Support Us

ކޮލަމް ކޯދު: އިބިލީހުގެ ޝައިތާނީ މަޖިލީހުގެ ވާހަކައެއް

އިބިލީހުގެ ޝައިތާނީ މަޖިލިހުގެ ކުއްލި ބައްދަލުވުމެއް ބޭއްވިއެވެ. މަޖުލީހުގެ ރިއާސަތުގައި އިނީ އިބިލީހެވެ. ބަހުސްކުރުމަށް އެޖެންޑާގައި ކަނޑައަޅާލެވިފައި އޮތީ އެންމެ ކަމެކެވެ. ދާދިފަހުން ތަނެއްގައި އާންމުވެގެން ދިޔަ ވީޑިޔޯއަކާ ވިދިގެން އިބިލީހުގެ އިދާރާއިން ދެން ކަންތައް ކުރާނޭ ގޮތެއް ކަނޑައަޅާލުމެވެ.

މަޖުލީސް ހުޅުވާލުމަށް ފަހު، އިބިލީސް ބުންޏެވެ. "މިއަދު ދައްކާނޭ މާކަ ގިނަ ވާހަކަތަކެއް ނެތެވެ. ކަލޭމެން އެންމެނަށް ވެސް އެ ބުނާ ވީޑިޔޯގެ މަންޒަރުތައް ފެނިއްޖެ ނޫން ހެއްޔެވެ؟ މިކަމަކީ އިހައް ދުވަހު އާންމުވެގެންދިޔަ ކަމަކަށް ވިޔަސް، މިފަދަ އަމަލުތައް ފާޅުގައި ކުރެވޭތާ އެތައް ދުވަހެއް ވެއްޖެކަން ކަލޭމެންނަށް ވެސް އެނގޭ ނޫން ހެއްޔެވެ؟ އަދި، މި ވީޑިޔޯގެ މައްސަލަ ވެސް، އެކަން އާންމުވުމުގެ ކުރިން ވެސް، ހިލިގެން އުޅޭކަން ވެސް ކަލާމެންނަށް އެނގޭނޫން ހެއްޔެވެ؟"

ދެން، އިބިލީހުގެ ޝައިތާނީ މަޖުލިހުގެ އެންމެންވެސް ކަނުލައި އަހަން ތިބިތޯ ބަލާލުމަށް ފަހު، އިބިލީހުގެ ވާހަކަ ކުރިއަށް ގެންދިޔައެވެ! "މިކަން އާންމުވެގެން ދިޔުމުން ދެތިން ކަމެއް ފާހަގަވިކަން އަހަރެން ބުނެލަން ބޭނުމެވެ. ފުރަތަމަ ކަމަކީ، އެތަނަކީ، އެތަނުގެ ސީދާ ވެރިއަކީ ކާކުކަން އެނގެން އޮތް ތަނެއް ނޫނެވެ. އާންމުންގެ ކަންބޮޑުވުމެއް ފާޅުގެވެންދިޔަ ކަމެއްގައި، ވެރިޔާގެ އަޑެއް، ހިލަމެއް އެތަނަކުން ނީވެއެވެ. މީގެ އިތުރުން ފާހަގަކޮށްލެވޭ އަނެއްކަމަކީ އެތަނަކީ އާންމުކޮށް އެންމެންގެ މައްޗަށް ހިންގާލެވޭ ގާނޫނެއް ގަވާއިދެއް އޮތް ތަނެއް ނޫންކަމެވެ. ގާނޫނާއި ގަވާއިދަކީ އެ އިރެއްގެ ހާލަތު ނިޔާކުރާ ގޮތުން ވަކި މީހެއްގެ ދުލުން ނިކުންނަ އެއްޗެކެވެ. އެ ދުލުން، އެ ނިކުންނަ އެއްޗެއް ނިކުތުމުން، އެ ވަނީ ގާނޫނާއި ގަވާއިދަށް ކަމެވެ."

ދެން، ޝައިތާނީ މަޖިލިހުގެ އިސް މެމްބަރެއް ކަމުގައިވާ ދާސީމަވަރު ބުންޏެވެ. "އަނެއްކާ ތިޔަކަންކަން ފާހަގަކުރެވުމުން، އެކަމާ އިބިލީސް ހިތާމަކުރަނީ ހެއްޔެވެ؟ ތިއީ ހައްތަހާ ވެސް އަހަރުމެން އެދޭ ކަންކަން ނޫން ހެއްޔެވެ؟"

ދާސީމަވަރަށް ޖަވާބުދެމުން އިބިލީސް ބުންޏެވެ. "ނޫން ނޫނެކެވެ. ފަހަރެއްގައި ވެސް އެކަންކަމާ ހިތާމައެއް އަހަރެން، އިބިލީސް، ނުކުރަމެވެ. އެކަންކަން ފާހަގަކޮށްލަން ޖެހުނީ އެހެން ވާހަކައެއް ބުނަން ވެގެންނެވެ. އެއީ، އެތަން އިތުރަށް މަގުފުރައްދައި، ޚަރާބުކުރަން އަހަރެން، އިބިލީހާއި، އަހަރުމެންގެ ޝައިތާނީ މަޖުލީހުގެ މެމްބަރުންގެ އިތުރު މަސައްކަތަށް އެތަން މިހާރު ބޭނުންނުވާ ވާހަކަ ބުނަން ވެގެންނެވެ. އެއީ އިބިލީހުގެ ވާވެއްދުން އެތަނަށް މިހާރު ބޭނުންނުވާ ތަނެކެވެ. ވެރިއަކީ ކާކުކަން ނޭނގޭ، ވެރިއެއްގެ އަމުރު ނުހިނގާ އަދި ގާނޫނާއި ގަވާއިދެއްގެ އަމުރު ވެސް ނުހިނގާ، ތަނެއް ޚަރާބުކުރަން އިބިލީހަކު ނޫނީ އޭނާގެ ޝައިތާނީ މަޖުލީހުގެ މެމްބަރަކު ބޭނުމެއް ނުވާނެއެވެ. އެފަދަ ތަނެއްގައި ބޭނުން މީހަކަށް އެމީހެއްގެ ހަވާ ނަފްސުގެ އަޅަކަށް ވެގެން އުޅުމުގެ ފުރުސަތާއި ފުރިހަމަ މިނިވަންކަން ތަންމިނަށް ހުޅުވިފައި އޮވެއެވެ. އެތަނުގެ އަހުލުވެރިންގެ ހަވާ ނަފްސުގެ ހެއްލުންތަކާ ދިމާއަށް ލަވައި ގެންދިޔުމަށްޓަކައި އިބިލީހެއްގެ އެހީއަކަށް އެމީހުން ބޭނުމެއް ނުވާނެއެވެ! މިފަދަ ގޮތަކަށް އެތާނގައި ކަންތައް އޮތުމުން، އިނގިރޭސިންނަށް ވެސް ފައިދާ ކުރާނެއެވެ. އެމީހުން ބޭނުންވާ ކަންތައް އެ ތަނުގައި ހިންގާލުމަށްޓަކައި، އިތުރު އެއްވެސް ފައިސާއެއް ޚަރަދުކުރާކަށް އެމީހުންނަށް ނުޖެހޭނެތީއެވެ. އެފައިސާ ޚަރަދު ނުކުރިޔަސް އެމީހުން ތަމްސީލުކޮށްދީ އެމީހުން އެދޭ ގޮތަކަށް ކަންތައް ހީންގާލާނޭ، ދުލަކާއި އަތެއް އެމީހުންނަށް ލިބިފައި އޮތުމުން، އެކަން އެމީހުން އެދޭ ގޮތަށް ވާނެތީއެވެ!" މިހެން ބުނެ، އިބިލީސްގެ ވާހަކަކޮޅު ނިންމާލައި އިބިލީހުގެ ޝައިތާނީ މަޖުލީހުގެ ބައްދަލުވުމުން ވެސް ނިމުނީ ކަމުގައި އިބިލީސް ކަނޑައެޅިއެވެ.