Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: ހުޅެތްވާއި ހުޅެވިހަނދު- ތަފާތަކީ ކޮބާ؟

ދިވެހި ރަދީފުގައި، މާނަ ނެތް ލަފްޒެއްގެ ގޮތުގައި އޮންނަ "ހުޅެވި" އާއި "ފުޅެވި" މި ދެ ލަފްޒު ހަނދާ ގުޅުވައިގެން އުފެދިފައިވާ ނަންއިތުރުގެ ޢިބާރާތެއް ކަމުގައިވާ "ހުޅެވިހަނދު" މި "އެކުވިކަލިމަ" އަކީ، ހަނދުބަލާ ރޭރެޔާއި އަދި ކީރިތި ޤުރުއާނުގެ ސޫރަތުލް ބަޤަރާގެ 189 ވަނަ އާޔަތުގައިވާ "الْأَهِلَّةُ" މި ގިނަ (ޖަމްޢު)ގެ ކަލިމައިގެ "އެކަހެރި" (مُفْرَدُ) މާނަ ކަމުގައިވާ "هِلَالٌ" މި ކަލިމަ ދިވެހި ބަހުން ނެތުމުގެ ޢިލްމީ އުނިކަން ނުހަނު ބޮޑަށް ލިބޭ ކަމެކެވެ. އެހެންކަމުން "ހަނދުގެހުޅެވި" މި ނިސްބީ ނަންއިތުރުގެ ޢިބާރާތުން ނުވަތަ މި އެކުވި ކަލިމަ ބޭނުން ކޮށްގެން ހަނދަށް ސިފަ ދެވޭ ނަންއިތުރެއް ކަމުގައިވާ "ހުޅެވި" ނުވަތަ "ފުޅެވި" ފަހުމުކޮށް ދެނެގަނެވޭން ޖެހެއެވެ.

މި ލިޔުމުގައިވާ، ނާސާއިން ނަގައިފައިވާ ހަނދުގެ ފޮޓޯއިން ކިތަންމެހައި ވެސް ރިވެތިކޮށް ހަނދާއި ހުޅެވި ވަކިން ދެނެގަނެވޭނެއެވެ. ހުޅެތްވަކީ، ހަނދުގެ ވަށައިގެން ކޮންމެ 28 ދުވަހުން ބުރެއްޖަހާ، ހަނދުގެ ވަށައިގެން ހިނގާ އިރުން އެޅިފައިވާ އަލިކަން، ދުވާލަކަށް ފާޅުވާ ނުވަތަ އުނިވާ ނިސްބީ މިންވަރެވެ.

ކޮންމެ ހަނދު މަހަކު ހަނދަށް އެޅިވައިވާ އިރުގެ އަލިކަން ނުވަތަ "illumination" ދުނިޔެއަށް ފުރަގަސްދީފައި އެ އަލިކަން އިރާއި ހަނދާ ދެމެދުގައި ހުރެފައި، އެއްއުއި ވުމުގެ ފަހުން އެ އަލިކަން ދުނިޔެއާވީ ފަރާތަށް ވަންނަން ފެށުމުން، ނުވަތަ 15 ވިލޭރޭގެ ފަހުން ދުނިޔެއަސް ފުރަގަސްދޭން ފެށުމުން، އެ އަލިކަން ދުވާލަކަށް ފެންނަ ނިސްބީ މިންވަރަކީ ހުޅެތްވެކެވެ. ނުވަތަ ހުޅެތްވެއްގެ މިންވަރެކެވެ.

ހަނދުފަޅި، ނުވަތަ "crescent" ނުވަތަ "هِلَالٌ" އެވެ، ކިޔަނީ "ހުޅެވި" ފެންނާން ހުންނަ ސިފަޔަށެވެ. "هِلَالٌ" ގެ ޖަމްޢު (ގިނަ) ގޮތަކީ "الْأَهِلَّةُ" އެވެ. ދިވެހި ބަހުން ހިލާލަކީ ހުޅެތްވެވެ. ހުޅެވީގެ ގިނަގޮތަކީ ހުޅެވިތަކެވެ. ހުޅެވިހަނދެއް ނޫނެވެ. އެކަމަކު ހުޅެތްވާއެކު ހުންނަ ހަނދަށް ހުޅެވިހަނދޭ ބުނެވޭނެއެވެ. އެއީ ހަނދުގެހުޅެވީގެ މާނައިގައެއް ނޫނެވެ. މިކަންކަން ބަހަވީގޮތުން ދެނެގަތުމަކީ، ރާއްޖެ މިއަދު ޢިލްމީ މައިދާނުގައި ކުރިއަރަމުން ފަލަކީ ތަޖްރިބާތަކާ ކުރިމަތިލަމުން އަންނައިރު، ދިވެހި ބަސްފޮތުގައި މާނަނެތި ހިރަފުސް އަރާން ދޫވެފައި އޮންނާންވީ ކަންކަމެއް ނޫނެވެ. މިފަދަ ފަލަކީ އިޞްޠިލާޙީ ލަފްޒު ތަކަކީ، ބަހެއްގެ އަދީބަކަށް ވުމަކުން މާނަ ދޭހަވާންޖެހޭ ކަމެއްނޫނެވެ. ބަހުގެ އަދީބުންގެ އިމަކީ، ބަހުގެ ޤަވާޢިދުގެ ނުވަތަ ހަމަތަކުގެ އިމެވެ. ބަހެއްގެ ކަންކަމުގެ އިޞްޠިލާޙުތަކާއި ކަންކަމާގުޅޭ ބަހުރުވައިގެ މާނަ އެނގުމަކީ އަދީބުންގެ އިމެއް ނޫނެވެ.