...

Support Us

ކޮލަމް ކޯދު: ތަސްވީރަކާ ބެހޭ ވާހަކައެއް

ތަސްވީރުތަކުން އެ ފެންނަނީ އަށްޑިހައިގެ އަހަރުތަކުގެ ތެރޭގައި އިންޑިއާގައި މަޝްހޫރުވި ޓެމިލް އަދި މަލަޔާލަމް ފިލްމީ ތަރިއެކެވެ. އޭނާގެ ނަމަކީ ނިޝާ ނޫރެވެ. އޭނާއަކީ މުސްލިމެކެވެ.

ފިލްމީ ދުނިޔެއިން ބޭރަށް ފެންނަނީ ވަރަށް ވެސް އުފާވެރި މަންޒަރުތަކެވެ. ވިދާ ބެބުޅުމުގެ ދުނިޔެއެކެވެ. ފައިސާވެރިކަމާއި ޝުހުރަތުގެ އާލަމެކެވެ. ނަމަވެސް، މީގެ އިތުރުން، ފޮރުވިފައި އޮންނަ އަނދިރި ދުނިޔެއެއް ވެސް ފިލްމީ ދުނިޔެއާ ގުޅިފައި އޮވެއެވެ. އޭގެ ތެރޭގައި ޒުވާން އަންހެން ކުދިންގެ ނާޖާއިޒު ފައިދާ ނަގައި، ފިލްމީ ދާއިރާގެ އިސް ބައެއް މީހުންގެ ޖިންސީ ޝިކާރައަށްވެ، އެކަމުގެ ސަބަބުން އެ ކުދިންގެ މުޅި ހަޔާތް ބަރުބާދުވުން އޮންނަ އަނދިރި ދުނިޔެއެއް ވެސް ފިލްމީ ދާއިރާއާ ގުޅިފައި އޮވެއެވެ. ދާދި ފަހުން، މި ދުނިޔެ އެންމެ ބޮޑަށް ހާމަވެގެން ދިޔައީ ހޮލީވުޑްގެ ފިލްމު އުފެއްދުންތެރިޔާ ޖެފްރީ އެޕްސްޓައިންގެ އަމަލުތައް ފެންމަތިވުމުންނެވެ. އެތައްއެތައް އަންހެން ކުދިންނާއި އަންހެނުންނަށް ޖިންސީ ގޯނާކުރުމުގެ އަމަލުތަކެވެ.

ކޮންމެއަކަސް، ނިޝާ ނޫރު ވެސް ވެއްޓުނީ ފިލްމީ ދުނިޔޭގެ އަނދިރި ވަޅުގަނޑަކަށެވެ. ކާމިޔާބު އެތައް ފިލްމެއް ކުޅުމަށް ފަހު، ފިލްމީ ދާއިރާގައި މަސައްކަތްކުރާ އިސް ބައެއް މީހުންގެ ޖިންސީ ޝިކާރައަކަށްވެ، އެންމެފަހުން، ފިލްމީ ދުނިޔެއިން ނިކުމެ، ހަށިވިއްކަން އުޅެން ޖެހުނެވެ. އާޚިރު ނަތީޖާއަކަށްވީ އެއިޑްސް ބަލީގެ ޝިކާރައަކަށްވެ މަގުމަތިވުމެވެ. ތަސްވީރުން އެ ފެންނަނީ އެ މަންޒަރެވެ. ދެން ބަޔަކު އޭނާ ހޮސްޕިޓަލަށް ގެންދިޔައެވެ. އަދި، 2007 ގައި ހޮސްިޕިޓަލެއްގައި އޭނާ ނިޔާވެ، ދަޅަތަކުގެ މި ފަނާވަނިވި ދުނިޔެ ދޫކޮށް އޭނާ ދިޔައެވެ. (އޭނާގެ ފާފަތައް ފުއްސަވައި އޭނާއަށް ހެޔޮ ރަހުމަތްލައްވާށިއެވެ.)

މިއިން ލިބޭ ފިލާވަޅަކީ ކޮބައި ހެއްޔެވެ؟ ކޮންމެ އިންސާނަކަށް ވެސް، ޒުވާންކަމާއި އެ ޒުވާންކަމާ ގުޅިފައި އޮންނަ ތާޒާކަން ލިބެއެވެ. އެ ދުވަސްވަރު އޭނާގެ މޫނުމަތިން ހިތްތައް ދަމައިގަންނަ ރައުނަގީ،- ވިދާ ބަބުޅާ- އަލިކަން ފެނެއެވެ. ނަމަވެސް، މިއީ ވަރަށް ކުޑަ ދުވަސްކޮޅަކަށް ދެމިއޮންނަ ކަމެކެވެ. ދިހަވަރަކަށް އަހަރޭ ވެސް ބުނެވިދާނެއެވެ. އުމުރުން ތިރީހުގެ އަހަރުތަކަށް އެޅޭއިރަށް ޒުވާންކަމުގެ ތާޒާކަމާއި ރައުނަގު ފަނޑުވާން ފަށައެވެ. އަދި، ދެން އޮންނަ ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، މަޑުމަޑުން، އެކަމަށް ނިމުން އާދެއެވެ. ތާޒާ މަލެއް މިލައި މޯޅިވާ ފަދައިން ހަޔާތުގެ ޒުވާން ދައުރު މިލައި މޯޅިވެދެއެވެ. އެއީ ދުނިޔޭގެ ގާނޫނެވެ.

ޒުވާންކަމުގެ މި ހަގީގަތް މަތިން ހަނދާން ނައްތާލައި، ހިތު ހުރި ގޮތަކަށް ޒުވާންކަމުގެ ދުވަސްތައް ނަގާލަންވެއްޖެ ނަމަ، ކަންތައް ވަނީ ކިހިނެއް ހެއްޔެވެ؟ ނިޝާ ނޫރު ފަދައިން، މުޅި ހަޔާތް ބަރުބާދުވެގެން ދެއެވެ. ކުރިން ލިބިފައި އޮތް ޒުވާންކަމާއި ތާޒާކަން، ހަމަ އިސާހިތަކުހެން، ފަނޑުވެ ނެތި ދިޔުމުން، ބަލާލާނެ ލޯތަކެއް ނުވެއެވެ. ކުރިން ލިބިފައި އޮތް މީހުންގެ ސަމާލުކަމެއް ނުލިބެއެވެ. އާޚިރު ނަތީޖާއަކަށް ވަނީ ނިޝާ ފަދައިން އެކަނިވެރިވެ، އަދި ބައެއް ފަހަރު، 'މަގުމަތި' ވެސް ވުމެވެ. އެހެންވެ، ތިމާގެ ޒުވާންކަމުގެ ކެހިވެރިކަމުގެ ދަލުގައި، ތިމާގެ ނާދާނުކަމުގެ ސަބަބުން ވިޔަސް، ނުވަތަ އެހެން މީހެއްގެ ނޫނީ ބައެއްގެ ސަބަބުން ވިޔަސް، ނުޖެހިވޭތޯ ބަލަން ޖެހެއެވެ. މި މަގާމުގައި އަޅުގަނޑުމެންގެ އިހުގެ މަޝްހޫރު ޝާއިރު ހިޒާރު، ނުފޮޅޭ މަލަކާ މުޚާތަބު ކުރައްވައި ވިދާޅުވެފައިވާ ބަސްކޮޅެއް ނަކަލުކޮށްލުން އެންމެ ރަނގަޅު ކަމަށް ދެކެމެވެ.

"….ކަރުގަނޑުތެރަށް ޝަބާބުގެ ފަތިހުން އެއަންނަހައި

ހުރުމަތްވި ޝަބްނަމެއް ނުދިނުން އިހުތިޔާތަކީ

ޅަފުރައިގެ ފޮނިކަމަށް ޖުރުއަތުކޮށްލި ބާރުތައް

ނަފްސުން ދިފާއު ކުރުމޭ ވަރުގަދަވި ނަސްރަކީ

މެދުވެރިވަމުން ހިނގާއިރު ހަނގުރާމަތައް މިހެން

ލަދުވެތި ކަމޭ ދިފާއު ކުރާނޭ ސިލާހަކީ….

އިޔަހޫދި ރަނުގެ ގިރިޓީ ކުރަމުން އެދާ ކޮކާ

ހިޔަލަށް ކަލޭގެ ގޮސް އެކުރާހާ ސުއާލަކީ

ވަގުތީ މަޒާއެކޭ އެކި މާމަލުން ހޮވާ

އަގުކުޅައުމޭ ވަޒަން އެސުއާލުގެ ޖަވާބަކީ

ލުހިގެން ދިޔަސް ތަނޑުން ހިފަހައްޓާށެ ޝަރަފު މާތް

ޖެހިގަންނައިރު އެދުން ވެރި އެކި ދޫނިތައް އެކީ

ދޫނުކުރުމޭ ތިމާގެ ގަދަރު އެކި އެދުންތަކަށް

ހޫރުން ފަދައިން ތިމާ މޮޅުވާ އިމްތިޔާޒަކީ

ވެއްޓިއްޖެ ނަަމަ ބުނާ މި ގަދަރު ދޫވެ ފައިދަށަށް

ގެއްލިއްޖެ ޝަރަފު ނިކަމެތި ވިއްޔޭ ޚަސީސަކީ

އަނބުރާ ލިބޭނޭ އެއްޗެއް ނޫނޭ ތެދޭ އިނގޭ

ގަބުރާއި އެކުވެ ދިޔަޔަސް ގެއްލިއްޖެ އަބުރަކީ

 

އާދެ، ހިޒާރުގެ ފަށުވި އިބާރާތުން، ވިދާޅުވެފައިވާ ފަދައިން، ތިމާގެ ރީތިކަމަކީ ތިމާގެ ޝަރަފެވެ. އެ ޝަރަފު ދިފާއުކުރާ ސިލާހަކީ، ހަތިޔާރަކީ ލަދުވެތިކަމެވެ. އެކަން ކުރެވިއްޖެ ނަމަ، ހޫރުން ފަދައިން ތިމާ އަބަދުގެ އަބަދަށް މޮޅުވެ، ރީތިވެގެން ދެއެވެ. ނަމަވެސް، ލަދުވެތިކަން ނެތިގޮސް، ތިމާގެ މާތްކަމާއި ޝަރަފު، ތިމާގެ އަބުރާއި ގަދަރު، ގެއްލިއްޖެ ނަމަ، މަރުވެ ގަބުރާ އެކުވެ ދިޔަޔަސް، އެއީ އަނބުރާ ލިބޭނޭ އެއްޗެއް ނޫނެވެ. އެހެންވެ، ތިމާގެ އަބުރަށް ރައްކާތެރިވާން ޖެހެއެވެ.

މީހަކަށް ގޯހެއް ހެދިދާނެއެވެ. ނަމަވެސް، އެފަދަ ވަގުތެއްގައި، އެކަން ވީޑިޔޯކޮށް، އެކަން އިޝްތިހާރުވިޔަ ދިނުމަކީ ހަމަ ގައިމު ވެސް ބުއްދިވެރި ކަމަކަށް ނުވާނެއެވެ. އެކަން ތަކުރާރުވެއްޖެ ނަމަ، އެއީ އޮޅުމަކުންވީ ކަމަކަށް ގަބޫލުކުރުން ދަތިވެދާނެއެވެ. އަދި، ކިޔެއް ހެއްޔެވެ؟ އެކަންވާނީ ޚުދް ލަދުވެތިކަމަށް ގޮންޖަހާލާ ގޮންޖެހުމަކާއެވެ. މިކަމާ ދޭތެރޭ ފުންކޮށް ވިސްނާލައިފި ނަމަ، ހަގީގަތުގައި އެ ގޮންޖެހުން ރައްދުވަނީ ކޮންފަރާތަކަށް ހެއްޔެވެ؟ ތިމާ ހެއްދެވި ފަރާތަށެވެ! ކީރިތި ރަސޫލާގެ ޒަމާނުގައި އަރަބިން އެމީހުންގެ ގޮތް ދޫނުކޮށް ގޮންޖަހާލި ފަދައިންނެވެ. وإذ قالوا اللهم إن كان هذا هو الحق من عندك فأمطر علينا حجارة من السماء أو ائتنا بعذاب أليم، އެބައި މީހުން [އެބަހީ އަރަބި މުޝްރިކުން މިހެން] ބުނި މަތިން ހަނދުމަ ކުރައްވާށެވެ! ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއީ އިބަރަސްކަލާނގެ ބާވާލެއްވި ހައްގު [ބަސްފުޅު] ކަމުގައި ވަނީ ނަމަ، އަޅަމެންގެ މައްޗަށް އުޑުން ހިލައިގެ ވާރޭ އޮއްސަވާދޭނވެ! ނުވަތަ (އަޅަމެންގެ މައްޗަށް) ވޭންދެނިވި އަޒާބެއް ގެންނަވާ ހުށިކަމެވެ! (އަންފާލު ސޫރަތުގެ 32 ވަނަ އާޔަތް)

އާދެ، ތިމާގެ ޝަބާބުގެ ކެހިވެރިކަމުގައި ޖެހި ތިމާގެ ޝަރަފާއި ގަދަރު ގެއްލި، ތިމާގެ ހަޔާތް ބަރުބާދުވެގެން ނުދިޔުމަށްޓަކައި މި ނަންގަތް ގޮންޖެހުން ފަދަ ކަންކަން ކުރުމުން ދުރުވެ، މާޒީވެ ދިޔަ ދުވަސްތަކުން އިބުރަތް ލިބިގަންނަން ޖެހެއެވެ. މަތީގައި ނަންނެވުނު، ނިޝާ ނޫރުގެ ފަދަ ހިތާމަވެރި ހަޔާތްތަކުގެ ސަފުހާތަކުން ފިލާވަޅެއް ލިބިގަނެގެންނެވެ. ކީރިތި ގުރުއާނުގައި ހަނދާން ކޮށްދެވިފައިވާ ފަދައިންނެވެ. قُلْ سِيرُوا فِي الْأَرْضِ فَانْظُرُوا كَيْفَ كَانَ عَاقِبَةُ الْمُجْرِمِينَ. ކަލޭގެފާނު ވިދާޅުވާށެވެ! ދުނިޔޭގެ (ކަންކޮޅުތަކުގައި) ދަތުރުކުރާށެވެ. އަދި ކުށްކުރަމުންދިޔަ މީހުންގެ ނިމުން އައި ގޮތުގެ މައްޗަށް (ވިސްނުމުގެ) ނަޒަރު ހިންގާހުށިކަމެވެ! (ނަމްލު ސޫރަތުގެ 69 ވަނަ އާޔަތް)

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.