މިއީ މީގެ ދުވަސްތަކެއް ކުރީގެ ވާހަކައެކެވެ. އެ ދުވަސްވަރު ރާއްޖޭގައި އުޅުނު ވަރަށް މޮޅު އުފެއްދުންތެރިއެއްގެ ވާހަކައެކެވެ. ތަފާތު އެއްޗެހި އޭނާ އުފައްދާ އުޅުނެވެ. އެކިއެކި ވައްތަރުގެ މަސައްކަތުގެ އާލާތްތަކެވެ. ވަޑާން ކުރަން ބޭނުންކުރާނޭ ކަރަންޓު ކީހާއި ރޮންދާއެވެ. ކަރަންޓު މަރުތޭލައާއި ކަރަންޓު ކަތުރެވެ. އޭނާގެ އެންމެ ފަހުގެ އުފެއްދުމަކީ ދޮގު ހަދާކަން ބުނެދޭ މެޝިނެކެވެ.
ދޮގުހަދާކަން ބުނެދޭ މެޝިނުގެ އެންމެ އަޖައިބުކަމަކީ މީހަކު ދޮގެއް ހަދައިފި ކަމަށް ވަންޏާ މެޝިނުގެ ތެރެއިން އަތެއް ނިކުމެ އޭނާގެ މޫނުމަތީ ޖަަހަނީއެވެ. ރަށު އެންމެންވެސް މި މެޝިނު ފެނި، އުފެއްދުންތެރިޔާއަށް ވަރަށް ތައުރީފުކުރިއެވެ.
މެޝިނުގެ ވާހަކަ ރަށުތެރޭގައި އެނބުރެމުން ސެނބުރެމުން ގޮސް ރައީސްގެ ގަނޑުވަރުކޮޅު ތެރަށް ވެސް ވަނެވެ. އަދި، ރައީސަށް ވެސް ދޮގު ހަދާ މެޝިނުގެ ޚަބަރު ލިބިވަޑައިގަތެވެ. ދެން ރައީސް ނިންމެވީ އުފެއްދުންތެރިއާ އަށް އިނާމެއް ދެއްވުމުގެ ގޮތުން ބޮޑު އަގެއް ދެއްވާފައި އޭނާ އަތުން މެޝިނު ބައްލަވައިގަންނާށެވެ. ވަޒީރުންނާއި ބޮޑެތި ވަޒީފާތަކުގައި އުޅޭ މީހުންގެ ތެދުވެރިކަން ހުރިނެތް ވަރެއް ބައްލަވާލެއްވުމުގެ ގޮތުން ވެސް މެއެވެ.
ކޮންމެއަކަސް ރައީސް މެޝިނު ބައްލަވައިގަތެވެ. އަދި، ވަޒީރުންގެ އިޚުލާސްތެރިކަން ހުރިނެތް ވަރު ބައްލަވާލެއްވުމުގެ ކުރިން ނިންމެވީ ގޭގައި މެޝިނު ޓެސްޓުކޮށްލެއްވުމަށެވެ.
ދެން ރޭގަނޑު ފަރިއްކުޅުއްވާން ވަޑައިގަތީ މެޝިނުވެސް ހިއްފަވައިގެންނެވެ. ފަރިއްކުޅުއްވާން ފެއްޓެވުމުގެ ކުރިން ރައީސް ދަރިކަލުންނަށް ވިދާޅުވިއެވެ. ދަރިފުޅާއެވެ. މިއަދު މަދަރުސާ ކަންތައް ދިޔައީ ކިހިނެއް ހެއްޔެވެ؟
ޖަވާބުގައި ދަރިފުޅު ދެންނެވިއެވެ. ވަރަށް ވެސް ރަނގަޅަށެވެ. ހުރިހާ ފިލާވަޅެއްވެސް ވަރަށް ރަނގަޅަށް ހެދީމެވެ.
މިހެން ނުބުނެވި އުޅެނިކޮށް މެޝިނުގެ އަތް ނިކުތެވެ. އަދި، ދަރިކަލުުންގެ މޫނުމަތީ ތަފާވަރެއް ޖެއްސެވެ.
ދެން ދަރިފުޅު ބައްޕައަށް ދެންނެވިއެވެ. އެންމެ ރަނގަޅެވެ. މިއަދު އަޅުގަނޑު އިސްކޫލަށް ނުގޮސް ދިޔައީ ރައްޓެހި ކުއްޖެއްގެ ގެއަށެވެ. ގޮސް ފިލްމު ބެލީއެވެ.
ބައްޕަ އިތުރަށް އޮޅުންފިލުވަން ބޭނުންފުޅުވެގެން ވިދާޅުވިއެވެ. ދަރިފުޅުމެން ބެލީ ކޮންކަހަލަ ފިލްމެއް ހެއްޔެވެ؟
އެއީ ފިލާވަޅާ ބެހޭ އިނގިރޭސި ފިލްމެކެވެ.
އަނެއްކާވެސް މެޝިނުގެ އަތް ނުކުމެ ދަރިފުޅު މޫނުމަތީ ސައްޕެއް ޖެއްސެވެ.
ދެން ދަރިފުޅު ވަރަށް ޖެހިލުންވެ ހުރެ ބައްޕައަށް ދެންނެވިއެވެ. އަޅުގަނޑުމެންނަށް ބެލުނީ ބަލަން ނުވާ ކަހަލަ ހަޑި ފިލްމެކެވެ! ދެން އެއްގޮތަކަށް ވެސް އެކަހަލަ ކަމެއް ނުކުރާނަމެވެ.
ދެން، ބައްޕަ ވިދާޅުވިއެވެ. އެންމެ ރަނގަޅެވެ. އެކަމަކުވެސް ބައްޕަ ވާހަކައެއް ބުނަން ހެއްޔެވެ! ދަރިފުޅުމެންގެ އުމުރުގައި ތިކަހަލަ ހަޑި ފިލްމަކީ ކޮން އެއްޗެއް ކަންވެސް ބައްޕަމެންނަކަށް ނޭނގެއެވެ.
ބައްޕަ މިހެން ވިދާޅުވި ތަނާހެން، މެޝިނުގެ އަތް ނިކުމެ ބައްޕަގެ މޫނުފުޅުމަތީ ސައްޕެއް ޖެއްސެވެ.
ދެން، މިތަން ފެނިވަޑައިގެން ރައީސްގެ އަނބިކަނބަލުން ހިނިފުޅުވަޑުވަމުން ވިދާޅުވިއެވެ. އެކަން ވާނީ އެހެން ނޫން ހެއްޔެވެ؟ އެއީ ތި ބައްޕަގެ ދަރިކަލެއްތާއެވެ!
މިފަހަރު މެޝިންގެ އަތް ސައްޕެއް ޖެހީ މަންމަގެ މޫނު މަތީގައެވެ!
ދެން ހެއްޔެވެ؟ ރަސްގެފާނު ނިންމެވީ ދޮގު ހަދާކަން ބުނެދޭ މެޝިން ރާއްޖެއިން ވެސް ބޭރުކުރާށެވެ. ރަސްގެފާނު ވެސް ކުޑަކޮށް ނަމަވެސް، ބައެއް ފަހަރު އިތުރުފުޅު ހެއްދެވޭތީ މިކަން ފަޅާއަރައި ރަސްގެފާނުގެ ބަސްފުޅުތަކުގެ ހަގީގަތް އެހެން މީހަކަށް އެނގިދާނެތީއެވެ! އަދި، އާންމު ބަސްދީގަތުންތަކުގައި ދޮގުހަދާކަން އަންގައިދޭ މެޝިނު ރަސްގެފާނުގެ މޫނުފުޅުމަތީގައި މާގިނައިން ޖަހާފާނެތީ ވެސް މެއެވެ!

One Response
ފުލުސް އޮފީހުގަ ހުންނާނެ ދޮގުހަދާކަން ޔަގީން ކުރުމަށް ބޭނުންކުރާ ފޮރިންސިކް ގޮނޑިއެއް / ދޮގުހަދާތޯ ބަލާ މެޝިނެއް. 2016 ވަނަ އަހަރު ނޫސްވެރިން އެއްކުރައްވާ އެމީހުންނަށްވެސް މިމެޝިން ދެއްކި. އެއީ ގޮނޑިއެއް. އެގޮނޑީގައި ބައިންދަނީ ކުށުގެ ތުހުމަތުވާ މީހާ. އަދި ކޭބަލްތަކެއް ގުޅާފަ ހުންނަ އެއްޗެއް އޭނާގެ ނިތްކުރިމަތީ ހަރުކޮށްފަ ސުވާލުކުރީމަ ދޮގު ހަދަންޏާ އެނގޭނެޔޯ ފުލުހުން އޭރު ބުނީ. އެތައް މިލިއަން ރުފިޔާގެ އަގުހުރި މެޝިނެކޯ އެއީ.. ނަމަވެސް ދުވަހަކުވެސް އެ މެޝިނުގެ ބޭނުމެއް ނުކުރޭ.
ހިތަށް އަރަނީ އޭތިވެސް ރާއްޖެއިން ފޮނުވާލީތޯއޭ؟