Support Us

ކޮލަމް ކޯދު: ގިނަ ޕާޓީތަކުގެ ސިޔާސީ ނިޒާމުގެ "ފައިދާ": އިންޑިޔާއިން ރާއްޖެއަށް "މޭޑް-އިން-އިންޑިޔާ" ރައީސެއް!

އެންމެ ފުރަތަމަ ތޯތޯ ވާހަކައެކެވެ. ހޮޅުއަށިތަކާއި ސައިހޮޓާތަކަށް އަރާ ސިޔާސީ މުފައްކިރުން ބުނެ އުޅޭތީ އަޑު އިވެއެވެ. އެމެރިކާއާއި އިޒްރޭލު ނުރުހޭ މީހަކަށް މެދު އިރުމަތީ ގައުމެއްގެ ވެރިކަމަކަށް ނާދެވޭނެއެވެ. އަދިވެސް މި ފަދަ ސިޔާސީ މުފައްކިރުން ބުނެއުޅެއެވެ. އެ ނޫން މީހަކު މެދު އިރުމަތީގެ ގައުމެއްގެ ވެރިކަމަށް އަތުވެއްޖެ ނަމަ، ކޮންމެވެސް ގޮތަކުން އެމީހަކު ވެރިކަމުން ދުރުކުރެވެއެވެ. އަދި، އެމެރިކާއާއި އިޒުރޭލުގެ ރުހުން ނެތް ފަދަ މީހަކަށް ވެރިކަމުގެ ގޮނޑިއާ ހަމައަށް އާދެވި، އެ ގޮނޑީގައި އިށީނދެވިއްޖެ ނަމަ، އެމީހަކުގެ ދުވަސް ދުއްވާލެވެއެވެ.

ހޮޅުއަށިތަކުގައްޔާއި ސައިހޮޓާތަކުގެ މިފަދަ ސިޔާސީ ވާހަކަތައް ބިނާވެފައި އޮންނަނީ މާ ބޮޑު ދިރާސާތަކެއް ކުރެވި، މަސްހުނިކަން ބޮޑު މައްސަލަތަކުގެ އޮޅުންބޮޅުން ފިލުވައި ކަންކަން ތަހުލީލު ކުރެވިގެންނެއް ނޫނޭ ބުނެވިދާނެއެވެ. ނަމަވެސް، އެ ފަދަ ވާހަކަތައް، ގިނަ ފަހަރަށް، ބިނާވެފައި އޮންނަނީ، ރޭޑިޔޯތަކުން އިވޭ ޚަބަރުތަކުންނާއި އަދި ޓީވީތަކުން ފެންނަ މަންޒަރުތަކުގެ މައްޗަށް ބަލާފައިި ތިމާގެ ނަފްސީ އިހުސާސެއްގެ ފާޅުކޮށްލުމެއްގެ ގޮތުގައެވެ.

އެފަދަ ވާހަކަތައް ކޮންމެ ކަމެއްގެ މައްޗަށް ބިނާވެފައި އޮތަސް، އޭގައި ހަގީގަތެއް ވާކަން، މެދުއިރުމަތީގެ ދުރާއި އަދި ކައިރި މާޒީއަށް ބަލާލުމުން، އެނގެއެވެ. ދެ މިސާލެއް ލިޔެލާނަމެވެ. މާ ދުރު ނޫން ނަމަވެސް، މާޒީން ނެގިފައިވާ މިސާލަކާއި ދާދި އިހަކަށް ދުވަހަކު ވީ ކަމެކޭ ބުނެވިދާނޭ ފަދަ ހާދިސާއެއްގެ މިސާލެކެވެ.

ފުރަތަމަ މިސާލު ގުޅެނީ އީރާނާއެވެ. އިރާނުގައި 1951ގައި އަލަށް މިޒަމާނުގެ ޑިމޮކުރަސީއެއް ގާއިމުކުރެވުނެވެ. އަދި، ބޮޑުވަޒީރަކަށް މުހައްމަދު މުއްސައްދިގު އިންތިޚާބު ކުރެވުނެވެ. އޭނާގެ ސަރުކާރު ދެމިއޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ހެޔޮ ބަދަލުތަކެއް އީރާނަށް ގެނެވުނެވެ. ބިމާ ބެހޭ އިސްލާހުތަކާއި ޓެކްސްގެ ނިޒާމަށް ގެނެވުނު އިސްލާހުތަކެވެ. އޭގެ ތެރޭގައި ކުއްޔަށް ދޫކުރާ ތަންތަނުން ޓެކްސް ނެގުން ހިމެނެއެވެ. އޭނާގެ އިސްލާހުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެއްވުނު އިސްލާހަކަށްވީ އީރާނުގެ ތެލުގެ ސިނާއަތަކީ އިރާނުގެ ގައުމީ ސިނާއަތެއް ކަމުގައި ހެދުމެވެ. އެއީ ގައުމުގެ މިލްކެއް ކަމުގައި ކަނޑައަޅައި ނިންމި ނިންމުމެވެ. އަދި 1913 ވަނަ އަހަރުން ފެށިގެން އެ ސިނާއަތު އޮތީ އިނގިރޭސިންގެ އަތްމަތީގައެވެ. އެމީހުންގެ މިލްކެއްގެ ގޮތުގައެވެ. އެ ސިނާއަތުގެ ބޮޑު ފައިދާއެއް ކުރަނީ އިނގިރޭސީންނަށެވެ. އެއިން އީރާނަށް ލިބުނީ ވަރަށް ވެސް ކުޑަ އެއްޗެކެވެ. އެ ސިނާއަތް އެ ކުންފުންޏެއްގެ ބާރުގެ ދަށުގައި އޮތް 'އެންގްލޯ ޕާޝިއަން އޮއިލް ކޮމްޕެނީ (ފަހުން، ބްރިޓިޝް ޕެޓްރޯލިއަމް)، މި ކުންފުނިން އީރާނަށް ލިބޭ އެއްޗެއް، އިނގިރޭސިވިލާތަށް އެ ކުންފުނިން ދައްކާ ޓެކްސްއަށް ވުރެ ވެސް މަދެވެ.

ކޮންމެ އަކަސް ބޮޑުވަޒީރު މުސައްދިގުގެ އިސްލާހީ އަމަލުތަކާ މެދު އިނގިރޭސިން ނުރުހުނެވެ. ނަތީޖާއަކަށްވީ އިނގިރޭސީންނާއި އަދި އެމެރިކާ ވެސް ގުޅިގެން 1953ގައި އީރާނަށް އިންގިލާބެއް ގެނައުމެވެ. އަދި، ޝާހުގެ އިސްތިބްދާދީ ރަސްކަން އަލުން ގާއިމުކުރުން ވެސް މެއެވެ. އާދެ، މިއިން ފެނިގެންދަނީ، ހޮޅުއަށިތަކާއި ސައިހޮޓާތަކުން އިވޭ، މަތީގައި ނަންގަނެވިދިޔަ ވާހަކަތަކުގެ މިސްދާގިއްޔަތެވެ. މެދުއިރުމަތީގައި ވެރިން ތައްޔާރުކުރެވެންޖެހޭނީ ހުޅަނގުން ކަމުގައި ދެއްކޭ ވާހަކަތަކުގެ ތެދުކަމުގެ ހެއްކެވެ.

ދެން، މިދާކަށް ދުވަހު ފެނުނު މަންޒަރަކަށް ބަލާލަމާ ހެއްޔެވެ؟ މި މަންޒަރު ފެނުނީ މިސުރުންނެވެ. އާދެ، މިސުރުގައި ވެސް 2012 ވަނަ އަހަރު ފުރަތަމަ ފަހަރަށް 'ހަގީގީ' ޑިމޮކުރަސީއެއް ގާއިމުކުރެވުނެވެ. މިސުރަށް 1952ގައި ގެނެވުނު އަސްކަރީ އިންގިލާބަށް ފަހު، މިސުރު ޖުމްހޫރިއްޔާއަކަށް ބަދަލުވެ، ދެން ވިދިވިދިގެން މިސުރުގައި ވެރިކަން ކުރެއްވީ މުޅިން ވެސް އަސްކަރީ ލީޑަރުންނެވެ. މުހައްމަދު ނަޖީބާއި، ޖަމާލު އަބްދުއްނާސިރާއި އަންވަރު ސާދާތާއި ހުސްނީ މުބާރަކު ފަދަ އަސްކަރީ ލީޑަރުންނެވެ. މިކަން ބަދަލުވެގެން ދިޔައީ 2012ވަނަ އަހަރު މިސުރުގެ ވެރިކަމަށް މުހައްމަދު މުރްސީ އިންތިޚާބުކުރެވުމުންނެވެ.

ނަމަވެސް، ހުޅަނގުން މި ޑިމޮކުރަސީއާ ރުހޭ ގޮތެއް ނުވިއެވެ. މި ނުރުހުން، މައިގަނޑު ގޮތެއްގައި ގުޅެނީ މުރުސީގެ ޚާރިޖީ ސިޔާސަތާއެވެ. ވަކިން ޚާއްސަކޮށް، އިޒުރޭލާ މެދު މުރުސީގެ ސިޔާސަތު އޮވެދާނެ ގޮތަކާ މެދުއެވެ. އެއްކޮޅުން ފަލަސްތީނުގެ ވެރިންނާ މުރުސީ ގުޅުން އުފެއްދެވިއެވެ. ގާޒާއާއި ގާޒާގައި ވެރިކަން އެބައެއްގެ އަތްމަތީ އޮތް ހަމާސްއާ ވެސް މުރުސީ ގުޅުން އުފެއްދެވިއެވެ. އަދި، އެ ދުވަސްވަރު އިޒުރޭލުން ގާޒާއަށް ދިން ހަމަލާތައް ވަރަށް ހަށުކަށި އިބާރާތުން ކުށްވެރިކުރެއްވިއެވެ. މީގެ އިތުރުން، ގާޒާއިން މިސުރަށް ދެވެން އޮންނަ މަގު ހުޅުވާލައި އިޒްރޭލުން ގާޒާއާއި ފަލަސްތީނުގެ މީހުން ހިސޯރު ކުރުމުގެ މަސައްކަތަށް ހުރަސްއެޅުނެވެ. މީގެ އިތުރުން، 'ފަލަސްތީނު އޮންނަން ޖެހޭނީ އަރަބިންގެ އަތްމަތީގައި' ކަމުގައި ދޭހަވާ ފަދަ ވާހަކަތައް ވެސް މުރުސީ ދެއްކެވިއެވެ. މިހުރިހާ ކަމެއް އަންގައި ދިނީ ރައީސް މުރުސީގެ ޚާރިޖީ ސިޔާސަތަކީ، ތަނުގެ އާންމު ރައުޔާ އެއްގޮތަށް، އަދި، މިނިވަން ޚާރިޖީ ސިޔާސަތަކަށް ވެދާނޭ ކަމެވެ. އެހެންވެ، މިއީ ހުޅަނގުން، ޚާއްސަ ގޮތެއްގައި އެމެރިކާއާއި އިޒުރޭލުން، ރުހޭނޭ ކަމެއް ނޫނެވެ. އެހެންވެ، ނަތީޖާއަކަށްވީ، މުރުސީގެ ވެރިކަން އަސްކަރީ އިންގިލާބަކުން ބަދަލުވެގެން ދިޔުމެވެ. މިކަމުގެ އަޑީގައި އެމެރިކާއާއި އިޒުރޭލުވާކަމުގެ ވާހަކަ ދެކެވެއެވެ. އާދެ، ހޮޅުއަށިތަކުގައްޔާއި ސައިހޮޓާތަކުން އިވޭ ވާހަކަތަކުގެ ތެދުކަމާއެވެ! މެދުއިރުމަތީގައި ވެރިންނަށް ތިބެވޭނީ ހުޅަނގުގެ ރުހުން އޮތް ބަޔަކަށޭ އެބުނާ ވާހަކައަކީ ތެދެކޭ ބުނެވިދާނެ ކަމުގެ ހެކި މިކަމުން ވެސް ލިބޭކަމަށް ދެކެމެވެ!

ދެން އޮތީ ރާއްޖޭގެ ވާހަކައެވެ. އިހުގައި ރާއްޖޭގެ ވެރިކަން އޮންނަނީ އާއިލާތަކެއްގެ ތެރޭގައި ހިސޯރުވެފައެވެ. އަތިރީގެ އާއިލާއާއި ކަކާގޭ އާއިލާއާއި ވެލާނާގޭ އާއިލާ ފަދަ އާއިލާތަކެވެ. ވެރިކަމުގެ ކޯޅުންތައް ވެސް އޮންނަނީ ވެރިކަމުގެ އާއިލާތަކުގެ ތެރޭގައެވެ. ނަމަވެސް، ގިނަ ޕާޓީތަކުގެ ޑިމޮކުރަސީ އައި ފަހުން، މިކަން ބަދަލުވެގެން ދިޔައެވެ.

އާއިލާތަކުގެ މެދުގައި ވެރިކަން އޮންނައިރު، އެފަދަ އާއިލާތަކުން ދުރާލައި ވެރިކަމަށް އެކަށީގެންވާ މީހުން ތައްޔާރު ކުރެއެވެ. ވެރިކަމަށް އެކަށީގެންނުވާ މީހަކު، ވެރިކަމުގެ އާއިލާއެއްގެ ފަރާތުން ވެރިކަމަށް ގެންނަން އުޅެފި ނަމަ، މައްސަލަތައް ކުރިމަތިވެ، ވެރިކަމުގައި އޮތް އާއިލާއެއްގެ އަތުން ވެރިކަން ބީވާ ގޮތް ވެސްވެއެވެ. މިގޮތުން 1930ގެ އަހަރުތަކުގައި މިފަދަ މަންޒަރެއް ފެނިގެން ދިޔައެވެ. ކޮންމެއަކަސް، ރާއްޖޭގެ ތާރީޚުގައި ހުރިހާ އިރެއްގައި ވެރިކަމަށް އަންނަނީ އެންމެ ގާބިލު މީހާ ކަމުގައި ނުވިޔަސް، ޖުމްލަ ގޮތެއްގައި ވެރިކަމަށް އައިސްފައިވަނީ ކަމަށް އެކަށީގެންވާ މީހުންނޭ ބުނުމަކީ ހަގީގަތާ ޚިލާފު ބުނުމެކޭ ބުނެވޭނެހެނެއް ހިޔެއް ނުވެއެވެ. މީގެ އިތުރުން، ފާހަގަކޮށްލަން ޖެހޭ އެހެން ހަގީގަތެއް ވެސް އެބަ އޮތެވެ. ރާއްޖޭގެ ދިގު ތާރީޚަށް ބަލާލާއިރު، ވަރަށް ވެސް މަދު، ނާދިރު، ފަހަރެއްގައި މެނުވީ، ރާއްޖޭގެ ވެރިން ރާއްޖޭގެ މިނިވަންކަން ދެމެހެއްޓިއެވެ. ބޭރު ބައެއްގެ އަތްމައްޗަށް ރާއްޖޭ ދިޔަނުދީ ރާއްޖޭގެ މިނިވަންކަން ދިފާއުކުރިއެވެ.

ކުރިން އިޝާރަތް ކޮށްލި ފަދައިން، ވެރިކަމާ ގުޅޭ މި ސަގާފަތް، 2008ގައި ރާއްޖެއަށް ގެނެވުނު ގިނަ ޕާޓީގެ ޑިމޮކުރަސީގެ ނިޒާމުގެ ތެރެއިން ބަދަލުވެގެން ދިޔައެވެ. ރާއްޖެއަށް ގެނެވުނު، މި ނިޒާމު ނިޔާކުރީ، އިދާރީ އަދި ގައުމެއްގެ މާލީ ކަންތައްތައް ހިންގުމުގެ އެއްވެސް ހުނަރެއް ތަޖުރިބާއެއް ނެތް މީހުންނަށް ވެސް ވެރިކަމަށް އާދެވިދާނޭ ކަމެވެ. އަލަށް ތައާރުފު ކުރެވުނު ނިޒާމު ނިޔާކުރީ ޕާޓީއެއް ގާއިމުކޮށް، ފައިސާއާއި އަޑުގެ ބާރު ބޭނުންކޮށްގެން ވެރިކަމަށް އާދެވޭނެ މަގުފަހިވެގެން ހިނގައިދާނޭ ކަމެވެ. އަދި، ވަރިކަން ބޭނުން މީހާއަށް ވެރިކަމަށް އާދެވޭނޭ މަގު ވަގުތީ ގޮތުން ބަންދުވެފައި އޮވެއްޖެ ނަމަ، ބަދަލުގައި އެހެން މީހަކު ގެނެސް، ފަހުން، އެމީހާ ވެރިކަމުން ދުރުކޮށް، ވެރިކަމުގެ ގޮނޑީގައި އިށީނދެވިދާނޭ ކަމުގެ ހުވަފެން ވެސް ފެންނަ ގޮތް ވެގެން ދިޔައެވެ. އާދެ، މިއީ ރާއްޖެއަށް ތައާރުފު ކުރެވުނު ގިނަ ޕާޓީތަކުގެ ޑިމޮކުރަސީ ނިޒާމުގެ 'ފައިދާތަކުގެ' ތެރެއިން ފައިދާއެކެވެ. ބޭނުން ކޮންމެ މީހަކަށް، އެއީ ކަމަށް އެކަށޭނަ، ކަމުގެ އަހުލުވެރިއަކަށް ނުވިޔަސް، ވެރިކަމަށް އާދެވުމުގެ މަގުފަހިވެގެން ދިޔުމެވެ.

މިކަން މި ގޮތަށް ވުމުން، އެހެން ކަމެއްވެސް ފެންނަން ފެށިއެވެ. މެދުއިރުމަތީގެ ވެރިން ހުޅަނގުން ތައްޔާރުކުރާ ފަދައިން، ރާއްޖޭގެ ވެރިން ވެސް މިހާރު ބޭރުން ތައްޔާރުކުރުމުގެ މަންޒަރެވެ. ރާއްޖޭގެ ވެރިން މިހާރު ތައްޔާރުކުރަން ޖެހޭނީ އިންޑިޔާއިން ކަމުގައި ބަޔަކަށް ގަބޫލުކުރެވިފައި އޮތް މަންޒަރެވެ.

މީގެ އިތުރު ތަފްސީލަށް ދިޔުމުގެ ކުރިން، ދެ ނުކުތާއެއް ފާހަގަކޮށްލަން ޖެހެއެވެ. ފުރަތަމަ ނުކުތާއަކީ މި ތަނުގައި ފާހަގަކުރަން މިއުޅެނީ ސިޔާސީ ނިޒާމެއްގެ ގޮތުން، ޑިމޮކުރަސީގެ ނިޒާމު ނުވަތަ ގިނަ ޕާޓީގެ ނިޒާމު ގޯސްވާ ވާހަކައެއް ނޫނެވެ. ޝައްކެއް ނެތް ގޮތުގައި އުސޫލެއްގެ ގޮތުން އެއީ ހަމަ އެންމެ ރަނގަޅު ނިޒާމެކެވެ. މިތާނގައި އުސޫލެއްގެ ގޮތުންނޭ ބުނުމުގެ މުރާދަކީ، ގަސްދުކުރެވޭ މާނައަކީ، މުޖުތަމައީ ކަންކަން ހައްލު ކުރުމުގައި، އާންމު ރައްޔިތުން އެދޭ ގޮތާއި އާންމު ރައްޔިތުންގެ ރައުޔު ދެނެގަނެގެން ތިބެ، އާންމު ރައްޔިތުންގެ ކަންތައްތައް ބަލަހައްޓައި ހިންގަން ތިބޭ މީހުން، އާންމު ރައްޔިތުން އެދޭ ގޮތަށް ކަންތައްތައް ނިންމުމަށެވެ. ފަހަރެއްގައި ވެސް، އާންމު އިންތިޚާބަކުން އިންތިޚާބުވުމުން، އެ ހިސާބުން ޑިމޮކުރަސީގެ އުސޫލު ނިމެނީކީ ނޫނެވެ. އަދި، އާންމު އިންތިޚާބަކުން އިންތިޚާބުވުމުން، ރައްޔިތުންގެ އާންމު މަސްލަހަތަށް ބެލުމެއް ނެތި، އަދި، އާންމު ރައްޔިތުންނާއި މުޖުތަމައުގެ އާންމު އަގުތަކާ ޚިލާފަށް ކަންތައް ކުރުމެއް ވެސް ނޫނެވެ. އަދި ހަމަ އެހެންމެ، އާންމު އިންތިޚާބަކުން އިންތިޚާބުވުމަކުން، އެކިއެކި ބަހަނާތައް ދައްކައިގެން، އަދި ބައެއް ފަހަރު، މުޅިން އޮޅުވާލައިގެން، ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް، ޚާރިޖީ ސިއްރު އެއްބަސްވުންތައް އެއްބަސްވުމުގެ ގާނޫނީ ހުއްދައެއް އެކަމަކުން އެއްވެސް މީހަކަށް ލިބިގެން ނުވެއެވެ. އެފަދަ ކަންތައްތައް ކުރަން ޖެހޭނީ ގާނޫނާއި ގަވާއިދުތަކުގައި ކަނޑައެޅިފައި އޮންނަ ގޮތެއްގެ މަތިންނެވެ. އެހެންވެ، ގޯސްވަނީ ޑިމޮކުރަސީގެ އުސޫލެއް ނޫނެވެ. ގޯސްވަނީ ޑިމޮކުރަސީގެ ބޭރުފުށުގެ ބައެއް އިޖުރާއާތުތައް، ވޯޓު ދިނުމާއި ވޯޓު ނެގުން ފަދަ ޝަކުލީ ކަންތައްތައް، ބޭނުން ކޮށްގެން ބާރު ހޯދުމަށް ފަހު، ޑިމޮކުރަސީގެ އުސޫލުތައް ހަނދާން ނައްތާލައި އިސްތިބްދާދީ ގޮތްތައް ގެންގުޅުމެވެ.

ދެވަނަ ނުކުތާއަކީ ޑިމޮކުރަސީ ނަމަކަށް ބޭނުންކޮށްގެން ބާރު ހޯދައި، އަދި ހަމަ އެހެންމެ، ޑިމޮކުރަސީގެ ނަން ބޭނުން ކޮށްގެން އަމިއްލަ މަސްލަހަތުތައް ހާސިލުކުރުމަކީ ޑިމޮކުރަސީގެ އުސޫލު ގޯސްވެ، އެހެން ވަކި އުސޫލެއް ރަނގަޅު ކުރުމެއް ވެސް ނޫންކަން ފާހަގަކޮށްލުމެވެ. މިސާލަކަށް، ބައެއް ފަހަރު، ހީވެފައި އޮންނަނީ ޑިމޮކުރަސީއަކީ 'ކާފިރު' ނިޒާމެއް ކަމާއި އަދި ރަނގަޅު ނިޒާމަކީ 'އިސްލާމީ ޝަރީއަތުގެ' ނިޒާމުކަމުގައެވެ. ނަމަވެސް، އިސްލާމީ ޝަރީއަތުގެ ނިޒާމޭ ބުނުމުން، އެއިން އިޝާރަތް ކުރާ އެއްޗެއް މުޅިއަކުން ސާފެއް ނުވެއެވެ. ގިނަ ފަހަރު، އެއިން އިޝާރަތް ކުރެވެނީ އިސްލާމީ ފިގުހަށެވެ. އިސްލާމީ ފިގުހަކީ އިސްލާމީ ޝަރިއަތުގެ މާނަކުރުމެކެވެ. އެ މާނަކުރުމުގައި ފަރުދީ، ދީނީ ކަންކަމާއި ޖަމާއީ މުޖުތަމައީ ކަންކަން ވެސް ހިމެނެއެވެ. އެހެން އިބާރާތަކުން ބުނާ ނަމަ، އިސްލާމީ ފިގުހުގެ ތެރޭގައި ދީނީ ކަންކަމާއި ދުނިޔަވީ ކަންކަން ވެސް ހިމެނެއެވެ. ރޫހާނީ ގޮތުން މުއުނިމާ ކުރިއަރަން މަސައްކަތް ކުރާނީ ކިހިނެއް ކަމާއި އަދި އޭނާގެ މުޖުތަމައު އިސްލާމީ މުޖުތަމައީ މައިގަނޑު އަގުތައް ކަމުގައިވާ ހަމަހަމަކަމާއި އަދުލުވެރި ކަމުގެ މަތީގައި އިންތިޒާމުކޮށް ހިންގާނީ ކިހިނެއް ކަމުގެ ވާހަކަތައް ހިމެނެއެވެ. އިސްލާމީ ދީނީ އުނގަންނައިދިނުންތަކަކީ އެއަށް ބަދަލެއް ނުގެނެވޭނޭ ކަންކަމަށްވާ އިރު، އިސްލާމީ މުޖުތަމައީ ކަންކަމީ މިފަދަ ސިފައެއްގަައި އޮތް ކަންކަމެއް ނޫނެވެ. އެއީ އިންސާނީ މުޖުތަމައީ ތަރައްގީއާ ވިދިގެން، އިސްލާމީ ޝަރީއަތުގެ އުސޫލުތަކުގެ އަލީގައި އާ ސޫރައެއް ދެވިދާނޭ ކަންކަމެވެ. ނަމަވެސް، މި މައްސަލައަކީ މުސްލިމުންގެ މެދުގައި، މިޒަމާނުގައި، އަދިވެސް ބަހުސްކުރެވެމުންދާ މައްސަލައެކެވެ. އަދުގެ ދީނީ އިލްމު ލިބިގެން ތިބި މީހުންގެ ވާޖިބަަކަށް ވާން ޖެހޭނީ މުސްލިމު މުޖުތަމައުގައި ހަމަހަމަކަމާއި އަދުލުވެރިކަން ގާއިމުކޮށް، ފަގީރުކަމާއި ފަސާދަ ފަދަ އިޖުތިމާއި ނުބައިކަންކަން މުޖުތަމައިން ނައްތާލެވޭނޭ ފަދަ ރަނގަޅު ސިޔާސީ ނިޒާމަކީ ކޮބައިކަމާއި އަދި އެފަދަ ނިޒާމެއް ގާއިމުކުރާނީ ކިހިނެއްކަން ބުނެދިނުމެވެ. އެހެންވެ، ޑިމޮކުރަސީގެ ނަހަމަ ބޭނުން ކުރުމުން އެކަމަށް ފާޑުކިޔުމަކީ ފަހަރެއްގައި ވެސް ޑިމޮކުރަސީގެ އާންމު އުސޫލުތައް ގޯސްކުރުމެއް ނޫނެވެ. ނޫނީ އިސްލާމީ ޝަރީއަތުގައި މިއަދު ވަގުތުން ހިންގާލެވިދާނޭ ފަދަ މުޖުތަމައީ ނިޒާމެއްގެ ސޫރަ އެކުލެވިގެން އޮތް ވާހަކަ ބުނުމެއް ވެސް ނޫނެވެ.

ދެން، އަސްލު މައުޟޫއަށް އެނބުރިލާ ނަމެވެ. އާދެ، ރާއްޖޭން ބޭރުގައި މިހާރު ރާއްޖޭގެ ވެރިން ތައްޔާރު ކުރެވެމުންދާ ވާހަކައެވެ. މެދުއިރުމަތީގައި ވެރިކަން ކުރެވެނީ ހުޅަނގުގެ ރުހުން އޮތް ބައަކަށް ކަމަށް ވެފައި އޮތް ގޮތަށެވެ. މިކަމުގެ ހެކި އެންމެ ފަހުން ފެނިގެން ދިޔައީ، ރާއްޖޭގެ ވެރިކަމަށް އަންނަން ގަދައަޅާ މަސައްކަތްކުރާ މީހެއްގެ ކިބައިންނެވެ. ވެރިކަމަށް އައުމުގެ އެދުން، ފާޅުކޮށް އެކަމަށް އެހީތެރިވުން އޭނާ އެދެނީ އޭނާގެ ޕާޓީގެ މެމްބަރުންގެ ފަރާތަކުން ނޫނެވެ. އަދި، ރައްޔިތުންގެ ކުރިމައްޗަށް އެކަން ހުށަހަޅައި އޭނާގެ ސިޔާސަތުތައް ހާމަކޮށްގެނެއް ވެސް ނޫނެވެ. ޑިމޮކުރަސީގެ އުސޫލަކީ ތިމާގެ ޕާޓީގެ ތެރެއިންނާއި ރައްޔިތުންގެ ކުރިމައްޗަށް އެ މައްސަލަ ހުށަހަޅައިގެން ކުރިއަށް ދިޔުން ނޫން ހެއްޔެވެ؟ ވެރިކަމަށް އަންނަން ބޭނުން ވެއްޖެ ނަމަ، ގިނަ ޕާޓީގެ ނިޒާމު އޮތް ތަނެއް ނަމަ، އެކަން ކުރަން ޖެހޭނީ ޕާޓީއަކާ ގުޅިގެން ނޫން ހެއްޔެވެ؟ ނޫން ނަމަ، ދެންވެސް، ގާނޫނުގައި އެކަން ކުރެވެން އޮތް ގޮތެއް ހޯދައި، އާންމު ރައްޔިތުންގެ ކުރިމައްޗަށް އެކަން ހުށަހަޅައިގެން ނޫން ހެއްޔެވެ؟ ޕާޓީތަކާ ވަކިވެ، ޕާޓީތަކާ ދުރަށް ގޮސް، މިނިވަން މުސްތަގިއްލު، އޭގެ މާނައަކީ، ޕާޓީއަކާ އެއްވެސް ގުޅުމެއް ނެތް ކެންޑިޑޭޓެއްގެ ގޮތުގައި ނިކުމެ ވެރިކަމަށް އަންނަން މަސައްކަތް ކޮށްގެން ނޫން ހެއްޔެވެ؟ ނަމަވެސް، ވަރިކަމުގެ އެދުމުގައި އުޅޭ ބައެއް މީހުންގެ އަމަލުތައް ފެންނަނީ ޑިިމޮކުރަސީގެ މި އުސޫލުތަކާ އެއްގޮތަށް ހެއްޔެވެ؟

މިސުއާލުގެ ޖަވާބު ހޯދަން، އެފަދަ މީހުންގެ އަމަލުތަކަށް ނަޒަރު ހިންގާލާށެވެ! ވެރިކަމަށް އައުމުގެ ބޭނުމުގައި އެންމެ ފުރަތަމަ މަސައްކަތް ކުރީ ގާނޫނު އަސާސީ ބަދަލުކުރާށެވެ. އެކަން އާންމު ރައްޔިތުންގެ ވޯޓަކަށް ހުށަހަޅައިގެންނެއް ނޫނެވެ. ނަމަވެސް، ޕާޓީގެ އަޣުލަބިއްޔަތު ރައްޔިތުންގެ މަޖުލީހުގައި އޮތުމުން، އަދި، އެ އަޣުލަބިއްޔަތަށް މަޖުބޫރުކޮށްގެން، އެ މީހުން ލައްވައި ގާނޫނު އަސާސީ ބަދަލުކޮށްގެންނެވެ. ފަހަރެއްގައި ވެސް މިއީ އާންމު ރައްޔިތުންގެ މަސްލަހަތާ ގުޅޭ ކަމަކަށްވާތީއެއް ނޫނެވެ. ތިމާއަށް ވެރިކަމަށް އާދެވިދާނޭ މަގެއް ކޮށުމަށްޓަކައެވެ. ދެން، އެކަން ނުވުމުން، ޕާޓީގެ ވެރިއަކަށްވެ، ނަމަވެސް، ޕާޓީއަށް ވެރިކަމަށް އަންނަން ބޭނުންވާ 51 ޕަންސެންޓު ވޯޓު ނުލިބިދާނެހެން ހީވުމުން، އެކަންވެސް ގާނޫނު އަސާސީ ބަދަލުކޮށްގެން، ތިރީސް ޕަސެންޓު ލިބުމުން، ވެރިކަމަށް އާދެވިދާނެ ކަމަށް ބަލައި އެގޮތަށް ގާނޫނު އަސީސީ ބަދަލުކުރަން މަސައްކަތް ކުރިއެވެ. މިއިން އެއްވެސް ކަމެއް ކާމިޔާބު ނުވުމުން، ތިމާގެ އަމިއްލަ ޕާޓީއާ އިދިކޮޅުވެ، ޕާޓީގެ ހަލާކަށް ވެސް އެދުނީއެވެ. އަދި، ތިމާގެ ޕާޓީގެ ސަރުކާރުގެ ވެއްޓުމަށް ވެސް އެދެވި، އަމަލީ ގޮތުން އެކަން ވެސް ފެށީއެވެ! މިއީ ހަމަ ޑިމޮކުރަސީގެ އުސޫލު ހެއްޔެވެ؟

ދެން ހެއްޔެވެ؟ މިއިން އެއްވެސް ގޮތަކުން ވެރިކަމުގެ ގޮނޑިއާ ހަމައަށް އާދެވޭނޭ މަގެއް ނުފެނުމުން، ދެން ނިންމީ ރާއްޖޭގެ ވެރިކަން ހޯދަން، ރާއްޖޭގެ ބޭރުގެ އެހީއަށް އެދުމެވެ! މިއީ ހަމަ ތިބުނާ ޑިމޮކުރަސީގެ އުސޫލު ހެއްޔެވެ؟ ތަނެއްގެ ވެރިކަން ހޯދަން، ބޭރުގެ އެހީއަށް އެދުމަކީ ހަމަ ޑިމޮކުރަސީގެ އުސޫލު ހުއްދަކުރާ ކަމެއް ހެއްޔެވެ؟ މިފަދަ ގޮތެއްގައި ވެރިކަމަށް އަންނަ މީހެއްގެ ފުރަތަމަ ވަލާއު (އެލީޖިއަންސް) އޮންނާނީ ކޮން ބަޔަކަށް ހެއްޔެވެ؟ އެ ފަރާތަކުން އެކަމަށް އެހީވެއްޖެ ނަމަ، އަދި އެފަރާތުގެ އެހީގައި ވެރިކަމަށް އާދެވިއްޖެ ނަމަ، އެފަދަ ވެރިއެއްގެ ވަލާއު ފުރަތަމަ އޮންނާނީ ބޭރު ބަޔަކަށެވެ. އާދެ، ރާއްޖޭގެ ވެރިކަން ކުރަން، ބޭރު ބައެއްގެ އެހީގައި މީހަކު އަތުވެއްޖެ ނަމަ، އެމީހާ އެންމެ ފުރަތަމަ ތެދުވެރިވެ، ވަފާތެރިވާން ޖެހޭނީ ބޭރު ގައުމަކަށެވެ. ރާއްޖެއަކަށް ނޫނެވެ. މިފަދަ މީހަކަށް ތާއީދުކުރާނޭ މީހަކީ ހަމަ ގައުމީ ހޭލުންތެރިކަމެއް ހުރި މީހެކޭ ބުނެވިދާނެ ބާވައެވެ! މިހެން ބުނުމުން، މިވެނި މީހަކީ ނުލަފާ މީހެކޭ ޚިޔާނަތްތެރިއެކޭ ބުނުމަކުން، މިކަން ނަފީއެއް ނުކުރެއެވެ. އެހެން މީހަކު ގޯސް ވުމަކުން، އަނެކަކު ރަނގަޅެއް ނުވެއެވެ. ގޯސްވާނީ ގޯހަށެވެ. ކޮންމެ މީހަކު ގޯސް ހެދި ނަމަވެސް ވެހެވެ!

ބޭރު ގައުމުތަކުގެ ބާރާއި އެހީގައި ބައެއް މީހުން ވެރިކަމަށް އައި މަންޒަރު ކުރިން ވެސް ދުނިޔެއިން ފެނިފައިވެއެވެ. އެއް މިސާލަކީ ނޯވޭގެ ކުވިޒްލިންގްއެވެ. ޖަރުމަނުން 1942ގައި ނޯވޭ އިހުތިލާލުކުރުމާ ވިދިގެން، ހިޓުލަރު ބޭނުން ގޮތަކަށް ކަންތައް ކުރުމަށްޓަކައި ކުވިޒްލިންގް ވެރިކަމަށް ގެނެވުނެވެ. އޭނާ މަސައްކަތްކުރީ ނޯވޭގެ މަސްލަހަތު ދިފާއުކުރާކަށް ނޫނެވެ. ނަމަވެސް، ހިޓްލަރުގެ ޖަރުމަނުގެ މަސްލަހަތު ދިފާއުކުރާށެވެ. އެހެންވެ، ފަހުން، ހިޓިލަރު ބަލިވުމުން، 1945ގައި ގައުމަށް ހީޔާނަތްތެިވި ކަމުގެ ކުށުގައި، ކުވިޒްލިން، ދަންޖައްސައި މެރިއެވެ.

މީގެ ދެވަނަ މިސާލަކީ އިންޑިޔާގެ މީރު ޖައުފަރުގެ މިސާލެވެ. އޭނާގެ ވެރިކަން ދެމެހެއްޓުމުގެ އެދުމުގައި އިނގިރޭސީންނާ އެއްބައިވިއެވެ. އާޚިރު ނަތީޖާއަކަށްވީ މުޅި އިންޑިޔާ އިނިގިރޭސީންގެ އަތްދަށަށް ދިޔުމެވެ.

ކޮންމެއަކަސް، ތަނެއްގެ ވެރިކަމަށް އައުމަށްޓަކައި، ބޭރު ބައެއްގެ އެހީ ހޯދުމަކީ ފަހަރެއްގައި ވެސް، އެ ތަނެއްގެ ގާނޫނު ހުއްދަކުރާނޭ ކަމެއް ނޫނެވެ. އަދި، ޑިމޮކުރަސީގެ އުސޫލުވެސް ހުއްދަކުރާނޭ ކަމެއް ނޫނެވެ. އަދި، އާންމު ރިވެތި އަޚުލާގު ވެސް ހުއްދަ ކުރާނޭ ކަމެއް ނޫނެވެ. އެއްވެސް ގައުމެއް، އެގައުމެއްގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރު ބައެއް ވަނުމަށް، ސިއްރުގައި ވިޔަސް ނޫނީ ފާޅުގައި ވިޔަސް ހުއްދައެއް ނުދޭނެއެވެ. ދޭދޭ ގައުމުތަކުގެ ދެމެދުގައި އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުންތައް ގާއިމުވެފައި އޮތުމަކީ ފަހަރެއްގައި ވެސް، އެއްގައުމެއް އަނެއް ގައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުން ހުއްދަކުރާނޭ ކަމެއް ނޫނެވެ. އަދި، ވަކިން ޚާއްސަ ގޮތެއްގައި، ތަނެއްގެ، އާންމު އިންތިޚާބުތަކުގެ ތެރެއަށް ބޭރު ބަޔަކު ވަނުންވާނީ ގާނޫނުތަކާއި ގަވާއިދުތަކާ މުޅިން ޚިލާފުކަމަކަށެވެ.

ޑިމޮކުރަސީގެ އުސޫލު ނިޔާކުރަނީ ސާފު އިންތިޚާބުތައް ބޭއްވުމަށާއި، ބޭރު ގައުމުގެ މިސްތަކުން މިފަދަ އިންތިޚާބުތަކާ ނުބެއްސުން ކަމަށްވާއިރު، އަޅުގަނޑުމެންގެ ތެރެއިން މިފަނެންނަނީ ކޮން މަންޒަރެއް ހެއްޔެވެ؟ ފާޅުގައި ޑިމޮކުރަސީގެ އުސޫލުތަކާއި ޚިލާފުވާ މަންޒަރެވެ! އަދި، މިފަދަ މަންޒަރުތައް ފެނުމުން، މިއީ އިނތިޚާބުގެ ގާނޫނާއި ގަވާއިދުތަކާ ޚިލާފުކަމެއްކަން ފާހަގަކޮށް އެއްޗެއް ބުނާނޭ ބަޔަކުވެސް ނުފެނެއެވެ. އެއީ ކިއްވެ ބާވައެވެ؟ އާދެ، ރާއްޖޭގައި ތައާރުފުކުރެވުނު ގިނަ ޕާޓީގެ ޑިމޮކުރަސީ ނިޒާމު އުފެއްދީ ހޭލުންތެރި، ތަނަށް ހަގީގީ ކުރިއެރުމެއް ގެންނަން- އެންމެނަށް ތަނުގެ މުއްސަނދިކަން ހިއްސާކުރެވިގެން، ސަލާން ނުޖަހާ އުޅެން- ގޮވާލާ ހޭލުންތެރި ރައްޔިތެއް ނޫނެވެ. ޒާތީ ތައައްސުބާއި ތިމާގެ މީހާއަށް، އެ މީހާ ދުވާލަށް ރޭގަނޑޭ ބުންޏަސް، ހަބަރަކީ މާމުޔޭ ބުންޏަސް، ކަނު ސިފައެއްގައި ތަބާވާ ރައްޔިތެކެވެ. އަދި މިހެން ވުމުން، އާދެ، ރަނގަޅު ހޭލުންތެރި ރައްޔިތެއް ނެތުމުން، ރާއްޖޭގައި ތައާރުފުކުރެވުނު، ގިނަ ޕާޓީގެ ޑިކޮމުރަސީ އުފެއްދީ ޑިމޮކުރަސީގެ އުސޫލުތަކަށް ތަބާވާ ޑިމޮކުރަސީގެ ލީޑަރުންނެއް ނޫނެވެ. ނަމަވެސް، ނަމަކަށް ޑިމޮކުރަސީ ބޭނުން ކޮށްގެން، ވެރިކަމަށް އައިސް، ތިމާގެ ހިތަށް ފެނުނު ގޮތަކަށް ކަންތައް ކުރާ މުސްތަބިއްދު، ވެރިކަމަށް އިންތިހާއަށް ދަހިވެތިވެފައިވާ މީހުންނެވެ. އެފަދަ މީހުންނަކީ ބޭރުގެ އެހީގައި ވެރިކަމަށް އައިސް، ރާއްޖޭގެ ވެރިންނަކީ 'މޭޑް އިން އިންޑިޔާ’ގެ ތައްގަނޑު ޖެހިފައިވާ ބަޔަކަށް ވިޔަސް، އެމީހުންނަށް ތާއީދުކުރާ މީހުންގެ ކުރިމަތީގައި އެއީ ހަމަ އެންމެ ރަނގަޅު ކަމެކެވެ! މިއީ ވެސް ގިނަ ޕާޓީގެ ޑިމޮކުރަސީގެ ނިޒާމުގެ އަގު ހުރި 'ފައިދާއެކެވެ'! ބޭރުން ތައްޔާރުކުރެވިގެން ރައީސުން ރާއްޖެ ގެނައުމުގެ ފައިދާއެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
31

3 Responses

  1. ގަބޫލުކުރެވޭ ވާހަކައެއް ތިޔައީ. އެހެންވީމާ ވިސްނަވާ. ރައީސް މައުމޫނުގެ ވެރިކަން މިއަށްވުރެ ހާސްތަނުން ރަނގަޅު. ދެންވެސް ގެންނަންވީ ރައީސް މައުމޫނު. ދިވެހިން ހިސާބަށްވުރެ ގަމާރުވީމަ ދެން ކިހިނެއް އިންޑިއާ މިތަނުން ބޭރުކުރާނީ؟ މިތަނުގައި ދެން ވެރިކަން ކުރާނީ އިންޑިއާ.

  2. އިންޑިޔާ މިތަނަށް އެރުވީ މަ އުމޫނު އެވެ. މިހާރުވެސް މިޤައުމު ހިންގަނީވެސް އޭނާ އެވެ.

  3. މި ގައުުމުގެ އިސްތިގުލާލު އިންޑިއާއަށް ވިއްކާލައި ލިބުނު ފައިސާ ބައިއެޅި 5 މީހުންކުރެ އެކަކީ މައުމޫނެވެ. މި ގައުމުގެ މިނިވަންކަން ގެއްލި އިންޑިއާގެ އަޅުވެތިކަމަށް ދިޔައިރު، އަނގައިން ނުބުނެ "ކޯލިޝަނޭ" ކިޔައިގެން ތިބި 5 މިހުންނަކީ ޚާއިނުން. ރާއްޖެއް ސިންގަޕޫރަކަށް ހަދައިލާނެ ބިޔަ ބޮޑު މަޝްރޫޢު، ފ. އަތޮޅު ވިއްކައިލަނީއްޔޭ ކިޔައި ހުއްޓުވީ އިންޑިއާގެ ފަންޑް ލިބިގެން، އިންޑިއާއަށް ވުރެ މިރާއްޖެ ތަރައްގީވެދާނެތީ. އެމްޑީޕީ ވެރިކަމަށް ގެނައީ "އައިހަވަން" މަޝްރޫޢު ހުއްޓުވައި އެ ތާނގެ ބާރު އިންޑިއާއަށް ލިބޭ ގޮތަށް އެއްބަސްކުރުވާފަ. ރައީސް ޔާމީން ރާއްޖެއަށް ގެންނާންފެށި ޢުމްރާނީ ތަރައްގީއާއި ސިއްހީ ތަރައްގީ ފެނިފައި އިންޑިއާއަށްވުރެ މި ރާއްޖެ ކުރިއަރައިދާނެތީ އެމްޑިޕީއާއި ތިޔަ ފުޅަ ކޯލިޝަނާ ގުޅިގެން ވޯޓުން ވައްކަން ކޮށްގެން ޔާމީން ވައްޓައިލީ. ގަބޫލުކުރިޔަސް ނުކުރިޔަސް ޔާމީން ވަރުގެ ވިޝަނަރީ އަދި އިޤުތިޞާދީ ވެރިއެއްް މި ވަގުތު މުޅި އޭޝިއާގައި ވެސް ނެތް. އިބޫއަކީ ހަމަ އެކަނި ނަމެއްގައި އިންނަ މީހެއް. ވާއެއް ނުވާއެއް ނޭނގޭ. އިންޑިއާ ސަފީރު ބުނާ ކަމެއް ކޮށްލާން ދެއްކި އެއްޗެއްގައި ސޮއިކޮށްލާން ހުންނަނީ. އެންމެން މީނާ ގޯންޏަށް ލައި ބަހައްޓައި ނާޖާއިޒު ފައިދާ ނަގައި މުޅި ގައުމު ހަލާކުކޮށް ނިންމާލީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *