Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: ހުކުރު ޙައްޖެއްގެ އުފާވެރިކަން ލިބޭ އަހަރެއް

މި އަހަރުގެ ޛުލްޤަޢިދާ މަސް ފެށުމުގައި ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާ އެއް ދުވަހުގެ ތަފާތެއް ހުއްޓެވެ. އެހެން ދިމާވެފައިވަނީ ހަނދު ލެއްވުމުގައި ޢަމަލުކުރާ އިސްލާމީ ޤާޢިދާގައިވާ ގޮތަށް ޢަމަލު ކުރުމުގައި، ރާއްޖެއަށް ޝައްވާލު މަހުގެ 29 ވަނަ ދުވަހު، އިރަށް ވުރެ ހަނދު އޮއްސުން އިސްވުމުގެ ސަބަބުންނެވެ.

ހަނދު ލެއްވުމުގައި ޢަމަލުކުރާ އުޞޫލުގައިވާ ގޮތުން، ހަނދުމަހެއްގެ 29 ވަނަ ދުވަހު ހަނދު ނުފެންނަ ޙާލަތެއްގައި އެދުވަހު އިރަށް ވުރެން ކުރިން ހަނދު އޮއްސޭކަން ފަލަކީ ޙިސާބަށް ކަށަވަރުވާނަމަ، ކުރިއަށް އޮންނަ ދުވަހަކީ ހިނގަމުންދާ މަހުގެ 30 ވަނަ ދުވަސް ކަމަށް ކަނޑައެޅެއެވެ.

ޝައްވާލުމަހު 29 ވަނަ ދުވަހު އިރު އޮއްސުމުގެ ކުރިން ރާއްޖެއަށް ހަނދު އޮއްސޭކަން ފަލަކީ ޙިސާބުން އެނގޭން އޮތް ފަދައިން، އެ ދުވަހު ރާއްޖެއަށް ވުރެން ފަހުން އިރު އޮއްސޭ ސަޢޫދީ ޢަރަބިއްޔާއަށް އިރަށްވުރެން ހަނދު އޮއްސުން ފަސްވާކަން ވެސް ފަލަކީ ގޮތުން އެނގޭން އޮތް އޮތުމަކީ، ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއަށް ޛުލްޤަޢިދާމަސް ފެށުމުގައި އެއް ދުވަހުގެ ތަފާތެއް އައި ސަބަބެވެ.

އެހެނަސް ޛުލްޙިއްޖާ މަސް ފެށުމުގައި އެއްއުއިވަނީ ޖޫން 29 ވަނަ ދުވަހު ހެނދުނު މާލޭ ގަޑިން 07:52 ގައި ކަން ފަލަކީ ގޮތުން އެނގޭން އޮވެފައި، އިސްލާމީ ދައުލަތްތަކުން އެންމެ އިރުމައްޗަށް އޮންނަ އިންޑޮނޭޝިއާގެ އެންމެ އިރުމައްޗަށް ވެސް، އެ ދުވަހު އިރަށް ވުރެން، ހަނދު އޮއްސުމުގައި އަށް މިނެޓް ފަސްވާކަން އެނގޭން އޮތުމަކީ، އޭގެ ހުޅަނގަށް ހުރި ހުރިހައި އިސްލާމީ ދައުލަތްތަކުގެ ރަށްތަކަށް ހަމަލޮލުން ވެސް ހަނދު ދުށުމުގެ ފުރުޞަތު އޮތް ދުވަހަކަށް ވުމުން، އިސްލާމީ ދުނިޔޭގެ އެއްވެސް ޤައުމަކަށް މިއަހަރު ޙައްޖު މަސް ފެށޭ ދުވަސް ތަފާތުވާނެ އެއްވެސް ސަބަބެއް ނެތެވެ.

އެހެންކަމުން، މި ޖޫން މަހުގެ 30 ވަނަ ދުވަހަކީ، މި އަހަރުގެ ޙައްޖުމަހުގެ އެއް ވަނަ ދުވަހަށް ވާނެތީ، މި ޖޫން މަހަކީ، ދެ ހަނދުމަސް ފެށުމުގެ ފުރުޞަތު ލިބިފައިވި ޖޫން މަހަކަށްވީއެވެ. އަދި މި އަހަރަކީ ހުކުރު ޙައްޖު ދުވަހެއް ދިމާވުމުގެ އުފާވެރިކަން ވެސް އުއްމަތަށް ލިބޭ އަހަރަކަށް ވީއެވެ.