Support Us

ކޮލަމް ކޯދު: ނަބަވީ ބަސްފުޅަކާ އެކު ހިނދުކޮޅެއް

ސަލާމާއި ސަލަވާތް ލެއްވި ރަސޫލާގެ ހަދީސްފުޅެއްގައި އައިސްފައި ވެއެވެ. إنَّ مِمَّا أَدْرَكَ النَّاسُ مِنْ كَلَامِ النُّبُوَّةِ الْأُولَى: إذَا لَمْ تَسْتَحِ فَاصْنَعْ مَا شِئْت. މާނައަކީ އެންމެ ކުރީގެ ނަބީބޭކަލުން ބަސްފުޅުތަކުން މީސްތަކުން ދެނެގަތް ކަމެއް ވެއެވެ: އެއީ އިނބަގެ ކިބައިގައި ލަދުވެތިކަން ނެތިއްޖެ ނަމަ ކޮންމެ ފަދަ ކަމެއް ވެސް ކުރަންވީއެވެ.

އާދެ، މީހެއްގެ ކިބައިގައި ލަދުވެތިކަމުގެ ސިފަ ނެތިއްޖެ ނަމަ، ކުރަން ޖެހިލުންވާނޭ އެއްވެސް ހަޑިހުތުރު ކަމެއް ނޯންނާނެއެވެ. ޝައްކެއް ނެތް ގޮތުގައި ލަދުވެތި ކަމަކީ އަޚުލާގީ މާތް ސިފައެކެވެ. އެ ސިފައަކީ ފާހިޝް ކަންތައްތަކުން މުއުމިނާ ދުރުކުރުވާ ވަރުގަދަ ބާރެކެވެ. މި ބާރު ނެތިދިޔުމުގެ ސަބަބަކީ ކޮބައިހެއްޔެވެ؟

އަޚުލާގިއްޔަތު ގުޅެނީ އީމާންކަމާއެވެ. މާތްﷲ ވޮޑިގެންވާކަން ގަބޫލުކުރުމާއެވެ. މާތްﷲ ވޮޑިގެންވާކަން ގަބޫލު ނުކުރާ ނަމަ، އަޚުލާގިއްޔަތުގެ މާނައެއް ނޯންނާނެއެވެ. މީގެ މާނައަކީ ރީތި، ރަނގަޅު އަޚުލާގަކީ ކޮބައިކަން ކަނޑައެޅުމުގައި ރުޖޫއަވާނޭ ހަރުދަނާ އަސްލެއް ނޯންނާނެއެވެ. މާތްﷲ ވޮޑިގެންވާކަން ގަބޫލު ނުކުރުން ނިޔާ ކުރަނީ، އުސޫލެއްގެ ގޮތުން، ރަނގަޅާއި ނުރަނގަޅު، ހެވާއި ނުބައި ހަމަހަމަކަމެވެ. އަދި މިހެންވުމުން، މީހާގެ ފަރުދީ އަމަލުތަކަކީ 'ޒާތީ' ނުވަތަ 'ޝަޚުސީ' (ޕާސަނަލް) ކަންކަމަށް، އާދެ، އެހެން މީހުންނާ ނުބެހޭ ކަންކަމަށް، ވުމެވެ. މާތްﷲ ވޮޑިގެންވާކަން ގަބޫލު ނުކުރާ ނަމަ، އެފަދަ ފަރުދީ އަމަލުތަކަކީ، އާދެ، މުޖުތަމައު އެކަމުގައި ޝާމިލުނުވާ، ދޭދޭ ފަރުދުންގެ ދެމެދުގައި ހިންގޭ ކަންކަމީ، އެ ދެމީހުން ރުހިގެން ކުރާ ކަމަަކަށްވާ ނަމަ، ހަމަ މުޅިން އެންމެ ރަނގަޅު ކަންކަމަށް ވެގެންދެއެވެ.

ހުރިހާ ދީންތަކެއްގެ ޖައުހަރަށް ބަލައިލާއިރު، އެކަން ގުޅިފައި އޮންނަނީ އަޚުލާގިއްޔާތާއެވެ. އިންސާނާ އަޚުލާގީ ގޮތުން ހެޔޮލަފާ މީހަކަށް ހެދުމެވެ. އިސްލާމް ދީނުގައި ވެސް ދީނުގެ ޖައުހަރު ގުޅެނީ އަޚުލާގިއްޔާތާއެވެ. މާތްﷲ ވޮޑިގެންވާކަން ގަބޫލުކޮށް، އެ ގަބޫލުކުރުން މަތީ ހުރެ، އަޚުލާގީ ގޮތުން ހެޔޮލަފާ މީހަކަށްވުމެވެ. މަތީގައި ބަޔާންކުރެވި ދިޔަ ހަދީސުން އިޝާރާތްކުރާ ފަދައިން، އަޚުލާގީ އެންމެ ރީތި ސިފަތަކުގެ ތެރޭގައި ލަދުވެތިކަން ހިމެނެއެވެ. މުއުމިނާއަށް، އެ ސިފަ ލިބުމުން، އަޚުލާގީ ގޮތުން ނުރަނގަޅު ކަންކަމާ އޭނާ ދުރުކޮށް، ހަރުދަނާ ރީތި އަޚުލާގިއްޔާތެއްގެ މަތީ ދެމިހުރުމަށް އެހީވެދެއެވެ.