Support Us

ކޮލަމް ކޯދު: އެތަން މިތަނުން

ތިރީގައި މިވަނީ ތަފާތު ތަސްވީރުތައް ކިޔައިދޭ ވާހަކަ އާއި އެކިއެކި ތަޖުރިބާކާރުން ބުނެފައިވާ ހިކުމަތްތެރި ބުނުންތަކުގެ މައްޗަށް އެކުލަވައިލައިފައިވާ ކުރު ލިއުންތަކެކެވެ.

އަންހެނަކު ރޯންފެށުމުން…

އަންހެނަކު ރޯން ފަށައިފި ނަމަ، އެހެން ހުރިހާ އަންހެނުން، އޭނާގެ ރަހުމަތްތެރިންނަށްވެ، އޭނާ ވަށާލައެވެ! ފަހަރެއްގައި ވެސް އެއީ އޭނާގެ ހިތާމައިގައި ބައިވެރިވެ އޭނާއަށް ހިއްވަރު ދޭކަށް ނޫނެވެ؛ އޭނާ ރޮނީ ކީއްވެތޯ ބަލައި އެ ވާހަކަ ހޯދާށެވެ! (ތަރުޖަމާއެއް)

އިސްލާމް ދީނުގެ އެންމެ ބޮޑު އަދުއްވު

ތިރީގައި އެވަނީ އިބްނު ރުޝްދަށް ނިސްބަތް ކުރެެވޭ ވާހަކަކޮޅެކެވެ. އިބްނު ރުޝްދަކީ މީލާދީ ސަނަތުން ބާރަވަނަ ގަރުނު ހިސާބު އުޅުއްވި، އަންދަލުސްގެ- މުސްލިމު އިސްޕޭނުގެ- އިސްލާމީ އިލްމުވެރިޔެކެވެ. އިސްލާމީ ދުނިޔޭގައި އޭނާ މަޝްހޫރުވެފައިވަނީ ފިގުހު އިލްމުވެރިޔެއްގެ ގޮތުގައެވެ. ހުޅަނގުގައި އޭނާ މަޝްހޫރުވެފައި ވަނީ ފަލްސަފާވެރިއެއްގެ ގޮތުގައި އެވްރޯސްގެ ނަމުންނެވެ. އެރިސްޓޯޓިލްގެ ލިޔުންތަކުގެ މައްޗަށް އެތައް ލިޔުންތަކެއް އޭނާ ލިޔުއްވިއެވެ. އަދި އެލިޔުންތައް އިބްރީ ބަހަށާއި ލެޓިން ބަހަށް ތަރުޖަމާކުރެވި، ހުޅަނގުގައި ޔޫނާނީ އިހުގެ ފަލްސަފާވެރިންގެ ލިޔުންތައް ކިޔައި ދިރާސާކުރުމުގެ ހަރަކާތެއް އުފައްދާލިއެވެ.

އިބްނު ރުޝްދަށް ނިސްބަތް ކުރެވޭ މި ބުނުމުގައި އޮވެއެވެ: أكبر عدو للإسلام جاهل يكفر الناس. "އިސްލާމް ދީނުގެ އެންމެ ބޮޑު އަދުއްވަކީ މީސްތަކުން ކާފިރު ކުރަމުންދާ އިސްލާމީ އިލްމު އުނގެނިފައި ނެތް ޖާހިލު މީހާއެވެ."

އިހުސާންތެރިކަމުގެ އެންމެ މަތީ ދަރަޖަ

ތިމާއަށް ހެޔޮކޮށް ހިތައި އިހުސާންތެރިވި މީހަކަށް ހެޔޮކޮށް ހިތައި އިހުސާންތެރިވުމަކީ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެކެވެ. ނަމަވެސް، ތިމާއަށް ނުބައިކޮށް ހިތައި ތިމާއަށް އަނިޔާވެރިވި މީހަކަށް ހެޔޮކޮށް ހިތައި އިހުސާންތެރިވެވޭނީ މާތް މަތިވެރި މީހުންނަށް އެކަންޏެވެ. (ތަރުޖަމާއެއް)

ތަސްވީރަކާ ބެހޭ ވާހަކައެއް

ބައެއް މީހުންނަކީ ހިކި ފިޔާ ކަހަލަ ބައެކެވެ. ތޮށީގެ ފަށަލައަކަށް ފަހު ފަށަލައެކެވެ. އެތެރޭގައި އެއްޗެއް ނޯވެއެވެ. އެއިން ލޮލަށް ދިލައަރައި އެންމެން ރޮއްވާލައެވެ. ދަރަނިވަމުންދާ އިރު ވެސް، އެކަމާ ހަރުދަނާ ފިޔަވަޅެއް ނާޅައި ދައްކަނީ ބަހަނާއެވެ. އަމިއްލަ އަގުތަކާއި އަމިއްލަ މީހުންގެ ޝުއޫރަށް އިހުތިރާމުކޮށް އެކަން ދެމެހެއްޓުމުގެ ވަގުތުގައި ވެސް، އިހުތިރާމުކޮށް ދެމެހެއްޓެނީ ތިމާމެންގެ ދީނާއި އަގުތަކާ ދެކޮޅުވެރި ހުތުރުވެރި މީހުންގެ އަގުތަކާއި ޝުއޫރުތަކެވެ! (ތަރުޖަމާއަކާއި އިތުރުކޮށްލުމެއް)

ތަސްވީރަކާ ބެހޭ ބުނުމެއް

މާނައެއް ނެތް ހަޅޭއްލެވުމާއި ކަންކަމާ ބެހޭ ގޮތުން ހިތަށް އެރި އެއްޗެއް ބުނުން ހުއްޓި، ސިކުނޑިއަށް ކާނާ ލިބި، ވިސްނުމާއި ފިކުރު ތަރައްގީވުން ފެށުން އޮތީ މި ތަނަށް ޒިޔާރަތްކޮށް މިތަނުގައި ވަގުތު ހޭދަކުރުމާއެވެ. (ތަރުޖަމާއެއް)

ތަސްވީރެއް ބުނާ ވާހަކައެއް

ވެރިކަމާ ހެދި ރަށުގެ ހިމާރުންތައް ތަޅާފޮޅަން ފެށުމުން، (ރަށް ހަލާކުވެ،) ބިމަށް ވެއްޓެނީ ރައްޔިތުންނެވެ! (ތަރުޖަމާއެއް)

ބުއްދިވެރި ބަސްކޮޅެއް

ސިންގާގެ ވަކިތައް މޮށް ވިޔަސް ސިންގާ ވާނީ ސިންގާއަކަށެވެ.

ކުއްތާއެއްގެ ކަރުގައި ރަނުގެ ހާރެއް އެޅުވުނު ކަމުގައި ވިޔަސް އެ ވާނީ ހަމަ ކުއްތާއަކަށެވެ.

މިނިވަނަކަށް، ޒަމާން އަނިޔާވެރިވެ، އޭނާގެ ހާލު ނިކަމެތިވި ކަމުގައި ވިޔަސް، އޭނާ ވާނީ މިނިވަނަކަށެވެ.

އަޅަކަށް ކިތަންމެ ބޮޑު މަގާމެއް ދިނަސް އޭނާ ވާނީ ހަމަ އަޅަކަށެވެ! (ތަރުޖަމާއެއް)

ތަސްވީރެއް ކިޔައިދޭ ވާހަކަ

އަހަރުމެންނަށް އުޅެން ޖެހިފައި މިވަނީ އަހަރުމެންގެ ރަށުގެ ކުޑަކުއްޖަކު، ބަނޑުހައިވުމުން، އޭނާގެ ބަނޑުހައި ހޫނުކަން ފިލުވާލުމަށްޓަކައި ކުނި ބިލިގާއިން އެއްޗެއް ނަގަން ޖަނަވާރުންގެ ދަރިންގެ ތެރެއިން ކުއްތާއެއްގެ އެހީ ހޯދަން ޖެހިފައި އޮތް ޒަމާނެއްގައެވެ. ސަބަބަކީ، އާދަމުގެ ދަރީންގެ ދަށުދަރަޖައިގެ ބަޔަކު އޭނާގެ ހިއްސާ ވަގަށްނަގައި ކައިލާފައިވާތީއެވެ! (ތަރުޖަމާއެއް)

ބުއްދިވެރި ބަސްކޮޅެއް 

އުމަވީ ދައުލަތުގެ ދުވަސްވަރު، "ހެޔޮ ގޮތުގައި ޚަލީފާކަން ކުރެއްވި" މުސްލިމުންގެ ފަސްވަނަ ޚަލީފާކަމުގައި ބެލެވޭ މާތްﷲ ރުއްސުން ލެއްވި އުމަރު ބިން އަބްދުލްއަޒީޒް ވިދާޅުވެފައި އޮވެއެވެ.

"މަރުވި މީސްތަކުންގެ ތެރެއިން އެތައް ބަޔަކު ވަނީ ކަށްވަޅުތަކުގައި ހިތާމަކުރުމުގައެވެ. ދުނިޔެ ހޯދުމުގައި އެމީހުންގެ ވާޖިބުތަކާ މެދު ފަރުވާ ކުޑަކޮށްލެވިފައިވާތީއެވެ.

ދިރި ތިބި މީހުން، އެކަކު އަނެކަކާ ކޯޅި، ތަޅަފޮޅާ ހަދަމުން ދަނީ، މަރުވި މީހުން އެ އެއްޗެއްގެ ފަހަތުން ދުވުމުގެ ސަބަބުން އެމީހުން ހިތާމަކުރަން ޖެހުނު އެތި ހޯދުމުގައެވެ.

މަރުވި މީހުން ދިރި ތިބި މީހުންގެ ކައިރިއަށް އައިސް އެމީހުންގެ ވާހަކައެއް ކިޔައެއް ނުދޭނެއެވެ. އެހެންވުމުން، ދިރި ތިބި މީހުން މަރުވި މީހުންގެ ކިބައިން ފިލާވަޅެއް ނަގައި އިބުރަތެއް ލިބިގަންނާކަށް ނޫޅެއެވެ!" (ދިވެހިކޮށްލުމެއް)

ބުއްދިވެރި ބަހެއް

ދުލަކީ ދަތްތަކުގެ ތޭރިތަކުގެ ބިއްދޮށުގައި ބަންދުކުރެވި، ހައްޔަރު ކުރެވިފައިވާ ކުށްވެރިއެކެވެ. ރުޅިއަންނަ ވަގުތުތަކުގައި އެ ކުށްވެރިޔާ ނެރެ ދޫކޮށްލައިފި ނަމަ، ހިތާމައިގެ ޖަލުގޮޅިއެއްގެ ތެރެއަށް ކަލޭ އެއްލާލަފާނެއެވެ! (ތަރުޖަމާއެއް)

ބުއްދިވެރި ބަހެއް

ފައިސާ ފޮއްޗެއް ފަދައިން ދެފުށް ދެގޮތްވެ، ދެ މޫނުގެ ވެރިއަކަށް ވެއްޖެ މީހާ، އޭނާގެ ހަޔާތް ވޭތުކޮށްލަން ޖެހޭނީ، ފައިސާ ފޮއްޗެއް ފަދައިން، އެކެއްގެ ޖީބުން އަނެކެއްގެ ޖީބަށް ވެއްޓި، އެކިއެކި މީސްމީހުންގެ ޖީބުގެ ތެރޭގައެވެ! (ތަރުޖަމާއެއް)

ހިކުމަތްތެރި ބަސްކޮޅެއް 

ބުއްދިވެރި ހަކީމަކާ ސުއާލުކުރެވުނެވެ. "ސާފު ތާހިރު ކަމަކީ ކޮބައި ހެއްޔެވެ؟"

ޖަވާބުގައި ހަކީމު ބުންޏެވެ. "ކަލޭގެ ހަށިގަނޑު ދޮވުމުގެ ކުރިން ކަލޭގެ ހިތް ދޮވެ ސާފުކުރުމެވެ. އަދި ކަލޭގެ ދެއަތް ދޮވުމުގެ ކުރިން ކަލޭގެ ދޫ ދޮވެ ސާފުކުރުމެވެ.

ދެން، މީސްތަކުންނާ މެދު، ނުބައި ހީ ކުރުންތަކުން ދުރުވެ، އެމީހުންނާ މެދު ހިތް ހެޔޮކުރާށެވެ. ކަލެއަށް ދެ ލޯ ލިބިގެންވީ އިރު، ކަލޭގެ ދެ ކަންފަތް މެދުވެރިކޮށް މީސްތަކުން ދެކެންވީ ކީއްވެ ހެއްޔެވެ؟ އެހެންވީމާ މީސްތަކުންނާ މުއާމަލާތް ކުރަންވާނީ އެމީހުންގެ ކިބައިން ކަންކަން ފެންނަ ގޮތެއްގެ މައްޗަށް ބަލާފައެވެ. އެމީހުންނާ ބެހޭ ގޮތުން އިވޭ ވާހަކަތަކުގެ މައްޗަށް ބަލާފައެއް ނޫނެވެ.

ހުރިހާ އެންމެން ރުއްސާކަށް ކަލެއަކަށް ނުޖެހެއެވެ. ނަމަވެސް، ކަލޭގެ ކިބައިން އެކަކަށް ވެސް އުނދަގުލެއް ވިޔަދީގެން ނުވާނެއެވެ. އަހަރުމެން އެންމެނަށް ވެސް، ސާފުވެގެންވީ ހިތެއް، މާތްﷲ ދެއްވާށިއެވެ!" (ތަރުޖަމާއެއް)

ހަމަޖެހުމުގެ ހަގީގަތް

މަނިކުބޭ: އިބުރާހިމާއެވެ! އިބުރާހިމު އަބަދުވެސް ތިހުންނަނީ ހެވިފައި ހަމަޖެހިފައެވެ. ސަބަބަކީ ކޮބައިހެއްޔެވެ؟

އިބުރާހިމު: އެއީ މީހަކު އަހަންނާ ޖަދަލުކުރަން އުޅެފި ނަމަ އަބަދުވެސް އަހަރެންގެ ޖަވާބަކަށްވެފައި އޮންނަނީ އެމީހަކާ ދިމާއަށް "ކަލޭގެ ވާހަކަ ހަމަ މުޅިން ރަނގަޅޭ" ބުނެ އެމީހާއާއި އެ މީހާގެ ޖަދަލުކުރުންތަކުން ސަލާމަތްވުމެވެ! އޭރުން އަހަރެންގެ ބޮލުގައި އިތުރަށް ރިއްސުން މެދުވެރިކުރުވާނޭ ސަބަބެއް ނޯންނާނެ ނޫން ހެއްޔެވެ؟

މަނިކުބޭ: ތީ ދެން މުޅިން ރަނގަޅު ގޮތެއް ނޫނެއް ނޫން ހެއްޔެވެ؟ ހަމަ މީހަކު ބުނާހާ ކޮންމެ ވާހަކައަކަށް އާނ ހޫނ ކިޔައި، ރަނގަޅޭ ބުނެ ދޫކޮށްލެވޭނީ ކިހިނެއް ހެއްޔެވެ؟

އިބުރާހިމު: މަނިކުބޭ ވެސް ތިބުނީ ހަމަ ރަނގަޅު ވާހަކައެކެވެ!

އެމީހުން ދޮގު ހަދަނީ ކީއްވެ ހެއްޔެވެ؟

އެ މީހުންނަކީ ގިނައިން ދޮގު ހަދާ ބައެކެވެ. އަދި އެ މީހުންކީ ދޮގުވެރިންކަން ޚުދު އެމީހުން ވެސް ދަނެއެވެ. އަދި އެ މީހުންނަކީ ދޮގުވެރިންކަން އަހަރުމެންނަށް އެނގޭނޭކަން ވެސް އެމީހުން ދަނެއެވެ. އެހެންވިޔަސް، އަޑު އުފުލައި އެމީހުން ދޮގު ހަދަމުންދެއެވެ! (ނަޖީބު މަހްފޫޒު)

ކީއްވެ ހެއްޔެވެ؟ އެމީހުން ދެކޭ ގޮތުގައި އަހަރުމެންގެ ކިބައިގައި އަމިއްލައަށް ވިސްނުމުގެ ގާބިލުކަމެއް ނުހުންނާނެއެވެ. ޒާތީ ތައައްސުބުން އެއްކިބާވެ ތިބެ، ހައްގަށް ނަސްރު ދިނުމުގެ އެދުމެއް އަހަރުމެންގެ ކިބައިގައި ނުހުންނާނެކަން އެމީހުން ދަނެއެވެ. އަދި، ހަމަ އެމީހުން ފަދައިން، އަހަރުމެންނަކީ ވެސް، އެއްވެސް މަބްދައެއް، އުސޫލެއް، ނެތް، އަމިއްލަ އެދުމުގެ، އަމިއްލަ މަސްލަހަތުގެ، އަޅުވެތިކަމުގެ ދަށުގައިވާ ބައެއްކަން އެމީހުން ދަނެއެވެ. އެހެންވެ، އަމިއްލަ މަސްލަހަތު ފުއްދާލުމަށްޓަކައި، އެމީހުން ފަދައިން، ވިއްކާނުލާނޭ އެއްވެސް އެއްޗެއް ނޯންނާނޭކަން ވެސް އެމީހުން ދަނެއެވެ. އެހެންވެ، ދޮގު ހަދަމުން ގެންދިޔުމަކީ އެމީހުންނަށް އުނދަގޫ ކަމަކަށް ނުވެއެވެ! (ތަރުޖަމާއެއް އިތުރުކޮށްލުމަކާއެކު)

ކަނު މީހާއާއި އޭނާގެ އެހީތެރި އަސާ

ކަނު މީހާއަށް ފެނުމުގެ ނިއުމަތް ލިބުމުން އެންމެ ފުރަތަމަ ކުރާނީ ކޮން ކަމެއްކަން އެނގޭ ހެއްޔެވެ؟ މިއޮތް ހުރިހާ ދުވަހު އޭނާއަށް އެހީވި، ހުރިހާ ވަގުތެއްގައި އޭނާގެ އެހީތެރިޔާ ކަމުގައިވި އޭނާގެ އަސާ ނަގާ އެއްލާލުމެވެ!

އެއީ ކީއްވެގެން ހެއްޔެވެ؟ އެ އަސާވީ އޭނާގެ ނުކުޅެދުންތެރިކަން ހަނދާންކޮށްދޭ އެއްޗަކަށެވެ. ހަމަ އެހެންމެ، ވަރަށް ގިނަ ފަހަރު، މީހާ ނުކުޅެދި، އެހީއަށް ބޭނުންވެފައި ވަނިކޮށް އެހީވެދޭ މީހާ މަތިން ފަހުން ހަނދާން ނެތެނީ އޭނާގެ ނުކުޅެދޭކަން އޭނާއަށް އެހީވެދޭ މީހާ ހަނދާންކޮށްދޭތީއެވެ! (ތަރުޖަމާއަކާއި އިތުރުކޮށްލުމެއް)

ފިރިންނަށް އޮތް އުފާވެރި ޚަބަރެއް

ޖަންގަލީގެ ރަސްގެފާނު ސިންގާ ބިރުގަންނަނީ ކާކު ދެކެކަން އެނގޭ ހެއްޔެވެ؟ ހަމަ އެކަނި އޭތީގެ އަންހެނުން ދެކެއެވެ. އެހެން އެއްވެސް ދިރިހުރި އެއްޗެއް ދެކެ ސިންގާ ބިރުގަންނަ ކަމަކަށް ނުވެއެވެ.

މިއިން އެނގެނީ ކޮން ކަމެއް ހެއްޔެވެ؟ އޭނާގެ އަނބި މީހާ ދެކެ ބިރުގަންނަ ފިރިމީހާ ޔަގީންކުރަންވީ އޭނާއަކީ ޖަންގަލީގެ ރަސްގެފާނު ފަދަ ވަރުގަދަ ސިންގާއެއް ކަމެވެ! ހަމަ އެހެންމެ، ގަދަފަދަ، ވަރުގަދަ ސިންގާއަކަށް ވާން ބޭނުން ކޮންމެ ފިރިއަކު އޭނާގެ އަނބިމީހާ ދެކެ ބިރުގަންނަ ހުށިކަމެވެ! (ތަރުޖަމާއެއް)

ތިން މީހަކާ ދުރަށް ދާން ޖެހެއެވެ

ތިން މީހަކަށް ނަސޭހަތްދީ އެ މީހުން އިސްލާހުކުރެވޭތޯ މަސައްކަތްކުރުމެއް ނުވެއެވެ. އޭގެ ތެރެއިން ފުރަތަމަ މީހަކީ ޣަދަރުވެ ޚިޔާނަތްތެރިވާ މީހާއެވެ. ދެވަނަ މީހަކީ ދޮގު ހަދާ މުނާފިގު، ދެފުށް ދެގޮތް، އޭނާގެ ކިބައިގައި އެއްވެސް އަމާނަތްތެރިކަމެއް ނެތް މީހާއެވެ. ތިންވަނަ މީހަކީ އިހުސާންތެރިކަމެއް ލިބިގަތުމަށް ފަހު އެކަން ހަދާންނައްތާލައި އެއީ ނުވާކަމެއް ކަމަށް ހަދާ މީހާއެވެ.

މިފަދަ މީހުންނަށް ނަސޭހަތްދީ އެމީހުން އިސްލާހުވޭތޯ މަސައްކަތްކުރުމެއް ނޯވެއެވެ. ސަބަބަކީ އެ މީހުން އިސްލާހުވުމަކީ ވަރަށް ވެސް ދުރު ކަމަކަށްވާތީއެވެ. އެހެންވެ، އެފަދަ މީހުންނާ ވީހާ ވެސް ދުރަށް ދާންޖެހެއެވެ. އަމިއްލަ ހަޔާތުން އެފަދަ މީހުން ދުރުކުރަން ޖެހެއެވެ. ތިމާމެންގެ ޖަމާއަތުގެ ކަންތައް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އުފުލަން އެފަދަ މީހުންނާ ހަވާލުކުރުމަކީ ވަރަށް ވެސް މޮޔަކަމެކެވެ.

އެންމެ އާފަލެއް

"އެންމެ އާފަލެއް ފަރިއްކުޅުވުމުގެ ސަބަބުން، އަހަރުމެންގެ ބޮޑު ބައްޕާފުޅު، އާދަމުގެފާނަށް ސުވަރުގެއިން ނިކުމެވަޑައިގެން [އެކަމަށް ތައުބާވެވަޑައިގަންނަވަން ޖެހިވަޑައިގަތެވެ.] ނަމަވެސް، އަހަރުމެންގެ ތެރޭގައި އުޅޭ ބައެއް މީހުން، އެހެން މީހުންގެ މުދާތަކާއި ހުރިހާ އެއްޗެއް ކައި [މުޅި ގައުމު ދަރުވާލައި ގައުމު ވިއްކާލާ] ފައި ވެސް ޔަގީންކަމާއެކު ބުނަނީ [އެއީ މައްސަލައެއް ނޫންކަމާއި އަދި އެކަމާ ކުޑަކޮށް ވެސް މަސްއޫލުވާން ނުޖެހި،] ސުވަރުގެ ވަންނާނެ ކަމަށެވެ!

ތަސްވީރެއް ކިޔައިދޭ ވާހަކަ 

މަތީގައި އެ ފެންނަ ފޮޓޯއިން ރަމްޒީ ގޮތެއްގައި ކިޔައިދެނީ ބައެއް ގައުމުތަކުގެ ވެރިންގެ ވާހަކައެވެ. އެ ފަދަ ގައުމުތަކުގައި ހަމަ އެކަނި މުހިއްމު ވަނީ ވެރިންނެވެ. ގައުމުގެ ހުރިހާ ޚައިރާތެއް އޮންނަނީ ވެރިންގެ ހިތްހަމަޖެއްސުމާއި އަރާމަށްޓަކައި ޚާއްސަކުރެވިފައެވެ! ރައްޔިތުން ތިބެނީ ވާނޭ ގޮތެއް ވާން ދޫކޮށްލެވިފައެވެ! (ތަރުޖަމާއެއް، ކުޑަ ބަދަލަކާއެކު)

އަހަރެން ވެސް މަރުވެދާނެ

އެއް ދުވަހަކު އަރަބި ބަދަތްވެއް ކުރެން އެހުނެވެ. އިނބަގެ އަންހެނުން މަރުވާން އެދެމު ހެއްޔެވެ؟

ބަދަވި މީހާ: ނޫނެކެވެ.

އެއީ ކީއްވެ ހެއްޔެވެ؟

ބަދަވި މީހާ: އޭރުން، އުފަލުން ގޮސް، އަހަރެން ވެސް މަރުވެދާނެކަމުގެ ބިރު ހިވާތީއެވެ!

(މާ ސީރިއަސްކޮށް ނުނެންގެވުން އެދެން!/ ތަރުޖަމާއެއް)

ސިޔާސީ ވާހަކަ

އަދުގެ ސިޔާސީ ވާހަކަ، އާންމު ގޮތެއްގައި، ބިނާވެފައި އޮންނަނީ މަންމަން މީހަކު ބީރު މީހެއް ގާތު، ވާވެފައި އޮތް މީހަކު ދުވެފައި ގޮސް، ބޯ މުޅިން ތަލަވެފައި ހުރި މީހެއްގެ އިސްތަށިގަނޑުގައި އޭނާ އަމިއްލައަށް ހިފައި ދަމަނިކޮށް ކޮރު މީހަކު އެކަން ހުއްޓަވަން އުޅޭތަން ކަނު މީހަކަށް ފެނުމަކީ ހައްގު ތެދުކަން ބުނެދިނުމުގެ މައްޗަށެވެ.

ދެން، އެ ސިޔާސީ މީހަކީ ތިމާގެ މީހާ ކަމުގައި ވެއްޖެ ނަމަ، އޭނާގެ މި ފަދަ ހުރިހާ ވާހަކައަކީ ވެސް ހައްގު ތެދު ކަމުގައި، އެއްވެސް އުނދަގުލަކާ ނުލައި، ތިމާއަށް ގަބޫލުކުރެވެއެވެ. އަދި، އެއީ ހައްގު ތެދުކަން ދައްކުވާނޭ އެތައް ހެއްކަކާއި ގަރީނާ ވެސް ތިމާއަށް ލިބިގެންވެއެވެ! (ތަރުޖަމާއެއް ކުޑަ ބަދަލަކާއެކު)

ޝަރީއަތް އަހަންނަށް ދަސްކޮށްދިން ކަމެއްގެ ވާހަކަ 

މާތްﷲގެ ޝަރީއަތް އަހަންނަށް ދަސްކޮށްދިނީ، ބަނޑުހައިވެގެން ރޮއްޓެއް ވަގަށް ނަގާ އަތް ކެނޑުމަކީ ޝަރީއަތުގައި ހިމެނޭ ކަމެއް ނޫން ކަމެވެ. އަދި ހަމަ އެހެންމެ، އަމިއްލަ ގައުމާއި ވަތަން ވަގަށް ނަގައި ވިއްކާލާ އަތެއްގައި ބޮސްދީ އެ އަތާ ސަލާންކޮށްގެން ނުވާނޭ ކަމެވެ! (ތަރުޖަމާއެއް)

ތަސްވީރެއް ކިޔައިދޭ ވާހަކައެއް: ބަދަލުވަމުންދާ ދުނިޔެ

އިއްޔެ ނަމަ، އަތުގައި އެ އޮތް އެތި އޮންނާނީ ޖީބުގައެވެ. އަދި ޖީބުގައި އެ އޮތް އެތި އޮންނާނީ އަތުގައެވެ. ނަމަވެސް މިއަދަކީ އިއްޔެއެއް ނޫނެވެ. މިއަދަކީ މިއަދެވެ. އެހެންވެ، އަތުގައި އޮންނަންޖެހޭ އެތި އެ އޮތީ ޖީބުގައެވެ. އަދި ޖީބުގައި އޮންނަން ޖެހޭ އެތި އެ އޮތީ އަތުގައެވެ!

އާދެ، ދުނިޔެ ބަދަލުވަމުންދާ ވާހަކަ ބުނެދޭ މަންޒަރެކެވެ! އެންމެ ހައިރާންވަނީ އަތުގައި އޮތް އެތި ޖީބުގައި އޮތް އެއްޗަށްވުރެ މުހިއްމުވެ، ޖީބުގައި އޮތް އެއްޗަށް އޭގެ މަގާމަކީ ޖީބުކަން ގަބޫލުކުރެވޭކަން އެނގޭހެން ހީވުމެވެ. އާދެ، އިންސާނުންނަކީ ހެދި ގޮތެއް ވަރަށް ފަސޭހައިން ބަލައިގަނެ އެ ގޮތް ގަބޫލުކުރާ ބައެކެވެ!

ހަގީގީ ލޯބީގެ ބާވަތެއްގެ ވާހަކަ

އެއީ، ފާޅުކަން ބޮޑު ގޮތެއްގައި، ހަގީގީ ލޯބީގެ ބާވަތެއްކަން އެނގޭ ލޯތްބަކީ، އެ މީހަކީ އިނބަގެ ނަސީބުގައި ލިޔެވިގެންނުވާ މީހެއްކަން އެނގޭއިރު ވެސް، އަދި އެހެންވެ، އެ މީހަކީ އޭނާގެ މީހަކަށް ނުވާނޭކަން އެނގޭއިރު ވެސް، އޭނާ ދެކެ ވާ ލޯތްބެވެ. މި ގޮތުގައި ކަން އޮތްއިރު ވެސް އެމީހާ ދެކެ ލޯބިވުން މަތީ އޭނާ ދެމިހުރެއެވެ. އަދި، އެ މީހާ ދެކެ ލޯބިވާތީވެ، އެމީހާއަށް ހެޔޮ އެދި، އަބަދުގެ ބާއްޖަވެރިކަން ވެސް އެމީހާއަށް އޭނާ އެދެއެވެ. (ތަރުޖަމާއެއް)

ވަޔާއި ގޮފީގެ ވާހަކަ

ގަދަ ރޯޅިއާއެކު ގަހުގެ އޮފިގަނޑު އިރައިގެން ދިޔައެވެ. ގަސް ފަހަނައަޅައި ދަމުން ވައި ރޯޅި އެނބުރި ގަހަށް ބަލައިލިއެވެ. އަދި، ގަހުގެ އޮފިގަނޑު އިރައިގެން ގޮސްފައި އޮތްތަން ވައިރޯޅިއަށް ފެނުނެވެ. ދެން، ވައިރޯޅި ދެރަވެ، ގަސް ކައިރިއަށް އައިސް މާފަށް އެދުނެވެ. ގަސް، ވައިރޯޅިއަށް މާފުކުރިއެވެ. ދެން، ވައިރޯޅި އޭގެ މަގުގައި ދަތުރު ކުރިއަށް ގެންދިޔައެވެ. ނަމަވެސް، އިރައިގެން ގޮސްފައިވާ ގަހުގެ އޮފިގަނޑަށް ބަދަލެއް ނައިސް ހަމަ އެ ގޮތުގައި އޮތެވެ.

ދުލުން ނިކުންނަ ބަހަކީ ވެސް، ބައެއް ފަހަރު، މިފަދަ ގަދަ ވައިރޯޅި ފަދަ އެއްޗެކެވެ. މީހުންނާ ދިމާއަށް ދޫކޮށްލެވޭ އެފަދަ ބަސްތައް އެމީހުންގެ ހިތް އިރާލައި ޒަޚަމްކޮށްލައެވެ. ފަހުން، އެކަމާ ދެރަވެ، ހިތާމަކޮށް، މާފަށް އެދުނު ކަމުގައި ވިޔަސް، އެ ޒަޚަމްތައް، ފަސޭހަނުވެ ހުރެއެވެ. އަދި، ފަސޭހަ ވިޔަސް، އޭގެ އަސަރު ނުފިލައި އެތައް ޒަމާންނެއް ވަންދެން ހުރެއެވެ. ވަރަށް ގިނަ ފަހަރު، އެ ބަހުގެ ސަބަބުން، ގުޅުންތަކަށް ބުރޫއަރައި، ކުރިއެކޭ އެއްގޮތަށް އެ ގުޅުންތައް އޮތުމަށް އުނދަގޫވެއެވެ.

އެހެންވެ، ދުލުން ބަހެއް ދޫކޮށްލުމުގެ ކުރިން ވަރަށް ރަނގަޅަށް ވިސްނަން ޖެހެއެވެ. އެ ބަހަކީ ހިތެއް އިރާލައި ޒަޚަމްކޮށްލަފާނެ ގަދަފަދަ ވައިރޯޅިއަކަށް ނުވެވޭތޯއެވެ. (ދިވެހިކޮށްލުމެއް)

ތަސްވީރެއް ބުނެދޭ ވާހަކަ

ފޮތް އަލަމާރި ވީރާނާވެ، ރޫޅިއްޖެއެވެ. ކިޔެވުމުގެ އަގު ވެއްޓި، ބޭނުން ނެތިއްޖެއެވެ. ހަމައާއި ސަލާމަތް ބުއްދީގެ ފައިދާއެއް ނެތެވެ. އަގު ހުރީ ތިމަންގެ މީހާގެ ހަޅޭލެވުމާއި އޭނާގެ އަޑުގަދަކުރުމުގައެވެ. ދެން، އޮތީ، އޭނާ ކިޔާ ނުކިޔާ އެއްޗަކަށް ބެލުމެއް ނެތި، އޭނާގެ ހަޅޭކުގެ އަޑަށް ބެރުޖަހައި ނެށުމެވެ! އޭނާއަށް ސަނާކިޔައި ތާއީދުކުރުމެވެ! (ދިވެހިކޮށްލުމެއް)

އެއްވެސް ހައްލެއް ނެތް ތިން ކަމެއްގެ ވާހަކަ

އިބްނު އަބްދު ރައްބިހީ އޭނާގެ އިގްދުލް ފަރީދުއޭ ކިޔުނު ފޮތުގައި ލިޔެފައި ވެއެވެ. ފާސިދުވެ، ހަލާކުވެފައިވާ ތިން ކަމަކަށް އެއްވެސް ހައްލެއް، ބޭސްފަރުވާއެއް ނޯވެއެވެ.

ފުރަތަމަ ކަމަކީ ގާތްތިމާގެ މީހުންގެ މެދުގައި އޮންނަ އަދާވާތްތެރިކަމެވެ.

ދެވަނަ ކަމަކީ އެކަކު އަނެކަކާ ކުފޫ ހަމަވެގެންވާ މީހުންގެ މެދުގައި އޮންނަ ހަސަދަވެރިކަމެވެ. (މިސާލަކަށް ދެ މުއްސަންޖެއްގެ ދެމެދުގައި އޮންނަ ހަސަދަވެރިކަމެވެ.)

ތިން ވަނަ ކަމަކީ މަގާމަށް ނުކުޅެދޭ ވެރިޔާގެ ނުކުޅެދުމެވެ.

އާދެ، އިބްނު އަބްދުގެ ނަޒަރުގައި މި ނަންގަތް ތިން ކަމަކީ އެ ތިން ކަމަށް އެއްވެސް ޝިފާއެއް އޮތް ކަމެއް ނޫނެވެ!

ނަމަވެސް، ހިޖާމައިގައި ހުރިހާ ކަންކަމެއްގެ ޝިފާވާކަން ގަބޫލުކުރާ މީހުން، ހިޖާމާ ޖަހައިގެން މި ކަންކަމަށް ވެސް ފުރިހަމަ ޝިފާއެއް ލިބިދާނެކަން ގަބޫލުކޮށްފާނޭކަން މިހާރު ގަބޫލުކުރަން ޖެހެއެވެ.

ކުއްތާއާއި ފުއްލާގެ ވާހަކަ

ފުއްލާ ކުރެން ކުއްތާ އެއްސެވެ. "ދުވުމުގެ ރޭހުގައި، އަބަދު ވެސް އަހަރެން ޖަހާލައި އަހަރެންގެ މައްޗަށް ކަލޭ ކުރި ހޯދަނީ ކިހިނެއް ހެއްޔެވެ؟"

ދެން ފުއްލާ ބުންޏެވެ. "އަހަރެން ދުވަނީ އަހަރެންގެ އަމިއްލަ ނަފްސުގެ ބޭނުންތައް ފުުއްދުމުގެ މަގުސަދުގައެވެ. ނަމަވެސް، ކަލޭ ދުވަނީ ކަލޭގެ ސާހިބާއަށްޓަކައެވެ. އެ ސާހިބުންގެ ބޭނުންތައް ފުއްދައިދިނުމަށެވެ. އަހަރެން ދުވަނީ ހައްގުގެ މަގުގައެވެ. ކަލޭ ދުވަނީ ބާތިލުގެ މަގުގައެވެ."

ޝައްކެއް ނެތް ގޮތުގައި ހައްގާއި ބާތިލު ވަކިކުރުމުގެ ބޭނުމެއް އޮތް ކަމަށް ނުދެކި، އެ އެއްޗެހީގެ ސާހިބުންގެ ބޭނުންތައް ފުއްދުމަށްޓަކައި، ކޮންމެ ފަދަ އެއްޗެއް ވެސް ގުރުބާންކޮށްލައި ދުވާ ކުއްތާއިންތައް ވަރަށް ވެސް ގިނައެވެ. ނަމަވެސް، ފުއްލާ ފަދައިން ހައްގަށްޓަކައި ދުވަން ހިއްވަރު ނެތް ނަމަ، މި ނަންގަތް ފަދައިން ބާތިލު ފަހަތުން ދުވާ ކުއްތާތަކުގެ ތެރެއިން ކުއްތާއަކަށް ދުވަހެއްގައި ވެސް ނުވާށެވެ!