...

Support Us

ކޮލަމް ކަލާވެހި: އަބުރަކީ ބޭކާރު އެއްޗަކަށްވެ، ކަމޭހިތުމުގެ މާނަވެސް ފެންނަން ނެތް ތާކު..

އަޅުގަނޑުމެން ކުޑައިރު، އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖޭގައި އަބުރަކީ ފިސާރި އަގުހުރި އެއްޗެކެވެ. އަދި ކުޑައިރު ކީއްކުރަންތޯއޭ، އަޅުގަނޑުމެން ޒުވާން ފުރައިގައި ޤައުމީ ޚިދުމަތަށް ނިކުތް ޒަމާނުގައިވެސް ކޮންމެ އިންސާނަކީވެސް އަބުރެއްގެ ވެރިޔެއްކަމަށް އަޅުގަނޑުމެން ހެޔޮހިތުން ޤަބޫލުކުރީމެވެ. ތިމާގެ އަބުރު ތިމާ ރައްކާކުރާ ފަދައިން އަނެކާގެ އަބުރަށް ތިމާ އައްސުން އަރައިގަތުމަކީވެސް ކޮށްގެންވާނޭ ކަމެއްނޫންކަން ޤަބޫލުކުރީމެވެ. އަދި މިދެންނެވި މަގުގައި ސާބިތުކަމާއެކު ހިނގުމަކީ ތިމާގެ މައިންބަފައިން ތިމާ ގެންގުޅެ ބޮޑުކުރީ ޞައްޙަމަގުގައިކަން އެނެކުންނަށް ދައްކައިދޭން އޮންނަ އެންމެ ވަރުގަދަ ހަތިޔާރުކަންވެސް އަޅުގަނޑުމެން ޤަބޫލުކުރީމެވެ. ތިމާގެ އަމިއްލަ ބޭނުންތަކަށް އެކަނި ދަހިވެތިކަމާއެކު ނުބަލައި، ތިމާގެ މުޖުތަމަޢާއި ޤައުމުގެ ބޭނުންތަކަކީވެސް ހަމަ އެހައި މުހިންމު ބޭނުންތަކެއްކަން ދަނެގެން ޚިދުމަތްކޮށްއުޅުނު ހިންމަތްތެރީންނަށް އަޅުގަނޑުމެން ޤަދަރުކުރީމެވެ. ޤައުމީ ޚިދުމަތުގައި ޢުމުރު ހޭދަކޮށްލި މީހުންނަށާއި، ތިމާގެ މައިންބަފައިންނަށާއި ތިމާޔަށްވުރެ ޢުމުރުން ދޮށީ މީހުންނަށް ޢިހްތިރާމްކޮށް ކަމޭހިތުމަކީވެސް ރަނގަޅު ތަރުބިއްޔަތެއްގެ އަހުލުވެރީންގެ ކިބައިން ފެންނާނޭ ކަމެއްކަން އަޅުގަނޑުމެން ޤަބޫލުކުރީމެވެ.

އަޅުގަނޑު މިދެންނެވި ދުވަސްވަރު، މީހަކާ ދިމާޔަށް ވަގެކޭ ބުނުމަކީ ވަރަށް ސީރިޔަސް މައްސަލަޔެކެވެ. އެކަން ކުރުމަށް ކިޔައިއުޅުނީ ވަގަށްގޮވުމޭއެވެ. މީހެއްގެ މައްޗަށް ވައްކަމުގެ ދަޢުވާއެއް ކުރެވި، ޝަރީޢަތް ހިނގައި، ވައްކަން ސާބިތުގެ، ޙުކުމެއް ކަނޑަނޭޅޭހައި ހިނދަކު އެމީހަކާ ދިމާޔަށް ނުވަތަ އޭނާ ނެތްތާކު ނަމަވެސް އެއީ ވަގެކޭ ބުނުމަކީ ބޮޑު ގޯސްތަކުގެ ތެރެއިން ގޯހެކެވެ. ކުށެކެވެ. ބޮޑު އަދަބުން އަދަބުވެސް ލިބޭ ކުށެކެވެ. އަދި ހަމަ އެހެންމެ، މިވެނި މީހަކީ ޒިނޭކުރި މީހެކޭ، އެވެނި މީހަކާއެކު ޖިންސީގޮތުން ނާޖާއިޒު ކަމެއް ކުރި މީހެކޭ ބުނިތާނގައި އެކަން ޝަރުޢީ މަރުޙަލާއެއްގައި ސާބިތުކޮށްނުދެވިއްޖެނަމަ، އެބުނުމެއް ބުނި މީހަކު ”އަނގަހައްދު“ވެސް ޖެހިދިޔައެވެ. އެެހެނީ، އެދުވަސްވަރަކީ ނަފުސުގެ ހަޤީޤީ ޢިއްޒަތުގެ ތިލަފަތުން މަހުޖަނެކޭ މިސްކީނެކޭ އެއްހަމައިގައި ގިނަތަންތާނގައި ކިރުނު ދުވަސްވަރެކެވެ. އަބުރު ގެއްލުމަކީ ކޮންމެ މީހަކުވެސް މާ ބޮޑު ބިރެއް ގަންނަ ކަމަކަށް އެދުވަސްވަރު އޮތީ ވެފައެވެ.

އަޅުގަނޑު މިދެންނެވި ދުވަސްވަރު، އަބުރޭ މިކިޔާ އެތި ގެއްލިދާނެތީ ހަމަ ކޮންމެ މީހެންހެން ކުރާ ހަމަ ކޮންމެ ކަމެއް ކުރުމުގައިވެސް ވިސްނައިގެން އުޅުނެވެ. އަބުރަށް ތިކިބުރައިފާނެތީ، ފަސްބައިގައި ލައްގަނޑެއް ޖެހިދާނޭތީ އުޅޭ އުޅުމާއި، ބުނާ ބުނުމުގައި ފަރުވާވެ އުޅުނެވެ. އަޑެއް ކިއްޔާ ރެނދެއް ލާނޭ ކަންވެސް ވިސްނައިގެން އަޑެއް ނުކިޔާ ވާނޭ ގޮތްގޮތުން ދިރިއުޅުމައިގެން ކުރިޔަށްދިޔައެވެ. ވެރިކަމުގެ ތަޚުތުގައި އަމިއްލަފުޅަށް ވެޑުވޭން ފައިންޕުޅު ނެންގެވި ފުންނާބުފުޅު އުސް އެތަކެއް ޙަކީމުންނާއި މުދައްރިބުންނާއި މުސްތަޝާރުން ނެކޭ، މާރުކޭޓުގައި ދަރުކާށި ވިއްކަން ތިބި އާދައިގެ މީހުންނެކޭ މިކަމުގައި ވަކި ތަފާތެއްވެސް އެދުވަހަކު ހަމަ ނެތެވެ. އަބުރަކީ އަގުހުރި އެއްޗެކެވެ. އިޙްތިރާމަކީ އަބުރުގެ މައްޗަށް ނޫނީ އެދުވަހު ލިބުނު އެއްޗެއް ހަމަ ނޫނެވެ.

ދެން އައީ އޭގެ ފަހުގެ ދުވަސްވަރެކެވެ. ޤައުމުގެ ތަޚުތު ގޮނޑިކޮޅަކަށް ބަދަލުވެ، އެ ގޮނޑިކޮޅު ގޮނޑިޔަކަށްވެ، ”އަސްދޫނި އުދުހިދާ“ ރައިވަރު ޙަޤީޤަތަކަށް ވާން ފެށި ދުވަސްވަރެވެ. ޤައުމުގެ މިދެންނެވި ހަތަރުފައިޖެހި ސިންގާސަނާޔަކީ އުންމަތާއި ޤައުމާއި މުޖުތަމަޢުގެ މަޞްލަޙަތުތަކަށްވުރެ ތިމާގެ އަމިއްލަ ތިޖާރީ މަޞްލަޙަތުތައް ރައްކާތެރިކޮށް ދެމެހެއްޓުމުގެ ނާރެސްކަމަށް ވަކި ޒާތެއްގެ ބަޔަކަށް ފެނި، އެ ބަޔަކު އެޔާ ހިފާން ފެށި ދުވަސްވަރެވެ. މީހެއްގެ ޢިއްޒަތާއި، އަބުރާއި، ކަރާމަތާއި، އަގާއި، ޙުރުމަތާއި، ދެންވެސް ހުރި އެބާވަތުގެ ހުރިހައިވެސް އެއްޗަކީ ހަމައެކަނި ފައިސާއިން ގިންތިކުރެވޭ ކަންކަންކަމަށް ގިނަ މީހުންގެ ކުރިމަތީގައި ވެގެންދިޔަ ދުވަސްވަރެވެ. އަމިއްލަ އަބުރު އެއީ އެހެން މީހުންގެ ކުރިމަތީގައި އެއްޗަކަށް ހެދުމާއި، އެ އަބުރު ރައްކާކުރުމާއި، ދިފާޢުކުރުމާއި، މިހުރިހައި ކަންކަމަކީ ”ވަރުހުރި ދާމޫގަނޑެއް“ އޮތް މީހަކަށް ނޫނީ ލިބިގެންވާ ޙައްޤެއް ނޫންކަމަށް ގިނަބަޔަކަށް ނޭނގިނަމަވެސް ހީވާން ފެށި ދުވަސްވަރެވެ.

ދެން ފެނުނީ މިދެންނެވި ވެރިކަމުގެ ފަރުނީޗަރުގެ ބޭނުމުގައި ވަކި ޒާތެއްގެ ބަޔަކު އުޅެގަތް މަންޒަރެވެ. ތިމާ ނޫނީ އެ ދިމާޔަށް ބަލައިލާފާނޭހެން ހީވާ ހަމަ ކޮންމެ މީހަކާ ދިމާޔަށް ވަގަށް، ޗޯރަށް، ފޭރަށް، ލުޓޭރަށް އެޒާތުގެ ކޮންމެ މީހަކު ގޮވާން ފެށިތަނެވެ. ތިމާ ދާން ބޭނުންވާ މަގަށް ނުސީދާކޮށް ނަމަވެސް މިވެނި ފުލާނު ބިން ފުލާނަކު ފަހަރުގައި ހުރަސްއަޅާފާނެޔޭ މޮޔަ ޒާތުގެ ކުޑަތާ އަރިހުބޭކަލަކު ނަމަވެސް އެމީހަކު ގާތު ބުނެފިތަ، އެ ފުލާނުގެ އަބުރަށް އަރައިގަނެ، އަބުރު ނޮޅައި، ވީދައި، ކަތިލައި، ނުކޭ ނަމަވެސް ހަނާކޮށް ހަދާން ފެށިތަނެވެ. ގޮވާނޭ އެހެން އެއްޗެއް ނެތިއްޔާ، އިންސާނީ ވަންހައިގެ މާއްދީ ދެމިއޮތުން ކުރިޔަށް ގެންދަން އޮތް ޢަމަލުވެސް މިވެނި މީހަކު ކުރަނީ ނާޖާއިޒު ކޮށޭ، އޭނާޔަކީ އެމަގުން އެހެން މީހުންނަށް ގޯނާކުރުމުގެ ބޮޑެކޭ ގޮވައިގެން ނަމަވެސް އެމީހެއްގެ ”އޮފުކަނޑުވާ“ ތަނެވެ. އަދި މިކަންކަން ފަންނީގޮތުން އެންމެ މޮޅަށް  ކުރާ، އަދި ކުރާ ޚަރަދާ އަޅައިބަލާއިރު އެންމެ ރަނގަޅު ނަތީޖާވެސް ނެރެދޭ ”ޕްރޮފެޝަނަލް“ އައުޣާދުންގެ އަގު ބާޒާރުގައި އަރައިގެން ދިޔަތަނެވެ. މާލީ ގޮތުން އެހައި ތަނަވަސްކަން ނެތް ޤައުމީ ކޮންމެ ޚިދުމަތްތެރިޔަކީ ފަހުން މިއައި ޒާތުގެ މީހުންނަށް ބޭނުންވި ޖާގަ ހޯދުމަށްޓަކައި އެމީހެއްގެ ޤަދަރާއި ޢިއްޒަތާއި އަބުރު މާޅޮސްކެޔޮވަކެއްހެން ނޮޅައިލެވުނު މީހަކަށް ވެގެންދިޔަތަނެވެ. އަދި އެންމެ ދެރަކަމަކީ، މިދެންނެވި ޒާތުގެ ނުސިޔާނު މާހިރުންގެ އަވައިގައި ޤައުމައިގެން ކުރިޔަށް ދާން ތިބި ޒުވާނުންވެސް ޖެއްސުމެވެ. ތިމާމެން އުޅެބޮޑުވީ އިޚުލާޞްތެރި އެތަކެއް ޚިދުމަތްތެރީންގެ މިންނެތް މަސައްކަތުގެ ފޮނިމީރުކަން ލިބިގެން ކަން ހަނދާން ނައްތުވައިލައި، ތިމާމެންގެ މުރުޝިދުންނާއި އުސްތާޛުންނަށް އެއްވެސް އިޙުތިރާމެއް ނުކުރާތާނގައި އެއީ ”ބޮލުރޮދި ކެނޑިފައިތިބި ބޭކާރު ބައެއް“ ކަމަށް ޅަވަރުގެ ކުދީންވެސް މަޖާވެލައިފައި ބުނަން ދަސްކޮށްދީ، މީހުންގެ އަބުރަށް އަރައިގަތުމަކީ ފެޝަނެއް ކަމަށް ޤަބޫލުކުރުވުމެވެ.

އެކަމަކު ވާހަކަޔެއް ދަންނަވާނަމެވެ. ހަކުރު އަޑުބައިގެވެސް ދެކޮޅު އޮވެއެވެ. އަޅުގަނޑު ކުރީން މިދެންނެވި ޒަމާނުގައި ވަގަކީ ވަގެކެވެ. ފޭރޭ މީހަކީ ފޭރޭ މީހެކެވެ. ޒާނީޔަކީ ޒާނީއެކެވެ. އެކަމަކު މިހާރު…؟ މީހަކާ ދިމާޔަށް އެއީ ވަގެކޭ ކިތަންމެ ވަރަކަށް ގޮވިޔަސް، އެއީ ވަގެއްކަމަށް ޤަބޫލުކުރާނީ ވަގަށް ގޮވާ މީހާގެ ތައްޕާހުން އުޅެ، އެމީހާޔަށް ބުއްދިޔާއި ފިކުރު ވިއްކައިލައިފައި ތިބޭ ބައެކެވެ. އެހެން މީހުންނަށް އެއަޑު އިވި، އެ އަޑާމެދު ދެކޭނީ ޝައްކުގެ ނަޒަރަކުންނެވެ. އެވެނި މީހަކީ ޖިންސީ ގޯނާގެ ބޮޑެކޭ ބުނެވޭތާކު އެވާހަކަ ޤަބޫލުކުރާނީވެސް އެ ބުނުން ބުނާ މީހާ ނުވަތަ ބައެއްގެ ބަތާކައިގެން އުޅޭ ބައެކެވެ. އެހެން މީހުންނަށް އެ ބުނުން ވާނީ ކަނޑުގައި އަޅާ ރޮނގަކަށެވެ. މީހެއްގެ ފަސްބަޔަށް މިއަދު އުކާ ކިސަޑު ގިނަފަހަރަށް ހަރެއް ނުލައެވެ. އެއީ ކިސަޑުގެ ޞައްޙަ ހަޑިކަން މިއަދު އޭގައި ނެތީމައެވެ. އަބުރަކަށް ތިއްކެއްވެސް ނުބުރައެވެ. އަބުރު ނޮޅާ ވަޅި ކޮށިވީ އެކަންޏެއް ނޫނެވެ. މިޔަވެސް ވެއްޓުނީއެވެ. މިއަދު އަބުރަކީ އެހައި ބޮޑު އަގެއް އޮތް އެއްޗެއް ނޫނެވެ. އެހައި ބޮޑަކަށް ރައްކާވެސް ކުރާންވީ، ނުވަތަ ކުރާން ބޭނުން އެއްޗެއް ނޫނެވެ. އަބުރާއި ޢިއްޒަތާއި އިޙްތިރާމަކީ ރަދީފުގައި އޮންނަ، އެހެން ތަންތަނުގައި ދެތިން ހަތަރު ޖޯކަށް ނޫނީ ނުވާ އެއްޗިއްސެވެ. ހިތާމަ ހުއްޓެވެ!

އެކަމަކު، އަޅުގަނޑުގެ ސުވާލެއް އަދިވެސް އެބައޮތެވެ. އަބުރަކީ ބޭކާރު އެއްޗަކަށްވެ، ކަމޭހިތުމުގެ މާނަވެސް ފެންނަން ނެތް ތާކު… ޤައުމާއި މުޖުތަމަޢު އޮންނާނީ ކޮންޙާލެއްގައިތޯ… ނޫން! އެ ސުވާލެއް އަދި ނުދަންނަވާނަމެވެ!

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
34

One Response

  1. އަބުރަށް އަރައިގަތީމަ ދެރަވޭ އެކަމަކު އަބުރަށް އަރައިގަތުމުގެ މިނިވަންކަން ދިނީވެސް ހަމަ އެމީހުން.

    ބަލައްޗޭ މައްސަލަ ނިމޭނީ ފޭކެއް ކަމަށް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.