ތިރީގައި މި ވަނީ އޭގެ މައްޗަށް ވިސްނާލުން މުހިއްމު ދަރަންޏާ ބެހޭ ބައެއް ބުނުންތަކެވެ.
1. ދަރަންޏަކީ ވެސް ހަމަ އެހެން މަޅިމަޅި ފަދަ އެއްޗެކެވެ. އޭގެ ތެރެއަށް ވަނުން ދާދި ފަސޭހައެވެ. ނަމަވެސް، އޭގެ ތެރެއަށް ވަދެ، އެ މަޅީގައި ޖެހި ތާށިވުމުން، އެއިން ސަލާމަތްވާން އުނދަގޫވެއެވެ. މަޅިއެއްގައި ޖެހޭ މީދަލެއް ނުވަތަ އެއަށް ވުރެ ބޮޑު ޖަނަވާރެއް ހިތަށް ގެންނާށެވެ. އޭރުން މި ބަހުގެ މާނަ ސާފުކޮށް ހިތަށް ނަގައިގަނެވޭނެއެވެ.
2. އެމީނުންގެ ދަރަނި އަދާކުރުމަށް ވުރެ ބޮޑަށް، އެހެން މީހުންނަށް ހަދިޔާދީ އުފާލިބިގަތުން ދަރަނިވެރިން ދެމިތިބެއެވެ.
3. ދަރަންޏަކީ މިނިވަން މީހުންގެ މިނިވަންކަން ނަގާލައި އެމީހުން އަޅުވެތިކޮށްލާ ކަމެވެ.
4. މީހުންނަށް، އެކަމުގެ މިންވަރު އެނގޭ ވަރަށް ވުރެ ބޮޑަށް އެމީހުންނަށް ލިބިގެންވާ ހަތަރުކަމެއް ވެއެވެ. ފާފައާއި ދަރަންޏާއި އުމުރުގެ އަހަރުތަކާއި ދުޝްމަނުންނެވެ.
5. ދަރަނީގެ ކަސްތަޅުތަކުގައި ވާކަމުގެ އިހުސާސެއް ވުމަށް ވުރެ ދަރަނީގެ އެ ކަސްތަޅު އޮންނަނީ ލުއިކޮށެވެ. ދަރަނީގެ ކަސްތަޅު ބަރުވެ، އޭގެ އިހުސާސުވާއިރު އޮންނަނީ އެ ކަސްތަޅު މުގުރާލައި ނެތިކޮށްލަން އުނދަގޫވެފައެވެ.
6. އެވޭލާ ޒަމާނުގައި އަޅުން ހޯދުމަށް ހަނގުރާމަތައް ކުރެވެއެވެ. މި ޒަމާނުގައި މީހެއްގެ ނުވަތަ ބައެއްގެ މައްޗަށް އަޅުވެތިކަން ފާކޮށްލަން ބޭނުން ކުރެވެނީ ދަރަންޏެވެ.
7. ނުދެއްކޭ ވަރަށް ދަރަނި ނަގައިގެން ދިރިއުޅުމަށް ހަމަޖެހުމާއި ރީތި ކަމެއް ނުގެނެވޭނެއެވެ.
8. މިކަން އަބަދުވެސް ހަނދާން ކުރާށެވެ: ދަރަންޏަކީ އަޅުވެތި ކޮށްލުމެކެވެ. އެއީ ފައިސާގެ ކަތުރުފަންޏެވެ.
9. ދަރަނި ބޮލުގައި އަޅަމުންދާ މީހާ އަބަދުވެސް ދާނީ ހިތާމަކުރަމުންނެވެ.
10. ތިން ވައްތަރެއްގެ މީހުން އުޅެއެވެ. އެއްޗެހި ލިބިފައިވާ މީހުންނާއި އެއްޗެހި ނުލިބި ތިބި މީހުންނާއި އެ އެއްޗެހީގެ އަގު ނުދައްކައި އެއްޗެހި ލިބިފައިވާ މީހުންނެވެ. ތިންވަނަ ބާވަތުގެ މީހުންނަށް އެމީހުންގެ އަތުގައިވާ އެއްޗެހީގެ އަގު ދައްކަން ޖެހޭ ދުވަސް އަންނާނެއެވެ.
11. ދަރަންޏަށް ތަކެތި ނަގާ މީހާގެ ހަނދާނަށް ވުރެ، ދަރަންޏަށް ދޫކުރާ މީހާގެ ހަނދާން ގަދައެވެ.
12. ބައެއް މީހުން އެމީހުންގެ ކުޅަދާނަކަމުގެ ދެބައިކުޅަ އެއްބައި ބޭނުން ކުރަނީ ދަރަންޏަށް ތަކެތި ހޯދުމަށެވެ. ދެން، އެއަށް ފަހު، އެމީހުންގެ ކުޅަދާނަކަމުގެ އަނެއް ބައި ބޭނުން ކުރަނީ ދަރަނިން ރެކެން މަސައްކަތްކުރުމުގައެވެ.
ކޮންމެއަކަސް ދަރަނީގެ ނުރައްކަލުގެ ކަޅު ވިލާތަކެއް ރާއްޖޭގެ އުޑުގައި ގިނަވެ، ފަތުރާލައިފިއެވެ. އެކަމުގެ އެކިއެކި އިންޒާރުތައް އިވެން ފަށައިފިއެވެ. ކުރިމަތީގައި ބޮޑެތިބޮޑެތި ދަތިތައް އޮތްކަމުގެ އިންޒާރެވެ. ތަނުގެ ބޮޑެތި ކުންފުނިތަކަށް ގެއްލުންވެ ބަގުރޫޓުވެދާނޭ ކަމުގެ ޚަބަރުތަކެވެ. ޚަރަދުތައް ކުޑަކުރަންވެއްޖެ ކަމުގެ އިންޒާރެވެ. ކާބޯތަކެތި ގަތުމުގެ ވެސް އެކަށޭނަކަން ނެތި، ކާބޯތަކެތި ގަންނަން ދަރަނި ނަގަންޖެހި އެކަންކުރި ކަމުގެ ވާހާކަތަކެވެ. ތަން ދަރިނިވެ ބަނގުރޫޓުވުމުން ދަތިތައް ކުރިމަތިވަނީ ވަކި މީހަކަށް ނޫނެވެ. މުޖުތަމައުގެ އެންމެންނަށެވެ.
އެހެންވެ، މިއީ އެންމެން ވެސް ވިސްނަންވީ ވަގުތެވެ. މިި ހިސާބަށް ކަންތައް ދިޔައީ ކީއްވެތޯ އެންމެން ވިސްނައި ޖަވާބު ހޯދަން ޖެހެއެވެ. ތަނުގެ ފައިސާ ބަލަހައްޓަން އެނގެން ޖެހޭ ބަޔަކަށް އެކަން ކުރަން ނޭނގުނުކަން މިކަމުން ސާބިތު ވެއްޖެއެވެ. މިއީ މިފަދަ ބަޔަކު އެކަނި ކުށްވެރިކޮށްގެން ފަރުޖެެހޭނޭ ކަމެއް ނޫނެވެ. އެފަދަ ކަންކަން ނޭނގޭ ބަޔަކާ އެކަން ކުރަން ހަވާލުކުރި މީހުން ވެސް، މިކަމުގެ ޒިންމާ ނަގަންޖެހެއެވެ. ޕާޓީއާއި ޒާތީ ތައައްސުބުގެ އަވައިގައި ޖެހި، ވިސްނާނުލާ ކުރެވުނު ކަމުގެ ހިތި ނަތީޖާ މިދަނީ ފެންނަމުންނެވެ. މީގެ ސާޅީހަކަށް އަހަރު ކުރިއްސުރެން ތަނުގައި އުފެދުނު ޚިޔާނާތާ ފަސާދައިގެ ސަގާފަތް ނައްތާނުލެވުމުގެ ނަތީޖާއެވެ. މި ހިސާބަށް ކަންތައް ދާއިރުވެސް، މިކަމުގެ ހައްލު ހޯދަން ތިބި ރައްޔިތުން ތަމްސީލުކުރާ މީހުންގެ ތެރެއިން އެއްބަޔަކު، ރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން އެތިބީ ބޭރު ގައުމުތަކުގެ މައްސަލަތައް ހައްލުކުރާށޯލައެވެ. ނޫނީ ބޭރުގައި ތިމާގެ ބޮޑުކަން ދައްކާށެވެ! އަނެއް ބަޔަކު ބުނަމުން އެގެންދަނީ ކީކޭކަމަށް ހެއްޔެވެ؟ މަޖުލީހުގެ ރިޔާސަތުން އިވޭ 'ބުއްދީގެ ހަމައިގެ' ވާހަކައެއް އަޑުއަހާލާށެވެ! މަޖުލީހުގެ ރިޔާސަތުން އިވެނީ މަޖުލީހުގެ ގަވާއިދުގައި 'ތެދުބަހުން ވާހަކަދެއްކުމަށް' ލިޔެވިފައި ނެތްކަމެވެ. އާދެ، މަޖުލީހުގެ ރިޔާސަތުން މިބުނަނީ މަޖުލީހުގެ ތަޅުމުގައި ދޮގުހަދައި އޮޅުވާލައި މަކަރު ހެދުމަކީ ހަމަ އެންމެ ރަނގަޅު ކަމެއްތާއެވެ! މިފަދަ ބަޔަކު ރައްޔިތުން ތަމްސީލުކުރަން ހޮވުމުން، ތަން ދަރަނިވެ ބަނގުރޫޓު ނުވެދިޔުމަކީ ނުވުމަށް ވުރެ ވުން ގާތް ކަމެކެވެ!

One Response
މަޖިލީހުގެ ތަޅުމުގައި ތެދުބަހުން ވާހަކަ ދައްކާކަށް ނުޖެހޭ ކަމަށް އީވާ ބުނީ. މާނައަކީ ދޮގު ހެދިޔަސް އެންމެ ރަނގަޅޭ. މަޖިލީހުގައި ހަދާދޮގުތައް ފޮތުގައި ނުލިޔުއްވަނީ ކަމަށް އީވާ ދައުވާ ކުރަނީހެން ސުފަވޭ. އެހެންކަމުން އީވާ އެވަނީ ވަރަށް ބޮޑު ދަރަންޏަކުން ދަރަނިވެރިވެފަ. މިފަދަ މީހުންގެ ދަރަޖަ އަކީ ކޮބައިކަން ކޮންމެވެސް މީހަކު ބުނެދީބަލަ.