ދިވެހީންގެ އެއްބައިވަންތަކަން އަނބުރާ އިޢާދަ ނުވާނެބާ؟
ރިވެތިވި ޢުޚުއްވަތްތެރި ގުޅުން ޤާއިމު ދެނެއް ނުވެވޭނެބާ؟
ދީނާ ބަހާ ނަސްލީ ގޮތުން އެއްބަޔަކުކަމުގައި އޮތް އޮތުން
ފީނާ ކަނޑާ ޖައްވުގެ ތެރޭން ހޯދައި ގެނެސް ނުދެވޭނެބާ؟
އަކުރެއްފޮތުން އެނގުމެއްނުވާ ގޮތުގައިއުޅުނު ހިނދުވެސް މިތާ
ތަކުރެއް ކަތީބެއް ވަކިނުކޮށް އޮތް ގާތްގުޅުން ނޯންނާނެބާ؟
ގޭގޭ ތެލީ ފުލުގައި އުނދުޅި ހާކާއަޑަށް އަޑުއެހި ގެތައް
ނޭނގޭކަމަށް ނަހަދައި ތަކެތި ކާންދިން ދިނުން ނުދެވޭނެބާ؟
މީހަކުވިހާން އެރިޔަސް ތަނަށް ރަށުރައްޔިތުން އެކަމަށްޓަކާ
ވީހާއަވަކަށް ގޮސް އެގޭ ދޮށުތިބި ތިބުން ތިބެދާނެބާ؟
މުދިމާ ކަތީބާ ކުޑަ ކަތީބް ރަށު ރައްޔިތުން ކިޔަމަން ކުރާ
(ނުދިޔަސް ދިފާޢީ ފައުޖުތައް) ޙިކުމަތު ޢަމަލު ފެންނާނެބާ؟
ބައްޔެއް ވިޔަސް މީހަކު ބޮޑަށް ބޭހާއި ފަންޑިތައެއް ހަދަން
ޒައްރެއްގެ އަގު ނަމަވެސް ނުނެގި މާޒީ އިޢާދަ ވެދާނެބަ؟
ޅަކުދީން ބޮޑަތި މީހުންގެ ކުރި މަގުގައި ކަނޑާފައި އިހު ނުދާ
ތަކުރީމު ކުރި ހަމަ ރިވެތިވީ ބައްރުން މި ދެން ފެންނާނެބާ؟
ޤައުމުގެ އުފާވެރި ރަންޒަމާން ދިވެހީންގެ އިހުއޮތް ބަދަހިކަން
ޤައުމުން ފިލައި ދިއުމުން އަޅާ ޤައުމުގެ ކަރުނަ ހުއްޓޭނެބާ؟
