ސާފުތާހިރުވުމަކީ އިސްލާމްދީން ބާރު އަޅާކަމެކެވެ. ތުއްތު ކުދިން އުޅޭނަމަ ކުޅޭ ސާމާނު ގޭތެރޭގެ އެތަންމިތާނގައި ހުރުމަކީ ވެދާނެ ކަމެކެވެ. އެކަމަކު 24 ގަޑިއިރު މުޅި ތަނުގައި އެ ސާމާނުތައް އުކާފައި ހުރީމަ އެއީ ސާފުނުކުރެވެނީއެވެ.
ޅަ ކުދިން ގޮވައިގެން އުޅޭއިރު އެކުދިންގެ ކަންކަން ނިމެންދެން، ތެލިތަށި ގަޑި ދެގަޑިއިރު ސިންކުގައި ބެހެއްޓިފައި ހުރެދާނެއެވެ. އެކަމަކު ހެނދުނު ކާތަށި ރޭގަނޑު ކާންވީމަ ސިންކުން ނަގައިފައި ދޮވެވޭނަމަ ތިބާގެ ކިބައިގައި އެ އާދަތައް އަށަގަނުވަންޖެހެއެވެ. ބަދިގެތެރޭ ކާތަކެތި ކުނިކުރުމާއި ފުޅަ އަޅަންދެން ބެހެއްޓުމަކީ މުޑުދާރުވުމެވެ. އަންނައުނު ހުސްވެ އެންމެ ފަހު ހެދުމަށްވީމާ ދޮވުމަކީވެސް އުޅުމެއް ނެތުމެވެ.
ތިމާ އެންމެ ތަރުތީބު ނުވެވިދާނެއެވެ. އެކަމަކު ފާހާނާ ސާފުކޮށްލައި، ގޭތެރެ ކުނިކަހާލައި، އަންނައުނު ދޮވުމާއި ތެލިތަށި ދޮވުމަކީ ކުރެވެންޖެހޭނެ ކަންކަމެވެ. ސޯޝަލް މީޑޔާގައި ހޭދަކުރާ ހަތަރު ގަޑިއިރުން އެއްގަޑިރު ތިމާ ދިރިއުޅޭތަން ތާހިރުކޮށްލަން ހޭދަ ކޮށްލެވޭނެ ނޫންބާއެވެ؟ ޕީޕީ ނަލަވެގެން ލިބޭ ލައިކްސް ގިނަވެގެން ހިނިތުންވެލާފައި އިންނައިރު ނިދާ ކޮޓަރި ގޮނޑެއްހެން އޮތީމަ ތިމާއަށްވެސް ހަޑިވާނެތާއެވެ.
ރިވެތި އުސޫލާއި އާދަތަކެއްގެ ވެރިއަކަށްވާން ބޭނުންވަނީ މޮޅެތި ފަރުނީޗަރާއި ފަހުގެ ޒަމާނީ ގެއެއް ނޫނެވެ. ބޭނުންވަނީ ސާފުކުރަން ކެރޭ ދެއަތަކާއި ހަރުދަނާ އުސޫލުތަކެކެވެ. އަނބިގޮއްޔެ އަށް ނުކުރެވޭ ޙާލަތުގައި ފިރިމީހާވެސް ސާފުކޮށްލުމަކީ ރިވެތި ދިރިއުޅުމެއްގައި ފެންނާނެ ރީތި މަންޒަރެކެވެ.
ދަރިފުޅު ތުއްތު އިރު މި އާދަތައް އަށަގެނެވުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. އަނބިގޮއްޔެ ކިބައިގައި ސާފުތާހިރުކަމެއް ނެތްނަމަ ފިރިސޮރު އެކަން އަނބިމީހާއަށް ދަސްކޮށްދޭށެވެ. ފިރިމީހާ ކިބައިގައި ތާހިރު ކަމެއް ނެތްނަމަ އަނބިމީހާއަކީ ތާޙިރު މީހަކަށްވާށެވެ.
ދިރިއުޅުމުގެ ރިވެތިކަމަކީ ރީތި ހަށިގަނޑަކާއި ރީތި ހެދުމާއި ސްކޫޕީއާއި އަގުބޮޑު ފޯނެއް އޮތުމެއް ނޫނެވެ. ރިވެތި ދިރއުޅުމަކީ ދިރިއުޅޭ ތަނުން ފެންނަ ތާޙިރުކަމާއި ނަލަކަމެވެ. މިކަން ހަނދާން ބަހައްޓާށެވެ.



advertisment
One Response
މި ލިޔުމުގައި ހުރި ގިނަ ވާހަކަ ރަނގަޅު ކަމުގައި ދެކެން. ނަމަވެސް، "އަނބިގޮއްޔެ ކިބައިގައި ސާފުތާހިރުކަމެއް ނެތްނަމަ ފިރިސޮރު އެކަން އަނބިމީހާއަށް ދަސްކޮށްދޭށެވެ" ލިޔުން ފަދައިން "ފިރިމީހާ ކިބައިގައި ތާހިރު ކަމެއް ނެތްނަމަ އަނބިމީހާއަކީ ތާޙިރު މީހަކަށްވާށެވެ" ގެ ބަދަލުގައި "ފިރިސޮރަށް އެކަން އަނބިމީހާ ދަސްކޮށްދޭށެވެ" އެހެން ލިޔުއްވާ.