Support Us

ސުރާގަތު ބުން މާލިކު އާއި 100 ޖަމަލު!

ކީރިތި ރަސޫލާ ﷺ ހިޖުރައަށް ވަޑައިގެންނެވި ދަތުރުފުޅުގައި ޘައުރު ފަރުބަދައިގެ ހޮހަޅާގައި ތިން ދުވަސް ވަންދެން މަޑުކުރެއްވިއެވެ. އެއީ އެކަލޭގެފާނު ހޯދަން ނިކުމެ އުޅުނު މުޝްރިކުންތައް ހިމޭންވެ، އަމާން ވެއްޖައުމަށް ދާންދެނެވެ. ފަހެ މުޝްރިކުން ހިމޭންވެ ހަމަޖެހިލުމުން، މާތްނަބިއްޔާ ﷺ އާއި އަބޫބަކުރުގެފާނާ ދެބޭކަލުން، މަދީނާއަށް ދަތުރުފުޅު ފެއްޓެވިއެވެ. އޭރު މާތްނަބިއްޔާ ﷺ ހޯދަން ނިކުމެ އުޅުނު މުޝްރިކުންތައް އަތްފުނާ އަޅައިގެންވެސް އެކަލޭގެފާނާ ބެހޭ އެއްވެސް ޚަބަރެއްދަބަރެއް ނުވުމުން އެބައި މީހުން ތިބީ އިންތިހާ ދަރަޖައަށް ރުޅިއައިސްފައެވެ. އެހެންކަމުން އެކަލޭގެފާނު ދިރިހުންނަވަނިކޮށް ނުވަތަ އަވަހާރަކޮށްލައިގެން ވިޔަސް ގެނެސްދިން މީހަކަށް އިނާމެއްގެ ގޮތުގައި 100 ޖަމަލު ދޭނެ ކަމަށް އިއުލާން ކުރިއެވެ.

މިޚަބަރު މައްކާއާއި މައްކާގެ ރަށްބޭރުގައިވާ ހިސާބުތަކަށް ފަތުއަޑު ކިޔާފައި ފެތުރިގެން ދިޔައެވެ. އެހެނީ 100 ޖަމަލަކީ އަރަބިންގެ ތެރޭގައި ވަރަށް އަގުހުރި އިނާމެކެވެ. ކޮންމެއަކަސް ކިނާނަތު ވަންހައިގެ ކަމުވޮށިގެންވާ މީހެއް ކަމަށްވާ ސުރާގަތު ބުން މާލިކުއާ ހަމަޔަށް މި ޚަބަރު ފޯރައިފިއެވެ. އޭނާ ޤައުމުގެ މީހުންގެ ނާދީއެއްގައި އިންނަވަނިކޮށް މާ ދުރުން މީހަކު އައިސް ބުނެފިއެވެ. "މައްކާއިން މަދީނާ އަށް ދަތުރުކޮށްފައި ދިޔަ ހަތަރު މީހަކު އެވެނި މިވެނި ހިސާބަކުން އަހުރެން ދުށީމެވެ. އަހަންނަށް ހީވަނީ އެއީ މުޙައްމަދުގެފާނާއި އެކަލޭގެފާނުގެ އެކުވެރިންހެނެވެ."

ދެންފަހެ ސުރާގަތު ހިތުގައި 100 ޖަމަލާމެދު ދަހިވެތިކަން ބޮޑުވިއެވެ. އެހެންކަމުން އޭނާ އެކަނިމާއެކަނި 100 ޖަމަލު ލިބިގަތުމުގެ ނިޔަތުގައި، އެ ވާހަކަ ސިއްރުކުރުމަށް އެ ޚަބަރުދިން މީހާ އަށް އިޝާރާތްކޮށްލިއެވެ. އަދި ބުންޏެވެ. "ކަލެއަށް ތިޔަ ފެނުނު ބަޔަކީ އަހުރެމެންގެ ތެރެއިން ގެއްލިގެން އުޅޭ ޖަމަލުތައް ހޯދަން ނިކުމެ އުޅޭ ބަޔަކަށް ވެދާނެއެވެ." މިހެން ބުނެފައި ސުރާގަތު އެނބުރި ހިނަގައްޖެއެވެ. އަދި ގެޔަށް ގޮސް ރަނގަޅަށް ތައްޔާރުވެ އޭނާގެ ބާރަށް ދުވާ އަހަށް ސަވާރުވެ، ޚަބަރު ދިން މީހާ ބުނި ސަރަހައްދާ ދިމާލަށް އަވަސްއަވަހަށް މިސްރާބު ޖެހިއެވެ. ނަމަވެސް މާދުރަށް ނުދެވެނީސް ސުރާގަތުގެ އަސް ތަނެއްގައި އަޅައިގަތެވެ. އަދި، ލިބުނު ސިހުމާ އެކު އޭނާ ބިންމަށްޗަށް ވެއްޓުނެވެ. އެ ހިނދު ވަރަށް އުނދަގުލުން އަނެއްކާވެސް އަހަށް ސަވާރުވެ، އަރަބިންގެ އާދަކާދައާ އެއްގޮތަށް ފާލެއް ބެލުމަށްޓަކައި ބާސްކީލުން ދުނިދަނޑިއެއް ނަގާފައި ދޫކޮށްލިއެވެ. ފާލުގެ ނަތީޖާ ނިކުތީ އޭނާއާ ދެކޮޅަށެވެ. ނަމަވެސް އިނާމަށް ދަހިވެތިވެފައިވާލެއް ބޮޑުކަމުން އަނެއްކާވެސް ދަތުރުފެށިއެވެ. ދެވަނަ ފަހަރަށްވެސް މިގޮތަށް ކަންތައް ވުމުން ސުރާގަތު އެކަމަށް ސަމާލުކަމެއް ނުދިނެވެ. އަނެއްކާވެސް އަހަށް ސަވާރުވެ އޭގެ ކަރު ބިންދައިގެންދާހާ ބާރުމިނުގައި ދުއްވަން ފެއްޓިއެވެ.

މި ފަހަރު ސުރާގަތަށް މާތްބަނިއްޔާ އާއި އެކަލޭގެފާނާ އެކު ދަތުރުކުރައްވަމުން ގެންދެވި ބޭކަލުންނާ ވަރަށް ކައިރިޔަށް ދެވުނެވެ. އެއީ އެކަލޭގެފާނު ޤުރުއާން ކިޔަވާ ވިދާޅުވާ އަޑު އިވޭހާވެސް ކައިރިޔަށެވެ. އޭރު މި ސުރާގަތު އަންނަތަން ފެނިވަޑައިގެން އަބޫބަކުރުގެފާނު ހުންނެވީ އިންތިހާއަށް ކަންބޮޑުވެވަޑައިގެންފައެވެ. އިރުއިރުކޮޅާ ފަހަތަށް ބައްލަވަމުން ގެންދެވިއެވެ. ނަމަވެސް އޭރުވެސް މާތް ނަބިއްޔާގެ މޫރިތި މޫނުފުޅުން އެއްވެސް ކަހަލަ ކަންބޮޑުވުމުގެ އަލާމާތެއްވެސް ނުފެނެއެވެ. އެކަލޭގެފާނު ގެންދެވީ ޤުރުއާން ކިޔަވައިވިދާޅުވަމުންނެނެވެ.

ކޮންމެއަކަސް ސުރާގަތު ކުރިޔަށް ދަމުންދަމުން ގޮސް އޭނާއަށް މާތް ނަބިއްޔާއާއި އެކަލޭގެފާނުގެ އަރިހުގައިވީ ބޭކަލުންނަށް ހަމަލާ ދެވޭހާވެސް ކައިރިޔަށް ދެވުނެވެ. އަދި ކުއްލިޔަކަށް ވީނުވީއެއް ނޭނގި ސުރާގަތު ސަވާރުވެ އިން އަހުގެ ހަތަރެސްފައި ބިމަށް ގަނބައިގަތެވެ. އެ ހިނދު އޭނާ ވަރަށް އުނދަގުލާއި ތުރާލުން ގަނބައިގެންފައިވާ އަހުގެ ހަތަރެސްފައި ދަމައި ނެރުނެވެ. ނަމަވެސް އޭނާ ފަހަތަށް އެނބުރި ބަލައިލިއިރު އަހުގެ ހަތަރު މޮށްގަނޑާ ދިމާލުން ބޯ ދުންގަނޑެއް ފަދައިން ހިރަފުސް އަރައި ތަނެއްދޮރެއް ވަކިނުވާ ވަރުވެއްޖެއެވެ. ދެންފަހެ އޭނާއަށް ޔަގީންވެ ކަށަވަރުވީ މާތް ނަބިއްޔާ މުޙައްމަދު ރަސޫލުﷲ ﷺ އަކީ އެކަލޭގެފާނު އެ ގޮވައިލައްވާ ފަދައިން ﷲ ގެ ހަޟުރަތުން ފޮނުއްވިގެންވާ ރަސޫލެއްކަމެވެ. އެހެންކަމުން ﷲ ސުބުޙާނަހޫ ވަތައާލާގެ ހަޟުރަތުން އޭނާގެ މައްޗަށް އަތުވެދާނެ ކޯފާއަކަށް ބިރުން ސުރާގަތު މާތް ނަބިއްޔާގެ އަރިހުން އަމާންކަން ދެއްވުމަށް އެެދުނެވެ. އަދި އޭނާގެ އަތުގައިވާ ކާބޯތަކެތި ނަބިއްޔާއަށް ހުށަހެޅިއެވެ. ނަމަވެސް އެކަލޭގެފާނު އެއިން އެއްވެސް އެއްޗެއް ޤަބޫލުފުޅު ނުކުރެއްވިއެވެ.

އެކަލޭގެފާނުގެ އޭނާގެ ކިބައިން އެދިވަޑައިގަތީ ދަތުރުފުޅާ ބެހޭ މަޢުލޫމާތު ސިއްރުކުރެއްވުމަށެވެ. އެއަށްފަހު ސުރާގަތު އެނބުރި މައްކާއާ ދިމާލަށް މިސްރާބު ޖެހިއެވެ. އަދި ދިޔަ މަގުމަތީގައި މާތްނަބިއްޔާ ހޯދުމަަށް ނިކުމެ އުޅެނިކޮށް ދިމާވި އެހެނިހެން މީސްތަކުން ގާތުގައި ބުންޏެވެ. "އަހުރެން މި އައީ އެ މުޅި ސަރަހައްދު ހޯދައި ބަލާފައެވެ. އެތަނަކުން ބައެއްގެ ހިލަމެއްވެސް ނުވެއެވެ." އެ ހިނދު އެކަލޭގެފާނު ހޯދަން ނިކުމެ އުޅުނު މީސްތަކުންވެސް އެނބުރި ހިނގައްޖެއެވެ.

މި ހާދިސާގެ ވާހަކަ ބަޔާންކުރައްވަމުން އަބޫބަކުރުގެފާނު ވިދާޅުވެފައިވެއެވެ. މާތްނަބިއްޔާ ﷺ އާއި އެކަލޭގެފާނު ހިޖުރައަށް ވަޑައިގަތީ މައްކާގެ މުޝްރިކުން އެބޭކަލުން ހޯއްދެވުމަށް "ހޭބޯނާރައި" އުޅެނިކޮށެވެ. ނަމަވެސް އެއްވެސް ބަޔަކަށް އެބޭކަލުންގެ ހިލަމެއް ނުވިއެވެ. ސުރާގަތު ފިޔަވައެވެ. ފަހެ އޭނާގެ އަހުގައި ބާރު ދުވެލީގައި އަންނަތަން ފެނުމުން ތިމަންކަލޭގެފާނު ދެންނެވީމެވެ.

"އޭ ﷲ ގެ ރަސޫލާއެވެ. މި މީހާ ތިމަންބޭކަލުން އަތުލައިގެންފާނެއެވެ." އެ ހިނދު ﷲ ގެ ރަސޫލާ ހަދީސް ކުރެއްވިއެވެ. لا تحزن إن ألله معنا މާނަ: ހިތާމަ ނުކުރައްވާށެވެ. ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ތިމަންބޭކަލުންނާ އެކުގައެވެ.

މަސްދަރު: މަޢުލޫމާތު ނަގާފައިވަނީ ސައީފުއްރަޙްމާން އަލް މުބާރަކްޕޫރީ ލިޔުއްވާފައިވާ ދަ ސީލްޑް ނެކްޓަރ އަދި ވެން ދަ މޫން ސްޕްލިޓް ފޮތުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *