Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ހިމާރުގެ ކުޅަދާނަކަން

ސިންގާއަކާއި ހިޔަޅަކާއި ހިމާރެއް ވެގެން ކުންފުންޏެއް އުފެއްދިއެވެ. އަދި ބޮޑު މަޝްރޫއެއް ހިންގާލުމަށް ނިންމިއެވެ. މަޝްރޫއަކީ ކަމާ ބެހޭ ފަރާތްތަކުގެ ހުއްދަ ހޯދަންޖެހޭ ކަމަކަށް ވުމުން ކުންފުނީގެ ބޯޑުގައި ހިމެނޭ ތިން ޑިިރެކްޓަރުންގެ ބައްދަލުވުމެއް ބޭއްވިއެވެ.

ބައްދަލުވުމުގައި އެންމެ ފުރަތަމަ ސިންގާ ވާހަކަ ދެއްކިއެވެ. އަދި ބުންޏެވެ. "އަހަންނަކީ ކަލޭމެންގެ ތެރެއިން އެންމެ ބާރުގަދަ، ހައިބަތު ހުރި މީހާއެވެ. މި މަޝްރޫއަކީ ބާރުގެ ބޭނުން ހިފަންޖެހޭ މަޝްރޫއެއް ކަމުން އަހަރެން ގޮސް ކަމާ ބެހޭ ވުޒާރާތަކާ ވާހަކަ ދައްކާނަމެވެ. އަދި އަހަރެންގެ ބާރާއި އަހަރެންގެ ހައިބަތު ފެނި، އަހަރުމެންގެ ބޮޑު މަޝްރޫއު އަހަރުމެންނަށް ހިންގާލެވިދާނޭކަން، ކަމާ ބެހޭ ފަރާތްތަކަށް އަހަރެން ސާބިތުކޮށްދޭނަމެވެ."

ބޯޑުގެ އެހެން މެންބަރުންގެ ތެރޭގައި ހިމެނުނު ހިޔަޅާއި ހިމާރު، ސިންގާގެ ވާހަކަ އަޑުއަހާފައި އެއީ ރަނގަޅު ޚިޔާލެއް ކަމަށް ދެކި، މަޝްރޫއުއާ ބެހޭ ހުއްދަތައް ހޯދުމަށްޓަކައި ކަމާ ބެހޭ ވުޒާތާތަކުގެ އިސް ބޭކަލުންނާ ބައްދަލުކުރުމަށް ސިންގާ ފޮނުވިއެވެ.

ސިންގާ ގޮސް ކަމާ ބެހޭ ފަރާތްތަކާ ވާހަކަދެއްކުމަށް ފަހު، އެނބުރި އައިސް ކުންފުނީގެ ބޯޑުގެ މެމްބަރުންނަށް ރިޕޯޓުކުރިއެވެ. ސިންގާ ބުނި ގޮތުގައި ކަމާ ބެހޭ ފަރާތްތަކުން ސިންގާގެ ބާރު ހުރި ކަމަކަށް ނުދެކެއެވެ. އެހެންވެ، މަޝްރޫއު ހިންގުމުގެ ހުއްދައެއް ނުލިބުނެވެ.

ދެން ހިޔަޅު ބުންޏެވެ. "އެެންމެ ރަނގަޅެވެ. ކަލޭމެން އެންމެންނަށް ވެސް އެނގޭނޭ ފަދައިން އަހަންނަކީ ހިޔަޅެކެވެ. ޖަންގަލީގެ އެހެން ހުރިހާ ޖަނަވާރުތަކަށް ވުރެ އަހަރެންގެ ވިސްނުމާއި ބުއްދި މޮޅެވެ. ބުއްދިއާއި ވިސްނުމުގެ ހަމަ ބޭނުންކޮށްގެން އަހަރުމެންގެ މަޝްރޫއަކީ ހަމަ ރަނގަޅު މަޝްރޫއެއްކަމާއި އަދި އަހަރުމެންނަށް އެކަން ކުރެވިދާނޭކަން ކަމާ ބެހޭ ފަރާތްތަކަށް އަހަރެން ސާބިތުކޮށްދޭނަމެވެ." ދެން، މަޝްރޫއާ ބެހޭ ހުއްދަތައް ހޯދުމަށްޓަކައި ކަމާ ބެހޭ ވުޒާރާތަކާ ވާހަކަދެއްކުމަށްޓަކައި ހިޔަޅު ފޮނުވަން ބޯޑުގެ މެމްބަރުން ނިންމިއެވެ.

ދެން، ހިޔަޅު ގޮސް ކަމާ ބެހޭ ވުޒާރާތަކާ ވާހަކަދެއްކުމަށް ފަހު، ނާކާމިޔާބުވެގެން އެނބުރި އައިސް ކުންފުނީގެ ބޯޑަށް ރިޕޯޓުކުރިއެވެ. ހިޔަޅު ބުނި ގޮތުގައި ކަމާ ބެހޭ ފަރާތްތަކުން ބުއްދީގެ ހަމަތައް ބޭނުންކޮށްގެން މަޝްވަރާކުރާކަށް ބޭނުމެއް ނުވެއެވެ. އެމީހުން ދެކޭ ގޮތުގައި ކަންކަން ކުރުމަށް ބުއްދިއާއި ހަމަ ބޭނުންކުރާކަށް ނުޖެހޭނެއެވެ. ވުޒާރާތަކުގެ އިސްވެރިން ދެކޭ ގޮތުގައި ކަންކަމުގެ ރަނގަޅާއި ނުރަނގަޅު، ހެވާއި ނުބައި ކަނޑައަޅާލުމުގައި ވިސްނުމުގެ ނަޒަރު ހިންގުމަކީ އެމީހުން ގެންގުޅޭ އުސޫލެއް ނޫނެވެ. ކޮންމެއަކަސް، ދެން، ބޯޑުން ނިންމީ މަޝްރޫއާ ބެހޭ ހުއްދަތައް ހޯދުމުގެ ގޮތުން ކަމާ ބެހޭ ވުޒާރާތަކާ ވާހަކަ ދެއްކުމަށްޓަކައި ކުންފުނީގެ މަންދޫބެއްގެ ގޮތުގައި ހިމާރު ފޮނުވުމަށެވެ.

ދެން ހިމާރު ގޮސް ކަމާ ބެހޭ ފަރާތްތަކާ ވާހަކަދެއްކުމަށް ފަހު، ބޭނުންވާ ހުރިހާ ހުއްދައެއް ހޯދައިގެން އައިސް ކުންފުނީގެ ބޯޑަށް ރިޕޯޓުކުރިއެވެ. ކުންފުނީގެ އެހެން މެމްބަރުން، ހިމާރަށް މަރުހަބާ ކިޔައި ތައުރީފުކުރުމަށް ފަހު، މަޝްރޫއު ފެށުމުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދިޔުމާ ބެހޭ ގޮތުން ވާހަކަތައް ފެށިއެވެ. މިކަމުގެ އިތުރު ތަފްސީލަށް ދިޔުމުގެކުރިން، ސިންގާއާއި ހިޔަޅުގެ ސުއާލެއް އޮތެވެ. ބޯޑުގެ މި ދެ މެންބަރުން ވެސް ހިމާރުކުރެން އަހާލީ އެ ދެ މެންބަރުންނަށް ނުހޯދުނު ހުއްދަތައް އެހާ ފަސޭހައިން ހިމާރު ހޯދީ ކިހިނެއްތޯއެވެ؟ ޖަވާބުގައި ހިމާރު ބުންޏެވެ. "ހުރިހާ ވުޒާރާތަކެއްގެ އިސް ސަފުގައި މުޅިންހެން ވެސް ތިބީ އަހަރުމެންގެ ޖަމާއަތުގެ މީހުންނެވެ. ހަމަ ހުސް އަހަރެން ކަހަލަ ހިމާރުންނެވެ."