ތިންވަނަ ދުނިޔޭގެ ޤައުމުތަކުގައި ޗައިނާގެ ނުފޫޒު އިތުރުވަމުންދާތީ އެކަމާ ވާދަކުރުމަށް ޓަކައި ޖީ-7ގެ ޤައުމުތަކުން 600 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް ހިމެނޭ އިސްނެގުމެއް އިޢުލާންކޮށްފިއެވެ. ރައީސް ބައިޑްން އިޢުލާން ކުރެއްވި ގޮތުގައި މިއީ ޗައިނާގެ ކަމަރުމަގާ ވާދަކުރުމަށް ޓަކައި ރޭވުނު އިސްނެގުމެކެވެ.
"ދުނިޔޭގެ ބިނާރު ޕްރޮގްރާމު"ގެ ނަން ދީފައިވާ މި މަޝްރޫޢު ހިންގުމަށް ޓަކައި އެމެރިކާއިން ޖީ-7ގެ ޖަމާޢަތަށް 600 ބިލިއަން ޑޮލަރު ޖަމާކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ބައިޑްން ވިދާޅުވިއެވެ. ޖީ-7ގެ ޤައުމުތަކަކީ އިޓަލީއާއި ޖަރްމަނާއި އެމެރިކާއާއި ފަރަންސޭސިވިލާތާއި ކެނެޑާއާއި ޖަޕާނާއި އިނގިރޭސިވިލާތެވެ. ދުނިޔޭގެ ހަތަވިވަރުގެ 38% އަކީ މި ޤައުމުތަކުގެ އުފެއްދުންތަކެވެ.
ޗައިނާގެ ކަމަރު މަގު މަޝްރޫޢަކީ ތިންވަނަ ދުނިޔޭގެ ޤައުމުތަކުގެ ތަރައްޤީގެ މަޝްރޫޢުތަކަށް އެހީވުމަށް ޓަކައި ޗައިނާއިން ޤާއިމުކޮށްފައިވާ ޕްރޮގްރާމެކެވެ. ޗައިނާގެ މި ޕްރޮގްރާމުގެ ދަށުން ސަތޭކައެއްހާ ޤައުމަށް ދަނީ އެހީލިބެމުންނެވެ. މީގެތެރޭގައި ގިނައީ އޭޝިޔާއާއި އެފްރިކާއާއި ޕެސިފިކް ކަނޑުގެ ޤައުމުތަކާއި ލެޓިން އެމެރިކާގެ ޤައުމުތަކެވެ.
ރައީސް ބައިޑްން ޖީ–7ގެ މި މަޝްރޫޢު ހާމަކުރެއްވީ އިއްޔެ މި ޖަމާޢަތުގެ ސަމިޓްގައެވެ. ޖަރްމަނުގެ ބާވާރިޔާ ސަރަޙައްދުގައި ބޭއްވެމުންދާ މި ސަމިޓަކީ ތިން ދުވަހު ބައްދަލުވުމެކެވެ. މި ސަމިޓަށް ފަހު ރައީސް ބައިޑްން ވަޑައިގަންނަވާނީ ނޭޓޯގެ ސަމިޓްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ޓަކައި ސްޕޭންގެ ވެރިރަށް މެޑްރިޑަށެވެ. ޖީ-7ގެ ސަމިޓްގެ މަޝްރޫޢުގައި އިސްކަން ދިނުމަށް ހަމަޖެހިފައިވާ މައިދާންތަކަކީ ޞިއްޙަތާއި ފަންނިއްޔާތާއި އަމާން މުވާސަލާތެވެ.
މަޝްރޫޢަށް ފައިސާ ދެނީ ކާކު؟
ރިޕޯޓުތައް ބުނާގޮތުގައި މި މަޝްރޫޢުގައި ހިމެނެނީ ޖުމްލަ ހަސަތޭކައެއްހާ ބިލިއަން ޑޮލަރެވެ. މި ފައިސާ ލިބޭނީ ވުނަކުރުމުގެ ދަށުންނާއި ދަރަނީގެ ގޮތުގައްޔާއި ހިލޭ އެހީގެ ގޮތުގައެވެ. މި މަޝްރޫޢު 2027ގައި ތަންފީޒުކޮށް ނިމޭނެއެވެ.
އެމެރިކާއިން މި މަޝްރޫޢަށް ޓަކައި މި އަންނަ ފަސް އަހަރުގެ ތެރޭގައި 200 ބިލިއަން ޑޮލަރު ހޭދަކުރާނެއެވެ. ބާކީ އޮތް ބައި ލިބޭނީ ޖީ-7ގެ އެހެނިހެން ޤައުމުތަކުންނާއި ޔޫރަޕްގެ އިއްތިޙާދުންނާއި ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ފަންޑުތަކުންނާއި ޚާއްޞަ ކުންފުނިތަކުންނެވެ. ޔޫރަޕްގެ އިއްތިޙާދުން މިހާރު ވަނީ 300 ބިލިއަން ޔޫރޯ ދޭނެ ކަމަށް ވަޢުދުވެފައެވެ.
މަޝްރޫޢުގެ އަމާޒު
ޖީ-7ގެ މި މަޝްރޫޢުގެ އަމާޒަކީ، މުޙައްލިލުން ވިދާޅުވާ ގޮތުގައި ޗައިނާ ކަމަރު– މަގު މަޝްރޫޢެވެ. ޗައިނާގެ މި މަޝްރޫއުގައި އިސްކަންދީފައިވަނީ އޭޝިޔާއާއި އެފްރިކާގެ ބިނާރުތަކަށެވެ. ޚާއްޞަގޮތެއްގައި ރޭލްވޭއަށާއި ބަނދަރަށާއި މަގުތައް ހެދުމަށެވެ. ޗައިނާގެ ރައީސް ޝީ ޖީން ޕިންގް 2013ގައި ފެށްޓެވި މަޝްރޫޢުގެ އަމާޒަކީ ޔޫރަޕާ އޭޝިޔާއާ ދެމެދުގައިވާ ގުޅުންތައް އަލުން ރަނގަޅު ކުރުމަށް ޓަކައި ކުރީގެ ފަށުވި މަގު އަލުން އާރާސްތުކޮށް ބިނާކުރުމެވެ. މި މަޝްރޫޢަކީ ޓްރިއަން ޑޮލަރުގެ (އެއްހާސް ބިލިއަން) ޑޮލަރުގެ ބިޔަ މަޝްރޫޢެކެވެ. އެމެރިކާއާއި ހުޅަނގުން ދެކޭ ގޮތުގައި މިއީ އޭޝިޔާއާއި އެފްރިކާއާއި ޔޫރަޕާއެކު ޗައިނާއިން ކުރަމުންދާ ވިޔަފާރީގެ މުޢާމަލާތުތައް ކުރިއެރުވުމަށް ޓަކައި ފަށައިފައިވާ މަޝްރޫޢެކެވެ.
މިއީ އަފްޣާނިސްތާނާއި ޢިރާޤުން ފައިބާން މަޖްބޫރުވެފައިވާ އެމެރިކާގެ ލަގޮނޑިއަށް ވަރަށް ތަދުވާ ކަމެކެވެ. ޗައިނާގެ ވިޔަފާރި ކުރިއަށް ދިޔުމަކީ އެމެރިކާ ދެކެން ބޭނުންވާ ކަމެއް ނޫނެވެ. ވައިޓް ހައުސް ބުނާގޮތުގައި ޗައިނާއިން ތަރައްޤީވުމަށް މަސައްކަތްކުރާ ޤައުމުތަކަށް އެކަށީގެންވާ އެހީއެއް ދޭތަނެއް ނުފެނެއެވެ.
ޗައިނާއާ ދެކޮޅަށް އެއްބާރުލުންތައް ޤާއިމުކުރާން އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކާމެދު ބޭޖިންގް ހިތްހަމައެއް ނުޖެހެއެވެ. ޗައިނާ ބުނާގޮތުގައި އައު ފިނި ހަނގުރާމައެއް ފެށުމަކީ ކުރިމަތިލުންތަކެއް ފެށުމަށް އެހީވެދޭނެ ބަހާއެކެވެ.
ޔޫރަޕިއަން ކަމިޝަންގެ ރައީސާ އުރްސޫލާ ވޮނޑަރ ލާއިން ވިދާޅުވާ ގޮތުގައި ޖީ-7 ން ފޯރުކޮށްދޭނީ "ފޭރާން ވަރަށް ހެޔޮ ދެމެހެއްޓެވެނިވި ބިނާރެކެވެ. މި މަޝްރޫޢުން ފައިދާ ޙާޞިލުކުރެވޭ ޤައުމުތަކުގެ އަޑު އަހުރެމެން އަހާނަމެވެ. ބޭނުމަކީ ހަރުދަނާ އީޖާބީ ވުނަކުރުމަކަށް މަގު ތަނަވަސްކޮށްދިނުމެވެ. ބައިވެރީންނަށް އިޚްތިޔާރު ކުރުމުގެ ދޮރު ހުޅުވިފައި އޮންނާނެއެވެ."
އެމެރިކާއާއި ހުޅަނގުން ތުހްމަތު ކުރާ ގޮތުގައި ޗައިނާއަކީ ފަޤީރު ޤައުމުތައް ދަރަނީގެ އަނދަވަޅަށް ވައްޓައިލާ ޤައުމެކެވެ. ހުޅަނގުގެ މީޑިޔާތައް ބުނާގޮތުގައި ޗައިނާއިން ދަރަނިދޭ ޤައުމުތަކަށް ދަރަނި އަދާ ނުކުރެވުމުން ވަނީ އެ ޤައުމުތަކުގެ އަގުބޮޑު އުޞޫލުތަކަށް ވެރިވެގަންފައެވެ.
މުހިއްމު މަޝްރޫޢުތައް
ބިނާރު މަޝްރޫޢުގެ ވާހަކަ އެންމެ ފުރަތަމަ ދެކެވިފައި ވަނީ 2021ގައި ބޭއްވުނު ޖީ-7ގެ ލަންޑަން ސަމިޓްގައެވެ. މި މަޝްރޫޢަށް އޭރު ދެވުނު ނަމަކީ "މިހާރަށްވުރެ ރަނގަޅު ދުނިޔެއެއް އަލުން ބިނާކުރުން" އެވެ. ނަމަވެސް ރައީސް ބައިޑްންގެ ޤައުމީ އެޖެންޑާގައި ރެނދުތަކެއް އެޅި މި މަޝްރޫޢު ކުރިއަށް ނުދިޔުމުން މި މަޝްރޫޢު އަލުން މަރުކާ ކުރެވުނީއެވެ. މި ފަހަރުގެ އައު ނަމަކީ "ބިނާރު ބިނާކުރުމަށް ޓަކައި ޢާލަމީ ބައިވެރިވުން" އެވެ. އެމެރިކާގެ މި މަޝްރޫޢުގެ ދަށުން އެމެރިކާގެ ކުންފުނިތަކުން އެންގޯލާގައި އަވިކަތަ މަޝްރޫޢަކާއި ރޯމޭނިޔާގައި ނިޔުކްލިޔަރ ރެކްޓަރަކާއި މިޞްރާއި އެފްރިކާ ދަޅު މަގުން ލައިފާ ސިންގަޕޫރާއި ފަރަންސޭސިވިލާތް ގުޅުވައިދޭ 1000 މޭލުގެ ކަނޑު މަގެއް ބިނާކުރުން ވެއެވެ.
ޖީ-7ގެ މަޝްރޫޢުގެ ދަށުން އައިވަރީ ކޯސްޓްގައި ހަސްފަތާލުތަކެއް އަޅައިދިނުމާއި ދެކުނު އިރުމަތީ އޭޝިޔާގައި ހަކަތައިގެ ވިޔަފާރި ވަރުގަދަކުރުން ހިމެނެއެވެ. މި މަޝްރޫޢުގެ ދަށުން ޔޫއެސްއެއިޑުން ބައިނަލްއަޤްވާމީ ބޭންކްގެ ދަށުގައި އޮންނަ ކުޑަކުޑިންގެ ފަންޑަށް 50 މިލިއަން ޑޮލަރު ދޭނެއެވެ.
ޝަރްޠުތަކަކީ ކޮބާ؟
ޖީ-7ގެ މި މަޝްރޫޢުގެ ދަށުން އެހީ ދިނުމަށް ކަނޑައަޅައިފައިވާ ޝަރްޠުތަކަކީ ކޮބައިކަމެއް އިޢުލާންކޮށްފައެއް ނުވެއެވެ. އިޢުލާންކޮށްފައިވާ ގޮތުން އެނގޭ ގޮތުގައި މި މަޝްރޫޢަކީ ތިމާވެށި ރަނގަޅުކުރުމަށާއި ޞިއްޙަތު ދުޅަހެޔޮކުރުމަށާއި ދެ ޖިންސުގެ ދެމެދުގައި ހަމަހަމަކަން ޤާއިމު ކުރުމަށާއި ސުމޭކީ ބިނާރު ޤާއިމުކުރުމަށް އަމާޒުކޮށް ރާވައިފައިވާ މަޝްރޫޢެކެވެ.
މި ޝަރްޠުތަކަށް ބަލާއިރު މިއީ ޗައިނާގެ މަޝްރޫޢުގެ ޝަރްޠުތަކަށް ވުރެ "މާ ދިލަގަދަ ވޭން ހުރި" ޝަރްޠުތަކެކެވެ. އެއީ ހުޅަނގުގެ އަގުތަކާއި އޭޝިޔާ އެފްރކާގެ އަގުތައް ތަފާތު ވާތީއެވެ.
އެއްޖިންސުން ގުޅުން ހިންގުމާއި ހުރިހާ ކަމެއްގައި އަންހެނުންނާއި ފިރިހެނުން ހަމަހަމަކުރުމުގެ އުޞޫލުތަކަކީ އޭޝިޔާއާއި އެފްރިކާގައި ވަރަށް ނާޒުކު މަސްއަލަތަކެކެވެ. މިނިވަންކަމުގެ ނަމުގައި މި އުޞޫލުތައް ފުޑައިނުލެވޭނެކަމަށް އެ ޤައުމުތަކުން ބުނެއެވެ.
ޖީ- 7ގެ ޝަރްޠުތަކުގެ ސަބަބުން ތިންވަނަ ދުނިޔޭގެ ޤައުމުތަކަށް އެ ޤައުމުތަކުގެ އިޤްތިޞާދު އިޞްލާޙު ކުރުމަށް ޓަކައި ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހިދާނެކަމަށް ވެސް ދާރިސުން ވިދާޅުވެއެވެ.
ޚަރަދުކުރުމުގައި ވަކި ގޮތަކަށް ތަބާވާން ޖެހުމާއި ހަކަތައިގެ އަގު ބޮޑުކުރާން މަޖްބޫރުކުރުވުންފަދަ ހަރުކަށި ފިޔަވަޅުތަކެއް ހިމެނޭނެކަމަށް ވެސް މުޙައްލިލުން ވިދާޅުވެއެވެ.
ތެލާއި ގޭހާއި ބޯޓުދެލިފަދަ ހަކައިތައިގެ ބާވަތްތައް ބޭނުންކުރުން މަދުކުރުމުގެ މަސްއަލަވެސް ވާނީ ނުރައްކާތެރި މަސްއަލައަކަށެވެ.
މީގެއިތުރަށް މި ޤައުމުތަކުން ހުޅަނގަށް ހިޖްރަކުރާ މީހުންނާ ދެކޮޅަށް އަޅަން ޖައްސުވާ ފިޔަވަޅުތައް ވެސް ފައްސި ފިޔަވަޅުތަކަކަށް ނުވާނެއެވެ.
ދާރިސުން ވިދާޅުވާ ގޮތުގައި ހުޅަނގުން ދޭ ދަރަނިތަކުން ނަގާ ފައިދާއަށް ބަލާއިރު އެއީ ޗައިނާއިން ދޭ ދަރަނިން ނަގާ ފައިދާއާ ވާދަކުރެވޭނެ އެއްޗެއް ނޫނެވެ. ޗައިނާއިން ހިންގާ މަޝްރޫޢުތަކުގެ އަގު ހެޔޮކަން ފާހަގަ ކުރެވެއެވެ. އަދި ތިންވަނަ ދުނިޔޭގެ ވެށީގައި މަސައްކަތް ކުރުމުގެ ޤާބިލުކަން ޗައިނާގެ ކުންފުނިތަކުގެ ކިބައިގައި ހުރިލެއް ބޮޑުކަން ވެސް ފާހަގަ ކުރެވެއެވެ.
ހުޅަނގުގެ ޤައުމުތަކުން ތިންވަނަ ދުނިޔޭގެ ޤައުމުތަކަށް އެހީދޭއިރު ނުވަތަ ދަރަނިދޭއިރު އިންސާނީ ޙައްޤުތަކުގެ ވާހަކަ އެ ޤައުމުތަކުގެ ވެރީންގެ ސިޔާސަތުތަކާ އަރާރުންވާ ތަން ފެނެއެވެ. ހުޅަނގާ ޚިލާފަށް ޗައިނާއިން އެހީވެދޭއިރު އިންސާނީ ޙައްޤުތަކުގެ ވާހަކަ ބޭޖިންގަކުން ނުދައްކައެވެ.
މުޙައްލިލުން ވިދާޅުވާ ގޮތުގައި ޖީ-7ގެ މަޝްރޫޢުގެ ޝަރްޠުތަކުގެ ތެރޭގައި ޗައިނާއާއެކު އެ ޤައުމުތަކުން ކުރާ ވިޔަފާރިތަކާއި ވުނަކުރުމުގެ މަޝްރޫޢުތައް މަދު ކުރުމަށް ގޮވައިލުން ހިމެނޭނެއެވެ. "މިސާލަކަށް ޗައިނާގެ ވާވޭ ކުންފުނިން މުވާޞަލާތާ ބެހޭ ބިނާރުތައް އެ ޤައުމުގައި ހެދުން މަނާކުރުން މިއީ ތިންވަނަ ދުނިޔޭގެ ޤައުމުތަކުގެ ސިޔާދަތާ ފުށުއަރާ ކަމަކަށް ވާތީ އެ ޤައުމުތަކުން މި ކަމާ ދެކޮޅު ހަދާނެކަން ކަށަވަރެވެ."
މުޙައްލިލުން ވިދާޅުވާ ގޮތުގައި އެމެރިކާގެ މި މަޝްރޫޢަށް ތިންވަނަ ދުނިޔެއިން މާ ބޮޑު ތަރްޙީބެއް ލިބޭނެކަމަކަށް އުންމީދެއް ނުކުރެވެއެވެ. އެއީ މި ކަމުގެ ސަބަބުން ހުޅަނގަށް ތަބާވުމާއި ބޯލެނބުން އިތުރުވެގެންދާނެތީއެވެ.



advertisment