Support Us

ކޮލަމް މާޒީ: ދިވެހި ތާރީޚަށް ބަލާއިރު ޤާޟީންނާއި މުފްތީންނަކީ ތަފާތު ބަޔެއްތަ؟

ދިވެހި ތާރީޚަށް ބަލާއިރު "ޤާޟީ" މި ލަފުޒަކީ އާ ލަފުޒެއް ނޫނެވެ. ފަނޑިޔާރުންގެ ލަޤަބެއްގެ ގޮތުން ވެސް "އަލްޤާޟީ ބޭނުންކޮށްފައި ވަރަށް ގިނައިން ހުރެއެވެ. އެންމެ އަންމު މިސާލަކީ އަލްޤާޟީ ޙަސަން ތާޖުއްދީންކަން ތިޔަ ބޭފުޅުން ދެނެވަޑައިގަންނަވާނޫއެވެ. އަދި ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފަނޑިޔާރުގެ މަޤާމަށް "ޤާޟީ" މި ނަން ބޭނުންކޮށްފައި ވެސް އެބަހުއްޓެވެ. އައްޝައިޚު ޢަބްދުﷲ ފަހުމީދީދީ އަކީ ދައުލަތުގެ ޤާޟީއެވެ. (އުއްތަމަ ފަނޑިޔާރެވެ.) ފަހުން އައްޝައިޚު ޢަބްދުﷲ ޖަލާލުއްދީން ޝައިޚުލްއިސްލާމްގެ ނަންފުޅުގައި އުއްތަމަ ފަނޑިޔާރުމަނިކުފާނުގެ ގޮތުގައި ވެސް ލިޔެފައި އެބަހުއްޓެވެ.

އަދި 1970ގެ އަހަރުތަކުން ފެށިގެން "ޤާޟީ" މި ލަފުޒަކީ ދިވެހީންނާ ވަރަށް ރައްޓެހި ލަފުޒަކަށްވިއެވެ. ޢަދުލު އިންސާފު ޤާއިމުކުރުމުގެ ކަންތައް އުއްތަމަފަނޑިޔާރު މަނިކުފާނާއި އެ މަނިކުފާނުގެ ނާއިބުން މެދުވެރިކޮށް ހިންގެވި ދުވަސްވަރު "ނާއިބު ބޭކަލުން" މަޝްހޫރުވެފައި ވީފަދައިން، ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ 1969ގައި ޤާއިމުވެ ޢަދުލު އިންސާފު ހިންގުމުގެ އެންމެ އިސް ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހަމަޖެހުނެވެ. ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓުގައި މިނިސްޓަރ އޮފް ޖަސްޓިސްގެ މަޤާމު ކަނޑައެޅި އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން އުފެދުނު ޑިވިޝަންތަކަށް (ކޯޓްތަކަށް) އަދި ކޮންމެ އަތޮޅެއްގައި އަތޮޅު ކޯޓެއް އުފައްދަވައި އެ ކޯޓްތަކަށް (ވެސް) "ޤާޟީން" ހަމަޖެއްސެވި ހިސާބުން ފެށިގެން ޤާޟީ މި ލަފުޒު ދިވެހީންނާ ވަރަށް ރައްޓެހިވެއްޖެއެވެ. ނަމަވެސް މުފްތީ މި ނަމަކީ ދިވެހީންނާ އެހާ ރައްޓެހި ނަމެއް ނޫނެވެ. އެއީ އެ ފަދަ މަޤާމެއްގައި ދިވެހިރާއްޖޭގައި އެއްވެސް ބޭފުޅަކު އަދި ނެތީތީއެވެ. އެކަމަކު ފަތުވާދޭ މަޖިލީހެއް އެބަ އޮތްވެސްމެއެވެ.

އަޅުގަނޑުމެން އެންމެންނަށް ވެސް އެނގޭނޭ ފަދައިން، ޤާޟީން (ނުވަތަ ފަނޑިޔާރުން)ގެ މަސައްކަތަކީ ޝަރީޢަތަށް ހުށަހެޅޭ މައްސަލަތައް ފައިޞަލާކުރުމެވެ. އިސްލާމް ދީނުގައި އޮންނަ ގޮތަށް ޙުކުމްކުރުމެވެ. އަނެއްކޮޅުން ބަލާއިރު މުފްތީންގެ މަސައްކަތަކީ ވެސް ދީނުގައި އޮންނަ ގޮތަށް ފަތުވާދިނުމެވެ. ދީނުގެ ޙުކުމް އަންގައިދިނުމެވެ. ވީމާ މި ދެބައިމީހުންނަކީ ވެސް ގާތްގަނޑަކަށް އެއް ކަހަލަ މަސައްކަތެއް ކުރާ ބަޔެކެވެ. ނަމަވެސް ވަރަށް ބޮޑެތި ތަފާތުތަކެއް ވެސް އެބަ ހުއްޓެވެ. މި ލިޔުމުގައި އެ ތަފާތުތަކުގެ މައްޗަށް ވެސް ބަލައިލައިފައިވާނެއެވެ. މި ގޮތުން ޤުޟާގެ މާނައާއި ފަތުވާގެ މާނައާއި މުފްތީ އާއި ޤާޟީގެ މާނައަށް ތަފުޞީލީ ގޮތެއްގައި ބަލައިލެވޭތޯ މަސައްކަތްކުރާނަމެވެ. އަދި ޤާޟީއާއި މުފުތީގެ ޝަރުޠުތަކާއި ރުކުންތަކުގެ މައްޗަށް ވެސް ބަލައިލައިފައިވާނެއެވެ.

ޢިލްމުވެރީންގެ ލިޔުންތަކާއި ކީރިތި ޤުރުއާނާއި މާތް ރަސޫލާގެ ޙަދީޘުތަކުގެ އަލީގައި [ޤާޟީއަކާއި މުފްތީއަކާ (ދެމެދު) ހުރި ތަފާތު]ގެ މައްޗަށް ތަފްޞީލީ ގޮތެއްގައި މި ލިޔުމުގައއަލިއަޅުވައިލެވޭތޯ ﷲގެ ވާގިފުޅާއެކު އަޅުގަނޑު މަސައްކަތްކުރާނަމެވެ.

ޤާޟީކަން ނުވަތަ [القُــضاء]

ޤާޟީކަން ނުވަތަ [القُــضاء]ގެ މާނަ އިސްލާމް ދީނުގައި ވަރަށް ފުޅާ ދާއިރާއެއްގައި ކުރައްވައިފައިވާކަން ކީރިތި ޤުރުއާނުންނާއި ޢިލްމުވެރީންގެ ބަސްތަކުން ސާބިތުވެއެވެ. މި ގޮތުން ކަނޑައަޅައި އަމުރުކުރެއްވުމުގެ މާނައިގައްޔާއި ހާމަކުރުމުގެ މާނައިގައްޔާއި ޢަހުދުކުރުމުގެ މާނައިގައި ވެސް އައިސްފައިވާކަން ކީރިތި ޤުރުއާނުން ހާމަވެއެވެ. (فضـيلةالدكتور أفراشيم علىގެ ބައެއް ލެކްޗަރތަކުން). އަދި މިނޫނަސް ވަރަށް ގިނަ މާނަތަކުގައި މި ލަފުޒު ބޭނުންކުރައްވައިފައިވާ ކަމަށް ޖަމާލުއްދީނު މުޙައްމަދު (2004) ބަޔާންކުރައްވައެވެ. އަދި މި ލަފުޒު ގިނައިން އައިސްފައިވަނީ ނިޔާކަނޑައަޅައި ޙުކުމްކުރުމުގެ މާނައިގައިކަން ވެސް އެނގެއެވެ. (ޖަމާލުއްދީން މުޙައްމަދު (2004). ލިސާނުލްޢަރަބި. މިޞްރު: ދާރު ޞާދިރު)

ކީރިތި ޤުރުއާނުގައި ނަންގަނެވިފައިވާ ގޮތަށް ބަލާއިރު މަރުވުމުގެ މާނައިގައި ވެސް [قُــضاء] މި ލަފުޒު ބޭނުންކުރައްވައިފައިވެއެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. [مِنَ الْمُؤْمِنِينَ رِجَالٌ صَدَقُوا مَا عَاهَدُوا اللَّهَ عَلَيْهِ فَمِنْهُم مَّن قَضَى نَحْبَهُ وَمِنْهُم مَّن يَنتَظِرُ وَمَا بَدَّلُوا تَبْدِيلًا] ([اللَّهއަށް އެއުރެން عهدވީ ކަންތަކަށް ތެދުވެރިވީ ފިރިހެނުންތަކެއް مؤمنންގެ ތެރެއިންވެއެވެ. ފަހެ، އެއުރެންގެ ތެރެއިން (شهيدވެ) މަރުވެގެންދިޔަ ބަޔަކު ވެއެވެ. އަދި (شهيدވުމަށް) انتظارކުރާ ބަޔަކުވެސް އެއުރެންގެ ތެރެއިން ވެއެވެ. އަދި އެއުރެން (އެ عهدއަކަށް) އެއްވެސް ކަހަލަ ބަދަލެއް ނުގެނެތެވެ.]) .(سورة الأحزاب:23). އަދި ކަމެއް ފުރިހަމަކޮށް ނިންމުމުގެ މާނައިގައިވެސް އެ ލަފުޒު އައިސްފައި ވެއެވެ.

މާތް اللَّه ވަޚީކުރައްވައިފައިވެއެވެ. [وَإِذْ تَقُولُ لِلَّذِي أَنْعَمَ اللَّهُ عَلَيْهِ وَأَنْعَمْتَ عَلَيْهِ أَمْسِكْ عَلَيْكَ زَوْجَكَ وَاتَّقِ اللَّهَ وَتُخْفِي فِي نَفْسِكَ مَا اللَّهُ مُبْدِيهِ وَتَخْشَى النَّاسَ وَاللَّهُ أَحَقُّ أَن تَخْشَاهُ فَلَمَّا قَضَى زَيْدٌ مِّنْهَا وَطَرًا زَوَّجْنَاكَهَا لِكَيْ لَا يَكُونَ عَلَى الْمُؤْمِنِينَ حَرَجٌ فِي أَزْوَاجِ أَدْعِيَائِهِمْ إِذَا قَضَوْا مِنْهُنَّ وَطَرًا وَكَانَ أَمْرُ اللَّهِ مَفْعُولًا] ([اللَّه، އެމީހަކަށް (إسلامى هدايةގެ) نعمةދެއްވައި، އަދި އެމީހެއްގެ މައްޗަށް ކަލޭގެފާނު ހެޔޮކަން ދެއްވާފައިވާ މީހާއަށް، ކަލޭގެފާނު ވިދާޅުވާހިނދު ހަނދުމަ ކުރައްވާށެވެ! ތިބާގެ އަނބިމީހާ ދޫކޮށްނުލައި، ތިބާގެ ގާތުގައި ބައިންދާށެވެ! އަދި اللَّهއަށް تقوىވެރިވާށެވެ! އަދި اللَّه ފާޅުކުރައްވާނޭ ކަންތައް ކަލޭގެފާނުގެ ހިތްޕުޅުގައި ވަންހަނާ ކުރައްވަމުއެވެ. އަދި މީސްތަކުންދެކެ ކަލޭގެފާނު ބިރުފުޅު ގަނެތެވެ. އަދި ކަލޭގެފާނު ބިރުފުޅުގަތުން حقކަންބޮޑީ اللَّه ދެކެއެވެ. ފަހެ، زيد، އެކަމަނާގެ ކިބައިން ބޭނުމެއް ފުއްދައިފިހިނދު (އެބަހީ: އަނތްބެއްގެ ގޮތުގައި ބޭނުންކުރުމަށްފަހު ވަރިކޮށް عدّةހަމަވުމުން) ތިމަންރަސްކަލާނގެ، ކަލޭގެފާނާ އެކަމަނާއާ ކާވެނިކޮށްދެއްވީމެވެ. އެއީ مؤمنންނަށް، އެއުރެން ދަރިންކަމަށް ހަދައިގެންއުޅޭ މީހުންގެ އަނބިންގެ ކިބައިން، އެއުރެންގެ ބޭނުމެއް ފުއްދައި (ވަރިކޮށް) ފިހިނދު، އެއުރެންނާ ކާވެނި ކުރުމުގައި ފާފައެއް ނެތްކަން އެންގެވުމަށްޓަކައެވެ. އަދި اللَّهގެ އަމުރުފުޅަކީ، ހިނގަނިވި ކަމެއްކަމުގައި ވެއެވެ.]) (سورة الأحزاب:37)

އިސްވެ ބަޔާންކުރެވުނު އާޔަތްތަކުގެ އިތުރަށް قُــضاءގެ ލަފުޒު ވާރިދުވެފައިވާ އެހެން ބައެއް އާޔަތްތައް ވެސް ނަކަލުކޮށްލަމެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. [وَقَضَى رَبُّكَ أَلاَّ تَعْبُدُواْ إِلاَّ إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلاَهُمَا فَلاَ تَقُل لَّهُمَآ أُفٍّ وَلاَ تَنْهَرْهُمَا وَقُل لَّهُمَا قَوْلاً كَرِيمًا] ([އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް أُف ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ!]) (سورة الإسراء:23). އިސްމާޢީލް އިބްނި ޙައްމާދު (1982) ވިދާޅުވާ ގޮތުގައި މި އާޔަތުގައި [قُــضاء]ގެ މާނައަކީ ނިޔާކަނޑައެޅުމެވެ. (އިސްމާޢީލް އިބްނި ޙައްމާދުލްޖައުހަރީ. (1982). އައްޞަޙާޙު ތާޖުއްލުޣަތި ވަ ޞަޙާޙުލްޢަރަބިއްޔާ)

ޑރ. މުޙައްމަދު ޔޫސުފް ޢަލީ (2011) ވިދާޅުވާ ގޮތުގައި، [ޢަރަބި ލަފުޒު [އަލްޤާޟީ] އަކީ [ޤުޟާ] މި ލަފުޒުން އައިސްފައިވާ ލަފުޒެކެވެ.] މި ލަފުޒުގެ މާނައަކީ [ޝަރުޢީ މައްސަލައެއްގައި ކަމެއް ކަނޑައެޅުމަށް ނުވަތަ ޤަރާރެއް ނެރުމަށް ބޭނުންކުރެވޭ ގޮތަށް ލަފުޒަކުން ނުވަތަ ޢަމަލަކުން ކަމެއް ފުރިހަމަކޮށް ނިންމުމެވެ.] ނުވަތަ [ދީނީ ވާޖިބެއްގެ ގޮތުން އަމުރެއް ނުވަތަ ޙުކުމެއް ކަނޑައެޅުމެވެ.] (ޑރ. މުޙައްމަދު ސޫސުފް ޢަލީ. (2011). ބައިނަލްއަޤްވާމީ އިންސާނިއްޔަތާއި ތާރީޚާއި އިޖުތިމާޢީ ޢިލްމާ ބެހޭ 2 ވަނަ މަހާސިންތާ)

އިސްވެ ބަޔާންކުރެވުނު ވާހަކަތަކަށް ބަލާއިރު، ޤާޟީއަކީ، ދެ މީހެއްގެ ނުވަތަ ދެބަޔެއްގެ ދެމެދުގައި މެދުގައި އުފެދޭ މައްސަލައެއް ފައިޞަލާކުރުމަށް ޓަކައި، ޝަރުޢީ ގޮތުން މައްސަލަ ބަލައި ޙުކުމް ކުރުމުގެ ޤާނޫނީ ޙައިސިއްޔަތު ލިބިފައިވާ މީހާ އެވެ. އޭނާ މައްސަލަ ބަލާނީ، ޤާނޫނީ ގޮތުން އޭނާ މަސައްކަތްކުރުމަށް ޙަވާލުކުރެވިފައިވާ މަޙުކަމާއެއްގައި ނުވަތަ ކޯޓެއްގައެވެ. އެހެން ތަނެއްގައި އޭނާއަކަށް އެ ކަމެއް ނުކުރެވޭނެއެވެ.

ޤާޟީކަމުގެ ޝަރުޠު:

އިސްލާމީ ޝަރީޢަތުގައި ޤާޟީކަމުގެ މަޤާމަށް ޢައްޔަންކުރެވޭ މީހެއްގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.

  • މުސްލިމަކު ކަމުގައިވުން.
  • މިނިވަނަކުކަމުގައިވުން.
  • ބާލިޣުވެ(ތަޞައްރަފު ފުދި)ފައިވާ މީހަކު ކަމުގައިވުން.
  • ބުއްދި ސަލާމަތުން ހުރި (ހަމަ) މީހަކު ކަމުގައިވުން.
  • ޢަދުލުވެރިޔަކު ކަމުގައިވުން.
  • ޝަރުޢީ ޢިލްމު ލިބި ހުރި (ޤާބިލު) މީހަކުކަމުގައި ވުން.
  • މައިގަނޑު ތިން ޙިއްޞުގެ ބޭނުންކުރުމުގެ ކުޅަދާނަކަން (އިވުން، ފެނުން، ވާހަކަދެއްކުން) ލިބިފައިވުން.

ޤާޟީ އޭނާ އަށް ހުށަހެޅޭ މައްސަލަތައް ބަލައި ފައިޞަލާކުރާން ޖެހޭނީ އަދި އެ ޤަޟިއްޔާއެއްގެ ޙުކުމް އިއްވާންވާނީ ދައުލަތުގެ އެކަމަށް ޚާއްޞަ މަޙުކަމާއެއްގައެވެ. މި ކަމަށް ދަލީލު ލިބެނީ އަންނަނިވި ޙަދީޘުންނެވެ. [ޢަބުދުﷲ އިބްނު ޒުބައިރު (ރަޟިޔަﷲ ޢަންހު)ގެ ކިބައިން ރިވާވެގެންވެއެވެ. "(މައްސަލައިގެ) ދެ ޚަޞްމުން ފަނޑިޔާރުގެ ކުރިމަތީގައި އިށީނުމަށް ރަސޫލުﷲ (ޞައްލަﷲ ޢަލައިހި ވަސައްލަމް) އަމުރުކުރެއްވި އެވެ." (އަބޫދާއޫދު، ފޮތް 24، ޙަދީޘު ނަންބަރު 3581، މުސަނަދު އަޙުމަދު)

މުފްތީކަން ނުވަތަ އަލްއިފްތާ:

އިސްލާމީ ޝަރީޢަތުގައި މުފްތީއަކީ ވަރަށް މުހިންމު މަޤާމެކެވެ. "މުފްތީ" މި ލަފުޒު ނެގިފައިވަނީ "އިފްތާ" މި ލަފުޒުންނެވެ. މުފްތީއަކީ އިސްލާމީ ޝަރީޢަތާއި ފިޤުހީ މައްސަލަތަކުގައި ކަން އޮތް ގޮތް ހާމަކޮށް ފަތުވާ ދޭ މީހާއެވެ.

މުފްތީއަކީ ސައްޔިދުނާ ޢުޘްމާން (ރަޟިޔައްﷲ ޢަންހު)ގެ ޚިލާފަތުގައި އިސްތަންބޯލްގެ ޝަރުޢީ، ފިޤުހީ އަދި ޤާނޫނީ އެންމެ މަތީ ވެރިޔާއެވެ. އިސްލާމީ ޤައުމުތަކުގައި ޤާއިމުކުރެވުނު ޤާނޫނީ އިޖުރާއާތުގެ ދަށުން މުފުތީގެ އިޚުތިޔާރުތައް ވަނީ ދަށްކުރެވިފައެވެ. މިހާރު ޢާންމު ގޮތެއްގައި މުފުތީންގެ ޒިންމާއަކަށް ވަނީ ވާރުތަ މުދަލާއި ކާވެންޏާއި ވަރިއާއި މި ނޫނަސް މިފަދަ ޛާތީ މުޢާމަލާތްތަކުގައި އުފެދޭ ސުވާލުތަކަށް ފިޤުހީ ގޮތުން ޖަވާބު ދިނުމެވެ.

އަދުގެ ދުނިޔެއަށް ބަލާ އިރު އިސްލާމީ ޤައުމުތަކުގައި ދައުލަތުގެ ފަރާތުން ޢައްޔަންކުރައްވާ މުފްތީއަކީ އެކި ކަންކަމުގައި އިސްލާމީ ޝަރީޢަތުގެ އަލީގައި ކަންކަމުގެ ފަތުވާ ދެއްވުމުގެ އެންމެ މަތީ ވެރިޔާއެވެ. އިސްލާމީ ގިނަ ޤައުމުތަކުގައި މި މަޤާމުގައި ޢިލްމުވެރީން ޢައްޔަންކޮށްފައި ތިއްބަސް ދިވެހިރާއްޖޭގައި އަދި މުފުތީއަކު ޢައްޔަންކޮށްފައި ނެތްކަން ފާހަގަކުރެވެއެވެ. އެހެން ނަމަވެސް އިހު ޒަމާނުގައި މުފުތީއެއްގެ ދައުރު، އުއްތަމަ ފަނޑިޔާރު އަދާކުރައްވާކަން އިހުގެ ލިޔުންތަކުން ދޭހަވެއެވެ.

މުފްތީ ކަމުގެ ޝަރުޠު:

މުފުތީއަކީ ޢާންމު ގޮތެއްގައި އިފްތާ ކޯހެއް ފުރިހަމަކުރުމަށް ފަހު އެ ކަމުގެ ޝަރުޠުތައް ފުރިހަމަވެގެން އެ މަޤާމަށް ޢައްޔަންކުރެވޭ މީހެކެވެ. އިސްލާމީ ޝަރީޢަތުގައި މުފްތީއަކަށް ޢައްޔަންކުރެވޭ މީހެއްގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާން ވާނެއެވެ.

  • ޢަރަބި ބަސް ރަނގަޅަށް ދަންނަ މީހަކުކަމުގައި ވުން
  • އުޞޫލުލްފިޤުހު ޢިލްމަށް އަރައިހުރި މީހަކު ކަމުގައިވުން
  • އިޖުތިމާޢީ ޙަޤީޤަތްތަކުގެ މަޢުލޫމާތު ލިބިހުރި މީހަކު ކަމުގައިވުން
  • ދީންތައް އަޅައިކިޔުމުގެ ޢިލްމު ލިބިހުރި މީހަކު ކަމުގައިވުން
  • އިޖުތިމާޢީ ޢިލްމުގެ އަސާސްތައް ދަންނަ މީހަކު ކަމުގައިވުން
  • މަޤާޞިދުއްޝަރީޢާ (ޢިލްމު) ލިބިހުރި މީހަކު ކަމުގައިވުން
  • ޙަދީޘް ޢިލްމު ލިބިހުރި މީހަކުކަމުގައިވުން
  • ޤާނޫނީ ޙަޤީޤަތްތަކާއި އަސާސްތައް ލިބިހުރި މީހަކު ކަމުގައިވުން.

މުފުތީއަކަށް އޭނާގެ ފަތުވާ އިއްވުމަކަށް މަޙުކަމާއެއް (ކޯޓެއް) ނުވަތަ އޮފީހެއް ބޭނުމެއް ނުވާނެއެވެ. މައްސަލައާ ގުޅޭ ޚަޞްމުން ޙާޒިރުކުރާކަށް ނުޖެހޭނެއެވެ. އޭނާގެ ފަތުވާ ބިނާކުރާނީ ހަމަ އެކަނި ދީނުގެ އަޞްލުތަކާއި ނައްޞުތަކަށެވެ. ޤުރުއާނާއި ޙަދީޘާއި އިޖުމާޢާއި ޤިޔާސަށެވެ.

ނިންމައިލަމުން:

އިސްވެ ދިޔަ މަޢުލޫމާތުތަކަށް ބަލާ އިރު، ޤާޟީއާއި މުފުތީއަކީ ހަމަ ގާތްގަނޑަކަށް އެއް ކަހަލަ މަސައްކަތްކުރާ ދެ މީހުންނެވެ. ދެ މީހުން ވެސް ދީނުގައި އޮންނަ ޙުކުމް ބަޔާންކުރަނީއެވެ. ނަމަވެސް ޤާޟީއަކީ، ކޮންމެވެސް ދެ މީހެއްގެ ނުވަތަ ދެ ޚަޞްމުންގެ ދެމެދުގައި ކޮންމެވެސް މަދަނީ މުޢާމަލާތެއްގައި ފައިޞަލާކުރުމަށް ޓަކައި ޙުކުމް އިއްވާ މީހެވެ. އޭނާއަކީ ޙިއްސުތައް ސަލާމަތުން ހުރި މީހެއް ކަމުގައި ވާންޖެހޭނެއެވެ.

މިއާ ޚިލާފަށް، މުފްތީއަކީ ކޮންމެހެން މަޙުކަމާއެއްގައި ފަތުވާ ދޭންޖެހޭ މީހެއް ނޫނެވެ. އެއީ ދީނުގައި ކަން އޮތް ގޮތް ބަޔާންކޮށް އެ ކަމަކަށް ގޮތް ނިންމާ މީހާއެވެ. ގޭގައި އިނދެ ވެސް އެކަން ކުރެވިދާނެއެވެ. އޭނާގެ ފަތުވާ، އެކަނި އިނދެ އިންޓަރނެޓްގެ ޛަރީޢާއިން ވެސް ހާމަކުރެވިދާނެއެވެ. އަދި މުފްތީއަކީ ޙިއްސުތައް ސަލާމަތުން ހުރި މީހަކަށް ވާކަށް ވެސް ނުޖެހޭނެ އެވެ. ލޯފަން މީހަކަށް ވެސް މުފްތީއަކަށް ވެވިދާނެއެވެ.

އެންމެ ބޮޑުތަފާތެއް ކަމަށް ފާހަގަކުރެވެނީ ޤާޟީ އިއްވާ ޙުކުމަކީ ތަންފީޛުކުރާންޖެހޭ އެއްޗެކެވެ. މިސާލަކަށް މީހަކު ޖަލަށް ލާން ޤާޟީ ޙުކުމް ކޮށްފި ނަމަ، އޭނާ ޖަލަށް ލުމަކީ ވެރިކަމުގެ ފަރާތުން ކުރާންޖެހޭނެ ކަމެކެވެ. ނަމަވެސް މުފްތީއަކު ދޭ ފަތުވާއެއްގައި، މީހަކު ޖަލަށް ލާން ޖެހޭނެ ކަމަށް ޙުކުމް ކުރިޔަސް އެ ޙުކުމް ތަންފީޛުކުރާކަށް ނުޖެހޭނެއެވެ. އޭނާގެ ފަތުވާއިން އެނގޭނީ އެ ކަމުގައި އޮންނަ ޙުކުމެވެ. ކަންކުރާންޖެހޭ ގޮތެވެ.

މި މައުޟޫޢަކީ ވަރަށް ފުޅާ މައުޟޫޢަކަށް ވިޔަސް މި މައުޟޫޢުގައި ގިނައިން ހުންނަނީ ޤާޟީންނާ ބެހޭ ވާހަކަތަކެވެ. ފިޤުހު ފޮތްފޮތުގައި ވެސް މިކަމަށް ވަކި ބާބުތައް ޚާއްޞަކޮށްފައިވެއެވެ. މުފްތީންނާ ބެހޭ ގޮތުން ހުންނަ ބައިތައް އަޅުގަނޑަށް ފެނިފައިވާލެއް ވަރަށް މަދެވެ. މިއީ ކުރީ ޒަމާނުގައި މުފްތީކަމާއި ޤާޟީކަމަކީ އެކުވެ، ގުޅިފައިވާ ދެ ކަންތައްކަމަށް ވާތީ މުފްތީންނާ ބެހޭ ވަކި ބާބުތައް މާ ގިނައިން ގެނެސްފައި ނުވަނީ ކަމަށް ވެސް ވެދާނެއެވެ.

ކޮންމެއަކަސް ޤާޟީންނާއި މުފްތީންގެ އެންމެ ބޮޑު ތަފާތަކީ ޤާޟީންނަށް ޙުކުމް ކުރެވޭނީ ވަކި މަޙުކަމާއެއްގައި ޝަރީޢަތުގެ މަޖިލިސްގައި ކަމަށް ވެފައި މުފްތީއަށް އޭނާގެ ފަތުވާ ކޮންމެ ތަނެއްގައިވެސް ދެވުމެވެ. އަދި ޤާޟީގެ ޙުކުމް ތަންފީޛުކުރާންޖެހުމާއި މުފްތީގެ ޙުކުމަކީ ހަމައެކަނި ކަން އޮންނަ ގޮތް (ޙުކުމް) ބަޔާންކުރުން ކަމަށް ވުމެވެ. އަދި ޤާޟީއެއްގެ ވަޒީފާ އަދާކުރެވޭނީ ޙިއްސުތައް ސަލާމަތުން ހުންނަ މީހަކަށް ކަމަށް ވިޔަސް ބައެއް ޙިއްސުތައް ނެތަސް މުފުތީއަކަށް ވެވިދާނެ ކަމެވެ.

ރުޖޫޢަވި ވަސީލަތްތައް (މަރާޖިޢުތައް):

  • القران الكريم
  • القران الكريم ގެ ދިވެހި ތަރުޖަމާ
  • فضـيلةالدكتور أفراشيم على (ބައެއް ލެކްޗަރތައް)
  • ޖަމާލުއްދީން މުޙައްމަދު (2004).ލިސާނުލްޢަރަބި. މިޞްރު: ދާރު ޞާދިރު
  • އިސްމާޢީލް އިބްނި ޙައްމާދުލްޖައުހަރީ. (1982).އައްޞަޙާޙު ތާޖުއްލުޣަތި ވަ ޞަޙާޙުލްޢަރަބިއްޔާ
  • ޑރ. މުޙައްމަދު ސޫސުފް ޢަލީ.(2011).2 ވަނަ ބައިނަލްއަޤްވާމީ އިންސާނިއްޔަތާއި ތާރީޚާއި އިޖުތިމާޢީ ޢިލްމާ ބެހޭ މަހާސިންތާ
  • އަބޫދާއޫދު، ފޮތް 24، ޙަދީޘު ނަންބަރު 3581، މުސަނަދު އަޙުމަދު
  • http://islamicthinkers.com/welcome/?p=325
  • http://www.answers.com/topic/mufti#ixzz2N6pny2bG
  • (http://islamicthinkers.com/welcome/?p=325)
  • (http://www.answers.com/topic/mufti#ixzz2N6pny2bG)