Support Us

ޝަމްސުއްދީން ރަދުން މެދުޒިޔާރަތްދޮށުގައި ފާތިހާ ވިދާޅުވަނީ -ފޮޓޯތައް: މޯލްޑިވްސްރޯޔަލްފެމިލީޑޮޓްކޮމް

އިޤްތިޞާދީ ހާލަތަށް ޝަމްސުއްދީނު ރަދުންގެ ނަސޭހަތެއް

"އަހުރެންނަށް ފެންނަ ގޮތުގައި ކުރިއަށް މި އަންނާން އޮތް ފަސް އަހަރަކީ ވަރަށް ވިސްނައިގެން ކަންތައް ހިންގާންވީ ފަސް އަހަރެކެވެ. މިހެނީ، ދުނިޔެއަށް އައިސްފައިވާ ދަތިކަމާއި، އޮޅުދޫ ކަރައިގެ ތަދުކަމުން މި ދައުލަތަށް ލިބޭ އާމުދަނީއަށް ލިބެމުންދަނީ އުނިކަމެވެ." މިއީ މީގެ 90 ވަރަކަށް އަހަރުގެ ކުރީގެ ވާހަކައެވެ. ޑިސެންބަރު 22، 1932 ގައި ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާނޫނު އަސާސީ ތަސްދީގުކުރެއްވުމުގެ ގޮތުން އޭރު ދިވެހިރާއްޖޭގެ ރަސްކަމުގައި އިންނެވި އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (3ވަނަ) ދެއްވި ޚުޠުބަތުލް ޢަރުޝީގައި ވިދާޅުވި ވާހަކަފުޅެކެވެ. ޝަމްސުއްދީން ރަދުން އިތުރަށް ވިދާޅުވެފައި ވެއެވެ.

"މި ވެއަތުވެދިޔަ ތިޔާގެ ދުވަސްތަކެއްގެ ތަނަވަސްކަން ބޮޑުކަމުން މީސްތަކުންނަށް ދަސްވެ ހޭނިފައިވަނީ ވަރަށް ޚަރަދު ބޮޑު އުޅުމެކެވެ. މިހެންވީއިރު ހަމަ އެންމެންމެ މި ކަންކަމަށް ވިސްނައި އުޅުން ޞުލްޙަކޮށް ޚަރަދުކުޑަކޮށް ތަކެތި ލިބޭނޭ ގޮތްތަކާއި މަސައްކަތްތަކަށް ފިކުރު ފޯރުވައި ދައުލަތް ހިންގާން ތިބި މީހުން ދައުލަތުގެ ޚަރަދު ވެވުނު ވަރަކުން ކުޑަކޮށް ރައްޔިތުންނަށް ބުރަވެދާނޭ ގޮތުން ހިފެވިފައި ހުންނަ ފުއްޟޫލު ތަކެތި ހިފުން ކުޑަކުރެވޭން އޮތް ވަރަކަށް ކުޑަކޮށް އެމީހުންނަށް ލުއިކޮށްގެންމެ ރާއްޖޭގެ ތަޢުލީމާއި އަތުމަސައްކަތާއި ގޮވާންކުރެއްވުމާއި މަސްވެރިކަމާއި ފަރުހިލުމާއި ރުއްއެރުމާއި އަދި ބޭސްފަރުވާގެ ކަންކަމާއި އޮޑިދޯނި ބައްތެލިފަހަރާއި މި އެންމެހައި ކަންތަންމެ ވާނީ ރަނގަޅަށް ކުރިއަރުވާށެވެ."

ކޮވިޑް -19 އާއި ރަޝިޔާ އާއި ޔުކްރޭންގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގައި ތެލާއި ކާބޯތަކެތީގެ އަގު ދަނީ އުފުލެމުންނެވެ. ލޯނު ދަންތުރައިގައި ތާށިވެ، ކާބޯތަކެއްޗާއި ބޭހާއި ތެލަށްޖެހި އަވަށްޓެރި ސްރީލަންކާ ވަނީ ހާލުގައި ޖެހިފައެވެ. އެ ޤައުމަށް ކުރާ އިޤްތިޞާދީ އަސަރުތައް އެ ޒަމާނުގައި ރާއްޖެއަށް ކުރިގޮތަށް މި ޒަމާނުގައި ނުކޮށްފާނެއެވެ. އެހެންނަމަވެސް މިއީ ދިވެހީން ވެސް ވަރަށް ވިސްނައިގެން ކުރިއަށް ދާންވީ ހާލަތެކެވެ.

ޝަމްސުއްދީން ރަދުންގެ ޚުޠުބަތުލް ޢަރުޝީގައި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ދަށުން ފުރަތަމަ އެކުލަވާލެވުނު ވަޒީރުންގެ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ނަންފުޅުތައް ވެއެވެ. އަދި ދިވެހިރާއްޖެ އިސްލާމް ކުރެއްވި ބޭފުޅެއް ކަމުގައި ލިޔުއްވާފައިވަނީ އަބުލްބަރަކާތުލް ޔޫސުފުލް ބަރުބަރީ ކަމަށެވެ. ރާއްޖެ އިސްލާމް ކުރެއްވި ބޭފުޅަކީ ބަރުބަރީތޯ ނުވަތަ ތަބުރޭޒީތޯ ކުރެވޭ ބަހުސްގައި ޝަމްސުއްދީން ރަދުންގެ ރަޢުޔު ސާފެވެ. ޝަމްސުއްދީން ރަދުން ރާއްޖޭގެ އިޤްތިޞާދީ ހާލަތަށް އަލިއަޅުވާ ދެއްކެވި ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވެފައި ވެއެވެ.

މަގޭ ރައްޔިތުންނާއި މި ދައުލަތުގައި ތިބޭ ބޭރު ރައްޔިތުންނަށް ހަމަ އެއްވެސް ބާވަތަކުން އަނިޔާއެއް ކޮށްގެން ހަމަހިލައި ނުވާނެއެވެ." މި ވާހަކަފުޅު ވެސް އަދުގެ ހާލަތާ ގުޅެއެވެ.

ނޯޓު: 22 ޑިސެންބަރު 1932 ގައި އޭރު ދިވެހިރާއްޖޭގެ ރަދުން އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (3ވަނަ) ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ ތަޞްދީޤުކުރައްވައި ދެއްވި ޚުޠުބަތުލް ޢަރުޝި (މިހާރުގެ ގޮތުންނަމަ ރިޔާސީ ބަޔާން) އިން ނަގާފައި.

މާނަ:

އޮޅުދޫކަރަ – ސްރީލަންކާ

ފުއްޟޫލު – ބޭކާރުތަކެތި / އިތުރުވެފައި ހުންނަ ތަކެތި

އަތުމަސައްކަތް – އަތްތެރި މަސައްކަތް

 

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *