...

Support Us

ކޮލަމް ކަލާވެހި: ފާގަތި ރަބީޢު

އެއީ މީގެ ފަސްދޮޅަހަކަށް އަހަރު ކުރިއެވެ. ދިވެހިރާއްޖެޔަކީ، ދުނިޔޭގެ ނަޒަރުން ބަލާއިރު، އެއިރު މިނިވަން ދައުލަތެއް ނޫނެވެ. ރާއްޖޭގެ އެތެރޭން ބަލާ މީހަކަށް ފެންނަ ހިސާބުގައި އަމިއްލަ ޤައުމުގެ ރަސްކަލަކާއި ވަޒީރުންނާއި ޤާނޫނަކާއި ފަނޑިޔާރުންނާއި ދެންވެސް އެޒާތުގެ ވެރިކުލައިގެ އެކި ފެންވަރުގެ ބޭކަލުން ތިއްބެވިއެވެ. އެހެނަސް، އަމިއްލަ ޤައުމަކީ އަމިއްލަ ފައިމައްޗަށް ތެދުވެވިފައި އޮތް ޤައުމެކޭ ގިނަ މީހުންނަށް ހީވިޔަސް، ރާއްޖެ އެއިރު އޮތީ އިނގިރޭސީންގެ ޙިމާޔަތުގެ ދަށުގައެވެ. އެތެރޭގެ މަޞްލަޙަތުތަކާ ތިމަންމެނެއް ނުބެހޭނަމޭ، ބެހޭނީ ޚާރިޖީ ގުޅުންތަކާ އެކަންޏޭ ބޭރުފުށުން ނަމަވެސް އެ ފަރަންޖީން ބުނަމުން ދިޔައެވެ. އެހެންނަމަވެސް، ޙިމާޔަތުގެ ނަމުގައި އެހެން ކަންތައްތަކެއްވެސް ރާއްޖޭގެ ތަފާތު އެކި ކަންކަމުގައި އަދި ނަންނަމުގައި އެބައިމީހުން ހިންގަމުން ނުދެޔެކޭވެސް ދެންނެވޭކަށް ނެތެވެ. އަދި އޭގެ ބަދަލުގައި ރާއްޖެއިން އެހީގެ އަތަކަށް އެދި ދިއްކޮށްލީމައި ބައެއް ފަހަރު ބައެއް ކަހަލަ ކަންކަން ކޮށް ނުދެޔެކޭވެސް ދެންނެވޭކަށް ނެތެވެ.

އެދުވަސްވަރު ރާއްޖޭގެ ދޮންވެލި ގޮނޑުދޮށްތަކުގައި ފުމެ، ކުޅެ އުޅުނު ކަކުންޏާއި ބަރަވެއްޔެކޭ އެއްގޮތަށް ދިވެހީންގެ ތެރެއިން ހަމަ އެންމެ އާދައިގެ މީހާގެ ދަރީންވެސް ހަމަ އެ ގޮނޑުދޮށްތަކުގައި ދުވެ، ފުމެ، ކުޅެ އުޅުނެވެ. ލައްގާ އެއްޗިހީގެ ތެރެއިން މާވަހަރެއް ފަދަ އަގުބޮޑު އެއްޗެއް މެނުވީ ހޮވައި، ގެޔަށް ގެނެސް، އެއިން ބޭނުމެއް ހިފެންޏާ ހިފައިވެސް އުޅުނެވެ. އެހެންކަމުން، ވަރަށް ބޮޑު ކަމެއް ޖެހިގެން މެނުވީ އެކުދީން، ނުވަތަ އެކުދީންގެ ނަމުގައި އެކުދީންގެ މައިންބަފައިންނާއި ބެލެނިވެރީންނާއި ވެރީން އިނގިރޭސީންގެ ގާތުން އެ ދުވަސްވަރު އެހީއަށް އެދިއެއް ނުއުޅެއެވެ. އަދި ހަމަ އެކުދީންނެކޭ އެއްފަދައިން، އެކުދީންގެ މައިންބަފައިންވެސް ހަމަ އެގޮނޑުދޮށްތަކުގައި އިށީނދެ، އޮށޯވެ އުޅުނެވެ. ފެނުނު ކޮންމެ ދިމާޔަކުން މިނިވަންކަމާއެކު މޫދަށްއެރިވެސް އުޅުނެވެ. ހަމަ މިދެންނެވި ކަހަލަ އެއްވެސް ކަހަލަ އެހީޔަކަށް ނުއެދިއެވެ.

އެދުވަސްވަރު ރާއްޖޭގައި މީހުން އުޅުނު ރަށްރަށުގައި ދިރިއުޅުނު ރައްޔިތުން ކައްކައި އުޅުނީ ދަރުން ކަމަށް ވީތީ، އެ ރަށްރަށުގެ ވަލަށް ވަދެ، ނުވަތަ އެ ރަށްރަށުގެ ގާތުގައި ހުންނަ ފަޅުރަށްރަށަށް އަރައި، ދަރު ހޮވައި، ދަރު ކޮށައި އުޅުނެވެ. ކާށި ހޮވައި، ކަށިކެޔޮ ކަނޑައި، ކުޅިޔެއް އޮތިއްޔާ އޮތްތާކުން ކަނޑޫ ކަނޑައި، މިހެން އުޅުނެވެ. ކަމުވޮށިގެންވާ ހަރުކުލައިގެ މީހަކު ވަރުވާޔަށް ލިޔެގެން އުޅޭ ރަށަކުން ވިއްޔާ ހަމަ ބުނެލާއިރަށް ގިނަފަހަރަށް ވަރަށް ފަސޭހައިން ލިބިއުޅުނު ހުއްދަޔަކާއެކު، ބަންޑާރަގަނޑަކުން ވިއްޔާ އަދި އެޔަށްވުރެވެސް ފަސޭހައިން ދެއްވައި އުޅުއްވި ހުއްދަޔާވެސް އެކުގައެވެ. މަސްވެރީންވެސް އެމީހުން ބާނައިއުޅުނު މަސްކޮޅު ކައްކައި، ދިލަޖައްސައި، އަވީލައި ހިއްކާން ގާތުގައި ހުންނަ ފުށި، ފިނޮޅަށް އަރައި ބަނޑަހަޖަހައިގެން އެކަންކަން ވެސް ވަރަށް ފަސޭހައި ކޮށްލައި އުޅުނެވެ. އެހެންކަމާއެކު، އެމީހުންވެސް މިދެންނެވި އިނގިރޭސީންނާ ސީދާ ބައްދަލުކޮށް، އޭތިމީތި ދޭން ކިޔައެއް ނުއުޅެއެވެ. އެހެން ނޫނަސް ފަރަންޖީންނަކީ ކޮންމެވެސް އެ ހިސާބުތަކަށް ގިނައިން ގޮސްއުޅުނު ބަޔެއްވެސް ނޫންވިއްޔާއެވެ.

މިހެން ދެންނެވިޔަސް، ރާއްޖޭގެ މިދެންނެވި ދުވަސްވަރު ފިސާރި ރަނގަޅަށް މާޒީވެ ދިޔުމާވެސް އެކު، އިހު ކުރެވި، ވަޅުޖެހިފައި ހުރި ކަންކަން އަލުން ކޮނެނަގައި، މަހާނަމަތީގައި ބަދުނާމުގެ ސާލު ފަތުރާން ފެށި ޒަމާނުގެ ކޮޅުމަތި ފެނިގެން އައިއިރު، ރާއްޖޭގެ ވެރިކަމުގެ މަތިފަޑިމަތީގައި އެއިރު ތިއްބެވި އެކި ފެންވަރުގެ ވެރީންގެ އަތްޕުޅު އެކި ސިފަސިފައިގައި ފަރަންޖީންނާ ދިމާޔަށް ކޮންމެވެސް ވަރަކަށް ދިއްކޮށްލެއްވިކަމުގެ ބައެއްކަހަލަ ވާހަކަތަކެއްވެސް ފެންމަތިވާން ފެށިއެވެ. ކޮންމެވެސް ބޭފުޅަކު ވިދާޅުވެގެން މިވެނި ފަރަންޖީއަކު ޖައްރާފާއެއް ދެއްވި ވާހަކަޔަކާއި، އެވެނި ބޭފުޅަކު ދެއްކެވި ވާހަކަފުޅެއްގެ ސަބަބުން މިވެނި ކަމަނާފާނަކު ސޭލާގަނޑަކާއި ދަގަނޑު ބަނޑެއް ފޮނުއްވި ވާހަކަޔެއްވެސް ދެކެވުނެވެ. އެކަމަކު އެއީ ދެން އެހައިވަރުން ދައްކާންވެސް ވީ ވާހަކަޔެއް ނޫނޭ، ދިވެހީންނަކީ ސަލާންޖަހާ ނާށިގަނޑު ދިއްކޮށްގެން އެއްއިރަކުވެސް ދުނިޔޭގައި ހިނގި ބައެއް ނޫންކަމަށް އެއިރު ތާރީޚު ލިޔުނު ލިޔެއުޅުނު މީހުންވެސް ފާހަގަކުރިއެވެ.

ރާއްޖެޔަށް ދެން އައީ ފާގަތި ރަބީޢެކެވެ. ފުރިހަމަ މިނިވަންކަމެވެ. ދެން ޖުމްހޫރިއްޔަތެއްގެ ދިމިޤުރާޠީ އުފާވެރިކަމެވެ. އަދި ކުޑަ ދުވަސްކޮޅެއް ފަހުން ނަމަވެސް، އަމިއްލަ ފުދުންތެރިކަމުގެ ތަޅުދަނޑި ހިފައިގެން އައި، ރަންބިސްއަޅާ ކުކުޅެވެ. އެގޮތް މިގޮތަށް، ވަކި ރޭވުމެއް، ބެލެހެއްޓުމެއް ނެތި އެހައިތަނަށް ގަސްރުއް ހެދެމުން އައި ފަޅުރަށްތައް ރިސޯޓުތަކަށް ބަދަލުވީ ޒަމާނެވެ. ފިނޮޅުތަކުގައި މާރަނގަޔާއި ވައްލަޔާ ދެމެދު ހިނގި ކޯޅުންތައް ރިސޯޓުތަކުގެ ވެރީންނާއި ގާތުގައި ހުރި ރަށްރަށުގެ ރައްޔިތުންގެ ދެމެދަށް ބަދަލުވީ ޒަމާނެވެ. ރާއްޖޭގެ އުޑުން ހެއިނަކަތުގެ ވާރޭހެން ޑޮލަރު ވެހެން ފެށި ޒަމާނެވެ.

ރާއްޖޭގެ ފަޅުރަށްރަށުގެ ސާފު، ރީތި ގޮނޑުދޮށްތައް މިއަދު އެ ވަނީ އިހަށްވުރެވެސް ބޮޑަށް ސާފުކުރެވި، ވެލީން މުއްސަނދިކުރެވި، ދިވެހީންގެ އާދައިގެ މީހެއްގެ ދަރިޔަކު ކީއްކުރަންތޯއޭ ތަންކޮޅެއް ދެރަވަރުގެ ބަރަވައްޔަކަށްވެސް ސަތޭކައެއްހައި ޑޮލަރު ދައްކައިގެން ނޫނީ ލޮލުކޮޅަށްވެސް ނުފެންނަހައި މޮޅުކުރެވިފައެވެ. މީހުން އުޅޭ ރަށްރަށުގެ އެންމެ ރީތި ގޮނޑުދޮށްތައްވެސް ވަށައިގެން ބިތްޖަހައި ފޮރުވައިލެވުނީ އެންމެ މިޒަމާނުގެ ”ބިކިނީބީޗް“ ތަކުންނެވެ. ފަޅުރަށްރަށުން ދަރުކަނޑައިގެން ކާށިހޮވައިގެން އުޅުނު މީހުން މިއަދު ކައްކަނީ ބޭރުން ގެންނަ މޮޅު ތެލުގައި ގޭސްއުނދުނުންނެވެ. މަސްވެރީން ބަނޑަހަ ޖަހާނޭ ފުށި ރަށްގަނޑެއް ނެތަސް އެންމެ ރަނގަޅުނޫންތޯއޭ، ”ބޭނި މަސްކޮޅު ދޭ ކިރައިލަން ވަގުތުން ފައިސާ“ ނޫންތޯއެވެ. ހަމަ އެންމެންވެސް ޤަބޫލުކުރާ ގޮތުގައި ލައްކައިން ފަތުރުވެރީން އަންނަ ތާކަށް މިލިޔަނުން ވެހޭ ޑޮލަރުން ފެންވަރާ ބަޔަކަށް އެވަރުގެ އެހެން އުފާވެރިކަމެއް ދެން ކޮބައިތޯއެވެ؟

މިއަދު ރާއްޖެޔަށް އައިސް މިއޮތް ފާގަތި ރަބީޢަކީ އާދައިގެ ރަބީޢެއް ނޫނެވެ. މިއަދަކީ މިވެނި ފަރަންޖީއަކު ޖައްރާފާއެއް ދެއްވީމައި އެ ބޭފުޅެއްގެ ހެޔޮފުޅުކަމުގެ ވާހަކަޔަކާއި، އެވެނި ވެރިޔަކު ދެއްކެވި ވާހަކަފުޅެއްގެ ސަބަބުން ފަރަންޖީ ވިލާތެއްގެ މިވެނި ކަމަނާފާނަކު ސޭލާގަނޑަކާއި ދަގަނޑު ބަނޑެއް ފޮނުއްވި ވާހަކަ ދައްކާކަށް ނުޖެހެއެވެ. މިސްކިތްތައް އެންމެ ޒަމާނީ ފެންވަރަށް ބިނާކުރަނީއެވެ. ބައިނަލް އަޤުވާމީ ފެންވަރަށް ބިނާކުރުމާއެކު އެފެންވަރުގެ ފީތައްވެސް ނަގައިގެން ކިޔަވައިދޭނޭ އިސްކޯލުތައް އަޅަނީއެވެ. އެންމެ މިޒަނާގެ އަގުބޮޑު ކާރުތައް އޮމާންކަމާއެކު ދުއްވައިލެވޭނޭ މަގުތައް ހަދަނީއެވެ. ދުނިޔެއަށް އަލުން ވިއްކޭވަރުގެ އިންޓަރނެޓު ލައި، އޭގެ ދުވެލި ހަލުއިކުރަނީއެވެ. ދިވެހީން އެއް ރަށުން އަނެއް ރަށަށް ހެޔޮއަގުގައި ދަތުރުކުރާން ބޭނުންކުރާނޭ ވައިގެބަނދަރުތައް ހަދަނީއެވެ. އެންމެ ފަހުގެ ބޯޓުތައް ގަންނަނީއެވެ. ދެރަށް ދޭތެރޭ ބުރިޖުތައް އަޅަނީއެވެ. ރާއްޖޭގެ އެއްވެސް ވެރިޔަކު ފަރަންޖީ ނުވަތަ ޚާރިޖީ ކޮންމެވެސް ދިމާޔަކަށް އަތްޕުޅު ދިއްކޮށްލެއްވީމައި އެ އަތްޕުޅަށް އެދިމާޔަކުން ލައިދޭ އެއްޗަކުން، ކުރާ ޙައިރާތަކުން، ދޭ ޞަދަޤާތަކުން، ހަމަޖެހޭ ލޭންދޭނަކުން ނޫނެއް ނޫންތޯއެވެ؟ ރާއްޖޭގެ ފަޅުރަށްރަށާއި ފިނޮޅުތަކާއި މީހުން ދިރިއުޅޭ ރަށްރަށުގެ ގޮނޑުދޮށްތަކަށް ދާންދެން ވިއްކައިގެން ކޮންމެ އަހަރަކު ލިބޭ އެތައް މިލިޔަން މިލިޔަން ޑޮލަރުން ނޫނިއްޔާ ދެން ކޮން އެއްޗަކުންތޯއެވެ؟ މީހުން އެވާހަކަ އެހެން ނުދައްކަނީ، ނުވަތަ ނުދައްކާންވީ، ކަންކަން ރަނގަޅަށް ހިނގައި، ހިސާބުކިތާބު ދިމާވާތީ ނޫންތޯއެވެ؟

ޝާއިރުގެ ނަސޭހަތުގެ ބަސްފުޅުގައި އެއޮތް ގޮތަށް ”ލިބޭ މިންވަރު ނިކަން ދަނެގެން، ވި ބޭނުންތައް ބަހާލައިގެން“، އަރަންޏާއި ދަރަންޏާ ހަމަހަމަ ކޮށްގެން، ބަޖެޓުވެސް ތިލަފަތްހަމަކޮށްގެން، އަދި އެހެން ޝާއިރެއްގެ ބަސްފުޅު ކުޑައިކޮށް އަނބުރައިލައިގެން ނަމަވެސް އައު ހެދުން ލައިގެން މާއުފާ ޢީދެއް ގެނެސްގެން ފާހަގަ މިކުރާ ފާގަތި ރަބީޢަކީ އެއީ ނޫންތޯއެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
121

One Response

  1. މިރާއްޖޭގަ ތަރައްގީގެ މަސްރޫއުތައް ހިންގަނީ ދަރަންޏަށް ފައިސާ ހޯދައިގެންކަން ލިޔުނު މީހާޔަށް ނޭނގެތީ ހައިރާންވެއްޖެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.