Support Us

"އޭޝިއާ އެވޯޑްސް 2023″ ވިއްކަން ހުޅުވާލައިފި، އަގަކީ 340 ޑޮލަރު، މިފަހަރު ރާއްޖެއިން ކޮން ބައެއްބާ؟

ކޮންމެހެން ވެސް އެވޯޑު ބޭނުންވާ މީހުންނަށް ވަރަށް ފަސޭހައިން ގަނެލެވޭ "އޭޝިއާ އެވޯޑްސް 2023″ އަށް ކުރިމަތިލާން މިއަދު ހުޅުވާލައިފިއެވެ.

އިންޑިއާގެ ކުންފުންޏަކުން ހިންގާ "އޭޝިއާ އެވޯޑްސް" ބޭނުން ނަމަ ފޭސްބުކް އިން ފޯމެއް ފުރާލަންވީއެވެ. އެ ފޯމު މެދުވެރިކޮށް އެ މީހަކާ ބެހޭ މައުލޫމާތާއި ފޮޓޯ ހުށަހަޅަންޖެހެއެވެ. ފޯމު ހުށަހެޅުމުން، އެވޯޑް ލިބޭނީ 340 ޑޮލަރުގެ ފީއެއް ދެއްކުމުންނެވެ.

އެންމެ ފަހުން ބޭއްވި "އޭޝިއާ އެވޯޑްސް 2022/2021″ ގައި ރާއްޖެއަށް ވަނީ 51 އެވޯޑް ހޯދައިފައެވެ. އޭގެ ތެރޭގައި ސްޓޭޓް މިނިސްޓަރުން ފެންވަރުގެ މީހުންނާއި ކުޅިވަރާއި ކަސްރަތާއި ފެޝަން އާއި މުނިފޫހިފިލުވުމާއި ރިސޯޓުތަކާއި ވިޔަފާރީގެ އެކިއެކި ދާއިރާތަކުގެ މީހުންނާއި ތައުލީމާއި ސިއްހީ ދާއިރާގެ މީހުން ވެސް ހިމެނެއެވެ. އަދި ބައެއް ކުންފުނިތަކާއި ސްކޫލެއްވެސް ހިމެނެއެވެ.

އެވޯޑް ލިބުމުން ގައުމީ ދިދައާއެކު އެ މީހެއްގެ ފޮޓޯ ހިމަނައި "އޭޝިއާ އެވޯޑްސް"ގެ ފޭސްބުކް ޕޭޖުގައި ތަހުނިޔާ ކިޔަމުން ގެންދެއެވެ. ކުޑަ އަގެއްގައި ލިބޭތީ ބައެއް ދިވެހިން ވަނީ ތިން ހަތަރު އެވޯޑުވެސް ހޯދައިފައެވެ. ބައެއް މީހުން އަމިއްލައަށް ތައްޔާރުކޮށް ފޮނުވައިފައި ހުރި ވީޑިއޯ ޕްރޮފައިލް ވެސް "އޭޝިއާ އެވޯޑްސް"ގެ ފޭސްބުކް ޕޭޖުގައި ވަނީ ހިމަނައިފައެވެ.

"އޭޝިއާ އެވޯޑްސް 2023″ ގައިވެސް 46 ކެޓަގަރީއެއް ފާހަގަކޮށްފައިވެއެވެ. ނަމަވެސް އެ މީހަކު ބޭނުންވެއްޖެ ނަމަ، މިއިން ކެޓަގަރީއެއްގައި ނުހިމެނޭ، އާ ކެޓަގަރީއެއް ހަދައިގެން ވެސް އެވޯޑް ލިބިދާނެއެވެ.

"އޭޝިއާ އެވޯޑްސް 2022/2021″ ހޯދައިފައިވާ މީހުންގެ ތެރޭގައި ދިވެހިންގެ އިތުރުން އިންޑިއާ، ލަންކާ، މެލޭޝިއާ، ނޭޕާލް، ބޫޓާން، މޮރިޝަސް، ޗައިނާ، އަފްގާނިސްތާން އަދި ޒެމްބިއާގެ މީހުން ވެސް ހިމެނެއެވެ.

"އޭޝިއާ އެވޯޑްސް 2022/2021″ ހޯދައިފައިވާ މީހުންގެ ނަންތަކާއި ފޮޓޯތައް 4 ޖަނަވަރީ 2021 އިން ފެށިގެން ގެންދަނީ އިއުލާންކުރަމުންނެވެ.

އޭޝިއާ އެވޯޑްސް ފޭސްބުކް ޕޭޖުގައި ވާގޮތުން 4 ޖަނަވަރީ 2021 އިން 13 ޖޫން 2022ގެ ނިޔަލަށް "އޭޝިއާ އެވޯޑްސް 2022/2021″ 351 ފަރާތަށް ވަނީ ވިއްކައިފައެވެ. އެވޯޑެއް 340 ޑޮލަރުގެ މަގުން، މި 351 ފަރާތަށް އެވޯޑް ވިއްކައިގެން 119،340 ޑޮލަރު "އޭޝިއާ އެވޯޑްސް" އަށް ވަނީ ލިބިފައެވެ. މީގެ ތެރޭގައި ދިވެހިންނަށް ވިއްކި 51 އެވޯޑުން ލިބުނު 17،340 ޑޮލަރު ހިމެނެއެވެ.

ތިރީގައި މިވަނީ "އޭޝިއާ އެވޯޑްސް 2022/2021″ ލިބުނު ކަމަށް އޭޝިއާ އެވޯޑްސް ފޭސްބުކް ޕޭޖުގައި 13 ޖޫން 2022ގެ ނިޔަލަށް އިއުލާންކޮށްފައިވާ ދިވެހިންނާއި ރާއްޖޭގެ މުވައްސަސާތަކެވެ.







https://adhives.mv/33764