...

Support Us

ކޮލަމް މާޒީ: ދިވެހީންނާއި ޗައިނާގެ ތާރީޚީ ގުޅުން

ސީނުކަރައާއި ދިވެހިރާއްޖެއާ ދެ ޤައުމުގެ ގުޅުން އެތައް ޤަރުނެއްގެ ކުރީގެ ތާރީޚާ ގުޅިފައި ވެއެވެ. ތާރީޚު ދިރާސާކޮށްލުމުން ފެންނަނީ އެއް ބަޔަކު އަނެއް ބަޔަކަށް އިޙުތިރާމްކުރުމުގެ ވަރުގަދަ ގުޅުމެކެވެ. މި ދެ ޤައުމުގެ ދެމެދުގައި ދުވަހަކު ވެސް ނޭއްގާނި ކަމެއް ހިނގައިފައެއް ނެތެވެ. އެ ގުޅުންތަކުން ފެންނާން އޮތީ އެކުވެރިކަމާއި އެއްބާރުލުމުގެ މަތިވެރި ރޫޙެވެ. ސީނުކަރައަކީ ކިތަންމެ ބިން ބޮޑު މީސް ގިނަ ގައުމަކަށް ވިޔަސް ދިވެހީންގެ މައްޗަށް ސީނުކަރައިން ދުވަހަކު ވެސް ނުނިޔަތްލައިގެން ކަމެއް ކުރިކަމެއް އެނގޭކަށް ނެތެވެ. އަދި ދިވެހިރާއްޖެއަށް 1965 ވަނަ އަހަރު މިނިވަންކަން ލިބުމާއެކު ދިވެހީންގެ މިނިވަންކަމަށް އެންމެ ފުރަތަމަ އިޢުތިރާފުވެ ދިވެހިރާއްޖޭގެ މިނިވަންކަން ގަބޫލުކުރި ދެތިން ގައުމުގެ ތެރޭގައި ވެސް ސީނުކަރަ ހިމެނެއެވެ. މި ފިޔަވަޅުގެ ސަބަބުން ރާއްޖޭގެ އަވަށްޓެރި ގައުމަކުން ޗައިނާއަށް މަލާމާތްކޮށް ނޫސްތަކުގައި އެ ވާހަކަތައް ލިޔުނު ވެސްމެއެވެ. މި ކަމުން ވެސް ދައްކައިދެނީ ދިވެހިރާއްޖެއަށް އެހެން ގައުމުތަކުން ދެކޭ ގޮތާ ޚިލާފަށް ޗައިނާއިން ކުރާ އިޙުތިރާމް ފިޔަވައި އެހެން ކަމެއް ނޫނެވެ.

ދިވެހީންނަށް ސިޔާސީ ގޮތުން މިނިވަންކަން ލިބި ރަސްމީކޮށް ދީބްލޫމާސީ ގުޅުން ގާއިމުކުރިތާ އަދި މިވީ ބައި ގަރުނާއި މަދު އަހަރުތަކެކެވެ. ނަމަވެސް ސީނުކަރައާއި ދިވެހީންގެ ގުޅުން އެ ތައް ހާސް އަހަރެއްގެ ދުރަށް ފޯރައެވެ. މި ގޮތުން ބަލާއިރު، ޢީސަވީ ސަނަތުގެ 500 އަހަރުގެ ކުރީން ވެސް ސީނުކަރައިގެ ގަދީމީ ލިޔުންތަކެއް ކަމަށްވާ "ޝޫ ޗިންގ"ގައި ދިވެހިރާއްޖޭގެ ވާހަކަ ލިޔެފައި އެބަ ހުއްޓެވެ.

ސީނުކަރައިގެ "މިންގ" ދަރިކޮޅުގެ ރަސްކަލެއް ކަމުގައިވާ ޝަހެންޝާހު ޗެންޒޫގެ ރަސްކަމުގައި ޒެންހީއާއެކު އޭޝިޔާގެ ދެކުނަށް އައި މީހުން ރާއްޖެއަށް ޒިޔާރަތްކުރިކަމަށް މުއައްރިޚުން ބަޔާންކުރެއެވެ. އެއީ މީލާދީން 15 ވަނަ ޤަރުނުގައެވެ. އޭރުގެ ލިޔުންތެރީންކަމަށްވާ، މާހުއާން އާއި ފައި ޒިންގ ފަދަ ލިޔުންތެރީންގެ ލިޔުންތަކުން އެނގޭ ގޮތުގައި އެ ދުވަސްވަރު ރާއްޖޭގެ ޚަބަރުތައް ސީނުކަރައިގައި ފެތުރިފައިވާކަން ސާބިތުވެއެވެ. މި ލިޔުންތަކުގައި ހއ. ކެލާގެ ވާހަކަ (ކިލައި ލިޔޫ)އާއި މާލޭގެ (މަހާލް) ނަން ވެސް ބަޔާންކޮށްފައި އެބަ ހުއްޓެވެ. "ސުމަތުރާ"(އަސޭކަރަ)އަށް ދިޔުމަށް ފަހު ރަނގަޅު ވައިގައި 10 ދުވަހު ދުއްވައިފި ނަމަ "ލިޔޫ ޝާން" އަށް (ދިވެހިރާއްޖެއަށް) ދެވޭނެ ކަމަށް ލިޔެވިފައި ވެއެވެ. މި ދެންނެވި ލިޔުންތަކުގައި ރާއްޖޭގެ ޖޯގުރަފީއާއި މަސައްކަތްތެރިކަމާއި ދީނާއި އާދަކާދައާއި މި ފަދަ އެތައް ކަމެއް ސިފަކޮށްދީފައި ވެއެވެ.

ހަމަ މި ފަދައިން 16 ވަނަ ޤަރުނުގައި ޒިއެންޒިން ނަމަކަށް ކިޔާ ލިޔުންތެރިޔަކު ބަޔާންކޮށްފައިވާ ގޮތުގައި އެ ރަށްތައް (ދިވެހިރާއްޖެ) އޮންނަނީ ސިލޯނުގެ ހުޅަނގު ދެކުނުން 1000 ކިލޯމީޓަރ ދުރުގައެވެ. ބަނގަލާ އޮޑިއެއްގައި ދަތުރުކުރަންޏާ، ގަހާތަރި އެއީ މިސްރާބު ކަމަށް ބަލައިގެން ދަތުރުކޮށްފި ނަމަ، މާލެއަށް ދެވޭނެ ކަމަށް ވެސް ލިޔެފައިވެއެވެ.

މީލާދީން 1645އާއި 1739އާ ދެމެދު ލިޔެވިފައިވާ ރަސްމީ ތާރީޚުގައި ބަޔާންކޮށްފައިވާ ގޮތުން ދިވެހި މަންދޫބަކު ސީނު ރަސްގެފާނުގެ ދަރުބާރަށް ޒިޔާރަތްކުރި ކަމަށާއި ސީނުކަރައިގެ ސަފީރަކު ރާއްޖެއަށް ފޮނުވުނު ކަމަށް ވެސް އޮންނަ ކަމަށް ވެއެވެ. އެހެންކަމުން އޭރު ވެސް ދިވެހީންގެ އަމިއްލަވަންތަކަމަށް ސީނުކަރައިން އިޙުތިރާމުކޮށް އިޢުތިރާފުވެފައިވާކަން ސާބިތުވެއެވެ.

މީލާދީ ސަނަތުން 662ވަނަ އަހަރުގެ ތެރޭގައި ދިވެހިރާއްޖެއިން ސީނުރަކައިގެ ރަސްކަލުންނަށް ވެދުން ފޮނުވިކަން ޗައިނާގެ ގަދީމީ ތާރީޚްގެ ފަތްފުތްތަކުން ސާބިތުވެއެވެ. އެ ފަތްފުއްތަކުގައިވާ ގޮތުން "ދިވީން"ގެ ރަސްގެފާނު ސީނުކަރައިގެ ރަސްގެފާނަށް ވެދުން ފޮނުއްވިއެވެ. އޭރު ސީނުކަރައިގެ ރަސްކަމުގައި ރެނދަލިކުރެއްވީ ޓޭން ދަރިކޮޅުގެ ރަސްކަލެއްކަމުގައިވާ ކައޯ-ޓްސުންގއެވެ. ދީވީން (ދިވެހީން)ގެ މި ވެދުން ދެ ފަހަރަށް ތަކުރާރުކުރެއްވިކަމަށް ފަތްފުށްތައް ހެކިދެއެވެ.

މީލާދީން 12 ވަނަ ޤަރުނުގެ ފަހުކޮޅުގައި ލިޔެފައިވާ ލޯމާފާނުތައް ވެސް މި ގުޅުމަށް ހެކިދެއެވެ. އިސްދޫ ލޯމާފާނުގައި ވަނީ ސީނުކަރައިން ގެންނަ ފަށުވި ފޮތި ގޭގޭގައި ދަމައި އުޅުނު ވާހަކައެވެ. އެކި ޒަމާނުގައި ސީނުކަރައިގައި އުފައްދައިފައިވާ ކަންވާރުތަކާއި ތަށިމުށި ރާއްޖޭގެ ބިން ކޮނެގެން އެކި ދުވަސްވަރު ނަގައިފައިވެއެވެ. ދިވެހިންގެ ސުފުރާތަކާއި މާލޫދުތައް ފަޅުފިލުވައިދިނީ ސީނުތަށީންނެވެ.

މީލާދީން 15ވަނަ ގަރުނުގައި ޗައިނާ ބަހުރުވައިން ލިޔެ، ދަތުރުފަތުރުކުމަށް ޓަކައި ބޭނުން ކުރެވުނު ޗާޓަކުން ހާމަވާ ގޮތުގައި ޗައިނާއިން އިންޑިޔާ ކަނޑުން ދަތުރުކުރާ ހުރިހާ މަގެއް ވެސް މިސްރާބު ޖަހާފައިވަނީ ދިވެހިރާއްޖެއަށެވެ. މި ގޮތުން ރާއްޖެ އަންނައިރު ކަފަ، ތަށި، ސަމުސާ، ރުނބާ، ވޮށް، ފުނޑާ ދައި، އަންނައުނު ފަދަ ތަކެތި ގެންނަކަމަށްވެއެވެ.

މި ގުޅުންތަކުގެ ތެރެއިން ވަރަށް ޚާއްޞަ އެހެން ކަމެއް ވެސް ފާހަގަ ކުރެވިފައިވެއެވެ. އެއީ ރާއްޖޭގެ މީހުން ސީނުކަރައިގެ މީހުނަށް ނިޔަމިކަން ދަސްކޮށްދީފައި ވާކަމެވެ. އެހެންވީމާ، އޭރު ވެސް ދިވެހީންނަކީ ވަރުގަދަ ޢިލްމީ ޙަޟާރަތެއްގެ އަހުލުވެރި ބަޔެއްކަން ސާބިތުވެއެވެ. ކަނޑު ދަތުރާއި ނިޔަމިކަމަށް ކުޅަދާނަ ހުޝިޔާރު ބަޔެއްކަމަށް ދަލީލު ލިބެއެވެ.

އާބާދީގައި 1.4 ބިލިއަން މީހުންނާއެކު، ދުނިޔޭގެ އެންމެ ބައިބޯ ގައުމުގެ ގޮތުގައި އޮތް ސީނުކަރައާއި އާބާދީގައި ހަތަރު ލައްކަ މީހުނާއެކު ދުނިޔޭގެ 179ވަނައިގައި ހިމެނޭ ކުޑަކުޑަ ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުމުން ރަމްޒުކޮށްދޭ އެއް ކަމަކީ ބޮޑު ގައުމަކަށް ވެސް ކުޑަ ގައުމަކާއެކު ވެސް އިޚުލާޞްތެރިކަމެއް އޮތް ނަމަ، ގާތް ގުޅުމެއް ކިތަންމެ ޒަމާނެއް ވަންދެން ވެސް ދެމެހެއްޓިދާނެކަމެވެ. ސީނުކަރައާއި ރާއްޖޭގެ މި ގުޅުމަކީ ދެ ފަރާތުން ވެސް އެހީތެރިކަމާ އެއްބާރުލުން ދޭންޖެހޭ ކަންކަމުގެ މައްޗަށް ބިނާވެފައިވާ، އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިވާ ބަދަހި ގުޅުމެކެވެ. އެހެން ނޫންނަމަ، މީލާދުގެ 16 ވަނަ ޤަރުނުން ފެށިގެން މީލާދުގެ 771 ވަނަ އަހަރާ ހަމައަށް ހިނގައިދިޔަ ޒަމާންތަކުގައި ސީނުކަރައިގެ ފައިސާގެ ގޮތުގައި ދިވެހިރާއްޖޭގެ ބޮލި ބޭނުންކުރާކަށް ނުޖެހުނީހެވެ. އެވޭލާ ޒަމާނުގައި އެ ކަން ވެސް ވަނީ ކޮށްފައެވެ. ރާއްޖެއިން ގިނަ އަދަދެއްގެ ބޮލި ސީނުކަރައަށް އޭރު ގަނެއެވެ. އޭރު ދިވެހިރާއްޖޭގައި ވެސް ފައިސާގެ ގޮތުގައި ބޭނުންކޮށްފައިވަނީ ބޮއްޔެވެ.

ތާރީޚީ މި ފަދަ ލިޔުންތަކުން، ދިވެހީންނާއި ސީނުކަރައާ ދެމެދު ވަރަށް ވަރުގަދަ ގުޅުމެއް އެންމެ އިހު ޒަމާނުގައި ވެސް އޮތްކަން އެބަ އެނގެއެވެ. ދިވެހީންގެ ހައިބަތާއި ޤަދަރު އޭރު ވެސް ސީނުކަރައިގައި ފެތުރިފައި އޮތްކަން ދޭހަވެއެވެ. ދިވެހި ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް ސީނުކަރައިން އޭރު ވެސް އިޙުތިރާމްކުރިކަން އެބަ  ސާބިތުވެއެވެ. އަދި މި ފަދަ ތާރީޚީ ލިޔުންތަކުން އެނގި ހާމަވާ އަނެއް ހަގީގަތަކީ ދިވެހިރާއްޖެއަކީ އެންމެ ކުރީއްސުރެ ވެސް މިނިވަން މުސްތަގިއްލު ގައުމެއްކަމާއި މި މިނިވަންކަމަށް ސީނުކަރަ އަބަދު ވެސް އިޙުތިރާމްކުރިކަމެވެ.

ކޮންމެއަކަސް އެވޭލާ ޒަމާނުގައި ދެ ގައުމުގެ ދެމެދުގައި އޮތް ރަހްމަތްތެރިކަމުގައި ރަސްމީ ކުލަ ޖެހުނީ މީލާދީ ސަނަތުން 1972 ވަނަ އަހަރުގެ އޮކްޓޫބަރ މަހުގެ 14 ވަނަ ދުވަހު ދެ ގައުމުގެ ދެމެދުގައި ސޮއިކުރެވުނު ސިޔާސީ ގުޅުން ގާއިމްކުރެއްވުމުގެ އެއްބަސްވުމުގެ ދަށުންނެވެ. އެ ހިސާބުން އެކި މައިދާންތަކުގައި ދެ ގައުމުގެ ފަރާތުން ރަސްމީ ސިފައިގައި ވާހަކަ ދެއްކުމަށް ޓަކައި ފަހި ފުރުސަތެއް ހުޅުވައިލެވުނީއެވެ.

މި ވޭތުވެ ދިޔަ ބައި ގަރުނަށް ވުރެ ގިނަ ދުވަސްވީ މުއްދަތުގެ ތެރޭގައި މަތީ ފެންވަރުގެ ވަފުދުތައް ވަނީ އެއް ޤައުމުން އަނެއް ޤައުމަށް ޒިޔާރަތްކޮށްފައެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ، އެއް ޒިޔާރަތަކީ ދިވެހިރާއްޖޭގެ (އޭރުގެ) ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް 1984 ވަނަ އަހަރު ސީނުކަރައަށް ކުރެއްވި ފުރަމާނަ ދަތުރުފުޅެވެ. ސީނުކަރައިގެ ބޮޑުވަޒީރާއި ބޮޑުވަޒީރުގެ ނާއިބު ވެސް 1980ގެ އަހަރުތަކުގައި ވަކި ދެ ދަތުރުފުޅެއްގައި ރާއްޖެއަށް ޒިޔާރަތްކުރައްވައިފައިވެއެވެ. މީގެ އިތުރަށް 1994 ވަނަ އަހަރު ވެސް ޗައިނާގެ ވައިސް ޕްރިމިއަރ އަދި ޚާރިޖީ ވަޒީރު މރ. ޗަން ވެސް ރާއްޖެ ވަޑައިގަތެވެ.

ދިވެހީންނާއި ސީނުކަރައާ ދެމެދު ބަދަހިވެފައިވާ ގުޅުން އެއް ދުވަހުން އަނެއްދުވަހަށް ދިޔައީ ކުރިއަށެވެ. އެކި ދުވަސްވަރު އެކި ކަންތައް ކޮށްދީ އަދި ޚިދުމަތް ލިބިގަންނަމުންނެވެ. އޮގަސްޓް 1981ގައި އެޅުއްވި ފިޔަވަޅަކީ އިޤްތިޞާދީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި ދެފަރާތުން ސޮއިކުރެއްވުމެވެ. ހަމަ އެއާ ވިދިގެން ދެން ހެދި ގޮތަކީ ސީނުކަރައިގެ ދޮރާށިތައް، އެއްކަލަ އެހީ ހިފައިގެން ދިޔަ ދިވީން ނުވަތަ ދިވެހީންނަށް ހުޅުވައިލީއެވެ. އެއްވެސް ހުރަހެއް ނެތް ގޮތަށެވެ. ވިސާ މަޢާފުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީއެވެ. އެއީ 1984 ވަނަ އަހަރުން 1997 ވަނަ އަހަރާ ދެމެދު ހިނގައި ދިޔަ އަހަރުތަކުގައެވެ. ރައީސް މައުމޫންގެ ޒަޢާމަތުގައެވެ.

ދިވެހީންނަށް ހިޔާވަހިކަން ދިނުމުގެ ޒަމާންވީ ވައްޓަފާޅި ބަދަލުކޮށްލުމުގެ ޝަރަފު ލިބިގަތުމަކީ އަނެއްކާ ވެސް ސީނުކަރަ ރާއްޖޭގެ ތާރީޚުގެ ތެރެއަށް ވަދެގެން ދިޔަކަމެކެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް އާންމު ދިރިއުޅުމަށް ހެޔޮ އަގުގައި ފްލެޓް ދޫކުރާން، ފްލެޓް އަޅައިދިނީ ސީނުކަރައިން، އެ ގައުމުގެ ބައިބޯ އާބާދީއަށް ޚިދުމަތްކުރުމުގެ ތަޖުރިބާއިންނެވެ. ރައީސް މައުމޫނުގެ ޒަމާނުގައި، 1990ގެ އަހަރުތަކުގެ ތެރޭގައި "ސިނަމާލެ" ނަމުގައި ރާއްޖޭގައި ބިނާކުރި މި ފްލެޓްތައް ވީ ތޮއްޖެހެމުން ދިޔަ ވެރިރަށް މާލޭގައި އޮންނަ އެންމެ ބޮޑު އިޖްތިމާޢީ މައްސަލައަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުމުގެ ފެށުން ކަމުގައެވެ.

އާދޭހެވެ! މާލޭގައި ފުރަތަމަ ބިނާކުރެވުނު ފްލެޓްތައް (ސިނަމާލެ) އަކީ ސީނުކަރައާއި ދިވެހިރާއްޖެއާ ދެމެދު އޮތް ރަޙުމަތްތެރިކަމުގެ ރަމްޒެކެވެ. އަދި މާލޭގެ މަލަމަތީގެ ޒީނަތްތެރިކަން އިތުރުކޮށްދިން ޢިމާރާތެއް ކަމަށްވާ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް މިހާރު ހިންގަވަނީ ވެސް ޗައިނާއިން ހިލޭ ސާބަހަށް އެއްވެސް ބަދަލެއް ނޭދި ބިނާކޮށްދެއްވި ޢިމާރާތެއްގައެވެ. ފަހުން "ފަތުޙުﷲ ޖަމީލް ބިލްޑިންގ"ގެ ނަން ދީފައި އެވަނީ މި ދެންނެވި ޢިމާރާތަށެވެ. އަދި ހައްދުންމަތީ ގުޅިފައިވާ ބޮޑުމަގު (ލިންކްރޯޑް)ގެ ބިޔަ މަޝްރޫޢަކީ ވެސް ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ޗައިނާއިން ހިންގައިފައިވާ މަޝްރޫޢެކެވެ. އަދި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އުފެދިފައިވާ އެކުވެރިކަން ރަމްޒުކޮށްދޭ ސިނަމާލެ ބުރިޖަކީ ޗައިނާއިން ބިނާކުރި ތާރީޚީ ބިނާރެކެވެ. ހަމަ މި ފަދައިން ސިނަމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި ބިނާކޮށްފައިވާ އެތައް ސަތޭކަ ފްލެޓުތަކަކީ ވެސް ޗައިނާގެ އެހީތެރިކަމުގެ ރަމްޒެވެ.

ސިނުކަރައާއި ދިވެހިރާއްޖޭގެ ވަޒީރުން ވެސް އެއް ޤައުމުން އަނެއް ޤައުމަށް އެކި ފަހަރު މަތީން ވަޑައިގެންފައިވާކަން ވެސް މީޑިއާގެ ޚަބަރުތަކުން ފެންނަން އެބަހުއްޓެވެ. ޗައިނާ ސަރުކާރުގެ ދަޢުވަތަކަށް ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު 2011 ވަނަ އަހަރު ޗައިނާއަށް 10 ދުވަހުގެ ޒިޔާރަތެއް ކުރެއްވިއެވެ. ނަސީބު ދިމާކުރި ގޮތުން އެ ދަތުރުފުޅުގައި ބައިވެރިވުމުގެ ފުރުޞަތު މި ގަލަމުގެ ވެރިޔާއަށް ވެސް ލިބުނެވެ. އަދި މި ފަދަ ޒިޔާރަތެއްގައި ޗައިނާގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ވެސް 2011 ވަނަ އަހަރު ދިވެހިރާއްޖެއަށް ވަނީ ވަޑައިގެންފައެވެ. އެ ފަހަރު އެ މަނިކުފާނާ ބައްދަލުކުރުމުގެ ފުރުޞަތު ވެސް އަޅުގަނޑަށް ލިބުނެވެ. މި ކަންކަމުގެ ސަބަބުން ޗައިނާއާ ބެހޭ ލައްކަ މަޢުލޫމާތާއި ޗައިނާ މީހުންގެ ސަގާފަތާއި އާދަކާދައާ ބެހޭ ވަރަށް ގިނަ މަޢުލޫމާތު ހޯދުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނެވެ.

ސެޕްޓެމްބަރު 2012ގެ ތެރޭގައި ދިވެހިރާއްޖޭގެ އޭރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު، ސީނުކަރައަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަކީ ދެ ޤައުމަށް ޚާއްޞަކޮށް ދިވެހިރާއްޖެއަށް ގިނަގުނަ ފައިދާތަކެއް ލިބުނު މުހިންމު ދަތުރުފުޅެކެވެ. މިއީ ވަރަށް ތާރީޚީ ދަތުރުފުޅެކެވެ.

ޗައިނާގެ ރައީސް ޝީޖިންޕިންގެ ދަޢުވަތަކަށް 2014 ވަނަ އަހަރު ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޗައިނާއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވިއެވެ. މި ދަތުރުފުޅުގައި މާލެއާއި ހުޅުމާލެއާ ދެމެދު ދާލަމެއް އަޅައިދެއްވާނެކަމަށް އުޞޫލެއްގެ ގޮތުން ޗައިނާއިން އެއްބަސްވިއެވެ.

ރައީސް ޔާމީންގެ ދަޢުވަތަކަށް ޗައިނާގެ ރައީސް ޝީޖިންޕިން ފުރަމާނަ ދަތުރުފުޅެއްގައި 2014 ވަނަ އަހަރު މާލެ ވަޑައިގަތެވެ. މިއީ ދިވެހި ތާރީޚުގައިވެސް ސީނުކަރައިގެ ރައީސަކު މިހާތަނަށް ދިވެހިރާއްޖެއަށް ވަޑައިގަތް ފުރަތަމަ އަދި ހަމައެކަނި ދަތުރުފުޅެވެ. ދުނިޔޭގެ އެންމެ ބޮޑު އާބާދީގެ ވެރިޔަކު އެންމެ ކުޑަކުޑަ އާބާދީއެއް އޮންނަ ޤައުމަކަށް ވަޑައިގަތުމަކީ ޚާއްސަ ގޮތެއްގައި ފާހަގަކޮށްލެވޭ ތާރީޚީ ކަމެކެވެ.

ރައީސް ޝީގެ މި ދަތުރުފުޅުގައި ހުޅުމާލެ އާއި މާލެއާ ދެމެދު މިހާރު އެޅިފައި އެ އޮތް ވަރުގަދަ ސިނަމާލެ ބުރިޖު އެޅުމުގެ ފަހުމުނާމާ (އެމްއޯޔޫ)ގައްޔާއި ސިޔާސީ ގުޅުން ވަރުގަދަކުރުމުގެ ފަހުމުނާމާ (އެމްއޯޔޫ)ގައްޔާއި ސިއްޙީ ދާއިރާއާއި އިގުތިސާދީ ދާއިރާ އިން އެއްބާރުލުމުގެ ފަހުމުނާމާ (އެމްއޯޔޫ)ގައި ދެގައުމުން ސޮއިކުރިއެވެ. އަދި ހުޅުމާލެ މަޝްރޫއުގެ ދެ ވަނަ ފިޔަވައްސާއި ހައްދުންމަތީ ރަށްތައް ފާލަމަކުން ގުޅައިލައިގެން ހަދާ ހައްދުންމަތީ ބޮޑުމަގު ހެދުމުގެ އެއްބަސްވުމުގައި ވެސް ސޮއިކުރެއްވިއެވެ. އަދި މިހުރިހާ އެއްބަސްވުމުގައި ހުރި ހުރިހާ ކަމެއް ރައީސް ޔާމީންގެ ޒަޢާމަތުގައި ޗައިނާއިން ވަނީ ވަރަށް ފުރިހަމައަށް ކޮށް ނިންމައިފައި ވެސްމެއެވެ.

ޖޫން 2015ގެ ތެރޭގައި ވެސް ރައީސް ޔާމީން ޗައިނާއަށް ވަޑައިގަތްކަން ރާއްޖޭގެ ނޫސްތަކުން ފެންނާން އެބަހުއްޓެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ދެ ދުވަހުގެ މުއްދަތަށް ރައީސް ސީނުކަރައަށް ވަޑައިގަތީ އެ ގައުމުގެ ޔުނާން ޕްރޮވިންސްގެ ކުންމިން ސިޓީގައި ބޭއްވި ޗައިނާ-ސައުތު އޭޝިއާ އެކްސްޕޮޒިޝަން އާއި ކުންމިން އިމްޕޯޓް އެންޑް އެކްސްޕޯޓް ފެއާގައި ތަގުރީރު ކުރެއްވުމަށް ޓަކައެވެ.

ޑިސެންބަރ 2017 ގައި ރައީސް ޔާމީން، ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ޗައިނާއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާން ހަމަޖެހުނުކަމަށް ވެސް ލިޔުންތަކުން ފެންނާން އެބަހުއްޓެވެ. މި ދަތުރުފުޅެއް ކުރައްވާން ހަމަޖެހުނުކަން ސާބިތުކަމާއެކު ފެންނާން އޮތަސް މި ދަތުރުފުޅު ކުރެއްވިކަމެއް ނުވަތަ ނޫންކަމެއް އޭރުގެ ނޫސްތަކުން އަޅުގަނޑަށް ހޯދޭ ގޮތެއް ނުވިއެވެ. އަޅުގަނޑުގެ މި ނުކުޅެދުންތެރިކަމަށް ޓަކައި ކިޔުންތެރީންގެ އަރިހުން މަޢާފަށް އެދެމެވެ.

ސީނުކަރައަކީ ބިމުގެ ގޮތުން މުއްސަނދި، ސައެންސާއި ފަންނިއްޔާތުގެ ގޮތުން އެންމެ ކުރިއަރައިފައި އޮތް، އިޤްތިޞާދީ ގޮތުންނާއި އަސްކަރީ ގޮތުން ބާރުގަދަ ޤައުމެކެވެ. އެއީ އދ. ގައި ވީޓޯކުރުމުގެ ޙައްޤު އޮންނަ ދުނިޔޭގެ ބޮޑު ބާރެކެވެ. ނިއުކްލިޔަރ ފަސް ބާރުންކުރެ އެއް ބާރެވެ. އ.ދ. ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރެކެވެ. މިއަދު މުޅި ދުނިޔޭގެ އެންމެ ވަރުގަދަ އިޤުތިޞާދެވެ. ފަންނިއްޔާތުގެ ރޮނގުގައި އެ މީހުން ތިބި ހިސާބެއް އެނގޭ ބަޔަކު ނުވެސް ތިބޭނެއެވެ.

ފުންކޮށް ވިސްނައިލާ އިރު، ހުރިހާ ގޮތަކުން ވެސް ބިޔަ ބޮޑު ބާރުގަދަ ޤައުމެއް ދިވެހީންނަށް ޤަދަރުކުރާ، ދިވެހީންގެ އެކުވެރިއެއްގެ ގޮތުގައި އޮތުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ޝަރަފަކާއި ބާރެކެވެ. މި ފަދަ އެއްވެސް އެހީތެރިކަމެއްގެ ބަދަލުގައި ދިވެހި ފަސްގަނޑުގައި ވަކި ހިއްޕާކަށް ދުވަހަކު ވެސް އެ މީހުން މަސައްކަތްކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި ސީނުކަރައިގެ ސިޔާސަތަކީ ދިވެހީންގެ ބިނާރު ވަރުގަދަކޮށްގެން އިޤުތިޞާދު ހަރުދަނާކޮށްގެން ދެ ގައުމަށް ފައިދާހުރި ގޮތެއްގައި ސިޔާސީ އަދި އިޤުތިޞާދީ ގުޅުންތައް ދެމެހެއްޓުމެވެ.

އާދޭހެވެ! މިއަދު ދުނިޔޭގެ އެންމެ ވަރުގަދަ އިޤްތިޞާދު ކަމުގައިވާ ޗައިނާ، ނުވަތަ ދިވެހިންގެ މަޝްހޫރު ބަހުންނަމަ، ސީނުކަރައަކީ އިހު ޒަމާނުން ފެށިގެން ދިވެހީންނަށް ވަރަށް ހެޔޮ އެދޭ، ދިވެހީން ދެކެ ލޯބިވާ، އެހީތެރިވާ ރަޙުމަތްތެރި ޤައުމެކެވެ. ސީނުކަރައަކީ ރާއްޖޭގެ ޒަމާންވީ ރަޙްމަތްތެރިއެކެވެ. އެހީތެރިއެކެވެ. އަދި ރާއްޖޭގެ ވިޔަފާރީގެ ބައިވެރިއެކެވެ. އެ މީހުންގެ ފަރާތުން ދުވަހަކު ވެސް ދިވެހިރާއްޖެއަށް ނުނިޔަތެއް ލައި ދިވެހީންނަށް ދުކެއް ދީފައެއް ނުވެއެވެ. މިއީ ކުޑަ ގައުމަކާއި ބިޔަގައުމަކާ ދެމެދު ގާއިމުކުރެވުނު އާދަޔާ ޚިލާފު އެކުވެރި ބަދަހި ގުޅުމެކެވެ. ނަމޫނާ ގުޅުމެކެވެ. ދިވެހީންނާއި ސީނުކަރައިގެ ތާރީޚީ ގުޅުމަކީ މިއީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
5

One Response

  1. މި ވަރުގެ ބަޔަކު ފެޔަށް ޖައްސައި ތިމާމެންގެ އަމިއްލަ އެދުމަށް ޓަކައި ދިވެހި ގައުމަށް ދަހިވެތިވެގެން އުޅޭ ނުބައި ގެރިއަކަށް ދިވެހި ގައުމު ދޮލަނގަކަށް ލާފަ މި ދެނީ. ކޮން ފަދަ ބޮޑު ޖަރީމާއެއް!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.