Support Us

ކޮލަމް: ކޯދު: ކުރުވާހަކަ- ނޭނގޭ ކަމަށް ހެދުމުގެ ފައިދާ

އެއް ދުވަހަކު ބޯކޮށާ ފިހާރައަކަށް ކުޑަ ކުއްޖަކު ވަނެވެ. ބޯކޮށަން އިން މީހާއަށް ބޯކޮށާ މީހާ އެ ކުއްޖާ ދައްކައިފައި އޭނާގެ ކަންފަތް ދޮށުގައި ސިއްރުސިއްރުން ބުންޏެވެ. "މި ކުއްޖާ ވާނީ މުޅި ދުނިޔޭގައި ވެސް ހުރި އެންމެ ގަބު ކުއްޖާއަށެވެ."

ދެން ބޯކޮށަން އިން މީހާ ބުންޏެވެ. "ތިޔަހެން ތި ބުނީ ކީއްވެހެއްޔެވެ؟"

"އަހަރެން އެކަން ސާބިތުކޮށްދެން ހެއްޔެވެ؟" މިހެން ބުނެފައި ބޯކޮށާ މީހާ އޭނާގެ އެއް އަތަށް ރުފިޔާއެއް ލާފައި އަނެއް އަތަށް ފަންސާސް ލާރި ލިއެވެ. އަދި، އެ ކުއްޖާއަށް ގޮވާފައި އޭނާ ބޭނުން އެއްޗެއް ނަގަން އޭނާ ގާތު ބުންޏެވެ. އެ ކުއްޖާ އައިސް ފަންސާސް ލާރި ނަގައިގެން ދިޔައެވެ.

އެ ކުއްޖާ ދިޔުމުން ބޯކޮށާ މީހާ ބުންޏެވެ. "މިހާރު، އެތައް ފަހަރަކު އަހަރެން މިކަން ކޮށްފީމެވެ. ކޮންމެ ފަހަރަކު ވެސް އެކުއްޖާ ނަގަނީ ފަންސާސް ލާރިއެވެ."

ބޯކޮށަން އިން މީހާ ބޯކޮށައި ނިމިގެން ގެއަށްދިޔަ މަގުމަތީ އެ ކުއްޖާއާ ދިމާވިއެވެ. ދެން، އޭނާ ކުރެން ފަންސާސް ލާރި ޚިޔާރުކުރީ ކީއްވެތޯ އަހައި ސުއާލުކުރިއެވެ. ޖަވާބުގައި އެ ކުޑަ ކުއްޖާ ބުންޏެވެ. "ރުފިޔާ ނަގައިފި ނަމަ، އެ ހިސާބުން އެކަން ނިމޭނެއެވެ. ދެން، އޭނާ އަލަކުން އެކަމެއް ނުކުރާނެއެވެ!"

އާދެ، ނޭނގޭ ކަމަށް ހެދުމަކީ ބައެއް ފަހަރު، ބުއްދިވެރި ކަމެކެވެ!