Support Us

ކޮލަމް މާޒީ: ދިވެހީންނާއި އިންޑިއާގެ ތާރީޚީ ގުޅުން

މި ދުވަސްވަރަކީ ދިވެހީންގެ ބަޔަކު، ދިވެހި ސަރުކާރުގެ އެންގެވުންތަކާ ދެކޮޅަށް "އިންޑިއާއައުޓް" ޝިޢާރު ފާޅުކޮށްހަދާ ދުވަސްވަރެކެވެ. އެއީ ޤައުމަށް ޓަކައި އެބައިމީހުން އަދާކުރާންޖެހޭ ޒިންމާއެއްކަމަށް ބުނެއެވެ. އަނެއް ބަޔަކު، އިންޑިއާ މީހުންގެ އުރުގައި ނޫނީ ދިވެހީންނަށް ހިނގައި ވެސް ނުގަނެވޭކަމަށް ވަކާލާތުކޮށް ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭން މަގުކޮށައި އެހީތެރިވެދެނީއެވެ. އަދި ރާއްޖޭގެ ހުރިހާ ހަގީގަތްތަކަކާއި އިޤުތިޞާދީ ހުރިހާ މަޢުލޫމާތެއް ދުވަހުންދުވަހަށް ވަގުތުން ވަގުތަށް އެބައިމީހުންނަށް ލިބޭނެ އިންތިޒާމު ވެސް ހަމަޖައްސައިދެނީއެވެ. މި ކަންކަން މި ގޮތަށް ކުރުމަކީ ކޮންގެންވާނެ ކަހަލަ ކަންކަން ނޫންކަމަށް ބުނެ މި ކަމާ ދެކޮޅަށް، ޤައުމުގެ އަމިއްލަވަންތަކަމަށް ޓަކައި މަސައްކަތްކުރުމަކީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް އެ މީހުން ބުނެއެވެ. އެހެންކަމުން އިންޑިއާގެ ކަރާމާތަށް އުނިކަން ލިބޭތީ، އެ ޤައުމުގެ މަސްލަހަތަށް ޓަކައި، "އިންޑިއާއައުޓް" ޝިޢާރު ނައްތައިލާން މުޅި ދައުލަތުން ވަނީ ނުކުމެފައެވެ. ފުލުހުންގެ މައިގަނޑު މަސައްކަތަކީ މިއީބާވައޭ ހީވާ ހިސާބަށް މި ކަމަށް ވަނީ ޚާއްޞަ ސަމާލުކަމެއް ދީފައެވެ.

މި ފަދަ ދުވަސްވަރެއްގައި މި ޖީލުގެ މީހަކު "ދިވެހީންނާއި އިންޑިއާގެ ތާރީޚީ ގުޅުން"ތަކުގެ މައްޗަށް ލިޔާ ލިޔުމަކަށް އިތުބާރުކުރާ މީހުން މަދުވެދާނެއެވެ. އެއް ބަޔަކު ބުނާނީ ތިޔައީ ޖީބު ބޮޑުކުރާން "އެޅިހާ ބަތަކަށް ރިހަ"ވެގެން އަމިއްލަ ފައިދާއަށް ޓަކައި ގައުމު ވިއްކައިލާ ޣައްދާރުންނާއި ޚާއިނުންގެ ދިފާޢުގައި ރައްޔިތުންނަށް އޮޅުވައިލެވޭތޯ ލިޔާ ލިޔުމެއް ކަމަށެވެ. އަނެއް ބަޔަކު ބުނާނީ ތިޔައީ ގައުމީ ސަލާމަތަށް ނުރައްކާކުރާން ސަރުކާރާ ދެކޮޅަށް ދައްކާ ދޮގު ވާހަކަތަކެއް ކަމަށެވެ. އެހެންކަމުން މި މައުޟޫޢުގައި އަޅުގަނޑުގެ އަމިއްލަ އެއްވެސް ވާހަކައެއް ނުލިޔެ، މިއަދު މި އުޅެނީ މީގެ 40 އެތައް އަހަރެއްގެ ކުރީން ރާއްޖޭގެ މުއައްރިޚަކު ލިޔުއްވައިފައިވާ ދިރާސީ ލިޔުއްވުމެއް ހަމައެކަނި އަކުރުން އަކުރަށް ނަކަލުކޮށްލާށެވެ.

އާދޭހެވެ! މަޖީދިއްޔާގެ އިސް ދަރިވަރުންގެ ޖަމުޢިއްޔާއިން 1980 ވަނަ އަހަރު އޮގަސްޓްމަހު 27ގައި ނެރުއްވައިފައިވާ "ޢިލްމީ އޮއިވަރު"ގެ 5 ވަނަ ޢަދަދުގައި، ރާއްޖޭގެ މަޝްހޫރު މުއައްރިޚެއް ކަމުގައިވާ މ. ގުލޭސީމުގޭ ޙަސަން އަޙުމަދު މަނިކު (ރަޙިމަހުﷲ) "ދިވެހީންނާއި އުތުރުކަރަ" މި ސުރުޚީގެ ދަށުގައި ދިވެހިރާއްޖެއާއި އުތުރުކަރައިގެ ތާރީޚީ ގުޅުމުގެ މައްޗަށް ވަނީ ވަރަށް ތަފްޞީލުކޮށް ލިޔުއްވައިފައިވެއެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން ޙަސަން އަޙުމަދު މަނިކު، އެހެން ގޮތަކަށް ދަންނަވާނަމަ ކޮލި ޙަސަންމަނިކަކީ ތުއްޕުޅު އިރުއްސުރެ ދިވެހި ތާރީޚަށް ވަރަށް ޝައުޤުވެރިކަން ބެހެއްޓެވި ބޭފުޅެކެވެ. އަދި ދިވެހި ތާރީޚާއި ސަގާފަތަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވައިފައިވާ ޢިލްމުވެރިއެކެވެ. ޚާއްޞަކޮށް ތާރީޚީ އަދި ސަގާފީ ވާހަކަތަކާއި ބަހުގެ ތާރީޚާއި އަސްލާ ބެހޭ ގޮތުން، އަދި އެހެން ބަސްބަހުން ދިވެހި ތާރީޚާ ބެހޭ ގޮތުން ލިޔެފައި ހުރި ލިޔުންތައް ދިރާސާކުރައްވައި ދިވެހިބަހުންނާއި އިނގިރޭސިބަހުން އޭނާ ވަނީ އަގުހުރި ލިޔުންތަކެއް ލިޔުއްވައިފައެވެ. އާދޭހެވެ! އެއީ އެ ފަދަ ދެވަނައެއް އަދި ފެންނާން ނެތް ފަދަ އަގުހުރި ޚިދުމަތްތަކެއް ދިވެހި ތާރީޚަށް ކުރެއްވި ޚިދުމަތްތެރިއެކެވެ. މީހަކު ބުނެފާނެ އެއްޗަކަށް ބެއްލެވުމެއް ނެތި ހަގީގަތް ހާމަކުރައްވައި، ޙައްގަށް ވާހަކަފުޅުދެއްކެވި މުޙިއްބުލްވަޠަނެކެވެ. ދިވެހިރާއްޖޭގެ ތާރީޚަށް ޚިދުމަތްކުރެއްވުމުގެ ރޮނގުން 1979 ވަނައަހަރާއި 1981 ގައި އޭނާއަށް ޤައުމީ ޚިދުމަތުގެ އިނާމު ލިބިވަޑައިގެންފައިވެއެވެ. އެހެންކަމުން އޭނާގެ ލިޔުއްވުންތަކަކީ ދިވެހި ޢިލްމީ، އަދަބީ، ތާރީޚީ މުޖުތަމަޢުގައި ވަރަށް އަގުހުރި އިޙުތިރާމްކުރެވޭ އިތުބާރުހިފޭ އަގުހުރި މުތްތަކެކެވެ.

އިސްވެ ދެންނެވުނު ސަބަބުތައް އެހެން ހުރުމާއެކު ޙަސަން އަޙުމަދު މަނިކުގެ ވަރަށް ތާރީޚީ ލިޔުމެއް އަޅުގަނޑަށް ލިބުމުން އެ ލިޔުން ހަމަ (އެއްވެސް އުނިއިތުރެއް ނުގެނެސް) އޮތް ގޮތަށް ނަކަލުކޮށްލާ ހިތް ވީއެވެ. އެ ލިޔުމުގެ ސަބަބުން މި ޖީލުގެ ޒުވާނުންނަށް ވެސް އަދި ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ފައިދާއެއް ކޮށްފާނެކަމުގެ އުންމީދުގައެވެ. ވިދާޅުވަމުން ކުރިއަށް ވަޑައިގަންނަވާށެވެ!

ޙަސަން އަޙުމަދު މަނިކު  -ފޮޓޯ: ވޮނަދޮނަ/ އެފް.ބީ

"ދިވެހީންނާއި އުތުރުކަރަ"

-ޙަސަން އަޙުމަދު މަނިކު

އަޅުގަނޑުމެންގެ ކުޑަކުޑަ ދިވެހިރާއްޖޭގެ އެންމެ ގާތުގައިވާ އަވައްޓެރިއާއެވެ. އެ ތަނެއްގެ ނުފޫޒުތައް އަޅުގަނޑުމެންގެ މެދުގައި ހިނގައިފައިވާ، އެ ނުފޫޒުތައް ފެށިގެން އައި ބާރެވެ. ނަމަވެސް…. ހަގީގަތުގައި އެއީ އަޅުގަނޑުމެންގެ އިޚުލާޞްތެރި އިޙުތިރާމް ޙައްޤުވާ އަވަށްޓެރިއެއްބާވައޭ އަޅުގަނޑު ހިތަށް އަރައެވެ. އިސްތިޢުމާރު، ދުނިޔޭގެ ބިމުން އޭގެ ވަހާއެކު ފޮހެވިގެންދާ ދުވަހު…. އެ ނޫން ނަމެއްގައި އެ އިސްތިޢުމާރު އެ ކަންތައްތަކަށް ޓަކައި، ސާބިތުވެ އޮތް ހުރިހާ ކަމެއް ދެމެހެއްޓޭތޯ މަސައްކަތްކުރާކަމީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުން ވިސްނައި ތިބި ކަމެއްބާވައޭ އަޅުގަނޑު ހިތަށްއަރައެވެ.

އާދޭހެވެ! އިންޑިއާއާ ދިވެހީންގެ ގުޅުމަކީ އަންޒަމާނުއްސުރެ އަޅުވެތިކުރާން އުޅުމާއި އެ މަޅީން ނެއްޓޭން އުޅުމުގެ ރީތި ވާހަކައެކެވެ. ހަމަ ހަގީގީ ވާހަކައެކެވެ. ތިޔަ ބޭފުޅުން ވިދާޅުވާ ހިތްޕުޅުވާ ގޮތަށް ޝައުޤު ހުންނަ ފަދައަކުން އެ ވާހަކަ ބަޔާން ނުކުރެވުމަކީ އެ ވާހަކައިގެ އަސަރު ކުޑަކަމެއް ނޫނެވެ. ނަމަވެސް އަޅުގަނޑުގެ ލަޔާޤަތެއް ނެތްކަމެވެ. ނަމަވެސް…. އާދެ! އައްސަވާށެވެ!

އަޅުގަނޑު މި ވާހަކައިގައި ބަޔާންކުރާނީ މި ދެ ޤައުމު…. ހުރިހާ ނިސްބަތަކުން ވެސް ނުވަރުގެ ދެ ޤައުމު، ދެމެދުގައި ގާތްގަނޑަކަށް 226 އަހަރު ހިނގައި ދިޔަ ހާދިސާތަކެވެ. މި ކަމަށް އަޅުގަނޑު ފަށައިފައި މި ވަނީ އައްސުލްޠާނުލްޣާޒީ މުޙަންމަދު ތަކުރުފާނު، ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވީއްސުރެ އައްސުލްޠާން މުޙަންމަދު ޢިމާދުއްދީން (ހަތަރުވަނަ) މުސްކުޅި ބަންޑާރައިން ރާއްޖޭގެ ތަޚުތައް އިސްވެ ވަޑައިގަންނަވަންދެން….. ނުވަތަ- "ދިވެހިރާއްޖޭގެ މި ޒަމާނުގެ ތާރީޚަށް ފެށެންދެނެވެ.

ފުރަތަމަ ވެސް މި ދައުރުގައި އިންޑިއާގެ ޙަމަލާގައި އަޅުގަނޑުމެންގެ ތަޚުތުގައި އިންނެވި އައްސުލްޠާނު އިބްރާހީމްކަލާފާނު ޝަހީދުވީއެވެ. އާދެ! އެއީ 1017ހ. ވަނަ އަހަރުގެ ޝައްވާލުމަހު މި ރާއްޖެއަށް އައި ބަންގާޅު ހަނގުރާމަވެރި ގުރާބުތަކެއް ދިން ޙާމަލާއެކެވެ. އެ މީހުން އައީ މި ރާއްޖެއަށް އުރުނު ފަރަންސޭސި ބޯޓެއްގައި ހުރި ބަޑިތަކެއް ފޭރުމުގެ ނިޔަތުގައެވެ. އެއީ 1602 ވަނަ އަހަރު އުރުނު "ކޯބިން" ނަމަކަށް ކިޔުނު ބޯޓް ކަމުގައި އަޅުގަނޑަށް ލަފާކުރެވުނެވެ. ކޮންމެއަކަސް އެ ފަހަރުގެ ޙަމަލާގެ ނަތީޖާއަކަށްވީ އަޅުގަނޑުމެން ދިވެހީންގެ މިނިވަންކަމާއި ސިޔާދަތުގެ ނިޝާނެއްކަމުގައިވާ ކީރިތި މަހާރަދުން އެ މީހުންގެ އަތުން ޝަހީދުވެ އެ ރަދުން ދަތުރުކުރެއްވި އޮޑިކޮޅު ދަތުރުކުރާނޭ މީހަކު ނެތި ޝަހީދުވެފައިވާ ހަށިކޮޅާއިގެން އަރިއަތޮޅު ހަންޏާމީދޫއަށް ލައްވުމެވެ.

އޭގެ މާ ގިނަ ދުވަސްތަކެއް ފަހެއް ނޫނެވެ. ދިވެހި ސިންގާސަނާގައި އިންނެވީ އައްސުލްޠާން މުޙަންމަދު ޢިމާދުއްދީން ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުންނެވެ. ދިވެހީންގެ އިޙުތިރާމް ޙައްޤުވާ ބޮޑުރަސްގެފާނެވެ. ޞުލްޙަވެރި އަމާން ފަސް އަހަރު ރެދަލިކުރެއްވި ތަނާ، އެ ރަދުންނާ ކުލިމަތިލައްވާން ޖެހިވަޑައިގަތީ އިންޑިއާއިން އައި ޕޯޗުގީޒް ލަޝްކަރާއެވެ. އާދެ! ޕޯޗުގީޒުންނަށް ދިވެހީން ދަސްވެ ހަނގުރާމަވެރި މަރުކަޒެއްގެ ގޮތުން މި ރާއްޖޭގެ އަހުމިއްޔަތު ހުރި ވަރެއް ބަޔާންވެ އެނގެނީ އިންޑިއާގެ ނަޡަރަކުން ވާ ކަމުގެ ފުރިހަމަ ހެއްކެކެވެ. ހަމަ މިއާއެކު އެ ރަދުންނަށް ދިމާވި އަނެއް ދައްޗަކީ އެ ރަދުންގެ ޅިޔަނު އަދި ދެކޮޅުވެރި ހަތުރު ސާމިޔާ ފަށަނާއަށް ކަންނަންނޫރުގެ ވެރިކަމުގެ ދަށުގައި ލިބުނު ސިޔާސީ ޙިމާޔަތެވެ. މި ޙިމާޔަތް ލިބުނު ނަމަވެސް އެއިރު ދިވެހީންގެ ހުރި ކުޅަދާނަކަމުން އޭނާ އަތުލީ މަލިކުގައި ފިލައިގެން އުޅެނިކޮށެވެ.

ދެން އަޅުގަނޑުމެންނަށް ފެނުނީ އައްސުލްޠާން އިބްރާހީމް އިސްކަންދަރު ދިވެހީންގެ ރަސްކަލަކަށް ހުންނަވަނިކޮށެވެ. ދިވެހީންގެ އާރާއި ބާރު ފުރިހަމަވުމުގެ މަގުގައި ވަނިކޮށެވެ. ދިވެހީން ދުށް އެންމެ ކުޅަދާނަ ފާޑުވެރިޔާ ދިވެހި ރޭވުންތަކުގެ މަތީން ޢިމާރާތްތައް ކުރައްވަނިކޮށެވެ. ނަމަވެސް ޒުވާން އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގެ ދެވަނަ އަހަރު (1059 ހ. ވަނަ އަހަރު) ގޯވާއިން އަނެއްކާ ވެސް ރާއްޖެއަށް ޙަމަލާ އަތުވެއްޖެއެވެ. ދޮން ލަވީޒާއި ދޮން މަލަވީޒްގެ ވެރިކަމުގެ ދަށުގައެވެ. މި ހަނގުރާމައިގައި އެ އައި ލަޝްކަރު ބަލިކުރެއްވުމަށް ފަހު އިސްކަންދަރު ރަސްގެފާނު ޤަޞްދުކުރެއްވީ ޒަމާނުއްސުރެ މި ރާއްޖެއިން އެ މީހުންނަށް ފޮނުވައި އުޅުނު ހަދިޔާއާއި ތަކެތި ކަނޑައިލެއްވުމަށެވެ. ނަތީޖާއެއްގެ ގޮތުން އަބަދު ދިވެހީންނަށް ދަހިވެތިވެ އުޅެމުން އަންނަ ކަންނަންނޫރުގެ ވެރީން ރުޅިއައީ އިންތިހާއަށެވެ. އައި ރުޅި ނުހިފެހެއްޓިގެން ދެން ވެސް އެ މީހުން ދުށީ ކުޑަކުޑަ ދިވެހިރާއްޖެ އަތުލުން މޮޅުކަމަށެވެ. ނަމަވެސް އެ އަހަރު ނުވަތަ އޭގެ ފަހު އަހަރު އައި ކަންނަންނޫރުގެ ލަޝްކަރު ބަލިވީ ލަދުގަންނަ ފަދަ ދަރަޖައަކަށެވެ. ދިވެހީން ސާބިތުކޮށްދިނީ އެހެން އަންނަ ބިދޭސީ ފުރެއްދެވީންނަކަށް އަޅުގަނޑުމެން ބޯނުލަނބާނޭކަމެވެ. މި ކަމުން ވެސް އެކަށީގެންވާ އެނގުންތަކެއް އެ މީހުންނަކަށް ނޭނގުނެވެ. ކުޑަކުޑަ ދިވެހި ބިންކޮޅު އަތްދަށުލައި، މަދު ދިވެހީންކޮޅު އަޅުވެތިކުރުމުގެ ޚިޔާލުގައި ދުވަސްދުވަސްކޮޅުން "ގުރާބުތައް ހަތިޔާރުލައި ބަރާކޮށްފައި" މި ރާއްޖެއަށް ފޮނުވިއެވެ. މީގެ ތެރެއިން އެއް ފަހަރަކު ކުޑަފުށީ މިސްކިތް އަންދައިލުން އެ މީހުން ދުށީ އެއީ ކުރެވުނު މޮޅުކަމެއްކަމަށެވެ. ދިވެހީންގެ ހިތްވަރުގަދަ ފަހުލަވާނުންކޮޅެއް އެ މީހުންގެ ކީރިތި މަހާރަދުންގެ އަމުރުފުޅު ހިންގައިލުމުގެ ގޮތުން އަޅުގަނޑުމެންނަށް ފެންނަނީ ދީވަންދުރޯއަށް ގޮސް އެ ތާނގައިވާ ކަންނަންނޫރުގެ ސަރުކާރުގެ ބާރުތަކަށް ޙަމަލާ ދިންތަނެވެ. އާދެ! މި ދީވަންދުރޯއަކީ މިއަދު އިންޑިއާގެ ލަކްޝަދީބްގެ އެއް ރަށެއް ކަމަށްވާ އަންދްރޯ ޖަޒީރާއެވެ. އެ ފަހަރު ދިވެހީން ކާމިޔާބުކުރިއެވެ. ކަންނަންނޫރުގެ ވެރީން ބިރުގެންނެވިއެވެ. އަދި އަންދުރޯގެ ވެރީން ހިފައި ހައްޔަރުކޮށްގެން މާލެ ގެނައެވެ. އެއަށްފަހު ދުވަސްގަނޑެއް ވަންދެން  ބިރުން ހިމޭނުން އެ މީހުން…. އާދެ! ދިވެހީންނާ ދިމާކުރަމުން އައި އިންޑިއާ މީހުން ތިއްބެވެ.

އިސްކަންދަރު ރަސްގެފާނު އަވަހާރަވެ އެ ރަދުންގެ ދާދި ތުއްޕުޅު ދަރިކަލުން އައްސުލްޠާން ކުޑަ މުޙަންމަދުގެ ރަސްކަމުގައި އަނެއްކާ ވެސް ކަންނަންނޫރުގެ އުނގަދޫ ދިވެހީންނަށް ފޮށިއްޖެއެވެ. ތިލަދުންމަތީ ރަށްރަށަށް އަރައި ރަށްރަށް ފޭރިހަދާން ފަށައިފިކަމުގެ ޚަބަރު މާލެއައީ 1102 ވަނަ އަހަރުގެ ޖުމާދަލްއައްވަލުމަހުގެ މެދެއްހާ ތާނގައެވެ. އެ ދުވަސްވަރުގެ ގަނޑުވަރުތެރެ ސިފަކުރުމުން އަޅުގަނޑު އެއްކިބާވަމެވެ. ދާޚިލީ ކަންތައްތައް ކޮންމެހެނެއް ހުރި ނަމަވެސް ބޭރުން އައީ އެތެރޭގެ ކޯޅުންތަކުގެ އެއް ތަނެއްގެ ވެސް މިތުރުންނަކަށް ނުވިއެވެ. ދިވެހީން އެކީ އެކައްޗަކަށް އެ މީހުންނާ ދިމާކޮށްލައި މާލެއާ ހަމައަށް އަޔަނުދީ ބަލިކޮށްފިއެވެ.

ދެން އައީ އަޅުގަނޑުމެންގެ ދާޚިލީ ކޯޅުންތަކުގެ ބައިވެރީން އެ މީހުންގެ އަމިއްލަ އެދުމަށް ޓަކައި ހަމަގައިމު ދިވެހީންގެ މިނިވަންކަމާ ތޮޅުމަށް އެހީ ލިބޭނެކަމަށްވާ އިންޑިއާގެ އެކއެކި ބައިތަކުގެ އެހީ ހޯދާން މަސައްކަތްކުރި ދައުރެކެވެ. އައްސުލްޠާން އިބްރާހީމް މުޡުހިރުއްދީން ރަސްކަމުން ދުރުކުރުމުން އިންޑިއާގެ "ހުގްލީ" (ކަލްކަތާ)އަށް ވަޑައިގެން އަމީރު ޟިޔާއުދީން އަރިހުން މަދަދު ހޯއްދަވައި އެ މަނިކުފާނަށް އެހީވެދެއްވައިތޯ ފައްރަޚުސީރަށް ފަތް ލިޔުއްވިއެވެ. އާދެ! ލިބުނު ފުރުޞަތުގައި ފައްރަޚުސީރު އެންގެވީ "އެ ރަސްގެފާނަށް (މުޡުހިރުއްދީނަށް) ރަސްކަން އަތުލާން މަސައްކަތްކުރުމަށް ރުފިޔާ ލައްކައެއް" ދިނުމަށެވެ. ނަމަވެސް އެ ރުފިޔާ ލައްކައަކުން އޭނާއކަށް ދިވެހިރާއްޖެއެއް ގަނެއެއް ނުލެވުނެވެ. އެ ވީ ނާކާމިޔާބަށް ފަހު އަނެއްކާ ވެސް މުޡުހިރުއްދީން އިންޑިއާގެ ދަނާދަރު ސޭޓް ކިޔާ މީހެއްގެ އެހީގައި ދެ ނަވާއި އޮޑިއެއްގައި ދިވެހިރާއްޖެއާ ޙަމަލާދޭން ތައްޔާރުކުރެއްވިއެވެ. މި ދަތުރު މި ރާއްޖެއަށް ދަތުރުކުރައްވަނިކޮށް ދިމާވި ޠޫފާނެއްގައި އޮޑިފަހަރު ބެހުނީއެވެ. ނަމަވެސް ސަލާމަތުން ރާއްޖެއަށް ފޯރި އޮޑިފަހަރުގެ ޙަމަލަތައް މާލެއަށް ފޯރިއެވެ. އެ އޮޑިފަހަރު މާލޭގެ ބަނދަރަށް އައީ 1123 ވަނަ އަހަރުގެ ރަބީޢުލްއައްވަލުމަހުގެ 23 ދުވަހުއެވެ. އެ ފަހަރު މާލެ ކައިރީގައި މާގަދަ ހަނގުރާމައެއް ނުކުރެވި އޮޑިފަހަރައިގެން ފުރީއެވެ. ނަމަވެސް ދާދި އަވަހަށް ދެވަނަ ޙަމަލާއެއް ރާވައިގެން އެ މީހުން އަނެއްކާ ވެސް އައެވެ. އެއީ 1124 ވަނަ އަހަރުގެ މުޙައްރަމްމަހުގެ 30 ވަނަ ދުވަހުއެވެ.

ދެން އަޅުގަނޑުމެންނަށް ފެންނަނީ ދިވެހި ދެ ދަރީން،  ނޫން އަގުހުރި ދިވެހި ދަރިއެއްގެ އަގެއް ނެތް ދެ ދިވެހި ދަރީން، ޤައުމުގެ ޢިއްޒަތާއި ކަރާމާތް އަމިއްލަ އެދުމަށް ޓަކައި، ބޭރު ބަޔެއް ކަމުގައި ހިމެނޭ އިންޑިއާގެ ހޮޅީން ނުވަތަ މަލާބަރީންނަށް ވިއްކައިލި ތަނެވެ. ޚިޔާނާތުގެ އިންތިހާއެވެ. އަގެއް ނެތް އިންސާނުންގެ ފުރިހަމަ ނަމޫނާއެކެވެ. އާދެ! އަލްޤާޟީ ޙަސަން ތާޖުއްދީންގެ ދެ ދަރީންކަމަށްވާ އަލްޤާޟީ މުހަންމަދު ޝަމްސުއްދީނާއި އަލްޚަޠީބު އަޚުމަދު މުޙުޔިއްދީން "މި ރަށުގައި މީހުން ފިތުނަވެރިވެ، ރޭގަނޑުގައި ރަށް ބަލަހައްޓައި ހޭލައި ދަމަށް ތިބުމެއް ނެތި ޣާފިލުވެއްޖައޫއެވެ. ތިޔަބައިމީހުން މިހާރު އަތުވެއްޖެ ނަމަ، ރާއްޖެ އަތުލައި މިލްކުކޮށްދިނުމަށް ތިޔަބައިމީހުން މައްޗަށެވެ." ކިޔައި ލިޔުނު ސިޓީތައް ކަންނަންނޫރު ވެރީންގެ އަތްމައްޗަށް އަރަމުން ދިޔަދިޔުމުގެ ނަތީޖާއަކަށްވީ ހޮޅީން މާލެ އައިސް އެތެރެކޯލަށް ވަދެ، އެތާ ހުޅުޖަހައި ރާއްޖޭގެ ރަދުންނާއި އަދިވެސް ބޮޑުން ގެންދިޔުމެވެ. މި ހިތާމަވެރި ހާދިސާ ހިނގީ 1166ހ. ވަނަ އަހަރުގެ ޞަފަރުމަހުގެ 13 ވީ ބުދަ މިލޭރެއެވެ. އާދޭހެވެ! ދިވެހީން އަޅުވެތިކަމުގެ ކަސްތޮޅުއެޅުނީއެވެ. އިންޑިއާގެ ބަޔަކު ނަމަވެސް ރާއްޖޭގެ ވެރީންކަމުގައި ގަބޫލުކުރާންޖެހުނީއެވެ. މިނިވަންކަމުގެ ޖައްވަކަށް ނޭވާލުމުން ދުވަސްކޮޅަކަށް ނަމަވެސް މަޙުރޫމުވީއެވެ. ނަމަވެސް ދިވެހިންނަކީ…. އަބަދުވެސް ދިވެހީންނެވެ. އެ މީހުންގެ ހިތުގެ އަޑީގެ އަބަދުގެ ވެސް އެދުމަކަށްވާ "މިނިވަންކަން" ހައްޓާ ހިތުގެ މިނިވަންކަން… އެ މީހުންނަށް ނެތި އޮތީ ވަރަށް ކުޑަ ދުވަސްކޮޅަކުއެވެ. މުލީގޭ ދޮން ޙަސަންމަނިކުގެ ރިއާސަތުގެ ދަށުގައި ދިވެހި ޒުވާނުން ކޮށްލި ހިންމަތަކުން ހަމަ އެ އަހަރު ޖުމާދަލްއާޚިރުމަހުގެ 3 ވީ އާދީއްތަ ވިލޭރޭ ހޮޅީންގެ ވެރި ކަނައްކަފޫޅު މަރައި، ދިވެހީންގެ ސިޔާދަތު ފަނާވުމެއް ނެތި އަބަދަށް ދެމި ހުންނާނޭ ގޮތުގައި މިލްކުކޮށްފިއެވެ. މި ލިބުނު ބޮނޑީން ވެސް ފިލާވަޅެއް ލިބިގަންނާން ނޭނގި، ކަންނަންނޫރުން އަނެއްކާ ވެސް ދެ ފުރެއްދެއޮޑި ހަތިޔާރާއި މީހުން ލައިފައި މާލެ ފޮނުވިއެވެ. ނަމަވެސް ކުރާނީ ކީއްތޯއެވެ؟ ވަމުން ދިޔައީ އެންމެ ކުލަގަދަ ނާކާމިޔާބީއެވެ. އެ މީހުންގެ މަކަރާއި ޙީލަތް ހުރިވަރު ބައްލަވާށެވެ! އިބްރާހީމް ރަސްގެފާނުގެ އާމިނާ ކަނބާފާނު ދިވެހި ރަނިކަމުގައި އިންވައި އެކަން ދޫކުރައްވައި އެ ކަމަނާގެ ފިރިކަލުން ޝަހީދުވި އައްޑޫ މުޙަންމަދު ކުޑަބަނޑޭރި ތަކުރުފާނުގެ މުޙަންމަދު ދޮށިމޭނާ ތަކުރުފާނުގެ ޢަލީ މަނިކުފާނާއެކު މާލެ ދޫކުރައްވައި އައްޑުއަށް ވަޑައިގަތުމުން، އެކި ސިފަސިފައިގައި ނަސޭހަތްދީގެން އިންޑިއާއަށް ގެންދިޔުމަށް މަސައްކަތްކުރީ ކޮން މަޤްޞަދެއްގައިބާވައެވެ؟ މި ސުވާލުގެ ޖަވާބު މުސްތާޤުބަލުގެ މުއައްރިޚުންނަށް އަޅުގަނޑު ދޫކުރަމެވެ. މި ދެންނެވި ދެމަފިރިކަނބަލުން އައްޑޫން އިންޑިއާއަށް ދަތުރުކުރެއްވި އަރުމާޒު، މާލޭ ގުރާބުތައް ނުކުމެ އަތުލީ ކެލާ ކަނޑާ ހަމައިންނެވެ. މި އަތުލައިގަތް އޮޑިފަހަރުގައި ނުހިމެނި މަލިކަށް ފޯރި އެއް އޮޑީގައި މި ދެންނެވި ޢަލީމަނިކުފާނުގެ ބޮޑުބޭބޭގެ ދަރި އަޙުމަދުތަކުރުފާނު ވިއެވެ. މި އަޙުމަދުތަކުރުފާނު އެތައް ފަހަރެއްގެ މަތީން ކަންނަންނޫރު މީހުން ގޮވައިގެން އެ މީހުންނަށް ރާއްޖެ އަތުލައިދިނުމަށް ހަނގުރާމައަށް އައެވެ. އެންމެ ފަހުން ކަންނަންނޫރު ރާޖާގެ އަމުރަށް އޭނާ ޤަތުލުކުރަންދެން އޭނާލައްވައި އެ މީހުން އެ ބޭކާރު މަސައްކަތްކުރުވިއެވެ.

ތިލަދުންމަތީ ދޮނަކުޅިއަކީ ދެކުނުއިންޑިއާގެ މީހުން ވަރަށް ފަސޭހައިން އެ ރަށަކަށް ފައިބައި ފަސްބާޑިޖަހައި ހަނގުރާމައަށް ތައްޔާރުކޮށްލާ ރަށެކެވެ. މި ގޮތުން 1167 ވަނަ އަހަރުގެ ޛިލްޙިއްޖާ މަހުގެ ތިންވަނަ ދުވަހު ކަންނަންނޫރުން އައި ހަނގުރާމަމަތީ ދެ އޮޑިއާއި ތިން ނައު އެ ރަށަށް އައެވެ. އެ މީހުން އެ ރަށް ހަނގުރާމައަށް، މަތީގައި ދެންނެވި ފަދައިން، ތައްޔާރުކުރިއެވެ. އަދި އެ ހިސާބުގަނޑުގެ ރަށްރަށުގެ ފަޤީރުން އަތުން ތަކެތި ފޭރި، އަނިޔާކުރިއެވެ. މި ޚަބަރު މާލެއަށް އިވުމުން އެ މީހުންނާ ހަނގުރާމައަށް ވަޑައިގަތީ ދިވެހި ހިތްވަރާއި ފަންވަރުގެ ނަމޫނާއަކަށް ހިމެނޭ ބަޠަލު މުލީގޭ ދޮން ޙަސަންމަނިކެވެ. މާ ގަދަ ހަނގުރާމައަކާ ނުލައި އެ މީހުން ބަލިކުރައްވައި އޭގެ ތެރެއިން އެތައް ބަޔަކު ޤަތުލުވުމުގެ ރަހަ ދުޝްމިނުންނަށް ދައްކަވައިފިއެވެ. ނަމަވެސް…. އިންޑިއާ ދިވެހީންގެ މައްޗަށް ދަހިލަވައިފައިވަނީ އެ ވަރުން އަދި އެ ދަހިވެތިކަން ކެނޑޭފަދަ މިންވަރަކަށް ނޫނެވެ. އެހެންކަމުން…. ރަޢިއްޔަތުންގެ ތެރެއިން ކިތަންމެ ބަޔަކު ހަލާކުވިޔަސް…. ދިވެހީން ފަދަ ކުޑަ ގައުމެއްގެ އަތްދަށުވެ އަބުރު ގެއްލުނަސް… ހިމޭނަކުން ނުތިބެވުނެވެ. އެ މީހުން ގޮތްތައް ރޭވިއެވެ. ދިވެހީން ވެސް ގޮތްތައް ރޭވިއެވެ. މީގެ ތެރޭގައި ފުލުސޭރީ (ޕޮންޑިޗެރީ)ގައި ތިބޭ ފަރަންސޭސީންނާ ވާހަކަދައްކައިގެން ކުލީ ސިފައިން ރާއްޖެއަށް ގެންނެވުން ހިމެނެއެވެ. ވަރުގަދަ މުޢާހަދާއެއްގެ ދަށުން އޭގެ ބަޔަކު މާލެގެންނެވިއެވެ. މި މީހުންނަށް މާލެ އާދެވުނީ ކަންނަންނޫރުގެ "ހައިވަކަރު އޮޑިއަކާއި ބޮޑު ނަވަކާއި ސުލްފަކާއި" މާލެއައިސް ހަމަލައަށް ތައްޔާރުވެފައި ވަނިކޮށެވެ. އެއީ 1168 ވަނަ އަހަރުގެ ޖުމާދަލްއައްވަލުމަހުގެ 18ވީ ބުދަ ދުވަހުއެވެ. ދިވެހީންނާއި ފަރަންސޭސީންގެ ގުޅިފައިވާ ލަޝްކަރު ދިމާކޮށްލުމުން ކަންނަންނޫރުގެ އަރުމާޒު ދިޔައީ އަނެއްކާ ވެސް ދޮނަކުޅިއަށެވެ. ހަނގުރާމައިގެ ލަޝްކަރާއިގެން މި ފަހަރު ވެސް ވަޑައިގަތީ ޙަސަންމަނިކުފާނެވެ. އެ ހަނގުރާމައަށް ފަހު ފަރަންސޭސީންގެ 28 މީހުންގެ މައްޗަށް އެކުލެވޭ ބާރެއް މާލޭގެ ނާނޭ ބުރުޒުގައި ތިބެއެވެ. މި ހަނގުރާމައަށް ފަހު، ޙަސަން މަނިކުފާނު ވަރަށް ޚާއްޞަ ގޮތެއްގައި ހޮޅީން އަތުލައިގެން ގެންދިޔަ ދިވެހިރާއްޖޭގެ ރަދުން އަނބުރައި އަތުލެއްވޭތޯ ވަރަށް މަސައްކަތްކުރެއްވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެ ރަދުން މަލިކަށް ފޮނުވައިލީއެވެ. ދޫދޫމަތީން ދެކެވެމުން އަންނަ ވާހަކައިގައި އެ ރަދުންނަށް ވަރަށް އަނިޔާ ވެސް ކުރިކަމުގައި ބުނެވެއެވެ. އޭގެ ތެރޭގައި އަޅުގަނޑުމެންގެ އެ މާތް ރަދުންގެ ދެލޯފުޅު އަނދިރިކޮށްލި ކަމުގައި ވެސް ވާހަކަ ކިޔެއެވެ. މި ކަން ހިނގީ 1170 ވަނަ އަހަރުގެ ޝަޢުބާން މަހުގެ ތެރޭގައެވެ. އެ ރަދުން މަލިކުގައި އަވަހާރަވީ އެ އަހަރުގެ ޝައްވާލުމަހުގެ 7 ވީ ހޮނިހިރު ވިލޭރޭއެވެ. އިންޑިއާ މީހުންގެ އަތްދަށުގައި ހަތަރު އަހަރާއި 7 މަހާއި 24 ދުވަހު ހައްޔަރުވެ ހުންނެވުމަށް ފަހުއެވެ. އާދެ! މިނިވަން ޤައުމެއްގެ ވެރިއެއް ގަދަކަމުން ފޭރިގެން ގެންގޮސް ބަންދުކޮށްގެން ގެންގުޅުނު ފުރަތަމަ ފަހަރަކީ މިއީ ނޫންކަމަށް އަޅުގަނޑު އެއްބަހެވެ. ނަމަވެސް އަޅުގަނޑުމެން ދިވެހީންގެ މުޙުތަރަމު ރަސްކަލަކު އެއްވެސް ހަމައެއްލަމައެއް ނެތި، އެ ރަދުންގެ ރަސްކަމުގެ ކޯލުގައި އަލިފާން ޖަހައި، ހިފައި ހައްޔަރުކޮށްގެން އެހައި އަނިޔާވެރި ގޮތުގައި ގެންގޮސްގެން އުޅުނު ބަޔަކު އަޅުގަނޑުމެންނަށާއި އަޅުގަނޑުމެންގެ މިނިވަންކަމަށް ހުންނާނީ ކޮން ޙުރުމަތެއްތޯއެވެ! ކޮން ލޯތްބެއްތޯއެވެ! އެދޭނީ ކޮން ހެވެއްތޯއެވެ! ދިވެހީންގެ ރަސްގެފާނު އެ މީހުން ހިފެހެއްޓީ ހޮސްޓެޖެއްގެ ގޮތުގައި ނޫނީ ފަހެ ކިހިނެއްތޯއެވެ! މިއީ ބައިނަލްއަޤުވާމީ ގުޅުމުގެ ކޮން ފެންވަރެއްބާވައޭ އަޅުގަނޑު ހިތަށް އަރައެވެ. މިއީ ހަމަ އަޅުގަނޑުމެންގެ ކާބަފައިން ކުރިމަތިލައިފައިވީ ދުވަސްތަކެކެވެ. ހަމަކަށަވަރުން ވެސް އައިސް މާޒީއާ އެކުވެފައިވާ ދުވަސްތަކެކެވެ. ތާރީޚީ ލިޔުންތަކުން ސާބިތުކަމާއެކު ފެންނާން ހުރި ދުވަސްތަކެކެވެ.

ދެން އަނެއްކާ ވެސް ކަންނަންނޫރުގެ އެހެން ޙަމަލައެކެވެ. މި ފަހަރު ލަޝްކަރު އެކުލެވިގެންވީ 200 ކަންނަންނޫރު މީހުންނާއި 60 ތުރުކީންގެ މައްޗަށެވެ. މި މީހުން އައީ ދެ ގުރާބާއި ފަސް އޮޑީގައެވެ. ވެރިއަކަށް ހުރީ މުޙަންމަދު އިބްނި މުޙަންމަދު ޤަރުތަލީ ކިޔުނު ތުރުކީއެކެވެ. އައީ 1174 ވަނަ އަހަރު ޝަޢުބާން މަހު 27 ދުވަހުއެވެ. އެލެމުން ދިޔަ ހިތްވަރު ގަދަކޮށްލުމުގެ ގޮތުން ވެސް ތޯއްޗެކެވެ. ވަރަށް ގިނަ ތުރުކީން މި ފަހަރު ހަނގުރާމައަށް އައެވެ. ނަމަވެސް އެ މީހުން ހަނދާންނެތީ ހަނގުރާމައަށް މި އާދެވުނީ ދިވެހީންނާ އިދިކޮޅަށްކަމެވެ. މި މީހުން ފުރަތަމަ މަޑުކުރީ ވިހަމަނާފުށީ ބޭރުގައެވެ. ޖެހިގެން އައި ދުވަހު ދޫނިދޫ ގަލަށް އައެވެ. ދެން ފުނަދޫއަށާއި ހުޅުލެއަށް ބައިބައި ބާޑީ އަޅައި ތައްޔާރުކުރިއެވެ. ޙަމަލާ ދިނީ ރަމަޟާންމަހު ދެވަނައަށް އައި ބުރާސްފަތި ދުވަހު އެވެ. މި މީހުންގެ ޙަމަލާގައި އެ ދުވަސްވަރު ވިޔަފާރިކަމު އައިސް އޮތް ބަންގާޅު ނަވެއް ވެސް އަތުލިއެވެ. ދިވެހީންގެ ހަނގުރާމައިގެ ހުނަރުތަކުގެ ތެރޭގައ ހުޅުލެއަށް ސިއްރުން އަރައި އެ ރަށުގައި ހުރި ވަޅުތަކަށް ކޮކަޑިލުން ހިމެނުނެވެ. ހުޅުލޭގައި ތިބި މީހުން ވަރަށް ޙާލުގައި ޖެހިގެން ހިނގައްޖެއެވެ. އެއަށްފަހު ރޯނު ޖެހި އޮޑީގައި ބަޑިބަހައްޓައިގެން ފުނަދޫ ވަށައިގެން ބަޑިޖަހަމުން ދުއްވީއެވެ. ނަތީޖާއަކަށްވީ ރަމަޟާންމަހު 7 ވީ ހޯމަ ދުވަހު މާލެ ބަނދަރު ދޫކޮށް ފުރައިގެން އަނެއްކާ ވެސް ދޮނަކުޅިއަށް ދިޔުމެވެ. ދިވެހީންގެ ޙަމަލަ ދޮނަކުޅިއަށް ދިޔުމުން އެ މީހުން ފިލައިގެން ދިޔައީ 10 ތުރުކީން ތިލަދުންމައްޗަށް ދޫކޮށްފައެވެ.

އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން ދޮންބަނޑާއިންގެ ރަސްކަމުގެ ދުވަސްވަރަކީ ދެކުނު އިންޑިއާގެ މީހުން ދިވެހީންނަށް ދަހިވެތިވެ، ގިނަ ޙަމަލާތަކެއް ދީ އަދި ހަމަ އެހާ ހިއްވަރާއެކު ދިވެހީން އެ ޙަމަލާތައް ދިފާޢުކުރި ދުވަސްވަރެކެވެ. އެ ދުވަސްވަރު ނިމި އައްސުލްޠާން މުޙަންމަދު ޣިޔާޘުއްދީންގެ ރަސްކަމުގައި ވެސް ކުރީ ފަހަރެއްގައި ހޮޅީން ދިވެހިރާއްޖެ އަތްދަށުލައިގެން ތިބި ހަތަރުމަހާއި 20 ދުވަހުގެ ސަބަބުން އެ ލިބުނު "ފޮނި ރަހައެއްގެ" އަޅުގަނޑުމެންގެ ކުޑަކުޑަ ރާއްޖެ ހަނދާން ނައްތައެއްނުލެވުނެވެ. އެހެނީ 1172ހ. ވަނަ އަހަރު ޛިލްޤަޢިދާ މަހުގެ 28 ވަނަ ދުވަހު އަނެއްކާ ވެސް ކަންނަންނޫރުގެ އަރުމާޒެއް މާލެއާ ދިމާކޮށްފިއެވެ. މި އަރުމާޒު އެކުލެވިގެންވަނީ 6 ނަވާއި 9 އޮޑީގެ މައްޗަށެވެ. ވިހަމަނާފުއްޓާއި ދޫނިދޫޢާ ދެމެދަށް މަޑުކޮށް ހުޅުލެއަށާއި ފުނަދުއަށް ފައިބައި ހަނގުރާމައިގެ ހަތިޔާރުތައް ދުއްދައިފިއެވެ. ދެ ފަރާތުން ބަޑިތައް ޖެއްސެވެ. މާލޭ ބުރުޒަކުން ޖެހި ބަޑިއަކުން ޖެހި އޭގެ އެކަކު މަރުވެ ހުޅުލޭގައި ވަޅުލީއެވެ. އެ މީހާގެ މަހާނަ ދާދި ފަހަކާ ޖެހެންދެން ދިވެހީން ބެލެހެއްޓީ އެއީ ދުޝްމިނަކަސް އެ މީހެއްގެ ހަނދާނަށް ޙުރުމަތްތެރިކޮށް ހިތުމަކީ ދިވެހީން ކިބައިގައިވާ ސިފައެއްކަމުގެ ފުރިހަމަ ދަލީލެކެވެ. ކަންނަންނޫރުގެ ދުޝްމަނުން ޖެހި ބަޑީން މާލޭގެ ދެ އަންހެނުންނާއި އެ ތަނުން އެކެއްގެ އުރުގައި އިން ކުއްޖަކު މަރުވިއެވެ. އެ ފަހަރު ދުޝްމިނުން މާލެއަށް އުންޑަޖަހައިފައި 597 ބަޑި، މާލެއިން ދުޝްމިންނަށް 245 ބަޑި ޖެއްސެވެ. ކޮންމެއަކަސް އާދައިގެ މަތީން ނާކާމިޔާބުވެގެން ދިޔައީއެވެ.

1188ހ. ވަނަ އަހަރުގެ ތެރޭގައި ހަނގުރާމައަށް މާލެއައި ކަންނަންނޫރު ނަވެއްގެ ބަޔަކު ދިވެހި ފަހުލަވާނުން އަތުލައިގަތުމުން ދެން ތިބި މީހުން ތިލަދުންމައްޗަށް ގޮސް "ރަށްރަށް އަންދައި މުދާތައް ފޭރި ހަދައިފައި 450 މީހުން (ދިވެހީން) ގަދަކަމުން ހިފައި ނަވަށް ލައިގެން ކަންނަންނޫރަށް ގެންދިޔައީއެވެ. މި ހާދިސާ ހިނގީ އައްސުލްޠާން މުޙަންމަދު މުޢިއްޒުއްދީންގެ ރަސްކަމުގައެވެ.

މިއަށްފަހު، ދެކުނު އިންޑިއާގެ މީހުން ކަންނަންނޫރު މީހުންގެ ނަމުގައި ނުވަތަ މަލާބާރީންގެ ނަމުގައި އައިސް އަޅުގަނޑުމެންނާ ކުރި ހަނގުރާމަތަކުގެ ސިފައަށް ވަރަށް ބޮޑު ބަދަލު އަތުވެއްޖެއެވެ. އެހެނީ އައްސުލްޠާން މުޙަންމަދު މުޙީނުއްދީން (1 ވަނަ)ގެ ރަސްކަމުގައި ކަންނަންނޫރު ރާޖާ "އިހުގެ އަރައިރުން އައުކުރުމުގެ ފަތެއް ފޮނުވިއެވެ." އެ ފަތުގައި ޞަރީޙަ ޢިބާރާތުން ވަނީ "ހަމަ ތިމަން މީހުންގެ ރަށްތައް ފަދައިން ތިމަން މީހުންގެ އަމުރުގެ ދަށުގައި ދިވެހިރާއްޖެ" ވާކަމުގެ ދަޢުވާ ކޮށްފައެވެ. އޭނާ ބަޔާންކުރެއްވީ "ދިވެހިރާއްޖެއަށް ޙާޞިލުވާ މުދައު ތިންބައިކޮށް، އެއްބައި ދެ ޙަރަމްފުޅަށް، އަނެއްބައި ތިމަންބައިމީހުންނަށް، އަނެއްބައި ތިޔަބައިމީހުންނަށް"ކަމުގައެވެ. ދެން ހަމަ އެ ފަތުގައި ބިރުގަންނަވާން ބުނެފައިވަނީ "މި ވާހަކަ އިނގިރޭސީންގެ ބަހާދުރު އަހައިފިއްޔާއި" އެ މީހުންނަށް ވާގިދޭނޭކަމުގައެވެ. އަދި ހަމަ މިއާއެކު ކަންނަންނޫރު މީހުން  ދިވެހީން ބިރުގެންނެވުމަށް ބުނި ބަހުން އެ މީހުންގެ ޖާހިލުކަމާއި ސިކުނޑި ގެންގުޅުނު ދާއިރާ ސާފުވާނެއެވެ. އާދެ! އެ ފަތުގައި ބުނެއެވެ. "މި ބުނި ކަންތަކާއި އަދި އެހެން ވެސް ކަންތަކާ މެދުގައި ރޫމު ރަސްގެފާނު ކިބައިން ފަތް އަތުވެއްޖެއެވެ." އޭރު އެ ބުނާ ރޫމު ރަސްގެފާނު ކޮބައިބާވައެވެ! އިސްލާމުންގެ ކުރިމަތީގައި އެ ރޫމީން ގިއްގެޅި، ނަން ވެސް ނެތިވެ ފުހެވި ދިޔަތާ އޭރު ކިތައް ސަތޭކަ އަހަރުވެއްޖެބާއެވެ! އާދެ! މި ދެކޮޅުނުޖެހޭ ފަތް ލިޔުނީ 1343 ހ. ވަނަ އަހަރުގެ ޖުމާދަލްއައްވަލުމަހުގެ 17 ވީ ހުކުރު ދުވަހުއެވެ. މި ފަތުގެ ޖަވާބެއް ދިވެހީން ލިޔުނެވެ. ޝައްކެއް ނެތެވެ. މިއަދު އަޅުގަނޑުމެން ވެސް ގަބޫލު ނުކުރާ ފަދައިން އެއިރު ތިބި އަޅުގަނޑުއަޅުގަނޑުމެންގެ ލޮބުވެތި ކާބަފައިން [ވެސް] އެ ކުރި ދަޢުވާ ގަބޫލެއް ނުކުރިއެވެ. ހުރިހާ ރޮނގަކުން އެ ދަޢުވާ ރައްދުކުރިއެވެ. ހަމަ މި ދަޢުވާ އަލުން އައުކޮށް އެ އަހަރު ފަހުކޮޅު ފަތެއް 1144 ވަނަ އަހަރު ކަންނަންނޫރުން އައެވެ.

އާދޭހެވެ! މި ދުވަސްވަރުން ފެށިގެން ތާރީޚު މި ޒަމާނަށް އައީއެވެ. ނަމަވެސް ކުރީން ދެންނެވި އުނދަގޫތައް ވަކި ކުޑައެއް ނުވެއެވެ. އިޤުތިޞާދީ ގޮތުން ދަށުލުމާއި ރާއްޖޭގައި ކުރިއަށް ތިއްބެވި އެކިއެކި ޚާންދާނުގެ މެދުގައި ޖެއްސުން އަދި ދިވެހި ވިޔަފާރި އެކި ސިފަސިފައިގައި އެ މީހުންގެ އަތް މައްޗަށް ގެންދިޔުމާއި އަޅުގަނޑުމެންގެ މުއާޞަލާތުގެ ލަގަން ހިފަހައްޓާން ގަދައެޅުން މިހިރީ އެމީހުންގެ ފަރާތުން ލިބެމުން ދިޔަ އުނދަގުލެވެ. މުސްކުޅީން ބުނާ ފަދައިން "ކޮންމެ ބެއްދުމަކަށް ނެއްޓުމެއް ވެއެވެ." ދިވެހީން، މިއިން ކޮންމެ ނުރައްކަލަކަށް މައިތިރިއެއް ހެއްޖެވެ. ނަމަވެސް އުނދަގޫތައް ވަކި ކުޑަވި ކަމުގެ ނިޝާނެއް މިއަދަކު އަޅުގަނޑަކަށް ނުފެނެއެވެ.

ޝައްކެއްނެތެވެ. "ބޮޑު ބަހާރަތު"ގެ ރޭވުމުގެ އެއް މަޤުޞަދަކީ އިންޑިއާކަނޑެވެ. އެއާއެކު އެ ކަނޑުގައި ވާހައި ފައިދާއެކެވެ. ވާހައި ބައެކެވެ. މިއީ އަޅުގަނޑުމެން ނުދަންނަ ސިއްރެއް ނޫނެވެ. ނަމަވެސް ދިވެހީންގެ ހިތްވަރާއި ފަންވަރު، ކުޅަދާނަކަމާއި ދުރު ވިސްނުން މިހާތަނަށް ވަނީ ކާމިޔާބުކޮށްފައެވެ. އަޅުގަނޑުމެން އަޅުގަނޑުމެންގެ ކިބައިން ވަކި ނުކުރެވޭނެ މިނިވަންކަން ވަނީ މިނިވަން ދިދައެއްގެ ހިޔާ ދަށުގައި ދިފާޢުކޮށްފައެވެ. އަދިވެސް އަދި އަންނާން އޮތް ތަނަސް ވެސް މިއީ ހަމަ އެ އަގުހުރި ދިވެހި ދަރީންގެ ދަރީންކަން ސާބިތުކޮށްދޭނަމެވެ. މި ކުޑަކުޑަ ރާއްޖޭގެ ފަސްގަނޑުން އެންމެ ތަންކޮޅެއް ވެސް އަޅުވެތިކަމުގެ ދަށަށް ދިޔަ ނުދިނުމަކީ، ކޮންމެ ދިވެއްސެއް ފުރާނަ އެއްކޮޅަށް ލައި ކަނޑައަޅައިފައިވާ ޢަޒުމެއްކަން ދައްކައިދޭނޫއެވެ.

ކީރިތި ﷲ އަޅުގަނޑުމެން ދިވެހީންނަށް މާޒީގައި ވެސް ދެއްވި ފަދަ މިނިވަންކަމަކާއި ދިވެހި ގޮތްތަކެއް ޙާލުގައްޔާއި އަދި މުސްތަޤުބަލުގައި ވެސް ދެއްވާށިއެވެ! އާމީން!] (ނިމުނީ)

ހަސަންމަނިކުގެ ލިޔުން ނިމުނީއެވެ. އާދޭހެވެ! މި ނަކަލުކޮށްލީ ޙަސަން އަޙުމަދު މަނިކު މީގެ 42 އަހަރުކުރީން ލިޔުއްވައިފައިވާ ތާރީޚީ ލިޔުމެކެވެ. ދިވެހިރާއްޖެ 1965 ވަނަ އަހަރު މިނިވަންކަން އިޢުލާންކުރުމާއެކު ޗައިނާއިން ރާއްޖޭގެ މިނިވަންކަން ގަބޫލުކުރީމާ އިންޑިއާ ސަރުކާރުން އެ ކަމާ ތުންފިއްތައި ޗައިނާއަށް މަލާމާތްކުރި ކުރުމުގެ ވާހަކަ، އޭރު ރާއްޖޭގައި ނުކުތް "ވިޔަފާރި މިއަދު" ނޫހުގައި ލިޔެފައިވާތީ އެ ވާހަކަ ޙަސަން އަޙުމަދު މަނިކު ލިޔުއްވައިފައެއް ނެތެވެ. (އެކަމަކު މި ލިޔުމުގެ ނަކަލެއް ތިރީގައި އެ ވަނީއެވެ.)

އަދި މިއީ "ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލަ"އަށްވުރެ އަށެއްކަ އަހަރުގެ ކުރީގެ ލިޔުމަކަށްވާތީ، 1988 ގެ ނޮވެންބަރު 3 ގައި ރާއްޖެއަށް އައި ތަމަޅަ ބާޣީން ތަމްރީނުކުރީ ކޮން ބަޔެއް ކަމާއި އެމީހުން އެރޭ ފަތިހު މާލެއަރައި ޙަމާލާތަށް ދިން ޚަބަރު އެ ދުވަހު ހެނދުނު އިންޑިއާގެ ނޫސްތަކުގައި ލިޔުނީ، ލިޔާން އެނގުނީ ކިހިނެއް ކޮން ސަބަބަކާ ހުރެކަމެއް ޙަސަން އަޙުމަދުގެ ލިޔުމުގައި ބަޔާންކުރެއްވިފައެއް ނެތެވެ. އަދި އިންޑިއާ ސިފައިން ރާއްޖެ އައިއިރު ބާޣީން ފުރައިގެންދަނީކަމާއި ޕްރޮގްރެސް ލައިޓް ފައްތައިލީ ކީއްވެގެންކަމާއި ކޮން ބަޔެއްކަމެއް ވެސް އެ ލިޔުމުގައި ބަޔާންކުރެއްވިފައެއް ވެސް ނުވެއެވެ. އަދި 88’ގައި މާލެ އައި އިންޑިއާ ސިފައިން މާލެއިން ނުފައިބާން ދެއްކި ބަހަނާއާއި އެ މީހުން ރާއްޖެއިން ބޭރުކުރެވުނީ ރައީސް މައުމޫންގެ ކޮންފަދަ ޤުރުބާނީއަކާއި ޙިކުމަތުޢަމަލީއަކުން ކަމެއް ވެސް އެ ލިޔުމުގައި ބަޔާންކުރެއްވޭނެ ފުރުޞަތެއް ވެސް ނެތެވެ.

ކޮންމެއަކަސް ދިވެހި ތާރީޚުގައި ދިވެހީންނާއި އިންޑިއާއާ ދެމެދު އޮތް ގުޅުމާއި، އެކަމަކު އެ ފަދަ އެހެން ގައުމުތަކާ ދިވެހީންނާ ދެމެދު އޮތީ ކޮން ފަދަ މުޙުތަރަމް ގުޅުމެއްކަން ވަރަށް ސާފުކޮށް ތާރީޚު ބުނެދެއެވެ. ޙަސަން އަޙުމަދު މަނިކު ވަރަށް ޚުލާޞާ ގޮތެއްގައި ބަޔާންކުރައްވައިފައިވަނީ ތާރީޚު ބުނެދޭ ގޮތުން ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދުގައި އޮތީ ޒަމާންވީ ކޮން ފަދަ ގުޅުމެއްކަމެވެ. މާޒީގައި ދިވެހި ކާބަފައިން ތަޖުރިބާކޮށްފައިވަނީ އަޅުވެތިކުރާން މަސައްކަތްކުރުމާއި މިނިވަންކަން ޙިމާޔަތްކުރާން ކުރެވުނު އުނދަގޫ ބުރަ މަސައްކަތްތަކެކެވެ. ދިވެހި ޤައުމު މިއަދުގެ ޖީލާ ހަމައަށް ދިވެހި ކާބަފައިން ގެނެސްދިނީ މި ގޮންޖެހުންތަކާ އެކީގައެވެ. ކަމުގެ ވައްޓަފާޅިއާއި މާގަ ބަދަލުވެފައި ވިޔަސް އިސްވެ ދެންނެވުނު "ގުޅުމުގެ" ޙަރަކާތަކަށް އަދިއަދަށް ދާންދެން ވެސް ބަދަލެއް ނާދެއެވެ. ފަނޑުކަމެއް އައީ ދިފާޢީ މަސައްކަތަށެވެ. ދިފާޢީ ލަޝްކަރު މިއަދު ފެންނަނީ ޙަމަލާދޭ ލަޝްކަރަށް ވާގިވެރިވާ ތަނެވެ. ނަމަވެސް މި ކަންކަން ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅުންގެ ހަނދުމަފުޅުން އެ ކަންކަން ފިލައި ގޮސް، ޙިމާޔަތުގެ މަސައްކަތާ އިދިކޮޅަށް، އަޅުވެތިކުރުމުގެ މަސައްކަތުގެ ވާގިވެރީންނަށް ވެވަޑައިގެން ތިއްބެވުމަކީ ދިވެހި ޤައުމު ކަރުނައަޅާ ކަންކަމެވެ. އެއީ ވެސް ދުވަހެކެވެ. މިއީ ވެސް ދުވަހެކެވެ.

ކޮންމެއަކަސް މިއަދުގެ ޙާލަތު އެނގޭނީ މިއަދުގެ ދަރީންނަށެވެ. މިއަދު މި ޙާލަތު ދިވެހީންނަށް މެދުވެރިކުރުވި ޚާއިނުންނާއި ޣައްދާރުން ތިބިކަމަށް ވާނަމަ، އެ މީހުންގެ ނަންތައް ވަރަށް ހުތުރުކޮށް މި ޖީލުގެ އަތްތަކުން ދިވެހި ތާރީޚުގައި ލިޔާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. ޙަސަން އަޙުމަދު މަނިކު ފަދަ ކުޅަދާނަ ލިޔުންތެރީން މިއަދު މަދަސް މި ކަންކަން މި މަގަށް ކުރާނެ ޤައުމީ ދަރީން މި ލޮބުވެތި ފަސްގަނޑުން ނުކުންނާނެކަމާމެދަކު އަޅުގަނޑު ޝައްކެއް ނުކުރަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
5

One Response

  1. މަރުޙޫމް ޙަސަން އަޙުމަދު މަނިކަނީ ހައްގަށް ވާޙަކަފުޅުދެއްކެވި ޤައުމީ ގަލަމެއް. (މާތް ﷲ އޭނާއަށް ރަޙުމަތްލައްވާށި!) މި މުހިންމު ލިޔުން މިހާ މުނާސަބު ވަގުތެއްގައި އަދިވެސްގެ ލިޔުންތެރީން ގެނެސްދީފައިވާތީ ވަރަށް ބޮޑަށް ޝުކުރުވެރިވަން. މިއީ ދިވެހި ކޮންމެ ދަރިއަކު ޢިބްރަތް ލިބިގަންނާންޖެހޭ މުހިންމު ލިޔުމެއް. މި ލިޔުން ގިނަގިނައިން ވީހައި ގިނަ ބަޔަކަށް ޙައްސާކުރުމަކީ މުހިންމު ކަމެއް. އަދި ސަރުކާރުން އިސްވެ މި ކަންތައްތަކާ ވިސްނާނެކަމަށް އުންމީދުކޮށް ރާއްޖޭގެ ވެރީންނަށް ހެޔޮ ވިސްނުން ދެއްވުން އެދި ދުޢާކުރަން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *