Support Us

ކަޢުބު ބިން އަޝްރަފްގެ ކިއްލާ

މާތް ނަބިއްޔާ އަށް ލަޢުނަތް ދިން ކަޢުބު ބިން އަޝްރަފް ޤަތުލުކުރުން..!

ކަޢުބު ބިން އަޝްރަފަކީ ޔަހޫދީންގެ ބޮޑެކެވެ. އަދި ޅެންވެރިއެކެވެ. ބަދުރު ހަނގުރާމައިން މުސްލިމުންނަށް ނަޞްރު ލިބި އެ ޚަބަރު މަދީނާއަށް ދިޔުމުން އެކަމާ ވިދިގެން އޭނާ ބުންޏެވެ. "މި ޚަބަރު ތެދުނަމަ ބިންގަނޑު މަތީގައި ތިބުމަށްވުރެ، ބިންގަނޑުގެ ދަށުގައި ތިބުންވެސް އަހަރެމެންނަށް މާރަނގަޅެވެ." (މާނައަކީ ޤުރައިޝުންގެ ކާފަރުން ނާކާމިޔާބުވުމުން، ދިރިއުޅުމުގައި މާ ބޮޑު ހެވެއް އެބައޮތްްހެއްޔެވެ؟ އަހަރެމެންނަށް މަރުވުންވެސް މާރަނގަޅެވެ.) ދެން އޭނާ މުޝްރިކުން ބަލިވުމުން އެކަމާ ހިތާމަކޮށް ޅެންކިޔައި އަދި ނަބިއްޔާ އާއި މުސްލިމުންނާ ދެކޮޅަށް ޅެންހަދައި ވާހަކަ ދައްކަންފެށިއެވެ. އެއަށްފަހު އޭނާ މައްކާއަށް ގޮސް އެމީހުންގެ ހިތާމައިގައި ބައިވެރިވުމުގެ ގޮތުން ޅެން ކިޔައި ހެދިއެވެ. އަދި އޭނާ ޅެން ކިޔަމުން ގޮސް މުސްލިމް ކަނބަލުންނާ ބެހޭގޮތުންވެސް ޅެން ހަދައި ކިޔަންފެށިއެވެ. މިކަމާ ގުޅިގެން މާތް ނަބިއްޔާ މުޙައްމަދު ﷺ ހަދީޘް ކުރެއްވިއެވެ.

من لي بكعب أبن الأشرف فأنه قد أذن ألله و رسوله

މާނައީ: "ކަޢުބު ބިން އަޝްރަފްގެ މައްސަލަ ނިންމާލަދޭނީ ކާކުހެއްޔެވެ؟ ފަހެ ހަމަ ކަށަވަރުން، އޭނާ الله އާއި އެ އިލާހުގެ ރަސޫލާއަށް އުނދަގޫކޮށް ދުއްތުރާދީފިއެވެ."

އެހެން ހަދީޘް ކުރެއްވުމުން، މަދީނާގެ އައުސް ވަންހައަށް ނިސްބަތްވާ އަންސާރިއްޔަ ބޭކަލެއް ކަމުގައިވާ މުޙައްމަދު ބިން މަސްލަމާ ވިދާޅުވިއެވެ.

"އޭ الله ގެ ރަސޫލާއެވެ! އަޅުގަނޑު އެކަންތައް ކުރާނަމަވެ. ކަލޭގެފާނު އެދިވަޑައިގަންނަވަނީ އެކަލޭގެ ޤަތުލުކުރުމަށްތޯއެވެ؟"

މާތް ނަބިއްޔާ މުޙައްމަދު ﷺ ޙަދީޘް ކުރެއްވިއެވެ. "އާނއެކެވެ!" އެހެން ޙަދީޘުކުރެއްވުމުން، އެކަން ކުރައްވަން މުޙައްމަދު ބިން މަސްލަމާ ވަޢުދުވެވަޑައިގެންނެވިއެވެ. އަދި ކަޢުބު ބިން އަޝްރަފް ޤަތުލުކުރުމުގެ މަސައްކަތާ އޭނާ ޙަވާލުވެވަޑައިގެންނެވިއެވެ.

އެއަށްފަހު، ގެއަށް ވަޑައިގެން ކަޢުބު ބިން އަޝްރަފް ޤަތުލުކުރާނެ ގޮތަކާ މެދު ވިސްނެވިއެވެ. އަދި އެ ކަން ކުރުމަށް ހުރި ހުރަސްތަކާއި ބައެއް އުނދަގޫތައް ވިސްނިވަޑައިގަތެވެ. ސަބަބަކީ، ކަޢުބު ބިން އަޝްރަފް ދިރިއުޅެނީ ބޮޑު ކިއްލާއެއްތެރޭ ކަމުގައިވާތީއެވެ. އަދި އެ ހިސާބަކީ ޔަހޫދީން ދިރިއުޅޭ ހިސާބުގަނޑެއް ކަމަށްވެފައި އޭނާ ވަށައިގެން އޭނާގެ އެކުވެރިން ދިރިއުޅޭތީއެވެ. މިހެންވެ އޭނާ ޤަތުލުކުރުމަކީ ވަރަށްވެސް އުނދަގޫ ކަމެއް ކަމުގައިވިއެވެ. ވުމާއެކު، އެކަމާ މުޙައްމަދު ބިން މަސްލަމާ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަތެވެ. އަދި ކަންބޮޑުވެލެއްވި ބޮޑުކަމުން ގޮސް ފަރިއްކުޅުވަންވެސް ދަތިވިއެވެ. ތިން ދުވަސް ވަންދެން ކެއިންބުއިމަށް ބޭނުންކުރެއްވީ ކިރިޔާ ދިރިހުރެވޭ މިންވަރަށެވެ. އެހާމެ މަދުންނެވެ. މި ޚަބަރު މާތް ނަބިއްޔާ މުޙައްމަދު ﷺ އަށް ލިބިވަޑައިގަތެވެ. އެހެންކަމުން މުޙައްމަދު ބިން މަސްލަމާ ގެންނަވާ ސުވާލުކުރެއްވިއެވެ.

"އޭ މުޙައްމަދު ބިން މަސްލަމާއެވެ! ތިބާގެ މައްސަލައަކީ ކޮބައިތޯއެވެ؟ ތިބާ ކެއުންބުއިން ހުއްޓަވައިލެއްވި ވާހަކައަކީ ތެދެއްތޯއެވެ؟" މުޙައްމަދު ބިން މަސްލަމާ ވިދާޅުވިއެވެ. " އާދޭހެވެ!" އެހިނދު އެގޮތަށް ކަންތައްކުރެއްވީ ކީއްވެގެންތޯ މާތް ނަބިއްޔާ މުޙައްމަދު ﷺ ސުވާލުކުރެއްވިއެވެ. އޭނާ ދެންނެވިއެވެ. "އަޅުގަނޑު ކަލޭގެފާނަށް ކަމަކަށް ވަޢުދުވީމެވެ. އަދި އަޅުގަނޑު ކަންބޮޑުވަނީ އަޅުގަނޑަށް އެ ވަޢުދު ފުއްދޭނެބާއޭ ހިތަށް އަރާތީއެވެ!"

މާތް ނަބިއްޔާ މުޙައްމަދު ﷺ ހަދީޘްކުރެއްވިއެވެ. "ތިބާ ހަމައެކަނި ކުރައްވަން އޮތްހާވެސް ކަމަކީ ތިބާއަށް ކުރެވުނު މަސައްކަތެއް ކުރެއްވުމެވެ. ދެން އެއަށްފަހު ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އެކަމެއް ދޫކޮށްލައްވާށެވެ."

މުޙައްމަދު ބިން މަސްލަމާ މާތް ނަބިއްޔާ މުޙައްމަދު ﷺ އަރިހުގައި ވިދާޅުވިއެވެ. "އޭ الله ގެ ރަސޫލާއެވެ! އެހެންވީއިރު ކަލޭގެފާނާ ދެކޮޅަށް ވާހަކަ ދެއްކުމުގެ ހުއްދަ ދެއްވަފާނަންތޯއެވެ!" (ރާވާފައިވާ ރޭވުމުގެ އެއްބައިގައި އަޅުގަނޑުމެން ކަލޭގެފާނާ ދެކޮޅަށް ވާހަކަ ދައްކަން ޖެހެއެވެ!) ދެން މާތް ނަބިއްޔާ މުޙައްމަދު ﷺ ޙަދީޘްކުރެއްވިއެވެ. "ތިބާ ބުނަން ބޭނުންވާ ކޮންމެ އެއްޗެއް ބުނާށެވެ!"

ދެންފަހެ މުޙައްމަދު ބިން މަސްލަމާ އޭނާގެ ޤަބީލާ ކަމުގައިވާ އައުސްވަންހައިގެ އަންސާރުންގެ ތެރެއިން ކުޑަކުޑަ ޖަމާޢަތަކާއެކު ކަޢުބު ބިން އަޝްރަފުގެެ ކިއްލާއަށް ފުރަތަމަ ފަހަރު ޒިޔާރަތް ކުރިއެވެ. ދިޔަ މީހުންގެ ތެރެއިން އެކަކީ އަބޫ ނައިލާއެވެ. ބަޔާންވެފައިވާ ގޮތުން އޭނާއަކީ ކަޢްބު ބިން އަޝްރަފްގެ މައިންބަފައިން ބަލާ ބޮޑުކުރި، އޭނާއަށް ބޭބޭ ކިޔާ، ކިރުގެ ގޮތުން އޭނާގެ އަޚެކެވެ. އެ ބޭކަލުން ކަޢުބު ބިން އަޝްރަފްގެ ގާތަށް ގޮސް މާތް ނަބިއްޔާ މުޙައްމަދު ﷺ އަށް ނިސްބަތްކޮށް ކިޔަންފެށިއެވެ.

"މި މީހާއަކީ اللهގެ ފަރާތުން އަހަރެމެންނަށް އައި ބޮޑު އިމްތިހާނެކެވެ. އަދި އޭނާގެ ސަބަބުން ހުރިހާ ޢަރަބިން އަހަރެމެންނާ ދެކޮޅަށް ހަނގުރާމަކޮށް އަހަރެމެންނަކީ ދުޝްމަނުންގެ ގޮތުގައި ދެކެއެވެ."

ކަޢުބު ބިން އަޝްރަފް ބުންޏެވެ! "އަހަރެން ކުރިންވެސް ބުނީމެއްނޫން ހެއްޔެވެ. އަދި ކަލޭމެންނަަށް ކުރިއަށް އޮތް ތަނުގައި މިއަށްވުރެ މާގިނަ އުނދަގޫތަކާ ކުރިމަތިވާނެއެވެ."

މުޙައްމަދު ބިން މަސްލަމާ ވިދާޅުވިއެވެ. "އަހަރެމެން މަޑުން މިތިބެނީ މި ހުރިހާ ކަމެއް ނިމިގެންދާ ގޮތް ބަލާށެވެ. އޭ ކަޢުބުއެވެ! މި މީހާއާ ހެދި އަހަރެމެންގެ މާލީ ހާލަތު އިންތިހާއަށް ދަށަށް ހިނގައްޖެއެވެ. އަހަރެމެން ތިބާއަތުން އަނބުރާ ދޭގޮތަށް ފައިސާކޮޅެއް ބޭނުންވެއެވެ. އަދި އޭގެ ބަދަލުގައި ގެރެންޓީއެއްގެ ގޮތަށް އަހަރެމެން ތިބާގެ އަތުގައި ކޮންމެވެސް އެއްޗެއް ބަހައްޓާނަމެވެ."

ކަޢުބު ބިން އަޝްރަފް ބުންޏެވެ. "ތިހެންވީއިރު ކަލޭމެންގެ ދަރިން އަހަރެންގެ ގާތު ބައިތިއްބާށެވެ!"

މުޙައްމަދު ބިން މަސްލަމާ ވިދާޅުވިއެވެ. "އަހަރެމެންގެ ދަރިން މިކަމަށް ދޫކޮށްލައިފިނަމަ އެ ދަރިންގެ މުޅި ޙަޔާތުގެ ބާކީ އޮތް ބައިގައި، މީހުން އެ ކުދިންނާ ދިމާލަށް ކިޔަމުން ދާނީ، ކުޑަކުޑަ ވިޔަފާރީގެ މުޢާމަލާތެއް ކުރުމަށް އެމީހުންގެ ނަފްސުތައް އެމީހުންގެ މައިންބަފައިން ބޭނުންކުރި ކަމަށެވެ. އެކަމުގެ ސަބަބުން އެކުދިންގެ މުޅި ޙަޔާތުގައިވެސް ކުރިމަތިލާންޖެހޭނީ ލަދުވެތިކަމާއެވެ!"

ކަޢުބު ބިން އަޝްރަފް ބުންޏެވެ. "ތިހެންވިއިރު ކަލޭމެންގެ އަނބީން އަހަރެންގެ ގާތުގައި ބައިތިއްބާށެވެ!"

މުޙައްމަދު ބިން މަސްލަމާ ވިދާޅުވިއެވެ. "އަހަރެމެންގެ އަނބިިން ތިބާގެ ގާތަށް ދޫކުރެވޭނީވެސް ކިހިނަކުން ހެއްޔެވެ؟ ތިބާތީ އެންމެ ރީތި މީހާއެވެ. އެކަމަކު އަހަރެމެން އަހަރެމެންގެ ހަތިޔާރުތައް ތިބާއާ ހަވާލުކޮށްފާނަމެވެ."

ކަޢުބު ބިން އަޝްރަފް ބުންޏެވެ. "އެންމެ ރަނގަޅެވެ."

މުޙައްމަދު ބިން މަސްލަމާ ބޭނުންވީ ކަޢުބު ހައްދާލާށެވެ. އެއީ އެ ބޭކަލުން ދެން އަންނަ ފަހަރު ހަތިޔާރުތައް ގެންނައިރު ކަޢުބު އެމީހުންނާ މެދު ޝައްކު ކުރުމުން ދުރުކުރުމަށެވެ. އެއަށްފަހު، އެބައިމީހުން މަޝްވަރާކޮށް އެންމެ ރަނގަޅު ވަގުތަކީ ކޮބައިތޯ ބަލައި، ރޭގަނޑުގައި ކަޢުބު ބިން އަޝްރަފާ ބައްދަލުކުރުމަށް ނިންމެވިއެވެ. އަދި ރޭގަނޑު ދަންވަރު ކަޢުބު ބިން އަޝްރަފްގެ ގޭދޮށަށް ގޮސް، އޭނާއަށް ގޮވިއެވެ.

ކަޢުބުގެ އަންހެނުން ބުންޏެވެ. "އަހަންނަށް އޭނާގެ އަޑުން ލޭވަސް ދުވައެވެ."

ކަޢުބު ބުންޏެވެ. "ކަންބޮޑުނުވާށެވެ! އެއީ މުޙައްމަދު ބިން މަސްލަމާއެވެ. އަހަރެންގެ އެކުވެރިޔާއެވެ. އަދި އެއީ އަހަރެންގެ ކޮއްކޮ އަބޫ ނާއިލާއެވެ."

ކޮންމެއަކަސް މުޙައްމަދު ބިން މަސްލަމާ އެހެން ބޭކަލުންނަށް ކަޢުބު ބިން އަޝްރަފަށް ހަމަލާދޭނެ ވަގުތު ބުނެދިނެވެ.

މުޙައްމަދު ބިން މަސްލަމާ އެބޭކަލުންނަށް ދެންނެވިއެވެ. "އަހަރެން އޭނާގެ ބޮލުގައި ހިފާތަން ފެނުމުން ދެން ތިޔަބައިމީހުންގެ ކަނޑިތަކުން އޭނާ ކުދިކުދިކޮށްލާށެވެ."

ދެން ކަޢުބު އެމީހުންގެ ގާތަށް އައުމުން އެބޭކަލުން ބުންޏެވެ. "އަހަރެމެން ޝިޢުބަލް އަޖޫޒަށް ހިނގާފައި ގޮސް އެތާނގައި ވާހަކަ ދެއްކުމުގައި ރޭގަނޑު ހޭދަކޮށްލަން ހިނގާށެވެ؟"

ކަޢުބު ބުންޏެވެ. "އެންމެ ރަނގަޅެވެ. ހިނގާށެވެ."

އެތަނަށް ދެވެމުން މުޙައްމަދު ބިން މަސްލަމާ ކަޢުބު ބިން އަޝްރަފާ މުޙާތަބްކޮށް ދެންނެވިއެވެ. "ވާ! ތިބާގެ ގައިން މިދުވަނީ ހާދަ މީރު ވަހެކެވެ." (އޭނާ ހުރީ ބޮލުގައި ގޮމަކަސްތޫރި ނުވަތަ އެހެން ކޮންމެވެސް އަތަރެއް އުނގުޅައިގެންނެވެ.) "އަހަރެން ވަސް ބަލާލަން ހެއްޔެވެ؟"

ކަޢުބް ބުންޏެވެ. "އެންމެ ރަނގަޅެވެ. ކުރިއަށް ގެންދާށެވެ."

ދެން ކަޢުބު ބިން އަޝްރަފްގެ ބޮލުގައި ހިފާ ވަސްބަލާލައިފައި ބުންޏެވެ. "ހާދަ މީރު ވަހެކެވެ. އަދި އެއްފަހަރު ވަސް ބަލާލިއަސް އެންމެ ރަނގަޅު ހެއްޔެވެ؟"

ކަޢުބު ބުންޏެވެ. "އާނ! ކުރިއަށް ގެންދާށެވެ."

ދެން މުޙައްމަދު ބިން މަސްލަމާ ކަޢުބުގެ ބޮލުގައި ހިފާ އެހެން ބޭކަލުންނަށް އިޝާރާތްކޮށްލިއެވެ. އަދި ވަގުތުން އެބޭކަލުންގެ ކަނޑިތަކުން ކަޢުބަށް ހަމަލާދޭން ފެށިއެވެ. ނަަމަވެސް އެ ދެވުނު ހަމަލާތަކުން އޭނާ ރަނގަޅަށް މަރެއް ނުވިއެވެ. އެހެންކަމުން އޭނާ އެހީއަށް އެދި ހަޅޭއްލަވައިގަތެވެ. އެހިނދު އޭނާ އުޅޭ ކިއްލާތަކުގެ ހުރިހާ ބައްތިތައް އެއްފަހަރާ ދިއްލުނެވެ.

މުޙައްމަދު ބިން މަސްލަމާ ބުންޏެވެ. "އަހަރެންގެ އަތުގައި ޚަންޖަރެއް އޮތްކަން އެވަގުތު ހަނދާންވުމުން އެ ޚަންޖަރު ނަގާ އޭނާގެ ބަނޑަށް އެއްކޮށް ހަރާލާފައި އުނަގަނޑުގެ ކަށިތަކާ ޖެހެންދެން ތިރިއަށް ދަމައިގަތުމަށްފަހު، އަހަރެމެން އެތަނުން ދިޔައީމެވެ."

މިއީ އަހަރެމެންގެ މާތް ނަބިއްޔާ މުޙައްމަދު ﷺ އަށް ލަޢުނަތް ދިން މީހާއާ މެދު މުޙައްމަދު ބިން މަސްލަމާ އާއި އޭނާގެ ގަބީލާގެ އެކުވެރީން ކަންތައް ކުރެއްވި ގޮތެވެ.

މަސްދަރު: އަންވަރު އަލް-އައުލާޤީގެ ދަރުސް [ޑަސްޓް ވިލް ނެވަރ ސެޓްލެ ޑައުން]

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *