Support Us

ތިބާއަށް ނޭނގޭ ކިތަންމެ ކަމެއް ތިބާ އަށް ހީވާހީވުމާ ޚިލާފަށް ހިނގައެވެ.

ކުޑަކުޑަ ރަށެއްގައި އުމުރުން ދުވަސްވެފައިވާ ވިޔަފާރިވެރިޔަކު އުޅުނެވެ. އޭނާގެ މިޒާޖު ހެޔޮވެފައި ފިހާރައިގައި ގިނަ ބާވަތްތަކުގެ މުދާ ލިބެން ހުންނާތީ ރަށުގެ ގިނަ ބަޔަކު އޭނާގެ ފިހާރަޔަށް ވިޔަފާރިކުރަން ދެއެވެ. މިގޮތުން ވިޔަފާރިކޮށްގެން އޭނާއަށް އެކަށީގެންވާ ރަނގަޅު އާމަދަނީއެއް ލިބެއެވެ.

އެއް ދުވަހަކު އެ ވިޔަފާރިވެރިޔާ ކައިރިއަށް މީހަކު ދިޔެވެ. އަދި ވިޔަފާރިވެރިޔާ ކުރެން ސުވާލުކުރިއެވެ. "ކަލޭ ކައިރިއަށް މިރަށުގެ ގިނަ ބަޔަކު ވިޔަފާރިކުރަން ޤަވާއިދުން އާދެއެވެ. އަދި ކަލެއަށް އެކަމުގެ ސަބަބުން ވަރަށް ރަނގަޅު އާމްދަނީ އެއް ވެސް ލިބެއެވެ. ނިކަން ބަލާލަބަލާށެވެ. ކަލެއަށް ވުރެ އަތްމަތި ދަތި މަސް ކައްކާ އިބުރާހިމުވެސް އޭނާ ކައްކާ މަހުންނާއި ރިހާކުރުން މިރަށު ފަޤީރުންނަށް ބައެއް އަޅައެވެ. ވީއިރު ކަލެއަށް ލިބޭ އާމްދަނީން މިރަށު ފަޤީރުންނަށް ބައެއް ނާޅަނީ ކީއްވެހެއްޔެވެ؟" އެ ވިޔަފާރިވެރިޔާ އެ މީހާއާ ދިމާލަށް ބަލާލާފައި ހިނިތުންވެލުމުގެ އިތުރަށް އެއްވެސް ޖަވާބެއްނުދިނެވެ.

މިކަމާ ސުވާލުކުރި މީހާ ވަރަށް ހިތްހަމަނުޖެހުނެވެ. ރަށުތެރެއަށް ނިކުމެ ވިޔަފާރިވެރިޔާގެ ދަހިވެތިކަމާއި ބޮޑާވެރިކަމުގެ ވާހަކަ ރަށުތެރެއަށް ފަތުރާލިއެވެ. މިކަމުގެ ސަބަބުން ވިޔަފާރިވެރިޔާގެ ފިހާރައިން އާއްމުކޮށް ޤަވާއިދުން ވިޔަފާރިކުރަމުންދިޔަ ގިނަ ބަޔަކު ވިޔަފާރިކުރުން ހުއްޓާލިއެވެ. އަދި މީގެ ނޭދެވޭ އަސަރު އޭނާގެ ވިޔަފާރިއަށް ވަރަށް ބޮޑަށް ކުރިއެވެ. އަދި އެ ވިޔަފާރިވެރިޔާ ވަރަށް ބޮޑަށް ބަލިވެ އުޅުމަށްފަހު ނިޔާވިއެވެ. އަދި އޭނާ ނިޔާވުމަށްފަހު އެއްކަލަ މަސްކައްކާ މީހާ އެރަށު ރައްޔިތުންނަށް ބަހަމުން ދިޔަ މަހާއި ރިހާކުރު ބެހުން ވެސް މެދުކެނޑުނެވެ.

މި ހިސާބުން އެއްކަލަ މީހާ މަސް ކައްކާ މީހާ ކައިރިއަށް ދިޔައެވެ. އަދި އޭނާ ހުއްޓުމެއްނެތި ކުރަމުން ދިޔަ ހެޔޮ އަމަލު ހުއްޓާލީ ކީއްވެތޯ ސުވާލު ކުރިއެވެ. ޖަވާބުގައި އެ މަސް ކައްކާ މީހާ ބުންޏެވެ.

"އިހަށްދުވަހު އެ ނިޔާވި ވިޔަފާރިވެރިޔާ އަހަންނަށް ކޮންމެ މަހަކު ޤަވާއިދުން ފައިސާ ދެމުންދެއެވެ. އެއީ އަހަރެން ކައްކާ މަހުންނާއި ރިހާކުރުން ބަޔެއް ގަތުމަށެވެ. އަދި އެ ގަންނަ ތަކެތި މިރަށު ރައްޔިތުންނަށް ބެހުމަށް އޮންނަނީ ބުނެފައެވެ. އަހަރެން މި ހުރިހާ ދުވަހު މި ބަހަނީ އޭނާ އަހަރެން އަތުން ގަނެފައި ރައްޔިތުންނަށް ބަހަން ބުނާ މަހާއި ރިހާކުރެވެ. އޭނާ ނިޔާވުމުން އެ ފައިސާ ނުލިބޭތީ މަހާއި ރިހާކުރު ބެހުން ހުއްޓާލީއެވެ."

ލޮބުވެރި އަޚުންނާއި އުޚުތުންނެވެ. ތިބާ އަށް އެކަމުގެ ހަޤީޤަތް ނޭނގޭ ކަންތައްތަކާމެދު ތިބާއަށް ހީވާހީވުމަށް ވާހަކަ ނުދައްކާށެވެ. އެހެނީ ތިބާއަށް ނޭނގޭ ކިތައްމެ ކަމެއް ތިބާ އަށް ހީވާހީވުމާ ޚިލާފަށް ހިނގައެވެ. ތިބާގެ އަމަލުތަކާ ބެހޭގޮތުން ތިބާއާ ސުވާލުވެވޭ ހިނދު ތިބާ ދައްކާފައި ހުރި ވާހަކަތަކާ މެދު ތިބާއާ ސުވާލު ނުވެވޭނޭ ކަމަށް ތިބާ ދެކެނީހެއްޔެވެ؟ ހަމަ ހިލާ އެހެނަކުން ނުވާނެތެވެ. ތިބާގެ ދުލުން ބޭރުވާ ކޮންމެ ބަހަކާ މެދު ތިބާއާ ސުވާލު ވެވޭނެއެވެ. ތިބާގެ ދުލަކީ ތިބާ ނަރަކައަށް ވައްދާ ވަސީލަތް ކަމުގައި ނުހަދާ ތިބާގެ ދުލަކީ ތިބާއަށްޓަކައި ރަހުމަތުން ފުރިގެންވާ ސުވަރުގެ މިންވަރު ކުރައްވާނެ ވަސީލަތެއް ކަމުގައި ހަދާށެވެ. ތިބާގެ ދުލުގެ ބޭނުން އެދެވޭ ގޮތުގައި ހިފައި، ތިބާގެ ދުލުގެ ނުބައިކަމުން އެހެނިހެން މީހުން ރައްކައުތެރިކުރާށެވެ.

ޔާﷲ، އަޅަމެންނީ އަޅަމެންގެ ބަހާއި އަމަލުން އެހެން މީހުންނަށް ރައްކައުތެރިކަން ލިބިގެންވާ ބަޔަކު ކަމުގައި ލައްވާދޭނވެ. އަދި އެ ކަމެއްގެ އިލްމު އަޅަމެންނަށް ލިބިފައިނުވާ ކަންތައްތަކުގެ ވާހަކަ ދައްކާ ބަޔަކު ކަމުގައި އަޅަމެން ނުލައްވާނދޭވެ. އާމީން

  • ނޯޓް: ޓިކްޓޮކު އޭއެސްޕީ ސުޓޫޑިއޯ "މިއަދުގެ ހެޔޮ ބަސް" އިން ނަގާފައި. ކުޑަބަދަލަކާއެކު

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *