Support Us

ހިމްސްގެ ގަވަރުނަރު ސަޢީދު ބިން ޢާމިރާ ގުޅޭ ޝަކުވާތަކަށް ދެއްވި ރައްދު

އަމީރުލް މުއުމިނީން ޢުމަރު ބިން އަލްޚައްޠާބުގެ ޚިލާފަތުގެ ދުވަސްވަރު ޝާމްކަރައިގެ ހިމްސްގެ ގަވަރުނަރު ކަމަށް ސަޢީދު ބިން ޢާމިރު ހަމަޖެއްސެވިއެވެ. އެއް ދުވަހަކު އުމަރުގެފާނު އެކަލޭގެފާނުގެ އާދަކާދައިގެ މަތީން، ޙިމްސްގެ ކަންކަން ހިނގަމުންދާ ގޮތް ބައްލަވާލައްވަން އެތަނަށް ވަޑައިގަތެވެ. އެ ހިނދު ވަރަށް ބޮޑު ޖަމާއަތެއްގެ ބަޔަކު އުމަރުގެފާނުގެ އަރިހަށް ޖަމަޢުވެ ސަޢީދާ ބެހޭ ޝަކުވާ ދެންނެވިއެވެ.

އެބައިމީހުން މައިގަނޑު ހަތަރު ކަމަކާ މެދު އުމަރުގެފާނަށް ޝަކުވާ ދެންނެވިއެވެ. އެގޮތުން ފުރަތަމަ ކަމަކަށް އެމީހުން ދެންނެވިއެވެ.

"ޔާ އަމީރުލް މޫމިނީންއެވެ. ސަޢީދު ހެނދުނު ވަރަށް ލަސްވަންދެން އަހުރެމެންގެ ގާތަށް ނިކުމެވަޑައިނުގަންނަވައެވެ. ދެވަނަ ކަމަކީ ރޭގަނޑު އެކަލޭގެފާނަށް ގޮވައިލާ އެއްވެސް މީހަކަށް އެކަލޭގެފާނު ޖަވާބު ނުދެއްވައެވެ. ތިންވަނަ ކަމަކީ، މަހަކު އެއްފަހަރު، ރައްޔިތުންނާ ދުރުގައި ހުންނަވައެވެ. އަދި ހަތަރުވަނަ ކަމަކީ ދޭތެރެދޭތެރެއިން ސަޢީދު ހޭފުޅުނެތެއެވެ. އެއްވެސް ސަބަބެއް ނެތިއެވެ."

ދެންފަހެ އުމަރު ބުން އަލްޚައްތާބު، ޙިމްސުގެ އަހުލުވެރިންގެ ޝަކުވާތަކަށް ޖަވާބުދާރީވުމަށް ސަޢީދުގެފާނުގެ އަރިހުން އެދިވަޑައިގެންނެވިއެވެ. އެހިނދު ސައީދު ބުން ޢާމިރު (ރަޟިޔަﷲ އަންހު) ވިދާޅުވިއެވެ.

"ޔާ އަމީރުލް މޫމިނީން އެވެ. ފުރަތަމަ ޝަކުވާއާ ގުޅޭގޮތުން ދަންނަވަމެވެ. އަޅުގަނޑުގެ އެއްވެސް އަޅަކު ނުހުރެއެވެ. އެހެންކަމުން، ކޮންމެ ދުވަހަކުވެސް ހެނދުނު ރޮށި ފިހުމަށްޓަކައި އަމިއްލައަށް އުޑިން ފުށް މުގުރަމެވެ. އަދި ފުށް މޮޑެ ރޮށި ފިހެ ނިމުނުހާ އަވަހަކަށް ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ނިކުންނަމެވެ.

"ދަވަނަ ޝަކުވާއަކަށް، ރޭގަނޑު ގޮވައިލާ އެއްވެސް މީހަކަށް އިޖާބަ ނުދިނުމާ ބެހޭ ގޮތުން ދަންނަވަމެވެ. ދުވާލުގެ ވަގުތުތައް އަޅުގަނޑު ޚާއްސަ ކުރަނީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށެވެ. ރޭގަނޑުގެ ވަގުތުތައް އަޅުގަނޑު ޚާއްސަ ކުރަނީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަށް އަޅުކަން ކުރުމަށެވެ.

"ތިންވަނަ ޝަކުވާއަކަށް، ކޮންމެ މަހަކުވެސް އެއްދުވަހު ރައްޔިތުންގެ ކައިރިއަށް ނުދިއުމާ ބެހޭގޮތުން ދަންނަވަމެވެ. އަޅުގަނޑުގެ އަތުގައި އޮންނަނީ އެންމެ ހެދުމެކެވެ. އެ ހެދުން މަހަކު އެއްފަހަރު ދޮންނަމެވެ. ދެން ހިކެންދެން ގޭގައި މަޑުކުރަން ޖެހެނީއެވެ.

"އަދި ހަތަރު ވަނަ ޝަކުވާއާ ގުޅޭ ގޮތުން ދަންނަވަމެވެ. އަޅުގަނޑު މުޝްރިކެއްގެ ގޮތުގައި ހުރިއިރު މައްކާގައި ހަބީބުލް އަންސާރީ ވަރަށް އަނިޔާވެރި ގޮތަކަށް ޝަހީދުކޮށްލެވުނުތަން އަޅުގަނޑު ދުށީމެވެ. ޤުރައިޝް އެކަލޭގެފާނުގެ ހަށިގަނޑުގެ މަސްތައް ކަނޑާލި ގޮތް އަޅުގަނޑަށް ފެނުނެވެ. އެމީހުން ހަބީބަށް ދެންނެވިއެވެ. 'ތިބާގެ ބަދަލުގައި މުޙައްމަދުގެފާނު މިތަނުގައި ބަހައްޓަން ތިބާ ބޭނުންވޭތޯއެވެ؟' ޖަވާބުގައި އެކަލޭގެފާނު ވިދާޅުވިއެވެ. ﷲ ގަންދީ ބުނަމެވެ. އަޅުގަނޑާއި އަޅުގަނޑުގެ ޢާއިލާއާއި ދަރިން ސަލާމަތުން ބައިތިއްބާފައިވެސް، އިތުރު އެކަލޭގެފާނުގެ ފައިންޕުޅަށް ކައްޓެއް ހެރެންވެސް އަހުރެން ނޭދެމެވެ. ފަހެ  އެދުވަސް ހަނދާންވާ ކޮންމެ ފަހަރަކު، އަދި އަޅުގަނޑަކީ އޭރު މުޝްރިކެއް ކަމުގައި ވާތީ، ޙަބީބަށް އެހީތެރިވުމުން އަޅުގަނޑު ބަރީއަވީ ގޮތް ހަނދާންވެފައި ހޭނެތެނީއެވެ. ސަބަބަކީ މާތްރަސްކަލާނގެ އަޅުގަނޑުގެ އެ ފާފަ ދުވަހަކުވެސް ނުފުއްސަވާނެއޭ ހިތަށްއަރާތީއެވެ. އެހެންކަމުން އެވަގުތު އަހުރެން ހޭނެތިގެން ދަނީއެވެ."

  • މަސްދަރު: ސްޓޯރީސް އޮފް ރިޕެންޓެންސް/ މުޙައްމަދު އަބްދުލް މުޣާވިރީ

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *