"ސިޔާސީ ހަރުކަށި ފިކުރޭ ހެއްޔެވެ؟" މަނިކުބޭގެ ރަހުމަތްތެރި އަހައްމަދު މަނިކުބެއާ ސުވާލުކުރިއެވެ. "އަހަރުމެން އަޑުއަހަނީ ދީނީ ހަރުކަށި ފިކުރުގެ ވާހަކައެވެ! ވިސްނުމާއި ފިކުރުކުރުން ހަރުކަށިވަނީ ހަމަ އެކަނި ދީނުގައި ކަމުގައެވެ؟ ހަރުކަށި ފިކުރަކީ ހަމަ އެކަނި ދީނީ ކަޓު މުއްލާއިންނަށް ޚާއްސަ ކަމެއް ކަމުގައެވެ. ނައްސެއްގެ މާނަ ކަނޑައަޅާލެވެނީ ހަމައެކަނި ލަފްޒީ މާނައަށް ކަމުގައި ބަލައި، އެގޮތަށް ކަންތައް ނިންމައި، އެކަން އެންމެންގެ މައްޗަށް ހިންގާލުމަކީ ދީނީ މީހުންގެ ބޮލުގައި އެޅުވޭ ކަމެއް ނޫން ހެއްޔެވެ؟ 'އިލްމީ' ނަންނަމުގައި 'ކުރިއެރުމުގެ އަލިކަން ލިބިފައިވާ' މީހުން ނެރޭ އެކިއެކި ރިޕޯޓުތައް ބުނާ ގޮތުން، ގައުމުގެ ސިޔާދަތާއި މިނިވަންކަމަށް، ސަލާމަތާއި އަމަންއަމާންކަމަށް އޮތް ހަމަ އެކަނި ނުރައްކަލަކީ ދީނީ ފިކުރު ނޫން ހެއްޔެވެ؟ ދެން، ސިޔާސީ ހަރުކަށި ފިކުރޭ ތިކިޔަނީ ކީއްވެ ހެއްޔެވެ؟"
"އަނެއްކާ މަށަށް މިބުނެވުނީ ބުނަންނުވާ ވާހަކައެއް ހެއްޔެވެ؟" ޖަވާބުގައި މަނިކުބޭ ބުންޏެވެ. "އަމިއްލަ ވިސްނުމުގެ ބޭނުމެއް ނުކޮށް، ހަރުކަށިވާނީ ދީނީ ފިކުރޭ ކިޔައި، ދަމަންވާނީ، ތަންދޮރު ވިސްނޭ ކަމަށް ދައުވާކުރާ މީހުން ދަމާ ބަނދިވަރު ހެއްޔެވެ؟ އާނއެކެވެ. ހަރުކަށިވަނީކީ ހަމައެކަނި ދީނީ ފިކުރެއް ނޫނެވެ! ސިޔާސީ ފިކުރު ވެސް ހަރުކަށިވެއެވެ. އަދި، އަހަންނަށް ހީވާ ގޮތުގައި ސިޔާސީ ހަރުކަށި ފިކުރުގެ ނުރައްކާތެރިކަން، ދީނީ ހަރުކަށިފިކުރުގެ ނުރައްކާތެރި ކަމަށް ވުރެ މާ ބޮޑެވެ. ތަރައްގީވަމުން އަންނަ ގައުމުތަކޭ ކިޔޭ ގައުމުތަކުގެ ކަންތައްތަކަށް އަހައްމަދު ބަލާލަބަލާށެވެ. އެ ތަންތަނުގައި ވެރިކަމުގައި ތިބީ ދީނީ މީހުން ހެއްޔެވެ؟ ނޫންނަމަ، އެތަންތަނުގެ ތާރީޚަށް ބަލާލާއިރު، ވެރިކަންކުރި ކަމަށް ފެންނަނީ ދީނީ ހަރުކަށި ފިކުރުގެ މީހުން ހެއްޔެވެ؟ އެގައުމުތައް ކުރިއަރައި ދިޔުމަށް ހުރަސް އެޅީ ދީނީ ހަރުކަށި ފިކުރު ހެއްޔެވެ؟ އަހަންނަށް ބުނެވޭނީ އެގައުމުތަކުގައި މުޅިން ވެސް ވެރިކަން ކުރީ އެމީހުންގެ ސިޔާސަތާ ދީނާ ގުޅުމެއް ނެތް ސިޔާސީ މީހުންނެވެ. އަދި، ކިއެއް ހެއްޔެވެ؟ ސިޔާސީ ހަރުކަށި ފިކުރުގެ މީހުންނެވެ. އަދި އެފަދަ ސިޔާސީ ހަރުކަށި ފިކުރުގެ މީހުންގެ ސަބަބުން، ގައުމުތަކަށް ކުރިއެރުން ނުލިބި، ބައެއް ގައުމުތައް ހަލާކުވެ ދިޔައީއެވެ. އެހެންވެ، ސިޔާސީ ހަރުކަށި ފިކުރުގެ ވާހަކަ ދައްކަން އެބަޖެހެއެވެ. އެއީ ކޮބައިކަން ދެނެގަނެ، ސިޔާސީ ހަރުކަށި ފިކުރުގެ ނުރައްކަލުން ގައުމު ސަލާމަތްކުރުމުގެ މަސައްކަތް ކުރަން ޖެހެއެވެ."
"އެންމެ ރަނގަޅެވެ." އަހައްމަދު ބުންޏެވެ. "ދެން މަނިކުބޭ ބޭނުން އެއްޗެއް ކިޔާބަލާށެވެ. ތިބުނާ ސިޔާސީ ހަރުކަށި ފިކުރަކީ ކޮބައިކަން ބުނެ، އަހަންނަށް އޮޅުން ފިލުވައިދީ ބަލާށެވެ."
"ސިޔާސީ ހަރުކަށި ފިކުރަކީ ކޮބައިކަން ފިރުއަނުގެ ވާހަކައިގެ އެނގެން އެބަ އޮތެވެ." މަނިކުބޭގެ ވާހަކަ ފެއްޓިއެވެ. "ފިރުއަނު އޭނާގެ ގައުމުގެ މީހުން ގާތު ބުނީ ކީކޭކަން އަހައްމަދު ހަނދާންކޮށް ބަލާށެވެ! ކޮންމެ ދުވަހަކުހެން ކީރިތި ގުރުއާނުގެ ތަރުޖަމާ އަޑުއަހަމު ނޫން ހެއްޔެވެ؟"
"އާނއެކެވެ! އަޑުއަހަމެވެ." އަހައްމަދު ބުންޏެވެ. "ނަމަވެސް، އެހެން ހަރުފުން ހަރުފަށް ކޮށްލާފަ އޮންނަ ތަރުޖަމާއަކުން މާ ބޮޑު އެއްޗެއް ސާފެއް ނުވެއެވެ. ބައެއް ފަހަރު، ތަރުޖަމާގައި ކިޔާއެއް އެއްޗެއް، ޚުދު މުތަރުޖިމަށް ވެސް ސާފުވޭބާވަޔޭ ސުއާލު އުފެދޭތަން އާދެއެވެ. އެހެން ކަމަށްވާއިރު، އަހަރެން ކަހަލަ މައް އާދައިގެ މީހަކަށް ތަރުޖަމާއަކުން އެނގޭނީ ކޮން އެއްޗެއް ހެއްޔެވެ؟ ދެން، ފިރުއައުނުގެ ވާހަކަ މަނިކުބޭ ކިޔައިދީ އޮޅުންފިލުވައިދީބަލާށެވެ! އަދި އޭނާގެ ސިޔާސީ ފިކުރު ހަރުކަށިވީ ގޮތް ބުނެދީބަލާށެވެ!"
"ދެން ޣާފިރު ސޫރަތުގެ ތަރުޖަމާ ކިޔާއިރު ރަނގަޅަށް އަޑު އަހައްޗެވެ. އެ ސޫރަތުގައި މި ކިޔައިދޭން އުޅޭ ފިރުއަނުގެ ސިޔާސީ ހަރުކަށި ފިކުރަށް އިޝާރަތްކުރެވިފައިވެއެވެ." ޖަވާބުގައި މަނިކުބޭ ބުންޏެވެ. "ޣާފިރު ސޫރަތުގައި، އޭނާގެ ގައުމުގެ މީހުންނާ މުޚާތަބުކޮށް، ފިރިއައުނު ބުނާ ބަހެއްގެ މާނައިގެ މައްޗަށް ވިސްނުމުގެ ނަޒަރެއް އަހައްމަދު ހިންގާލަބާށެވެ. އެ ސޫރަތުގައި ފިރުއަނު ބުނާ ވާހަކައިގެ މާނައަކީ މިއެވެ. 'އަހަންނަށް ފެންނަ ގޮތް ނޫން އެހެން ގޮތެއް، ކަލޭމެންނަށް ބުނެ، އިއްވައި، ދައްކާކަށް، އަހަންނެއް ނޫޅެމެވެ. އެހެނީ ހިކުމަތާއި މޮޅުކަން އެކުލެވިގެންވަނީ ހަމައެކަނި ما أريكم إلا ما أرى ، وما أهديكم إلا سبيل الرشاد. އޭނާއަށް ފެންނަގޮތް ނޫން ގޮތެއް އޭނާގެ ގައުމުގެ މީހުންނަށް ނެތްކަމާއި ހުރިހާ މޮޅަކާއި ހިކުމަތެއް އޮތީ އެ ގޮތުގައިކަން އޭނާ ބުންޏެވެ."
"ފިރުއަނުމުގެ މި ބުނުމާ މެދު އިތުރަށް ވިސްނާލަމާ އަންނާށެވެ. ސިޔާސީ ހަރުކަށި ފިކުރަކީ ކޮބައިކަން އޭރުން އެނގޭނެއެވެ." މަނިކުބޭ އަހައްމަދު ގާތު ބުންޏެވެ.
"ފިރުއައުނުގެ މިބުނުމާ މެދު، އަހައްމަދު ވެސް، ވިސްނައި ފިކުރުކޮށްލައިފި ނަމަ، ދެތިންކަމެއް ފާހަގަކޮށްލެވޭނެއެވެ. މި ބުނުމުން، އެންމެ ފުރަތަމަ ވެސް ފާހަގަކޮށްލެވެނީ ކަންކަމާ މެދު ހެޔޮ ގޮތް ކިޔައި ބުނެދޭން އެނގޭނީ ހަމަ އެކަނި ފިރުއައުނަށް ކަމެވެ. ފައިދާ ހުރީ ހަމައެކަނި އޭނާ ބުނެދޭ ގޮތުގައި ކަމެވެ. އެހެންވީމާ، އެހެން އެކަކު ވެސް، ކަންކަމާ ބެހޭ ގޮތުން، އެއްޗެއް ބުނުމުގެ ބޭނުމެއް ނެތެވެ. މޮޅު އަދި ފައިދާހުރި ގޮތް ދައްކައި ބުނެދޭން ފިރުއައުނަށް އެނގޭނެތީއެވެ. އެހެން މީހުންނަށް އޮތީ އޭނާއަށް ތަބާވެ، އޭނާ ބުނާ ގޮތް ހެދުމެވެ."
"ދެވަނައަށް ފާހަގަކޮށްލެވޭ ކަމަކީ، ގައުމީ ކަންކަމުގައި، މުޅި ޖަމާއަތް ޝާމިލުވާ ކަންކަމުގައި، ފިރުއަނު ދެކޭ ގޮތުގައި ކަންކަމުގެ މައްޗަށް ނަޒަރު ހިންގައި، ބަހުސްކުރުމުގެ ބޭނުމެއް ނެތެވެ. މޮޅު ގޮތް، މާކުރިން، ފިރުއައުނަށް އެނގޭތީއެވެ. އެގޮތް އޭނާ ބުނެދޭނެތީއެވެ. އެހެންވެ، އެކަންކަމީ އެއާމެދު ބަހުސްކުރަން ޖެހޭ ކަންކަމެއް ނޫނެވެ."
"ތިންވަނައަށް ފާހަގަކޮށްލެވޭ ކަމަކީ ފިރުއަނު، އޭނަގެ ގޮތް ކުރިއަށް ނެރެ، އާންމު މީސްތަކުންނަށް އެގޮތަކީ އެންމެ ރަނގަޅު ގޮތްކަން ދެއްކުމަށްޓަކައި ކުރާކަމަކީ މަލަމަތި އޮމާންކޮށް ވާހަކަ ދެއްކުމެވެ. އޭނާއަކީ ގައުމަށްޓަކައި، ޖަމާއަތުގެ ފައިދާއަށްޓަކައި، މަސައްކަތްކުރާ މީހެއް ކަމަށް ދެއްކުމެވެ. ނަމަވެސް، އޭނާގެ ބާތިލު ދައުވާތަކާއި އޭނާގެ އަމަލުތައް އޭނާގެ ހަގީގަތް ހާމަކޮށްދީ އަންގައިދެއެވެ. އޭނާގެ ވާހަކަތަކަކީ ހޮއި، ހޮޅި ވާހަކަތަކެއްކަން ބުނެދެއެވެ. އޭނާގެ ވެރިކަމަށް ނުރައްކާ ކުރިމަތިވެދާނެ ކަމުގެ ބިރު ހީވެއްޖެ ނަމަ، އެ ބިރު ނައްތާލައެވެ. އޭނާގެ ގައުމުގެ އެއްބައި އަޅުވެތިކޮށް، އޭނާގެ ވެރިކަމަށް ނުރައްކަލެއް، އެމީހުންގެ ތެރެއިން އަތުވެދާނެކަމުގެ ބިރު ހީވުމުން، އެމީހުންގެ ޅަދަރިން މެރިއެވެ. އޭނާ ދެކޭ ގޮތް ނޫން އެހެން ގޮތެއް އެއީ ހައްގުކަމުގައި ބަޔަކު ދުށުމުން، އެމީހުން ވެސް މަރަން ނިންމައި، ތިމަންނާއަކީ އިލާހެއް ކަމުގައި ފިރުއަނު ދައުވާކުރިއެވެ. އޭނާގެ ގައުމުގެ އެއްބަޔެއްގެ ދަރިން ގަތުލުކުރި ކަމަށް އިޝާރަތްކުރާކުރުން، ويذبحون أبناءكم، ކީރިތި ގުރުއާނުގައި އޮވޭ ނޫންހެއްޔެވެ؟ އަދި ބޮޑާކަމުގައި ހައްދުފަހަނައަޅާ ގޮސް، ކަލެއްކަމަށް ދައުވާކޮށް أنا ربكم الأعلى ބުނިވާހަކަ ވެސް ކީރިތި ގުރުއާނުގައި އޮވޭނޫން ހެއްޔެވެ؟"
"ފިރުއަނުގެ މިވާހަކައިން، ސިޔާސީ ހަރުކަށި ފިކުރަކީ ކޮބައިކަން އެނގެއެވެ." ފިރުއަނުގެ ވާހަކަ ނިންމާލަމުން، މަނިކުބޭ ބުންޏެވެ. "ފިރުއަނު ދުށް ގޮތުގައި ވެރިކަމަކީ އޭނާގެ ހައްގެކެވެ. ވެރިކަމާއި ވެރިކަމުގެ ހުރިހާ ބާރުތަކާ އިޚުތިޔާރުތަކެއް، ކަންކަމުގައި ގޮތް ކިޔައި ނިންމުން، ފިރުއަނު ދުށް ގޮތުގައި، އެއީ އޭނާއަށް ޚާއްސަވެފައި އޮންނަން ޖެހޭނޭ ކަންކަމެވެ. އެކަމާ މީހަކު ނުވަތަ ބަޔަކު ދެކޮޅު ހަދައިފި ނަމަ، ނޫނީ، އޭނާގެ ވެރިކަމަށް ނުރައްކަލެއްގެ ބިރު ހީވެއްޖެ ނަމަ، އެ މީހަކު ނުވަތަ ބަޔަކު، އަދި އެ ނުރައްކާ ނެތި ކޮށްލަން ޖެހެއެވެ. އޭނާ ދުށް ގޮތުގައި އެއީ އޭނާއަށް ލިބިފައިވާ އިމްތިޔާޒެކެވެ. މިއަށް އަހަރެން ކިޔަނީ ސިޔާސީ ހަރުކަށި ފިކުރެވެ. ފިރުއަނީ ސިޔާސީ ހަރުކަށި ފިކުރެވެ."
"ތީ ދެން އެވޭލާ ޒަމާނުގެ، މާ އިހުގެ، ވާހަކަތަކެއް ނޫން ހެއްޔެވެ؟ ފިރުއައުނާ އޭނާއަށް ތަބާވި މީހުން ނިމި ހިނގައްޖެ ނޫން ހެއްޔެވެ؟" އަހައްމަދު ބުންޏެވެ.
"އާނއެކެވެ. ފިރުއައުނާއި އޭނައަށް ތަބާވި މީހުން ނެތި ހިނގައްޖެއެވެ." މަނިކުބޭ އެއްބަސްވިއެވެ. "ނަމަވެސް، ކީރިތި ގުރުއާނުގައި މިފަދަ ތާރީޚީ ވާހަކަތައް ބަޔާންކުރެވިފައިވަނީ، ހަމައެކަނި، ތާރީޚީ ވާހަކައެއް ނަންގަނެ، ޒިކުރުކޮށް، މުނިފޫހިފިލުވައިދިނުމުގެ ބޭނުމުގައެއް ނޫނެވެ. އެފަދަ ވާހަކަތައް ކިޔައި، ތާރީޚުން ފިލާވަޅު ލިބިގަނެ، ހޭލުންތެރިވެ ތިބުމަށެވެ. ފިރުއައުނު ފަދަ ސިޔާސީ މީހުންނާއި ފިރުއައުނުގެ ހަރުކަށި ސިޔާސަތުގެ ފިކުރުގެ މީހުން ކޮންމެ ޒަމާނެއްގައި ވެސް އަދި ކޮންމެ ތަނަކުން ވެސް ފާޅުވެދާނެތީއެވެ. އަދި، އެފަ ފިރުއަނީ ސިޔާސީ ހަރުކަށި ފިކުރުގެ މީހުންގެ ނުރައްކަލާއި ގެއްލުމުން އަމިއްލަ ޖަމާއަތާއި އަމިއްލަ ގައުމު ސަލާމަތްކޮށް ރައްކާތެރި ކުރުމަށްޓަކައެވެ."
"މިސާލަކަށް، ވިހިވަނަ ގަރުނުގެ ތާރީޚަށް، އަހައްމަދު، ނަޒަރު ހިންގާލަބަލާށެވެ. ހިޓިލަރާއި އޭނާގެ ސިޔާސަތަށް ބަލާލުމުން، އެއީ ހަމަ ސީދާ ފިރުއަނުގެ ސިޔާސީ ފިކުރުގެ މީހެއް ކަމުގައި ފެންނާނެއެވެ. ހަމަ އެކަނި ތަފާތަކީ ހިޓިލަރު ޖަރުމަނުގެ ވެރިކަމަށް އައީ ވޯޓު މެދުވެރިކޮށް އިންތިޚާބުކުރެވިގެން ކަމެވެ. ނަމަވެސް، އިންތިޚާބުވުމަށްފަހު، ހިޓިލަރުގެ ޑިމޮކުރަސީ އެ ހިސާބުން ނިމުނީއެވެ. ދެން، އޭނާގެ ވާދަވެރިން ނެތިކޮށްލިއެވެ. އެއަށްފަހު، މަޑުމަޑުން، ހުރިހާ ބާރެއް އޭނާގެ އަތްމައްޗަށް ގެނައެވެ. ޖަރުމަނު ވިލާތުގައި އޭނާގެ ސިޔާސީ ހަރުކަށި ފިކުރުގެ މައްޗަށް ބިނާވާ ޑިމޮކުރަސީގެ ނިޒާމެއް ގާއިމުކުރިއެވެ. ސިޔާސީ މި ހަރުކަށި ފިކުރަށް 'ޑިމޮކުރަސީ' މި ލަފްޒު އިތުރު ކުރެވެނީ، ވެރިކަމަށް އައުމަށް ބޭނުން ކުރެވޭ އުކުޅަކަށް ޑިމޮކުރަސީގެ ސޫރަ، އާދެ، ހަމަ އެކަނި ވޯޓު ނެގުމާއި ވޯޓު ދިނުން، ބޭނުން ކުރެވޭތީއެވެ. މިކަމުގެ ތަފްސީލު ހޯދާކަށް އަހައްމަދަށް ވެސް އުނދަގުލެއް ނުވާނެއެވެ. އިންޓަނެޓުންގެ އެކިއެކި ސަފުހާތަކުންނާއި ތާރީޚުގެ ފޮތްތަކުން މިކަމުގެ ތަފްސީލު ލިބޭނެއެވެ. ދެން ހިޓިލަރުގެ ސިޔާސީ ހަރުކަށި ފިކުރުގެ ނަތީޖާއަކީ ހެއްޔެވެ؟ މުޅި ޔޫރަޕާއި ޖަރުމަނު ވިލާތް ވެސް ފުނޑުފުނޑުވެ ދިޔުމެވެ. އަދި، ޖަރުމަނުވިލާތް ބައިވެ، ގައުމުގެ ސިޔާދަތާއި މިނިވަންކަން ވެސް، ދުވަސްގަނޑަކަށް ގެއްލި ދިޔުމެވެ. އާނއެކެވެ. ސިޔާސީ ހަރުކަށި ފިކުރާއި ފިރުއައުނީ ޑިމޮކުރަސީގެ ހިތި ނަތީޖާއެވެ."
"އެންމެ ރަނގަޅެވެ. ކޮންމެވެސް ވަރަކަށް ނަމަވެސް ސާފުވެއްޖެއެވެ. ސިޔާސީ ހަރުކަށި ފިކުރާއި ފިރުއައުނީ ޑިމޮކުރަސީ ވެސް އޮންނަނީތާއެވެ!" އަހައްމަދު އެއްބަސްވިއެވެ.
"ދެން އަހައްމަދު ބުނެބަލާށެވެ!" މަނިކުބޭ އަދިވެސް އިތުރަށް ވާހަކަ ކުރިއަށް ގެންދިޔައެވެ. "އަހަރުމެންގެ ތެރެއިން ވެސް އަބަދުމެ ފެންނަނީ މިކަހަލަ ސިޔާސީ ހަރުކަށި ފިކުރާއި ފިރުއައުނީ ޑިމޮކުރަސީގެ ނިޒާމު ނޫން ހެއްޔެވެ؟"
"މަނިކުބޭ ކިޔަން ބޭނުން އެއްޗެއް ކިޔާ ބަލާށެވެ!" އަހައްމަދު ދީލާލިއެވެ. "މަނިކުބޭގެ ވާހަކަ އަޑުއަހަން އަހަރެން އިންނާނަމެވެ."
"އަހަރުމެންގެ ތެރޭގައި ވެސް، ވެރިކަމަށް އަންނަ ކޮންމެ މީހަކުވެސް ދެކެނީ ވެރިކަމަކީ އޭނާގެ އަމިއްލަ މިލްކެއް ކަމެވެ. ސީދާ އޭނާގެ ހައްގެއް ކަމެވެ. މި ފާއިތުވެ ދިޔަ ހަތްދިހަ ވަރަކަށް އަހަރުގެ ތެރޭގައި ކޮންމެވެސް ފާޑެއްގެ ސޫރީ ޑިމޮކުރަސީ އެއް އޮތެވެ. ކުރިން އޮތީ ކުޑަ ކާފާއި ބޮޑު ކާފު ޖަހައިގެން ވެރިޔާ އިންތިޚާބު ކުރާ ޑިމޮކުރަސީއެކެވެ. 'ޑިމޮކުރަސީގެ' މި ވަސީލަތް މެދުވެރިކޮށް ވެރިކަމުގެ ގޮނޑީގައި އިށީނދެވުމުން، ހުރިހާ ބާރެއް ވެރިމީހާގެ މުށުތެރަށް ލެވެއެވެ. އަދި، އިންތިޚާބުކޮށްގެންނާއި އިންތިޚާބުނުކޮށް ރައްޔިތުންގެ މަޖުލީހަށް މީހުންލައި، މަޖުލިސް ކޮންޓުރޯލުކުރެވެއެވެ. އެކި ގޮތްގޮތުން ބިރު ދައްކައިގެންނެވެ. ވަޒީފާ ގެއްލުމުގެ ބިރާއި ހައްޔަރުކުރެވުމުގެ ބިރެވެ. އަދި ބައެއް ފަހަރު އަމިއްލަ މުދަލާއި ވިޔަފާރި ގެއްލިދިޔުމުގެ ބިރުވެސް މެއެވެ. ދެން މިހާރު މިއޮތީ ޕާޓީތަކުގެ 'ހަގީގީ ޑިމޮކުރަސީ’އޭ ކިޔާ ޑިމޮކުރަސީ އައިއްސަޔޯލައެވެ. މިހާރު ވެސް ވެރިކަމަށް ވާސިލުވެވެނީ އިންތިޚާބުކުރެވިގެންނެވެ. ނަމަވެސް އިންތިޚާބު ކާމިޔާބުކުރުމަށް މިހާރު ކުޑަކާފާއި ބޮޑުކާފު ޖަހަން މަޖުބޫރުކުރުމުގެ ބަދަލުގައި ކުޑަކާފައި ބޮޑުކާފު ގަންނަނީއެވެ. އެހެންވީމާ ކަންއޮތީ ހަމަ ކުރިއެކޭ ހަމަ އެއް ގޮތަކަށެވެ. ޑިމޮކުރަސީ އޮންނަނީ ނަމުގައެވެ. ކުރިން ކުޑަކާފައި ބޮޑުކާފު ޖަހަން މަޖުބޫރުކޮށްގެން އިންތިޚާބުތައް ކާމިޔާބުކުރިއެވެ. މިހާރު، އެކަން ކާމިޔާބުކުރަނީ ފައިސާގެ ބާރުގައެވެ. ވެރިކަމުގެ ހަގީގަތް އޮންނަނީ ހަމަ ކުރިއެކޭ ވެސް އެއް ގޮތަށެވެ. ހުރިހާ ބާރުތަކެއް ވެރިޔާގެ މުށުތެރެއަށް ލެވި، ވެރިޔާ ބޭނުން ގޮތަކަށް ކަންތައް ކުރެވޭ ގޮތަށެވެ. ކުރިއަށް ވުރެވެސް ފަސޭހައިން ވެރިޔާއަށް، ރައްޔިތުންގެ މަޖުލިސް، ކޮންޓުރޯލު ކުރެވިދެއެވެ. ޖަނަވާރުން އިންތިޚާބު ކުރެވޭ ނަމަ، ފައިސާގެ ބާރުގައި ހިމާރުންގެ ޖަމާއަތެއް ވެސް އެމަޖުލިހަށް އިންތިޚާބުކުރެވިދާނެއެވެ. މީގެ އިތުރުން، އޭގެ ތެރެއިން ގިނަ މީހުންނަކީ، އަމިއްލަ ޒަމީރެއް ވެސް އޮތް ބަޔެއް ނޫނެވެ. ޕާޓީގެ ވެރިޔާ ބުނާ ގޮތަށް، ލޯ މަރައިގެން، އަތް ނަގަން ތިބޭ ބަޔެކެވެ. ދެން، އަހައްމަދު ބުނެ ބަލާށެވެ! ކަމުގެ ހަގީގަތަށް ބަލާއިރު ކުރިއެކޭ މިހާރެކޭ ވަކި ތަފާތެއް އެބަ އޮތް ހެއްޔެވެ؟ ކުރިން ވެސް، މަޖުލީހުގެ މެންބަރުން ލޯ މަރައިގެން ތިބެ އަތް ނެގީއެވެ. މިހާރު ވެސް އެކަން ކުރަނީ ހަމަ އެގޮތަށް ނޫން ހެއްޔެވެ؟ ޕާޓީގެ ވެރި މީހާ ބޭނުން ގޮތަކަށް ކަންތައް ކުރުމަށް ގާނޫނުތަކާއި ގަވާއިދުތައް މިހާރުގެ ނިޒާމު ތަންދޭ ނޫން ހެއްޔެވެ؟ ހަމައެކަނި ސިޔާސީ ފިކުރު ހަރުކަށިވެ، ވެރިޔާއަކީ އޭނާގެ އަތް މަތީ ހުރިހާ ބާރެއް އޮތް މީހަކަށް ވަނީކީ ނޫނެވެ. ޑިމޮކުރަސީގެ ނަން ބޭނުންކޮށްގެން މިއީ ގާނޫނީ ސިފަ ލިބިފައި އޮތް ގާނޫނީ ނިޒާމަކަށް ވެސް ވެގެންދަނީއެވެ. ދެން މިފަދަ ނިޒާމަކަށް ކިޔަން، ފިރުއައުނީ ޑިމޮކުރަސީގެ ސިޔާސީ ހަރުކަށި ފިކުރޭ ނޫން ނަމެއް، އަހައްމަދު ބުނެބަލާށެވެ. ފިރުއަނުވެސް ބުނީ ކަލޭމެންނަށް އޮތީ ހަމަ އަހަރެން ދައްކާ ގޮތެވެ. ހުރިހާ މޮޅެއް އޮތީ އަހަރެން ދައްކާ ގޮތުގައެވެ. މިހާރުގެ ވެރިން ވެސް ބުނަނީ ހަމަ ފިރުއައުނު ބުނި މިވާހަކަ ނޫން ހެއްޔެވެ؟"
"އަދި ބުނަން ހެއްޔެވެ." މަނިކުބޭ އަހައްމަދަށް އިތުރަށް ވެސް އޮޅުންފިލުވައިދިނެވެ. "އަހަރުމެންގެ ތެރޭގައި މި އޮތް ފިރުއަނީ ޑިމޮކުރަސީ ހިންގާލުމަށްޓަކައި ފަސާދައަކީ މުހިއްމު ކަމެއް ކަމަށް އިޝާރަތްކުރީމު ނޫން ހެއްޔެވެ؟ ކުޑަކާފާއި ބޮޑުކާފު ޖަހަން ވޯޓުގަންނަ ވާހަކަ ކުރިން ބުނީމު ނޫން ހެއްޔެވެ؟ މިފަދަ ފަސާދައިގެ އަމަލުތައް ހިންގައި ވެރިކަމަށް އާދެވުނު ކަމުގައި ވިޔަސް، ވެރިކަން ނެތި ހިނގައިދާނެކަމުގެ ބިރު އަބަދު ވެސް އޮވެއެވެ. އާނއެކެވެ! ކޮންމެ ވެރިޔަކަށް ވެސް ފިރުއަނީ ހުވަފެނެއް ފެނެއެވެ. ފިރުއައުނަށް ފެނުނު ހުވަފެން ފަދައިން، ވެރިކަން ނެތިދާނޭ ކަމުގެ ބިރު ކޮންމެ ވެރިޔަކަށް ވެސް، އަބަދުވެސް، ހީވެހީވެ، އެކަމާ ކަންބޮޑުވެ ފިކުރުކުރަން ޖެހެއެވެ. އަދި، ކޮންމެ ވެސް ގޮތަކުން މިބިރު ނައްތާލަން ޖެހެއެވެ. އެކަން ކުރަން، ބޮޑެތި ބޮޑެތި ވަޒީފާތައް، އިދިކޮޅު މީހުންނަށް، ބަހަން ޖެހެއެވެ. ސަރުކާރުގެ ބޮޑެތި މަޝްރޫއުތައް އެފަދަ މީސްމީހުންނަށް ދޭން ޖެހެއެވެ. ރަށްތަކާއި ބިންތައް އެފަދަ މީސް މީހުންނަށް ބަހަން މަޖުބޫރުވެއެވެ. މިވަރުން ވެސް އިދިކޮޅު މީހުން މައިތިރި ނުކުރެވިއްޖެ ނަމަ، އެ ފަދަ މީސްމީހުން ބަންދުކުރަން ޖެހެއެވެ. މީގެ ވަރަށް ރީތި މިސާލެއް ކިޔައިދީފާނަމެވެ. މީގެ އަހަރުތަކެއް ކުރިން، ރާއްޖެ ނުދެކޭ ފަދަ ބޮޑު ޚިޔާނަތެއްގެ ތުހުމަތު މީހެއްގެ ބޮލުގައި އެޅުނު ހަނދާން އަހައްމަދު ވެސް ހުންނާނެއެވެ. މި ތުހުމަތުގެ އިތުރުން، މީނާއަކީ ދައުލަތުގެ ބޮޑު ވިޔަފާރި މުއަސަސާއެއްގެ ވެރިޔެއްގެ ގޮތުގައި ހުރިއިރު، އެ ތަނުގައި ޚިޔާނަތުގެ އަމަލުތައް އެންމެ ވަރުގަދަޔަށް ހިނގައި، އެކަމާ އަޅާނުލައި، ފަސާދައިގެ އަމަލުތައް އެތަނުގައި އާންމުކޮށްލި މީހާއޭވެސް ބުނެވިދާނެއެވެ. އަދި، މީގެ އިތުރުން، ފައިސާ ޖެހުމުގެ ތުހުމަތު ވެސް އޭނާގެ މައްޗަށް ކުރެވި، މުޅި ރަށުތެރޭގައި، އެއްދުވަސް ވަރެއްގައި، އެވާހަކަތައް ވެސް ދެކެވުނެވެ. ތެދު ދޮގު ދެނެވޮޑިގެންވާނީ ހަމަ ހުރިހާ ކަމެއްވެސް ދެނެވޮޑިގެންވާ މާތްކަލާނގެއެވެ. އަހަރުމެންނަށް އެނގޭ ކަމަކީ، މިއިން، ބައެއް ކަންކަން ތަހުގީކުރެވުނު ކަމުގައިވިޔަސް، މި ހުރިހާ ކަމެއްވެސް ނިމުނީ ސާބިތު ނުވާކަންކަމަށް ކަނޑައެޅިގެންނެވެ. ނަމަވެސް، ހަމަ މި މީހަކު ވެރިކަމާ ތޮޅެން އުޅުމުން ވަގުތުން ތަހުގީގު ކުރެވި، ޝަރީއަތުގެ ކުރިމައްޗަށް އޭނާ ގެނެވި، އޭނާ ކުށްވެރިވެ، އޭނާގެ މައްޗަށް ހުކުމެއް އައެވެ. އަދި، ވެރިކަމުގެ ގޮނޑި އޭނާގެ އަތް ނުފޯރާ ހިސާބަށް ދުރަށް ޖެއްސުނެވެ. ފަސާދައާއި ވައްކަމަކީ އަޅާނުލާ ދޫކޮށްލެވޭ ކަންކަމެވެ. ނަމަވެސް، ވެރިކަމާ ތޮޅުމަކީ ޝިރުކުފަދައިން އަފޫ ނުކުރެވޭ ދަރަޖައި ކަމެކެވެ."
"އިދިކޮޅު މީހުން، މީހަކަށް ފަހު މީހެއް ގަނެ ނުވަތަ ބަންދުކޮށް، އެމީހުންގެ ސަބަބުން ވެރިކަން ނެތި ދިޔުމުގެ ބިރުފިލުވާލެވިދާނެއެވެ. ނަމަވެސް، ފިރުއައުނީ ސިޔާސީ ހަރުކަށި މީހުންނަށް ވެސް ނެތިކޮށްލަން އުނދަގޫ ބިރެއް އޮވެއެވެ. ގައުމުގެ އަމަންއަމާންކަން ބަލަހައްޓާ މުއައްސަސާއިން ވެރިކަމާ ކުރިމަތި ވެދާނޭ ބިރެވެ. އިސްޕޭނުގެ މިޒަމާނުގެ ތާރީޚަށް އަހައްމަދު، ނަޒަރެއް ހިންގާލަބަލާށެވެ. އިސްޕޭނުގައި، 1930ގެ އަހަރުތަކުގެ ކުރީކޮޅުގައި ޖުމްހޫރިއްޔަތެއް ގާއިމުކުރެވި، އިސްޕޭނަށް އަލަށް ޕާޓީ ޑިމޮކުރަސީގެ ނިޒާމެއް ގެނެވުނެވެ. ނަމަވެސް ދެން އައި ހައެއްކަ އަހަރު ދުވަހު، އިސްޕޭނުގެ ޕާޓީތަކުގެ މެދުގައި ސިޔާސީ އަރާރުންތައް ބޮޑުވެ، ސިޔާސީ ގޮތުން، ތަން ހަލަބޮލިވެއެވެ. ދެން އަހުލީ ހަނގުރާމައެއް ހިނގައި، މިކަމަށް ނިމުންއައީ 1939 ވަނަ އަހަރު އަސްކަރީއަކު ވެރިކަމަށް އައިސް އަސްކަރީ ޑިކްޓޭޓަޝިޕެއް ގާއިމު ކުރެވިގެންނެވެ. އަދި މިވެރިކަން، 1974ވަނަ އަހަރާ ހަމައަށް ދެމިގެން ދިޔައެވެ. ސިޔާސީ ހަމަޖެހުމާއި ހަގީގީ ކުރިއެރުމެއް މި އަސްކަރީ ވެރިކަމުގައި އިސްޕޭން ދުއްޓެވެ."
"ކޮންމެއަކަސް، އަހަރުމެންގެ ތެރޭގައި މިހާރު މިއޮތް ފިރުއައުނީ ޑިމޮކުރަސީގެ ސިޔާސީ ހަރުކަށި ފިކުރުގެ ނިޒާމަށް ވެސް، ތަނުގެ އަމަންއާންމު ބަލަހައްޓާ މުއައްސާތަކުގެ ފަރާތުން ނުރައްކަލެއް އައުމުގެ ބިރު އޮވެއެވެ. އެހެންވެ، އެކަމަށް ތައްޔާރުވާން ޖެހެއެވެ. އެ ގޮތުން، ބޭރުގެ ބާރުތަކާ ގުޅުން ބަދަހިކުރެވެއެވެ. އެ ފަދަ ނުރައްކަލެއް ކުރިމަތިވެއްޖެ ނަމަ، އެމީހުންގެ އެހީ ހޯދުމުގެ ބޭނުމުގައެވެ. ކޮންމެ ގޮތެއް ހަދާފައި ނަމަވެސް، ސިޔާސީ ހަރުކަށި ފިކުރުގެ މީހުން އެމީހުންގެ ފިރުއަނީ ޑިމޮކުރަސީ ނިޒާމު ދަމަހައްޓަން ބޭނުންވެއެވެ. އެހެންވެ އެ މުއައްސަސާތައް ބަދުނާމު ކުރުމާއި އެ މުއައްސަސާގެ އަގު ވައްޓާލުމުގެ ގޮތުން ވާހަކަތައް ދައްކައެވެ. މިކަމުގައި ދެބޭނުމެއް އޮވެއެވެ. މި ފަދަ މުއައްސާތަކުގެ އިސް ވެރިންގެ ގޮތުގައި ތަންދޮރު ދަތަސް ނޫނީ ނުދަތަސް، ކަމުގެ ހުނަރު ހުއްޓަސް ނުވަތަ ނެތަސް، ގާތް ތިމާގެ، އިތުބާރުކުރެވޭ މީހުން ބޭތިއްބުމެވެ. މީގެ އިތުރުން، ބޮޑެތި އަސްކަރީ ލަގަބުތައް ދީފައި ސިކުނޑީގެ ތެތްކަމެއް ނެތް، ހިންގުމުގެ ހުނަރެއް ނެތް، ކުރުކޮށް ބުނަނީނަމަ، އެއްވެސް އުރަތްޕެއް ނެތް މީހުން ބޭތިއްބެއެވެ. ކިރިޔާވެސް ތަންދޮރު ދަންނަ މީހަކު މިބުނާ އިސްސަފުގައި ހުރިނަމަ އެމީހަކު ވަކިކުރެވެއެވެ. ނަމަވެސް، މިފަދަ މުއައްސަސާތަކުގެ މެދު ފަންތީގެ ވެރިންގެ ތެރޭގައި، ގަނެވި، ކޮންޓުރޯލު ނުކުރެވި ތިބި ބަޔަކު ތިބެދާނެތީ ސިޔާސީ ހަރުކަށި ފިކުރުގެ މީހުން ކަންބޮޑުވެއެވެ. ކުރިން ނަންގަނެވުނު، އިސްޕޭނުގެ އަސްކަރީ އިންގިލާބުގައިވީ ގޮތަށް ކަންތައް ވެދާނެތީއެވެ. އިސްޕޭނުގައި ވެސް އެތަނުގައި އޭރު އޮތް ޕާޓީ ޑިމޮކުރަސީ ވައްޓާލީ އަސްކަރީ ސަފުތަކުގައި ތިބި އިސް މީހުންނެއް ނޫނެވެ. މިކަން ކުރީ އަސްކަރިއްޔާގެ މެދު ފަންތީގެ ވެރިންގެ ތެރެއިން ބަޔަކު ވެގެންނެވެ. އެހެންވެ، އަމަންއާންމު ބަލަހައްޓާ މުއައްސަސާތައް ބަދުނާމުކޮށް އެތަން ހަލުވާލައި ހިލުވާލަން ޖެހެއެވެ. ކޮންޓުރޯލު ނުކުރެވި ތިބި ބަޔަކު ފެންމަތިކޮށްލުމުގެ ބޭނުމުގައެވެ. ދެން އެމީހުން ހަމައަކަށް އެޅުވިދާނެތާއެވެ. އަދަބު ދެވިގެންނެވެ. ނޫނީ ބޭރުކޮށްލައިގެންނެވެ. ދެވަނަ ސަބަބަކީ އާންމުގެ ކުރިމަތީގައި އަމަންއަމާންކަން ބަލަހައްޓާ މުއައްސަސާތަކަކީ ބޭނުމެއް ނެތް، ބޭކާރު ބަޔެއް ކަމުގައި ދެއްކުމެވެ. ދެން، އެ މުއައްސަސާތައް އުވާލެވެން އޮތްކަމަށް ވަންޏާ އުވާލައި، ނުވަތަ، ތަން އިސްލާހުކުރުމުގެ ނަމުގައި، އެތަންތަން ބޭރުގެ ބާރެއްގެ އަތް ދަށަށް ގެނައުމެވެ. އޭރުން، އެ މުއައްސަސާތަކުގެ ތެރެއިން ވެރިކަމަށް އަތުވެދާނެ ބިރު ނައްތާލެވޭނެ ނޫން ހެއްޔެވެ؟"
"ދެން އެންމެ ރަނގަޅެވެ. މަނިކުބޭގެ ތިޔަ ޚިޔާލީ ފޮލާގެ އަޑު އިވިއްޖެއެވެ. މަނިކުބޭ ތިބުނާ ހަރުކަށި ސިޔާސީ ފިކުރާއި ފިރުއަނީ ޑިމޮކުރަސީގެ ވާހަކަތައް އިވިއްޖެއެވެ. އަހަރެންގެ ވާހަކައަކީ ތިކަމުން ސަލާމަތްވާނީ ކިހިނެއް ހެއްޔެވެ؟" އަހައްމަދު ބުންޏެވެ.
"ސަލާމަތްވުން އެހާ ފަސޭހަ ނޫނަސް، އެކަން ކުރެވިދާނެއެވެ. އަހައްމަދަށް ވެސް އަދި، އަހައްމަދު ކަހަލަ ކޮންމެ ފަރުދަކަށް ވެސް އެކަން ކުރެވިދާނެއެވެ. އަމިއްލައަށް ވިސްނަން ފަށާށެވެ. ހަމަ، މީހަކު އެއްޗެއް ބުނާއިރަށް، އެއީ ވަކި މީހެއް ބުނާ އެއްޗަކަށް ވީމާ އެވާހަކަ ގަބޫލުކުރަން ނަހަދާށެވެ. މީސްމީހުން ބުނާ އެއްޗެހީގެ ރަނގަޅު ނުރަނގަޅު އަމިއްލައަށް ކަނޑައަޅަން ދަސްކުރާށެވެ. އެ ގޮތް ބަލައިފައި، އެއީ ހަގީގަތުގައި ވެސް ގައުމަށް ފައިދާ ހުރި ކަމެއް ކަމުގައި ފެނިއްޖެ ނަމަ، ދެން އެކަން ގަބޫލުކުރާށެވެ. މިސާލަކަށް މިވެނި ނިޒާމަކީ އަހަރުމެންނަށް އެންމެ ރަނގަޅު ނިޒާމެކޭ މީހަކު ބުނެފި ނަމަ، އޭގެ ތަފްސީލު ހޯދައި އެކަން ރަނގަޅަށް އޮޅުންފިލުވާށެވެ. އެ ނިޒާމެއް ރަނގަޅުވަނީ ކިހިނެއްކަމާއި މިހާރު އޮތް ނިޒާމު ގޯސްވާ ގޮތް ވެސް އޮޅުންފިލުވާށެވެ. މިކަން ކަމުގެ ތަފްސީލު ނުދެވޭ ކަމަށް ވަންޏާ، އަދި އެކަމުގެ ފައިދާ ބުއްދި ގަބޫލުކުރެވޭ ސިފައެއްގައި ކިޔައި ނުދެވޭ ކަމަށް ވަންޏާ ބުނެވޭނީ އެކަމެއް ކުރަން އެއުޅެނީ އެހެން ބުނާ މީހެއްގެ އަމިއްލަ ޒާތީ ފައިދާއަށްޓަކައިކަމުގައެވެ. ގައުމުގެ ފައިދާއަކަށް، ގައުމުގެ މަސްލަހަތަށް ބަލައިގެންނެއް ނޫނެވެ. ސިޔާސީ ހަރުކަށި ފިކުރުވެސް އަދި އެހެން ހަރުކަށި ފިކުރު ވެސް، ތަންތަނުގައި އަށަގަނެ، ފެތުރެނީ އެތަނެއްގެ ފަރުދުން ކަންކަމާ އަމިއްލައަށް ނުވިސްނުމުގެ ސަބަބުންނެވެ. އެހެންވެ، ވެރިކަމުގެ ޖާދުލުގެ ގޮނޑިއަށް އަރަން ބޭނުންވާ ކޮންމެ މީހަކު، އާންމުންނަށް ހުވަފެންދައްކައި އުޑުން ތަރިބާލުވާފައި އެގޮނޑިއަށް އެރޭ ގޮތް ވަނީއެވެ. އަމިއްލައަށް ވިސްނަން ދަސްކުރުމުގެ އިތުރުން ކުރަން ޖެހޭ އެހެން ކަމެއް ވެސް އެބަ އޮތެވެ. އެއީ އަހައްމަދަކީ ގަނެވޭ މީހަކަށް ނުވުމެވެ. ތިމާގެ އުސޫލުތަކާއި ގޮތްތައް، ފައިސާކޮޅަކަށް ނުވަތަ އެހެންވެސް ބޭނުމެއްގެ އެދުމުގައި ވިއްކާލާ މީހަކަށް ނުވުމެވެ. އަބަދުވެސް ތިމާގެ ޒަމީރު ހޭލުއްވާފައި ބޭއްވުމެވެ. އަދި، ފިރުއައުނީ ސިޔާސީ ހަރުކަށި ފިކުރުގެ އަޑުތައް އިވެމުންދާއިރު އެއަޑުތައް ބަލައި ނުގަތުމެވެ. ރައްޔިތުންނަށް ޚިދުމަތްކުރުމަށްޓަކައި، ގައުމު ބިނާކުރުމަށްޓަކައި ހުރިހާ ބާރެއް އެކެއްގެ މުށުތެރެއަށް ލެވެން ޖެހޭނޭ ބުނާ މީހާ އެއުޅެނީ ރައްޔިތުންނަށް ޚިދުމަތްކުރަން ނޫނީ ގައުމު ބިނާކުރާކަށް ނޫންކަން ދަތުމެވެ. އެހެން ބުނާ މީހަކު އެއުޅެނީ، މީގެ ކުރިން ވެސް އަހަރުމެންގެ ތެރޭގައި ކަންތައް ކުރެވުނު ގޮތަށް، މުޅި ގައުމަކީ އޭނާ ކަމަށް ބަލައި، މުޅި ގައުމުގެ މުއްސަނދިކަން އޭނާގެ އަމިއްލަ އެއްޗަކަށް ހަދައި، އޭނާ ބޭނުން ގޮތަކަށް ކަންތައް ކުރެވޭ ގޮތަށް އަހަރުމެންގެ ސިޔާސީ ނިޒާމު ބާއްވާށެވެ. މީގެ އިތުރުން ވެސް ކުރަން ޖެހޭނޭ ކަންކަން އެބަހުއްޓެވެ. ފަހުން، އަހައްމަދަށް އެވާހަކަތައް ކިޔައިދޭނަމެވެ. މިވަގުތު ބޭނުންވަނީ ސިޔާސީ ހަރުކަށި ފިކުރަކީ ކޮބައިކަމާއި، ފިރުއަނީ ޑިމޮކުރަސީ އަކީ ކޮބައިކަން އެނގި ސާފުވުމެވެ. އެހެންވެ، އަދި ވެސް އެއްފަހަރު، އެކަން ހަނދާންކޮށްލަދޭނަމެވެ. ވެރިކަމަކީ ތިމަންނަގެ ހައްގެއް ކަމުގައި ދެކި، ހުރިހާ ކަމެއްގައި ގޮތްކިޔާނީ ހަމަ އެކަނި ތިމަންނަކަން ދެކި، އެހެން އެއްވެސް މީހަކަށް މި ފުރުސަތެއް ނޯންނޭކަމަށް ދުށުމަކީ ސިޔާސީ ހަރުކަށި ފިކުރެވެ. ބާރުގެ ބޭނުން ކޮށްގެން ނޫނީ ވޯޓު ގަނެގެން އިންތިޚާބުތައް ކާމިޔާބުވީ ކަމުގައި ބަލައި، ޑިމޮކުރަސީގެ ކަންތައްތައް އެ ހިސާބުން ނިމުނީކަމަށް ބަލާ ޑިމޮކުރަސީއަށް ދެވޭނީ ފިރުއަނުގެ ޑިމޮކުރަސީގެ ނަމެވެ."

12 Responses
ހުރިހާވެސް ނުބަޔަކީ ތިބުނާ ޑިމޮކްރަސީ. އަހަރެން ގަބޫލުކުރާ ގޮތުގައި ޑިމޮކްރަސީއަށް ތަބާވެ އޭގެ އަވާގައި ޖެހިފައިތިބޭ މީހުން އިސްލާމްދީނާއި ވަރަށް ދުރު. އެހެންވީމާ ކުރުކޮށް ބުނާނަމަ ޑިމޮކްރަސީއަކީވެސް ދީނެއް. ޑިމޮކްރަސީ ދީނުގައި ގޮތް ނިންމަނީ ގިނަމީހުން ރުހޭ ގޮތަށް. އިސްލާމް ދީނުގައި ވަކި ކަމަކަށް ވަކި ހުކުމެއް އައިސްފައިވީނަމަވެސް، ޑިމޮކްރަސީ ދީނުގައި ގިނަމީހުން ރުހޭ ގޮތަށް އެކުށަކަށް ހުކުމް ކަނޑައެޅޭ. މާނައަކީ ދީނުގައި އައިސްފައޮތް ހުކުމް ކަމުނުގޮސްގެން އާހުކުމެއް އެބަތައްޔާރުކުރެވޭ ރައްޔިތުންގެ މަޖިލީހުން. އަދި ރައީސް އެ ގާނޫނު ތަސްދީގުކުރޭ. ފަނޑިޔާރު އެހުކުމް އެބައިއްވާ. އެހެންވީމާ ޑިމޮކްރަސީއަކީ ދީނެއް ނޫންތަ؟ ހަރުކަށި ފިކުރަކީ ޑިމޮކްރަސީއެއް ނޫންތަ؟ ފިރުއައުނު ކަހަލަ މީހުންނަކީ މިއީކީއެއް ނޫންތަ؟ ސިޔާސީ ހަރުކަށި ފިކުރަކީ ފިރުއައުނުގެ އުސޫލު ނުވަތަ ޑިމޮކްރަސީ ދީނުގެ އުސޫލު.
ކޮލަމް ކިޔާމީހާ އަށް.
އެކުވެރި އަޚާއެވެ. އަހަރެމެން އެންމެނަކީވެސް އިންސާނުންނެވެ. ވިސސްނުމެއް އެބަހުއްޓެވެ. ބުއްދީގެ ބޭނުން ނުކުރަނީ ތޯއެވެ؟ ޑިމޮކްރަސީއަކީ އިސްލާމްދީނާ އިދިކޮޅު ދީނެއް އަދި ހަރުކަށިވުމެއް ކަމުގަ ތިޔަދެކެނީ ފިކުރުނުކުރާތީއެވެ. އާދަމް އަލައިހިއްސަލާމަކީ އެންމެންގެ ބައްޕަ ކަމަށް އިހުގެ ފަތްފުށްތަކުން ފެނެއެވެ. އަދި ހާމާނަށް ވަހީ އިއްވުނުކަންވެސް ފެނެއެވެ. ގުރައިޝް ވަންހައިން މުހައްމަުގެފާނަށްވެސް ވަހީ އިއްވުނުކަމަށް ފަތްފުށްތަކުގަ އޮވެއެވެ. އީސާ އަލައިހިއްސަލާމަކީ މާތްރަސްކަލާނގެ ފުށުން އިއްޒަތާއި ޝަރަފް ލިބިވަޑާގެންނެވި ބޭކަލެކެވެ. މިދެންނެވި އެންމެންގެވެސް އުސޫލުތަކެއް ހުއްޓެވެ. އެއީ މާޒީއެވެ. އިންސާނުންނަކީ ވަކި ގޮތަކަށް އުޅުމަށް މަޖުބޫރު ކުރެވިގެންވާ ބައެއް ނޫންކަމަށް ގަދީމީ ފަތްފުށްތަކުން އެނގެން އޮތްއިރު ޑިމޮކްރަސީގެ އުސޫލުތަކަށް ތަބާނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. ޑިމޮކްރަސީގެ ރޫހާ ހިލާފުވާ ގައުމުތަކުގެ ވެރިން ހަނގުރާމަތަކުގައި ވަނީ ބަލިވެފައެވެ. އޭރުގަވެސް ޑިމޮކްރަސީ އޮތެވެ. އެއީ އަދުލު އިންސާފުގެ ތަނބެވެ. އެބައެއްގެ ތެރޭގައި ގޮތް ނިންމުމުގެ ބާރު އެބައެއް އިސްކުރާ ވެރިމީހާއަށް ނޯންނަ މުޖުތަމައެއް ދާނީ ހިރަފުސް އަރައި އެހެން މީހުންގެ ކުރިމަތީގައި ތުންފޮހެލާފައި އެއްލާލާ ޓިޝޫއަކަށްވުރެ ދަށު ދަރަޖައެއްގައި ބިކަވެ ނިކަމެތިވަމުންނެވެ. އިގުތިސާދު ފުނޑިގެންނެވެ. މިސާލަކަށް ޠާލިބާނުންގެ ކޮންޓުރޯލް އޮތް މުސްލިމު ގައުމު އަފްޣާނިސްތާނަށް ނަޒަރު ހިންގާލަބަލާށެވެ. އިސްލާމްދީނުގެ އަހުލުވެރިންނަށް ވެގެން އެމީހުންނަށް ލިބުނީ ކޮން މޮޅެއް ތޯއެވެ؟ ދެން ބަލާބަލަ އިރާގު! ސައްދާމް ހުސައިނަކީ އިސްލާމް ވެރިއެކޭ ﷲ އަކްބަރޭ ކިޔައި އަޑު އުފުލީމާވެސް އެމެރިކާގެ ކުރިމަތީގައި ވީ ހަމަ ބައްޔެވެ. ދެން ފަލަސްތީނާއި ސީރިޔާ އެވެ. ޑިމޮކްރަސީގެ ރޫހާ ހިލާފުވެގެން ވީ ކޮން ފައިދާއެއް ހެއްޔެވެ. ލިބުނީ ހުސް ގެއްލުމެވެ. ވީމާ ވިސްނައި ފިކުރު ހިިންގާށެވެ. ދީނަކީ އެމީހެއްގެ އުސޫލެވެ. އުޅެން ބޭނުންވާ ސިސްޓަމެވެ. ހަރުކަށި ފިކުރަކީ ކޮބައިކަން އެންމެނަށް އެބަ އެނގެއެވެ. ހަރުކަށިވީމާ ދާނީ އަޑިއަށެވެ. ޑިމޮކްރަސީއަކީ މެދުމިނެވެ. އިންސާފެވެ. އަމާންކަމެކެވެ. އަގުލަބިއްޔަތު ނުވަތަ މެޖޯރިޓީއެވެ.
އޭ މުޤައްދަސް. އިސްލާމީ އަގީދާގެ ސަބަބުން ކާމިޔާބު ވާނެ ކަމަކަށް ކަލޭ ގަބޫލު ނުކުރާކަން ކަލޭގެ ވާހަކައިން އެބަ ދޭހަވޭ. ނުވަތަ އިސްލާމް ދީނާމެދު ކަލޭގެ ހިތުގައި ޝައްކުތަކެއް އޮތީތަ؟ ހަނގުރާމަތަކުގަ ﷲ އިރާދަކުރައްވާ ބަޔަކަށް ކާމިޔާބު ލިބޭނެ. މިހާރު މިފެންނަ ކަހަލަ ޑިމޮކްރަސީއަކީ ފަނާކުރަނިވި ފިކުރެއް. ތިދައްކާ ވާހަކަތަކަށް ތާއީދެއް ނެތް، ހާމާނަށް ދުވަހަކުވެސް އިލާހީ ވަހީ އިއްވާފައެއް ނުވޭ!
މިކޮލަމް ކަމަކުނުދޭ. ރާއްޖޭގެ ސިސްޓަމާ އަދި މުޅި ދުނިޔޭގެ ސިސްޓަަށްވެސް ގޮންޖަހާފަ މިހިރީ. މިތާގަ ކޮމެންޓުކުރާ ކޮލަމްކިޔާ މީހާގެ ކޮމެންޓުތައް އަދި ވަކިން ބިރުވެރިކަމަށް ފާހަގަ ކުރެވޭ. ކޮލަމް ކިޔާ މީހާ އަކީ ޑިކްޓޭޓާޝިޕަށް ތާއީދުކުރާ މީހެއް. ދީނީ ނަޒަރަކުން ސިޔާސީ ކަންތައް އަޅާކިޔާކަށް ނުޖެހޭ. ސިޔާސަތާ ދީން އެއީ ދޭއްޗެއް. ދީނީ ހައްދުފަހަނައެޅި މީހުންނަކީ ތާއޫތުންގެ މަތީ ދަރަޖަ. ތާއޫތުންނަކީ ކަލެއް ކަމަށް ދައުވާކުރާ މީހުން. އިސްލާމްދީނުގަ ނެތް ކަންތައްތައް ދީނީ ހަރުކަށި ފިކުރުގެ މީހުން ގެންގުޅޭ. އެހެންވެ އެމީހުންނާ ދެކޮޅަށް ތެދުވާން މިޖެހެނީ. ފިރުއައުނުގެ ސިޔާސަތެއް މިރާއްޖެއަކު ނެތް. ދުނިޔޭގެ އެއްވެސް ތަނެއްގަ ފިރުއައުނު ސިޔާސަތެއް ނެތް. ކޮލަމް ކިޔާ މީހާ އަކީ ދީނީ ހަރުކަށި ފިކުރުގެ މީހެއް ކަމަށް ދެކެން.
ހަރުކަށި ފިކުރަކީ ސިޔާސީ އެއްޗެއް އަދި ދީނީ އެއްޗެއްވެސް ނޫން. ސިކުނޑީގެ އުނިކަމަކުން ވާކަމެއް އެއީ މާބޮޑަށް ދީނީވެގެން އަދި ސިޔާސީވެގެންވެސް
@ ކޮލަމް ކިޔާ މީހާ
ތިހުރިޙާ ވާހަކައެއްވެސް ރަނގަޅެވެ. ހަރުކަށި ފިކުރު އެންމެ ފުރަތަމަ އުފަންވީ ހާބީލާއި ބާބީލުގެ މައްސަލާގެ ތެރެއިންނެވެ. އޭގެފަހުން ފުރޮޅެމުން އެނބުރެމުން އައިސް މިއަދާ ހަމަޔަށް އައިއިރު އެންމެ ހަރުކަށި ފިކުރު މިވަނީ ސިޔާސީ މީހުންގެ ތެރޭގަ އެވެ. ލިޔުންތެރިޔާ ބުނެފައިވާ ފަދައިން ފިރުޢައުނުގެ ޑިމޮކްރަސީއަކީ ސީދާ ހަރުކަށި ފިކުރެވެ. ދީނީ ހަރުކަށިކަމަކީ ހަގީގަތުގައި ސިޔާސީ މީހުންގެ ސަބަބުން އުފެދިގެން އައި އެއްޗެކެވެ.
ހަރުކަށި ފިކުރަކީ ޑިމޮކްރަސީ. ޠާޣޫތު.
ހަރުކަށި ފިކުރަކީ ކޮންމެ ކަމެއްގަވެސް ހައްދުފަހަނަ އަޅައި ދިޔުން
mihaaru verikankuraa system aky Firuaunuge system kamah buraveveu baivaru hekithah aharemennah Feney dhuniyeyga kankolhuthakun. Mi Raajje inves
މާޝާ ﷲ! އަޅުގަނޑު ހިތަށް އަރަނީ ދުކްތޫރުގެ މި އަގުހުރި ޢިލްމީ މަސައްކަތްޕުޅުން ހޭލުންތެރިކަން ލިބެނީ ކިތައް މީހުންނަށް ބާވައޭ. ހަމަ ކަށަވަރުން ވެސް އަޅުގަނޑު އެ ލިޔުންތަކުން މަޢުލޫމާތު އެބަ ލިބިގަންނަން. ދުކްތޫރަށް ހެޔޮ ޖަޒާ ދެއްވުން އެދި ޝުކުރު ދަންނަވަން.
ބަރާބަރު ވާހަކައެއް. ސީދާ ފިރްއައުނުންގެ އުސޫލް މިހާރު އެބަފެނޭ.
ޕިންކު ޕާޓީގެ ޕްރޮޕެގަންޑާ ލިޔުމެއް މިއީ.