ރާގު: ގުރަހައިގެ ރަނުގެ ޗާންދަނީ…
ހަނދުވަރު ނަޔާ އެ ރީތި ރޭ، ކޮންފަދަ އުފާހެ ހޯދުނީ
ލަދުރަކި ކަމެއް ވިޔަސް އެރޭ، ލައްޒަތުގެ ތަކުން އުފާދިނީ
ފަރުދާ ވިލާގެ ކެހި ހަނދޭ، އަލިކަން ބިމަށް އެ ފޯރުވީ
ދަރުބާރުގައި ދެޖިސްމުވީ، އިޙްސާސް ތަކާއި ކުޅެލަނީ
ގުރަހައިގެ ރީތި ތަރިތަކުން، ފަލަކުން ވިދާލި އަލިކަމުން
ހުރަހެން ނުވާ ގޮތުން އުޑާ، އުދަރެސް އެރޭގެ ބަބުޅަނީ
މެންދަމުގެ ހަމަހިމޭން ކަމާ، ވައިރޯޅި ނަލަ ޖެހޭގޮތުން
ފެންތިކި ތަކެއްގެ ޒާތުގައި، ޝަބްބަމް މަލުން އެ އޮހޮރުނީ
ގަސްގަހުގެ މާމެލާމެލިން، އެއްވަސްވެ ފެތުރެމުން އެރޭ
ގަސްތާ ނުލައި ހިތަށް ލިބޭ، އުފަލޭ އަރާމަކަށް ވަނީ
ފަޖްރުގެ އަލީގެ ދޮންކަމަށް، އުދަރެސް ފުރޮޅިލުމާ އެކީ
ނަޖްމުގެ ރިވެތިކަމާ ހަނދުން، އަލިކަން ނިވައިވެ ފޮރުވުނީ
ދުވަހަކުފިލައި ނުދާނެ ހައި، ވަސްމީރު ވީ ޝަޒާޔަކުން
ސުވަރުގެ އެކޭ ހިތަށް އަރާ، ސިފައިން އެރޭގެ ސިފަވަނީ