މަޑު ގިސްލުމެއްގައި ރޯން ދުނިޔެ އިންދާ ދުށީމޭ ދެރަވެފައި
ކަނޑު ފަޅު ތަކާ ރުއް ގަސް ކަރުނަ އަޅަމުން ދަނީ ތިބެ ދެރަވެފައިި
އުނގުގައި މަގޭ ބޮޑުވީ ދަރިން ނެތި ޙުރުމަތެއް ނިމިގެންދަނީ
ފުނޑުފުނޑުވެ އަބުރާ ޢިއްޒަތާ ނެތި ވެއްޖެޔޭ ބުނެ ދެރަވެފައި
ދަންވަރުގެ ވަގުތާ ފަތިހުވެސް ކަންނެތްވެ ލޮލު ފިޔަ ނުޖެހިފައި
ތަންމަތި ތަކުން ތެދުވަން ދަރިން ނުކުޅެދި ވަނީ ޣާފިލު ވެފައި
އިރުހަނދު އަރާ އޮއްސޭ ކަމާ ޢުމުރުގެ ދުވަސް ގެއްލޭ ކަމާ
ދިރުމެއް ނުވާ ސިކުނޑިން ނުވިސްނޭތީ ވެ އެކަމާ މޮޅިވެފައި
ދީނަށް ނުވާތީ ހުރުމަތެއް ދީނާ ދުރަށް ދާތީ ފެނޭ
ދީނަށް ބުނާ ބަދުބަސްތަކުން ނާމާންކަމޭ ވީ ފެތުރިފައި
ކޮންފަދަ މިއީ ހިތްދަތި ކަމެއް ކެތްތެރި ކަމޭ ވީ ގެއްލިފައި
ކޮންފަދަވި ހެޔޮ ރަޙްމަތް ފުޅެއް ލެއްވުންއަދައި ހެޔޮ ވިސްނިފައި