ސާދިއޯ މާނީއަކީ ދުނިޔޭގެ އެންމެ މޮޅެތި ފުޓުބޯޅަ ކުޅިންތެރިންގެ ތެރޭގައި ހިމެނޭ ފުޓުބޯޅަ ކުޅުންތެރިއެކެވެ. އޭނާގެ އުފަން ރަށަކީ ހުޅަނގު އެފްރިކާގެ ރަށެއް ކަމުގައިވާ ސެނެގޯލެވެ.
ސާދިއޯ މާނީއަކީ މިހާރު ވަރަށް ބޮޑު މުއްސަންޖެކެވެ. މިލިޔަނަރެކެވެ. ނަމަވެސް، އޭނާގެ އެންމެ ޅަ ދުވަސްވަރު އޭނާ ހޭދަކުރީ ފަގީރުކަންމަތީއެވެ. އޭނާގެ ބައްޕައަކީ މިސްކިތެއްގެ އިމާމެކެވެ. ކުޑައިރު އޭނާގެ ބައްޕަ އޭނާއަށް ފުޓުބޯޅަކުޅެން މަނާ ވެސް ކުރިއެވެ. ނަމަވެސް، އޭނާގެ ބައްޕަ، އޭނާގެ އުމުރުން ހަތް އަހަރުގައި ނިޔާވިއެވެ. ނަމަވެސް، އޭނާ އަމިއްލަ ގަދަ މަސައްކަތާއި އާއިލާގެ އެއްބާރުލުމާއެކު އޭނާ ކާމިޔާބު ހޯދިއެވެ. އޭނާ ކާމިޔާބުވެ، މުއްސަނދިވުމުން، އޭނާ އެކިއެކި ޚައިރާތުގެ އަމަލުތައް ކުރެއެވެ. ބައެއް ފޮޓޯތަކުން ލިވަރޕޫލުގެ މިސްކިތެއްގެ ފާޚާނާ ސާފުކުރާ މަންޒަރުވެސް ފެނެއެވެ. މިތާނގައި ހަނދާންކޮށްލަން ޖެހެނީ އޭނާއަކީ ދީނީ ޝިއާރުތައް އަދާކުރާ މުސްލިމެއް ކަމެވެ. ކުޅުން ފެށުމުގެ ކުރިން މާތްﷲއަށް އޭނާ ދުއާކުރާތަން ފެނެއެވެ. އޭނާގެ އަމިއްލަ ރަށްކަމުގައިވާ ސެނެގޯލުގެ ބަމްބާލީގައި ތިންލައްކަ ޑޮލަރު ހޭދަކޮށް 2019ގައި މަދަރުސާއެއް އޭނާ ބިނާކުރިއެވެ. އަދި 2021ގައި ހަލައްކަ ޑޮލަރު ހޭދަކޮށް ބަމްބާލީގައި ހޮސްޕިޓަލެއް ވެސް އޭނާ ބިނާކުރިއެވެ.

އޭނާގެ އެންމެ ޅައިރުގެ ހަޔާތާ ބެހޭ ގޮތުން ސާދިއޯ މާނީ ބުނެއެވެ. "އަހަރެން ކުޑައިރު އަހަރެންގެ އާއިލާ ބަނގުރޫޓުވެ، އަތުގައި އެއްވެސް ފައިސާއެއް ނެތެވެ. އެންމެ ކުޑަވެގެން ފުޓުބޯޅަކުޅެން ބޫޓު ޖޯޑެއް ގަނެލާހާ ވަރު ވެސް އާއިލާ އަތަކު ނެތެވެ. އަހަންނަށް ކާންދިނުމަށްޓަކައި އަހެރެންގެ މަންމަ މީހުންގެ އަންނައުނު ދޮވެދީހެދިއެވެ. އެހެންވެ، ދަތީގައި އުޅޭ ކުޑަ ކުދިން އަހަންނަށް ފެނުމުން، އަސަރުކޮށް، އެކުދީންނަށް އެހީވެދޭން ބޭނުންވެ، އަހަރެން އެކަން ކުރަމެވެ. ސަބަބަކީ އެކުދިން ފެނުމުން އަހަރެންގެ އަމިއްލަ މާޒީ މަތިން އަހަރެން ހަނދާންވެއެވެ."
