Support Us

ކޮލަމް ކޯދު: ޝަކުވާ، ޝަކުވާ، އަބަދުވެސް ޝަކުވާ

ފާސިދުވެފައި ތިބި ނުބައި ވެރިން އަޅުގަނޑުމެންނަށް ލިބިފައިވާތީ އެކަމަށްޓަކާ އަޅުގަނޑުމެން އައީ ޝަކުވާކުރަމުންނެވެ. ނަމަވެސް އޭގެ ފަހުން އަޅުގަނޑުމެން ޝަކުވާ ކުރަންފެށީ ތަން ފަސާދަކުރާ ވެރިން ލިބިފައިވާތީއެވެ.

ކުރީން އަޅުގަނޑުމެން ޝަކުވާ ކުރަމުން އައީ ވެރިކަމުގައި އާރެއް ބާރެއްނެތި ބަލިކަށިވެފައިވާތީއެވެ. ނަމަވެސް އެއާ ވިދިގެން އަޅުގަނޑުމެން ޝަކުވާކުރަންފެށީ އަނިޔާވެރި ވެރިކަމެއް ލިބިފައިވާތީއެވެ.

ކުރިން އަޅުގަނޑުމެން ޝަކުވާ ކުރަމުން އައީ ރޫޅި ވެއްޓެމުންދާ ވެރިކަމެއް އޮންނާތީއެވެ. އެއާ ގުޅިގެން ދެން ޝަކުވާކުރަން ފެށީ އެއްވެސް ރޭވުމެއް މަގުސަދެއް ނެތި ބޭނުން ގޮތަކަށް ކަންތައް ހިންގާ ސަރުކާރެއް ލިބިފައިވާތީއެވެ.

ކުރިން އަޅުގަނޑުމެން ޝަކުވާ ކުރަމުން އައީ އާންމު ރައްޔިތުންގެ އެދުންތަކާއި ބޭނުންތަކަށް ވެރިކަމުގެ ފަރާތުން ފަރުވާ ކުޑަކޮށްލެވިފައިވާތީއެވެ. ދެން ޝަކުވާކުރަންފެށީ އާންމު ރައްޔިތުންގެ ބޭނުންތަކާއި އެދުންތަކުން ނުހައްގު ފައިދާ ނަގަމުންދާތީއެވެ.

ކުރިން އަޅުގަނޑުމެން ޝަކުވާކުރަމުންއައީ ތަންދޮރު ނުދަންނަ ޣާފިލު ދަންނަބޭކަލުންތަކެއް ތިބެގެންނެވެ. އެއާ ގުޅިގެން ޝަކުވާކުރަން ފެށީ ދީން އޮޅުވާލައި، ދަންނަ ކަމަށް ހެދިގެން އުޅޭ އިލްމުވެރިން ތަކެއް ތިބެގެންނެވެ.

  • ޑރ. މުސްތަފާ އައްސިބާއީގެ 'ހަޔާތުގެ ފިލާވަޅުތަކުން'.