Support Us

ކޮލަމް މާޒީ: ޙަދީސެއްގެ މައްޗަށް ބަލައިލުމެއް- ޤާޟީންގެ ތިންބައިކުޅަ ދެ ބައި ނަރަކައަށް ވައްދަވާނެތަ؟

ޤާޟީންނާ ބެހޭ ގޮތުން އޮންނަ ވަރަށް މަޝްހޫރު ޙަދީސެއް އޮވެއެވެ. އެ ޙަދީސް ވަރަށް ގިނަ މީހުން މާނަކުރަނީ ރަނގަޅަކަށް ނޫނެވެ. މި ހަދީސް ބައެއް މީހުން ބޭނުންކުރަނީ ޤާޟީކަމަކީ ކުރާން ހެޔޮވާ ވަރަށްވުރެ ނުބައިކަމެއްކަމަށް ބުނެ އެކަމަށް އޮތް ދަލީލެއް ކަމުގައެވެ. އެހެނީ އެ ފަދަ މީހުން މި ޙަދީސުން ހެކިދައްކަމުން، މީހުންނަށް ބުނެދޭން އުޅެނީ ޤާޟީންގެ ތެރެއިން ތިންބައިކުޅަ ދެބައި މީހުން ނަރަކައަށް ދާނޭކަމަށެވެ. ޤާޟީންގެ ތެރެއިން ސުވަރުގެ ވައްދަވާނީ ތިންބައިކުޅަ އެއްބައި ޤާޟީންކަމަށެވެ. ނަމަވެސް މި ޙަދީސުން ދޭހަވަނީ އެ މާނައެއް ނޫނެވެ. އެހެންކަމުން މި ޙަދީސުގެ މައްޗަށް ދިރާސީ ނަޒަރަކުން ބަލައިލާން ގަސްދުކުރަމެވެ.

عَنْ بُرَيْدَةَ (رضى الله عنه) قَالَ: قَالَ رَسُولُ اللَّهِ ﷺ: الْقُضَاةُ ثَلَاثَةٌ: اثْنَانِ فِي النَّارِ، وَوَاحِدٌ فِي الْجَنَّةِ: رَجُلٌ عَرَفَ الْحَقَّ فَقَضَى بِهِ، فَهُوَ فِي الْجَنَّةِ، وَرَجُلٌ عَرَفَ الْحَقَّ فَلَمْ يَقْضِ بِهِ، وَجَارَ فِي الْحُكْمِ، فَهُوَ فِي النَّارِ، وَرَجُلٌ لَمْ يَعْرِفِ الْحَقَّ، فَقَضَى لِلنَّاسِ عَلَى جَهْلٍ، فَهُوَ فِي النَّارِ. رَوَاهُ الْأَرْبَعَةُ، وَصَحَّحَهُ الْحَاكِمُ.

މި ޢިބާރާތުން ދޭހަވަނީ އަންނަނިވި މާނައެވެ. "ބްރައިދާ (رضى الله عنه) ކިބައިން ރިވާވެފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކައު އިތުރު رَسُولُ اللَّهِ ﷺ ޙަދީސްކުރެއްވިއެވެ. ފަނޑިޔާރުން ބެހެނީ ތިން ބަޔަކަށެވެ. އޭގެ ތެރެއިން ދެ ބައި ވަނީ ނަރަކައިގައެވެ. އަދި އެއްބައި ވަނީ ސުވަރުގޭގައެވެ. ޙައްޤު އެނގިހުރެ ޙައްޤަށް ޙުކުމްކުރާ މީހާ ވަނީ ސުވަރުގޭގައެވެ. އަދި ޙައްޤު އެނގިހުރެ ނުޙައްޤުން ޙުކުމްކުރާ މީހާ ވަނީ ނަރަކައިގައެވެ. އަދި ހައްޤު ނޭނގިހުރެ ތަންދޮރު ނުދަތުމުގެ މައްޗަށް (ބިނާކޮށް) ނުބައިކޮށް ޙުކުމްކުރާ މީހާ ވަނީ ނަރަކައިގައެވެ. (މިއީ ހަތަރު އިމާމުން ރިވާކުރެއްވި އަދި އަލްޙާކިމް ޞައްޙަކުރައްވައިފައިވާ ޙަދީސެކެވެ.)"

ފާހަގަކޮށްލާން ޖެހޭ ކަމަކީ މި މާނަ ދޭހަވާ ގޮތަށް ކިތަންމެ ޢިބާރާތަކުން މި ޙަދީސް (ނުވަތަ މި ފަދަ ހަދީސްތައް) ވާރިދުވެފައި އެބަހުއްޓެވެ. ނަމަވެސް ހުރިހައި ޙަދީސެއްގެ މަފުހޫމަކީ އެކައްޗެއް ކަމަށް ވާތީ އެ ހުރިހާ ޢިބާރާތަތަކެއް ނަކަލުކުރާކަށް ނެތީމެވެ. މާ ބޮޑަށް ދިގުވެދާނެކަމަށް ޓަކައެވެ.

މި ޙަދީސަށް ވިސްނައިލުމުން އެނގި ސާބިތުވާ ހަގީގަތަކީ ޤާޟީކަމަކީ އެއީ ސުވަރުގެއަށް ދިޔުމަށް ޓަކައި ވެސް އަދާކުރެވިދާނެ ރަނގަޅު ވަޒީފާއެއް ކަމެވެ. ކޮންމެ ތިން ޤާޟީންގެ ތެރެއިން ދެ ޤާޟީން ނަރަކައަށް ވަންނާން ޖެހޭ ކަމަކަށް މި ހަދީސުން މާނައެއް ނުކުރެވެއެވެ. އެހެންނަމަވެސް ޢިލްމާއި މައުލޫމާތު ރަނޅަށް އެނގި ހުރެ ހުރިހާ ޤާޟީން އަދުލުވެރިކަމާއެކު ޙައްގަށް ނިޔާކުރާ ނަމަ، ކޮންމެ ޤާޟީއަކަށް ސުވަރުގެ ވަދެވޭނެކަން މި ހަދީސުން ދަލީލު ލިބެއެވެ. އެހެންވީމާ ޤުޟާއީ ޢިލްމު ޚާއްޞަކޮށް ފަރާއިޟު ޢިލްމު ރަނގަޅަށް އުނގެނިގެން ޢަދުލުވެރިކަމާއެކު ޙައްޤަށް ޙުކުމްކޮށްގެން ހުރިހާ ޤާޟީންނަށް ވެސް ސުވަރުގެ ވަނުމުގެ ނަސީބު ހޯދިދާނެކަން މި ހަދީސުން ދޭހަވެއެވެ.

މި ކަން އޮތީ މިހެން ކަމުގައި ވިޔަސް މީގެ އަނެއްކޮޅު ވެސް އެބައޮތެވެ. ޤުޟާއީ ޢިލްމު ލިބި ތިބެ، އެނގިގެން، ރިޝަވަތަށް ހެއްލިގެން ނުވަތަ ދުނިޔޭގެ ބިރަކަށް ޓަކައި ނަމަވެސް، ނުޙައްޤުން، ބޭއިންސާފުން ނިޔާ ކަނޑައަޅާނަމަ، ނުވަތަ އެ ކަމުގެ ޢިލްމާއި މަޢުލޫމާތު ނޭނގޭ ޙާލު ޤާޟީކަމާ ޙަވާލުވެ ނުޙައްޤުން ޙުކުމް ކުރާނަމަ، ހުރިހާ ޤާޟީންނަށް ވެސް ނަރަކައަށް ވަނުމުގެ ބަދު ނަސީބު ލިބިދާނެކަމުގެ އިންޒާރު ވެސް މި ޙަދީސުން ލިބެއެވެ.

ހަގީގަތުގައި މި ހަދީސްގައި މިވަނީ ޤާޟީކަމުގެ ވަޒީފާ އަދާކުރެވޭ ތިން ގިންތިއެއް ބަޔާންކުރައްވައިފައެވެ. މީގެ ތެރެއިން ފުރަތަމަ ގިންތީގެ ޤާޟީންނަކީ ޢިލްމު ލިބި ތިބެ، ޙައްޤަށް ޙުކުމްކުރާ މީހުންނެވެ. މި މީހުންނަށް ސުވަރުގެ ހުރިކަމުގެ އުފާވެރިކަމުގެ ޚަބަރު މި ޙަދީސުން މި ވަނީ ދެއްވައިފައެވެ. ކޮންމެ ޤާޟީއަކަށް ވެސް މި ފުރުޞަތު އެބަ އޮތެވެ. ހަމައެހެންމެ ކަމުގެ ޢިލްމާއި މަޢުލޫމާތު ލިބި ތިބެ، އެނގިގެން ނުޙައްޤުން ޙުކުމްކުރާ މީހުންނާއި މި ކަމުގެ ޢިލްމު ނެތީސް، މި މަތިވެރި މަޤާމާ ޙަވާލުވެގެން މީސްތަކުންގެ މައްޗަށް ބޭ އިންސާފުން ޙުކުމްކުރާ މީހުންނާއި މި ދެ ގިންތީގެ ޤާޟީންނަށް ވެސް ހުރީ ނަރަކަކަން މި ހަދީސުން ވަރަށް ރަނގަޅަށް ސާބިތުވެއެވެ.

މިއީ މައްސަލަ ބައްލަވާ ފަނޑިޔާރުން ޢަދުވެރިވުމުގެ މައްޗަށް ސަމާލުވެ އެ ކަމަށް ރައްކާތެރިވުމުގެ މައްޗަށް ދެއްވައިފައި އޮތް ވަރަށް މަތިވެރި ނަބަވީ އިރުޝާދެކެވެ. އެ މަޤާމުގެ މުހިންމުކަމާއި ސީރިއަސްކަމުގެ މައްޗަށް މީސްތަކުން ހެއިއެރުއްވުމަށް ޓަކައި އަންގަވައިފައިވާ އެންގެވުމެވެކެވެ. މިއީ އެއްވެސް ޙާލެއްގައި ޤާޟީކަމަކީ ނުވަތަ ފަނޑިޔާރުކަމަކީ މީހުން ކައިރިވެގެން ނުވާނެ މަޤާމެއްކަމަށް ދަލީލު ލިބޭ ޙަދީސެއް ނޫނެވެ. އަދި ދުނިޔޭގެ ހުރިހައި ފަނޑިޔާރުން ތިން ބަޔަށް ބަހައިފައި އޭގެ ތެރެއިން ދެބައި ނަރަކައަށް ވައްދަވާނެކަމަށް ދޭހަވާ ފަދަ ގޮތަކަށް ބައެއް މީހުން މި ޙަދީސް މާނަކުރަނީ މި ޙަދީސްގެ ރަނގަޅު މަފުހޫމުގައެއް ނޫނެވެ. އެއީ މި ޙަދީސްގެ މަގުސަދާ ޚިލާފަށް ދެކެވޭ ވާހަކައެކެވެ.

އާދޭހެވެ! ކިތަންމެ ބޭއިންސާފުން ޢަމަލުކުރިޔަސް ކޮންމެ ތިން ޤާޟީއަކުން އެއް ޤާޟީ ސުވަރުގެ ވަންނާނެ ވާހަކައެއް، ނުވަތަ ކިތަންމެ މޮޅަށް ކިޔަވައިގެން އިންސާފާއި ޢަދުލަށް ޙުކުމް ކުރިޔަސް އޭގެ ތެރެއިން ދެބައިކުޅައެއްބައި ނަރަކައަށް ވައްދަވާނެ ވާހަކައެއް މި ހަދީސުގައި އަންގަވައިފައެއް ނެތެވެ. ސުވަރުގެ ވެއްދެވުމާއި ނަރަކައަށް ވެއްދެވުން ވަނީ އޭނާ ކުރާ ޢަމަލަކަށް ނުވަތަ އޭނާ ޢަމަލުކުރާ ގޮތެއްގެ މައްޗަށް ބިނާވެގެންނެވެ. ވީމާ ﷲއަށް ބިރުވެތިވެ، ރިޝްވަތަށް ނެހެއްލި، މާތް ﷲ އަންގަވައިފައިވާ ގޮތަށް، ޢަދުލަށް، ޙުކުމްކުރުމަކީ ސުވަރުގެ ވަނުމަށް ޓަކައި ފަހިވެފައިވާ ރަނގަޅު ފުރުޞަތެއްކަން ވެސް މި ޙަދީސުން ދޭހަވެއެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. "إِنَّ اللّهَ يَأْمُرُكُمْ أَن تُؤَدُّواْ الأَمَانَاتِ إِلَى أَهْلِهَا وَإِذَا حَكَمْتُم بَيْنَ النَّاسِ أَن تَحْكُمُواْ بِالْعَدْلِ إِنَّ اللّهَ نِعِمَّا يَعِظُكُم بِهِ إِنَّ اللّهَ كَانَ سَمِيعًا بَصِيرًا" ("ހަމަކަށަވަރުން، އަމާނަތްތައް، އޭގެ އަހުލުވެރިންނަށް އަދާކުރުމަށް، اللَّه ތިޔަބައިމީހުންނަށް އަމުރުކުރައްވަތެވެ. އަދި، މީސްތަކުންގެ މެދުގައި ތިޔަބައިމީހުން ޙުކުމްކުރާނަމަ، ޢަދުލަށް ޙުކުމްކުރުމަށް ވެސް، އަމުރުކުރައްވަތެވެ. ހަމަކަށަވަރުން، اللَّه އެ ކަމަކާމެދު، ތިޔަބައިމީހުންނަށް ވަޢުޡު އިއްވަވާ ކަމެއްގެ މޮޅުކަމާއެވެ! ހަމަކަށަވަރުން، اللَّهއީ، މޮޅަށް އައްސަވައިވޮޑިގެންވާ، މޮޅަށް ބައްލަވައިވޮޑިގެންވާ ކަލަކު ކަމުގައިވެއެވެ.") (سورة النساء:58).

ވީމާ، ފަނޑިޔާރުކަމަށް ބޭނުންވާ ޢިލްމާއި ހުނަރު ލިބިގެން، ޚާއްޞަކޮށް ފަރާއިޟު ޢިލްމު ލިބިގެން، މާތް ﷲ އަމުރުކުރައްވައިފައިވާ ގޮތަށް އަމާނާތްތެރިކަމާއެކު ޢަދުލަށް ޙުކުމްކުރައްވާ ޤާޟީންނަށް ކައުސާހިބާ މި ވަނީ ސުވަރުގެ ލިބޭނެކަމުގެ އުފާވެރި ޚަބަރު ދެއްވައިފައެވެ. އަދި ﷲގެ އަމުރުފުޅުތައް ހަނދާން ނައްތައިލައި، ނުވަތަ ތަނެއްދޮރެއް ނުދަނެ ތިބެ، ދުނިޔޭގެ މާއްދީ ފައިދާގެ އަވާގައި ޖެހި، ރިޝްވަތަށް ހެއްލި، ނުޙައްޤުން ޙުކުމްކުރާ ފަނޑިޔާރުންނަށް ވެސް މި ޙަދީސްގައި މިވަނީ ޚަބަރުދާރުވެ ތިބޭން އިންޒާރު ވެސް ދެއްވައިފައެވެ. ނަމަވެސް އެއީ ޤާޟީންގެ ތިންބައިކުޅަ ދެ ބައި ނަރަކައަށް ވައްދަވާނެ ވާހަކައެއް ނޫނެވެ.

ޤިޔާތްދުވަހުގެ ވާހަކަ ބަޔާންކުރައްވަމުން މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "يَوْمَئِذٍ تُحَدِّثُ أَخْبَارَهَا. بِأَنَّ رَبَّكَ أَوْحَى لَهَا. يَوْمَئِذٍ يَصْدُرُ النَّاسُ أَشْتَاتًا لِّيُرَوْا أَعْمَالَهُمْ. فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ. وَمَن يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ." ("އެދުވަހުން އެ ބިންގަނޑު، އޭގެ ޚަބަރުތަކުގެ ވާހަކަ ދައްކާނެތެވެ. އެއީ ކަލޭގެފާނުގެ ވެރި ރަސްކަލާނގެ، އެ ބިމަށް އެ ކަން އިލްހާމުކުރެއްވީތީއެވެ. އެ ދުވަހުން މީސްތަކުން ތަފާތު ބައިބަޔަށް ދާނެތެވެ. (އެއީ) އެއުރެންނަށް، އެއުރެންގެ ޢަމަލުތައް ދެއްކެވުމަށްޓަކައެވެ. ފަހެ، ޒައްރެއްގެ މިންވަރު ވިޔަސް، ހެޔޮކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ. އަދި ޒައްރެއްގެ މިންވަރުވިޔަސް، ނުބައިކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ.") (سورة الزلزلة:8~4)

އެހެންވީމާ، ޤާޟީއަކަށް ވިޔަސް ﷲގެ އަމުރުފުޅުތަކަށް ތަބާވެ، އެ ކަލާނގެއަށް ބިރުވެތިވެ ޢަދުލަށް ޙުކުމްކުރާނަމަ، އޭނާއަށް ހުރީ ސުވަރުގެކަން އިސްވެ ދަންނަވައިލި ޙަދީސުން ސާބިތުވެއެވެ. އަދި ޒައްރެއްގެ މިންވަރު ވިޔަސް، ހެޔޮކަމެއްކޮށްފި މީހާ، އޭނާ ކުޅަ ހެޔޮ ޢަމަލުގެ ނަތީޖާ ދެކޭނެކަމާއި އަދި ޒައްރެއްގެ މިންވަރުވިޔަސް، ނުބައިކަމެއްކޮށްފި މީހާ، އެކަން ވެސް ދެކޭނެކަން އިސްވެ ދެންނެވި ދަލީލުތަކުން ސާބިތުވެއެވެ. ވީމާ ހުރިހާ ޤާޟީންގެ ތިންބައިކުޅަ ދެ ބައި ނަރަކައަށް ވައްދަވާނެކަމަށް އިސްވެ ދެންނެވުނު ހަދީސުން މާނަކުރުމަކީ އެ ޙަދީސުގެ މާނައާ އަރައިރުންވާ ކަމެކެވެ. އަދި ކޮންމެ ގޮތަކަށް ޙުކުމްކުރިޔަސް ތިންބައިކުޅަ އެއްބައި ޤާޟީން ސުވަރުގެ ވައްދަވާނެކަމަށް މި ހަދީސުން މާނަ ނެގުމަކީ ވެސް ހެޔޮވާނެ ކަމެއް ނޫނެވެ. އެއީ މުޅި ޙަދީސްގެ މަފުހޫމާ ޚިލާފުކަމެކެވެ. ސުވަރުގެ ވަނުމާއި ނަރަކައަށް ވަނުން ބިނާވެފައިވަނީ އޭނާ ޢަމަލުކުރާ ގޮތެއްގެ މައްޗަށެވެ. އެ ކަން ބިނާވެފައިވަނީ އޭނާ އަދާކުރާ މަޤާމުގެ މައްޗަކަށް ނޫނެވެ.