުވަތު ދިނުމުގެ މަސައްކަތްކުރާ އިނގިރޭސިއެކެވެ. ޗާލީ ގާނދީއަށް ޒިޔާރަތްކޮށްފައި ގާނދީ ގާތު ބުންޏެވެ. "ކަލޭމެންގެ މިނިވަންކަމުގެ މަސައްކަތަށް އެހީވެދިނުމުގެ ގޮތުން އަހަންނަށް ކޮށްދެވޭނީ ކޮން މަސައްކަތެއް ހެއްޔެވެ؟"

ޖަވާބުގައި ގާނދީ ބުންޏެވެ. "އަހަރުމެންނަށް އެއްވެސް ގޮތަކުން، އަހަރުމެންނަށް އިނބަ އެހީވާން ބޭނުންނަމަ، މިހާރު އިނބައަށް ލިބިފައި އޮތް މަސައްކަތުގެ ފުރުސަތައިގެން ކުރިއަށް ދިޔުމަށްޓަކައި ފީޖީއަށް ދިޔުން ވާނީ އަހަރުމެންނަށްޓަކައި އިނބައަށް ކޮށްދެވޭނޭ އެންމެ ރަނގަޅު މަސައްކަތަށެވެ. އަހަރެން ޔަގީން ކުރަން ޖެހެނީ އަދި އިންޑިޔާގެ މީހުން ވެސް ޔަގީން ކުރަން ޖެހެނީ، އަހަރުމެންގެ މި މަސައްކަތަކީ– މިނިވަންކަން ހޯދުމުގެ މަސައްކަތަކީ– އަހަރުމެން އިންޑިޔާ މީހުން އަމިއްލައަށް، އަހަރުމެން އެކަނި ކުރެވޭނޭ މަސައްކަތެއްކަމެވެ."

ގާނދީގެ މި ބަސްކޮޅުގެ އަހައްމިއްޔަތަކީ ކޮބައިހެއްޔެވެ؟ އެއްވެސް ގައުމީ ކަމެއްގެ އަމަލީ މަސައްކަތް ކުރަން ޖެހޭނީ އަމިއްލައަށް ކަމެވެ. އެއްވެސް ގައުމީ ކަމެއްގެ އަމަލީ މަސައްކަތުގައި ބޭރު ބަޔަކު ޝާމިލުކޮށްފި ނަމަ، އެކަމެއް ކުރިއަށްދާންވީ އެންމެ އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާނޭ ކަމެވެ. އިސްތިއުމާރީ ބާރެއްގެ ދަށުން، ގައުމެއް މިނިވަންކަން ހޯދުމުގެ އަމަލީ މަސައްކަތެވެ. ގައުމު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތެވެ. ގައުމު ދިފާއުކުރުމުގެ އަމަލީ މަސައްކަތެވެ. މިފަދަ ގައުމީ ކަންކަމުގެ އަމަލީ މަސައްކަތުގައި ބޭރުގެ މީހުން ބައިވެރިކޮށްފި ނަމަ، ގެއްލުންތަކާ ކުރިމަތިލާން ޖެހެއެވެ. ސަބަބަކީ ބޭރު މީހުން އެފަދަ މަސައްކަތުގައި ބައިވެރިވަނީ ކޮންމެ ވެސް އަމިއްލަ އެދުމެއް އޮތީ މައެވެ. މިސާލަކަށް އިސްޕޭނުގެ އިސްތިއުމާރީ ބާރުގެ ދަށުން، ކިޔުބާ މިނިވަންކަން ހޯދުމަށްޓަކައި ކުރި މަސައްކަތުގައި އެމެރިކާ އެހީވެދިނެވެ. ނަތީޖާއަކަށްވީ އެމެރިކާގެ ބާރުގެ ދަށަށް ކިޔުބާ ދިޔުމެވެ. ހަމަ އެހެންމެ، ހަގީގީ ތަރައްގީއެއްގެ މަސައްކަތް ވެސް އެންމެ އެކަށީގެންވާ ގޮތުގައި ކުރިއަށް ގެންދެވެނީ، ބޭރު ބަޔަކާ އެކަމުގެ އަމަލީ މަސައްކަތް ހަވާލުނުކޮށް، ތަނުގެ މީހުންގެ އަމިއްލަ އަމަލީ މަސައްކަތުންނެވެ. ތަނުގެ އަމިއްލަ މީހުން މަސައްކަތް ނުކޮށް، އެކަން ބޭރު ބަޔަކާ ހަވާލު ކުރެވިއްޖެ ނަމަ، ތަނުގެ މުޖުތަމައީ އަގުތައް ގެއްލި، ތަނުގެ މިނިވަންކަމަށް ބުރޫ އަރާ ގޮތް ވެއެވެ. ތަރައްގީގެ ނަމުގައި، ތަނުގެ މުޖުތަމައީ އަގުތަކާ މުޅިން ޚިލާފު، ފާހިޝް އަމަލުތަކަކީ އެންމެ ރަނގަޅު ކަންކަމުގައި ހަދާލުމަށްޓަކައި، މަޝްރޫއުތައް ވެސް ހިންގާލުމަށް މަގުފަހިވާ ގޮތް ވެސް ވެއެވެ.

ދާދި ފަހުން، ގަތަރުން، މިކަމާ ގުޅޭ މިސާލެއް ފެނުނެވެ. އެންމެނަށް ވެސް އެނގޭނޭ ފަދައިން، މި އަހަރުގެ ދުނިޔޭގެ ފުޓުބޯޅަ މުބާރާތް ބޭއްވެނީ ގަތަރުގައެވެ. ކުޅިވަރުގެ އެންމެ ބޮޑު މުނާސިބަތުކަމުގައި ހިމެނޭ މި މުބާރާތް ހިންގާ ފަރާތުން، ގަތަރުގެ ކަމާ ބެހޭ ފަރާތުގައި އެދުނީ މުބާރާތުގެ ތެރެއިން އެއްޖިންސުގެ ގުޅުން ހިންގުން އިޝްތިހާރުކޮށް ކުރިއަށް ގެންދިޔުމަށެވެ. ނަމަވެސް، ގަތަރުގެ ކަމާ ބެހޭ ފަރާތުން މިކަމާ އެއްބަހެއް ނުވެއެވެ. ގަތަރުގެ ކަމާ ބެހޭ ފަރާތުން އެކަމަށް ރައްދު ދެމެން ބުނީ 'މަހެއްހާ ދުވަހުގެ ކުޅިވަރުގެ މުނާސަބަތަކަށްޓަކައި އަހަރުމެންގެ މުޖުތަމައުގެ އަގުތައް ވިއްކާލާކަށް އަހަރުމެން ބޭނުމެއް ނުވެއެވެ." އާދެ، ދުނިޔޭ މި ބޮޑު ފުޓުބޯޅަ ކާނިވަލް ބޭއްވުމުގެ އަމިއްލަ ކުޅަދާނަކަން ގަތަރުގެ އަތްމަތީ ނެތިފައި، އެކަން ކުރުމުގެ އެހީ ބޭރުގެ ފަރާތްތަކުން ހޯދަން ޖެހުނު ނަމަ، ގަތަރުގެ މުޖުތަމައީ އަގުތައް އޮންނާނީ ވިއްކާލަން ޖެހިފައެވެ.

ޝައްކެއް ނެތް ގޮތުގައި، ކޮންމެ ބަޔަކަށް ވެސް އެބަޔަކު ގަބޫލުކުރާ ގޮތްތަކަކާއި އެއާ ގުޅިފައި އޮންނަ އަގުތައް އެބަޔަކަށް އޮވެއެވެ. އޭގެ މާނައަކީ އެ ގޮތްތަކާއި އަގުތައް، އެ ގޮތްތަކާއި އަގުތައް ގަބޫލުނުކުރާ މުޖުތަމައުތަކުގެ ތެރެއަށް ފާކޮށް ފެތުރުމުގެ މިނިވަންކަން ލިބުމެއް ނޫނެވެ. ކީރިތި ގުރުއާނުގައި އޮންނަ ފަދައިންނެވެ. 'ލަކުމް ދީނުކުމް ވަލިޔަދީން' ކަލޭމެންނަށް ކަލޭމެންގެ ގޮތް ލިބިގެން ވެއެވެ. ހަމަ އަހަރެންނަށް ވެސް އަހަރެންގެ ގޮތް ލިބިގެން ވެއެވެ. މިކަން ދެމެހެއްޓޭނީ، މަތީގައި ގާނދީ ބުނެފައިވާ ގޮތުގެ މަތިން ކަންތައް ކުރެވިގެންނެވެ. ގައުމީ މަސައްކަތްތައް، ބައެއްގެ ލަފާ ހޯދި ކަމުގައި ވިޔަސް، އެކަމުގެ އަމަލީ ބައި އަދާކުރަން ޖެހެނީ އެ ގައުމެއްގެ މީހުންނެވެ. ނޫން ނަމަ، ތަނުގެ މިނިވަންކަމާއި ތަނުގެ މުޖުތަމައީ އަގުތައް ގެއްލެން ދިމާވެއެވެ.