ނުވަދިހައިގެ ފަހުކޮޅު ނުވަތަ ދެ ހާހުގެ ކުރީކޮޅު، އަތޮޅުތަކުގެ ގިނަ ކުދިންނަކީ ފަޤީރު ނިކަމެތި އާއިލާތަކުގެ ދަރިންނެވެ. މަންމައާއި ބައްޕަ އަށް ހަ ކުދިން ހަތް ކުދިން ލިބިފައި ތިބެއެވެ. އެހެންވެ ސްކޫލުތަކުގައި އެ ކުދިން މިނެކިރަނީ ބައްޕައަށް ލިބޭ މުސާރައާއި އެ ދެ މީހުންނަށް ލިބިފައިވާ ޢިލްމާއި ދަރިންގެ އަދަދުންނެވެ.
ކުއްޖާ ކިތަންމެ މޮޅަސް، އަހުލާގު ރަނގަޅަސް، ކަތީބުގެ ދަރިއާއި އެދުރުންގެ ދަރިންނާއި ފިހާރައިގެ ސޭޓުގެ ދަރިންނާއި އޮފީސްތަކުގެ ކާތިބުންގެ ދަރިން ނަގައިފައި ނޫނީ ނިކަމެއްޗެއްގެ ދަރިއަކަށް އިސްކަމެއް ނުދޭނެތެވެ. މުއްސަނދިންގެ ދަރިންގެ އުޅުމެއް ނެތަސް ބަފާގެ ތަނަވަސްކަމަކީ އެ ކުދިންގެ އަހުލާގުގެ މޫނުބަލާ ލޯގަނޑެވެ.
އޭރުގެ ހެޑްމާސްޓަރާއި ސުޕަވައިޒަރުންނަކީވެސް ޢިލްމީ މީހުންނެވެ. އެކަމަކު ދަސްވެފައި ނުވީ ތިމާމެންގެ ތަފާތު ކުރުންތަކުން ކިތަންމެ ކުދިންނެއްގެ ކިޔެވުން ހަލާކުވެ ތަޢުލީމީ އެތައް ދަރިންނެއް ބިކަވެދާނެކަމެވެ. ކަމެއް ނުކުރިއަސް ފަޤީރެއްގެ ދަރިއެއްވެއްޖެއްޔާ އިލްޒާމު އެޅުވޭލެއް ފަސޭހައެވެ.
ހުކުރު ދުވަހު މޫދަށް ގޮސް ރޭގަނޑު މަގުމަތީ އުޅެ މިސްކިތުގައި ސަކަރާތްޖަހައި، ކުލާހުގައި ގޯސްކޮށް އުޅޭ ކަމަށް ނަންވާނީވެސް މަސްވެރިޔާގެ ދަރިންނެވެ. ބޫޓު ބާކަމުން، ދަބަސް ބާކަމުން ނޫނީ ފެޅިފައި ހުރެގެން ޔުނިފޯމު ބެޖުގައި ކުލަ ނެތިގެން މައިންބަފައިން ސްކޫލަށް ގެންގޮސް ލަދުގަންނަވާލައިފައި ވަނީ ވެސް އެތައް ދުވަހަކުއެވެ.
ބުނެދޭން ފަސޭހައެއް ނޫނެވެ. އެހެނަސް މި ތަފާތުކުރުންތަކުން މައިންބަފައިން ނިކަމެތިވެގެން ބޭކާރުކޮށްލެވުނު އެތައް ދަރިންނެއް ވެއެވެ.
މިއަދުވެސް އެ މުއްދަރިސަކު ނުވަތަ ހެޑްމާސްޓަރަކު ފެނުމުން އެ ދުވަސްތައް މަތީން ހަނދާންވެ ދަތްކުނޑިވިކާލެވި މާޒީގެ ފަތްފުށްތައް ހިތަށް ސިފަކޮށްލެވެއެވެ.
އަދުގެ ތައުލީމީ ހަޔާތުގެ ކުދިން ވަރަށް ނަސީބުގަދައެވެ. އެ ދުވަހު އެ ކުދިންގެ ދިފާއުގައި ބަސްބުނަން ކެރޭ، އަޑު އުފުލަދޭނެ މީހަކުނެތެވެ. އެކަމަކު މިއަދު ނަމޫނާ ޓީޗަރުން އެބަތިއްބެވެ. ކުދިންގެ ހައްގުގައި ބަސްބުނެ ކުދިންނަށް ހަމަހަމަ ފުރުސަތުތައް ދޭނެ އެދުރުން އެބަތިއްބެވެ.
އިންޝާﷲ އެ ދުވަހު މައިންބަފައިން ކުދިންނަށްޓަކައި ހަނު ތިއްބަސް އަދުގެ ދަރިންގެ ކުރިމަގަށްޓަކައި އަޑު އުފުލާ މަޔަކާއި ބަފަޔަކަށް އަހަރެމެން ވާނަމެވެ.
ނޯޓް: މިއީ ޖުމްލަކޮށް އޭރުގެ ތައުލީމީ ޙާލަތަށް ބިނާކޮށް ލިޔެފައިވާ ލިޔުމެކެވެ.



advertisment