ޤައުމީ ލޯތްބަކީ އެ މީހެއްގެ ޤައުމުދެކެވާ ލޯތްބާއި، ޤައުމަށް ވަފާތެރިވުމާ ގުޅުންހުރި އިޙްސާސެވެ. މި ގުޅުމަކީ ނަސްލީ، ސަގާފީ، ސިޔާސީ ނުވަތަ ތާރީޚީ ކަންކަން ހިމެނޭ ގޮތަށް ތަފާތު އެތައް އިޙްސާސްތަކެކެވެ. މި ގުޅުން ބަނދެލާ ވާފަށަކީ އެ ބައެއްގެ ބަހެވެ. އޭގެ ބިންގަލަކީ އެ ބައެއްގެ އަޤީދާއެވެ. ދިވެހިރާއްޖޭގައި ޤައުމީ ލޯބީގެ ނާރެހަކީ މާތްވެގެންވާ އިސްލާމްދީނެވެ. ދިވެހިރާއްޖެ އިސްލާމްވީ ފަހުން ދިވެހީން ކުރި ކޮންމެ ހަނގުރާމައަކުން ފެންނަނީ ދިވެހީންގެ ހިތްތަކުގައި އޮތް ދީނީ ލޯތްބާއި ޤައުމީ ރޫޙެވެ.
ޤައުމީ ލޯބި އެކުލެވިގެންވަނީ މައިގަނޑު ހަތަރު ބައެއްގެ މައްޗަށެވެ. އެއީ ތިމާގެ ޤައުމާމެދު ޚާއްޞަ ލޯތްބެއް ހިތުގައި ބިންވަޅު ނެގުމާއި، ކޮންމެ ކަމެއްގައި ވެސް ޤައުމު އިސްކޮށް، ޤައުމީ ވިސްނުމަކުން ވިސްނުމާއި، ޤައުމުގެ ދުޅަހެޔޮކަމަށް ޝައުގުވެރިވުމާއި، ޤައުމުގެ ހެވާއި ލާބައަށްޓަކައި ގުރުބާންވުމެވެ.
ޤައުމުގެ ހެވާއި ލާބައަށް ޓަކައި ޤުރުބާންވުމަކީ ޤައުމަށްޓަކައި ފިދާވުމެވެ. ޤައުމީ މަޞްލަޙަތުގެ ކުރިމަތީގައި ޒާތީނުވުމެވެ. އަމިއްލަ މަޞްލަޙަތު ދޫކޮށްލުމެވެ. އަމިއްލަ އުފާތަކުން މަހުރޫމުވެފައި ވެސް ޤައުމަށް އުޖާލަކަމާއި ފާގަތިކަން ގެނެސްދިނުމެވެ.

ޤައުމަށް ޓަކައި އެންމެ ބޮޑު ޤުރުބާނީއެއްވާ ބަޔަކީ އެ ޤައުމެއްގެ ސިފައިންނެވެ. ސިފައިންނާއި ޤައުމިއްޔަތު ގުޅިފައިވަނީ ހަނގުރާމައަށް ތައްޔާރަށް ތިބުމާއި، އަސްކަރީ ޚިދުމަތުގައި ދެމިތިބުމުގެ މައްޗަށެވެ. މާތްﷲ ގަންދީ ހުވާކޮށް، ވެފައިވާ ވަޢުދުގެ މައްޗަށެވެ. ސިފައިންގެ ކޮންމެ މީހަކީ ހަނގުރާމަވެރިއެކެވެ. އާންމު ހާލަތުގައި ކޮންމެ ދާއިރާއެއްގައި އޭނާ މަސައްކަތް ކުރިއަސް އާޚިރުގައި އޭނާއަކީ މި ޤައުމަށް ޓަކައި ފުރާނަ ޤުރުބާންކުރަން ތައްޔާރަށް ހުންނަ ފަހުލަވާނެކެވެ.
އެތައް ވަޒީފާއަކާއި އެތައް ގޮތެއް ފެންނަން އޮއްވާމެ ސިފައިންގެ މީހާ ޤައުމަށް ޓަކައި ހުސްވެއެވެ. ޤާނޫނުން އެހެން މީހުންނަށް ލިބިދޭ އެތައް މިނިވަންކަމަކުންނާއި ޙައްޤުތަކަކުން އޭނާ މަހުރޫމްވެއެވެ. ފުރާނަ ނުރައްކަލުގެ ތެރެއަށް ވައްޓާލައެވެ. ޤައުމާއި މުޖުތަމަޢުއަށް ޚިދުމަތްކުރުމަކީ އުފަލެއްކަމުގައި ދެކެއެވެ. ސިފައިންގެ މީހާއަށްވުރެ ޤައުމު ދެކެ ލޯބިވަނީ ކާކުހެއްޔެވެ؟
- މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި



advertisment