Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ހިމާރާއި މޫސުމާ ބެހޭ ވުޒާރާ

އެވޭލާ ޒަމާނުގައި، ކުޑަކުޑަ ރާއްޖެއެއްގައި ރަސްކަލަކު އުޅުއްވިއެވެ. މި ރަސްގެފާނަކީ ޖަންގަލީގައި ޝިކާރަކުރެއްވުމަށް ވަރަށް ލޯބިކުރައްވާ ރަސްކަލެކެވެ. އެހެންވެ، މޫސުމާ ބެހޭ ވުޒާރާއެއް އުފައްދަވައި، މޫސުމާ ބެހޭ ވަޒީރަކު މި ރަސްގެފާނު އައްޔަނު ކުރައްވާފައި ވެއެވެ. އެ ވަޒީރުގެ މަސައްކަތަކީ ރަސްގެފާނު ޝިކާރައަށް ނިކުންނަވާ ދުވަހުގެ މޫސުން އޮންނަ ގޮތް ބަޔާންކޮށްދިނުމެވެ. ރަސްގެފާނު ޝިކާރައަށް ނިކުންނަވަން ގަސްދުކުރައްވައިފި ނަމަ، އެ ދުވަހުގެ މޫސުން އޮންނާނީ ކިހިނެއްކަން، ރަސްގެފާނުގެ މުސުމާ ބެހޭ ވަޒީރު ކުރެން އައްސަވައެވެ. ދެން، ވަޒީރު ހިސާބުތައް ޖަހައި ޖައްވުގެ ކަންކަން އޮތް ނެތް ގޮތް ވެސް ބަލައި، މޫސުން އޮންނާނޭ ގޮތް ރަސްގެފާނަށް ދަންނަވައެވެ. މޫސުން ރީތިކަމަށް ވަޒީރު ބުނެފި ނަމަ، ރަސްގެފާނު ޝިކާރައަށް ނިކުންނަވައެވެ.

އެއް ދުވަހަކު ރަސްގެފާނު ނިންމެވީ ރަސްގެފާނުގެ އަނބިކަނބަލުން ރާނީއާއި އަދި ދަރިކަނބަލުން ވެސް ރަސްގެފާނުގެ އަރިހުގައި ޝިކާރައަށް ގެންދެވުމަށެވެ. ރަސްގެފާނުގެ ޝިކާރަކުރެއްވުމުގެ ހުނަރު އެ އެންމެނަށް ވެސް ދައްކަވާލެއްވުމުގެ ގޮތުންނެވެ. ދެން، ޝިކާރައަށް ވަޑައިގަންނަވާއިރު ރަސްގެފާނު ކަންތައް ކުރައްވާ އާދައިގެ މަތިން، ޖެހިގެން އޮތް ދުވަހު މޫސުން އޮންނާނޭ ގޮތް ލަފާކޮށް ބުނުމަށް މޫސުމާ ބެހޭ ވަޒީރަށް އެންގެވިއެވެ. މޫސުމުގެ ކަންތައް ހުރި ނެތްގޮތް ބެލުމަށް ފަހު، އެދުވަހުގެ މުސުން ރަނގަޅުވާނެ ކަމަށް ވަޒީރު ރަސްގެފާނަށް ދެންނެވިއެވެ.

ދެން އެ ދުވަހު ރަސްގެފާނާއި އަނބިކަނބަލުން އަދި ދަރިކަނބަލުން ވެސް ޝިކާރައަށް ނިކުމެވަޑައިގަތެވެ. ނަމަވެސް، މޫސުމަކީ، ބައެއް ފަހަރު، ކުއްލިއަކަށް ބަދަލުވާ ކަމަކަށް ވުމުން، އެދުވަހު މޫސުން ބަދަލުވެ، ވާރޭވެހެން ފެށިއެވެ. އަދި، ރަސްގެފާނުގެ އަނބިކަލުންނާއި ދަރިކަނބަލުން އިންނެވި އަސް ވަޅުގަނޑަކަށް ވެއްޓި، އެ ދަމައިކަނބަލުން ވެސް ވަޅުގަނޑުގައި ހެދިފައި އޮތް ފެންގަނޑަށް ވެއްޓިވަޑައިގަތެވެ. ދެން، ރަސްގެފާނު، އެ ދެމައިން ނަންގަވައިގެން ހިޔާވެހި ކަމެއް ހޯއްދެވުމުގެ ގޮތުން ޖަންގަލީ ތެރޭގައި ހިންގަވަމުން ވަޑައިގަތެވެ.

ނަސީބު ދިމާކުރި ގޮތުން ވަރަށް ކައިރިން ޖިފުޓި ގަނޑެއް ކައިރިއަށް ރަސްގެފާނަށް ވަޑައިގެންނެވުނެވެ. އެ ޖިފުޓިގަނޑުގައި އުޅެނީ ދަރުކަނޑާ މީހެކެވެ. ދެން، އެމީހާ ކުރެން ރަސްގެފާނު އެއްސެވިއެވެ.

"ކަލޭ ދަރުކަނޑަން މިއަދު ޖަންގައްޔަށް ނުދިޔައީ ކީއްވެގެން ހެއްޔެވެ؟"

ޖަވާބުގައި އޭނާ ދެންނެވިއެވެ. "މިއަދުގެ މޫސުން ރަނގަޅު ނޫންކަން އަޅުގަނޑަށް އެނގިފައި އޮތީމައެވެ."

ދެން ރަސްގެފާނު ވިދާޅުވިއެވެ. "އެކަން ކަލެއަށް އެނގުނީ ކިހިނެއް ހެއްޔެވެ؟"

"އަޅުގަނޑުގެ ހިމާރުގެ ފަރާތުންނެވެ."

"ހިމާރަށް މޫސުން ބުނެދޭން އެނގެނީ ކިހިނެއް ހެއްޔެވެ؟"

"މޫސުން ރަނގަޅު ދުވަސްތަކުގައި އޭގެ ދެ ކަންފަތް ހިމާރު އެލުވާލާނެއެވެ. މޫސުން ގޯސް ނަމަ، އޭގެ ދެކަންފަތް އުންނާނީ ކޮޅަށް ޖެހިފައެވެ."

ދެން، ރަސްގެފާނު ނިންމެވީ މޫސުމާ ބެހޭ ވަޒީރު، ވަޒީރުކަމުން ވަކިކުރެއްވުމަށެވެ. އަދި އެއަށް ފަހު، މޫސުމާ ބެހޭ ވަޒީރުކަމަށް ދަރުކަނޑާ މީހާގެ ހިމާރު އިސްކުރެއްވިއެވެ. އަދި، އެ ދުވަހުން ފެށިގެން، ރަސްގެފާނުގެ މަމްލަކާގެ ހުރިހާ ބޮޑެތި މަގާމުތަކަށް މަމްލަކާގެ ހިމާރުތައް އިސްކުރެވުން ފެށިއެވެ.

އާދެ، ބުއްދީގެ ހަމަތަކާ އެއްކިބާވެ، ހިމާރުގެ ކަންފަތް ވައްޓާލުމާއި ނެގުމުން ކަންކަން އެނގޭނޭކަން ގަބޫލު ކުރެވުމުން، ހަޅޭލެވުމާއި އަޅާލާ ހެދުމަކުން ކަންކަމަށް އަހުލުވެރިވާނޭކަން ގަބޫލުކުރެވޭ ގޮތް ވެއެވެ. ދެން، ކަންކަމާ މަތިކުރެވޭނީ ދަރުކަނޑާ މީހާގެ މޫސުން ބުނެދޭން އިނގޭ ހިމާރު ފަދަ މީސް މީހުންނާއެވެ.

(ތަރުޖަމާއެއް)