Support Us

ކޮލަމް ކޯދު: ތަސްވީރަކާ ބެހޭ ވާހަކައެއް

މަތީގައި އެވާ ތަސްވިރުން ފެންނަ ދެ ފާރަށް ބަލައިލާށެވެ. އެ ދެ ފާރު ރޭނި މީހުންގެ މަގުސަދު އެކައްޗެކެވެ. ދެ މީހުން ވެސް މަސައްކަތްކުރީ ފާރެއް ރާނާށެވެ. ދެ މީހުންގެ މަސައްކަތީ ވެސް އެއް މަސައްކަތެވެ. އާދެ، ފާރެއް ރޭނުމެވެ. ދެ މީހުންގެ ފާރު ރޭނުމަށް ވެސް ބޭނުންވީ ހަމަ އެެކައްޗެކެވެ. ގަލާއި ސިމެންތިއެވެ. ދެން ރާނަން ބޭނުންވާ ހަނދި ފަދަ އާލާތްތަކެވެ. ދެ މީހުންގެ ފާރު ރާނަން ބޭނުންކުރީ ހަމަ މި އާލާތްތަކެވެ. ދެ މީހުންގެ މަސައްކަތް ނިންމަން ބޭނުންވި ހަކަތަ ހަމަ އެއްވަރެވެ. ނަމަވެސް ދެ ފާރު ނިމުނު އިރު ހުރި ގޮތް ތަފާތެވެ. ސަބަބަކީ ކޮބައިހެއްޔެވެ؟

މި ސުއާލުގެ ޖަވާބު، ބުރެޒިލްގެ މަޝްހޫރު އަދީބެއް ކަމުގައިވާ ޕަވްލޫ ކުވެލްޔޫގެ ކުރު ވާހަކައަކުން ލިބެއެވެ. އެ ވާހަކަ ލިޔެލަމެވެ.

ދުވަހު ނޫސް ކިޔޭތޯ ބައްޕަ މަސައްކަތް ކުރަމުން ގެންދިޔައެވެ. ނަމަވެސް، ތުއްތު ދަރިފުޅުގެ އުނދަގުލާ ހެދި ނޫސް ކިޔޭ ގޮތެއް ނުވިއެވެ. ދެން، ބައްޕަ ކިޔަން އިން ނޫހުން ސަފްހާއެއް ވީދާލިއެވެ. އެ ސަފުހާގައި އޮތީ ދުނިޔޭގެ ޗާޓެކެވެ. އެ ޗާޓު ކުދިކުދިކޮށް ވީދާލުމަށް ފަހު، އަލުން ޗާޓު ރާވާލުމަށް ދަރިފުޅާ ހަވާލުކުރިއެވެ. ބައްޕައަށް ނޫސް ކިޔެންދެން، އެ މަސައްކަތުގައި ދަރިފުޅު މަޝްޣޫލުކޮށް ބޭންދނެ ކަމަށް ހީކޮށްފައެވެ.

ނަމަވެސް، ކުޑަ އިރުކޮޅެއްގެ ތެރޭގައި ތުއްތު ދަރިފުޅު ޗާޓު ރާވާލައި ފުރިހަމަކޮށްލިއެވެ. ދެން، ބައްޕަ ހައިރާންވެގެން ދަރިފުޅު ކުރެން އެއްސެވެ. "އަނެއްކާ ދަރިފުޅަށް ދުނިޔޭގެ ޗާޓު އޮންނަ ގޮތް މަންމަ ދަސްކޮށްދިނީ ހެއްޔެވެ؟"

ދެން ޖަވާބުގައި ދަރިފުޅު ބުންޏެވެ. ނޫނެކެވެ. ނަމަވެސް، ޗާޓުގެ އަނެއް ފަރާތުގައި އޮތީ އިންސާނެއްގެ ސޫރައެވެ. އިންސާނާ ބިނާކޮށް ފުރިހަމަ ކުރެވުމުން، ދުނިޔެ ބިނާކުރެވޭނެ ނޫންތޯއެވެ؟

ކުޑަ ދަރިފުޅު ދިން ޖަވާބަކީ ވަރަށް ވެސް ސާދާ، އަދި އޭނާގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް ބުނި އެއްޗެކެވެ. ނަމަވެސް، އެ ޖަވާބުގައި ވަރަށް ވެސް ވަރުގަދަ ހަގީގަތެއް އެކުލެވިގެންވެއެވެ. ދުނިޔެ ބިނާ ކުރެވޭނީ އިންސާނާ ބިނާކުރެވިގެންނެވެ.

މިވާހަކައިން މަތީގައި ކުރެވިފައި އޮތް ސުއާލުގެ ޖަވާބު ލިބެއެވެ. ދެ ފާރު ތަފާތު ގޮތަކަށް ބިނާކުރެވިފައިވަނީ ކީއްވެގެން ކަމުގެ ޖަވާބެވެ. ވާތުން ފެންނަ ފާރު ބިނާ ކުރެވިފައިވަނީ އިންސާނާ ބިނާކުރުމަށް ފަހުއެވެ. ކަންކުރުމުގެ ގޮތާއި ކަންކުރަން ވާނީ ކަންކުރަން އޮންނަ އެންމެ ފުރިހަމަ ގޮތުގައިކަން އޭނާއަށް ދަސްކޮށްދީ އޭނާ ބިނާކުރުމަށް ފަހުއެވެ. ކަނާތުން ފެންނަ ފާރު ބިނާކުރެވިފައިވަނީ އިންސާނާ ބިނާނުކޮށެވެ. އެފާރުގެ މަންޒަަރު ބުނެދެނީ ފާރެއް ރާނާލަން، އެކަމުގެ އެއްވެސް ހުނަރެއް ނެތް ނަމަވެސް، ފެނުނު މީހަކާ އެކަން ހަވާލުކޮށްލީމައި ފާރު ރޭނޭނެ ގޮތެވެ.

މި ވާހަކައިން އުއްމަތްތައް ވެސް ބިނާވަނީ ކިހިނެއްކަން ސާފުވެގެން ދެއެވެ. އުއްމަތުގެ ލީޑަރުންނަށް އިސްކުރެވެން ޖެހޭނީ އުއްމަތް ބިނާ ކުރުމުގެ މަސައްކަތް އެނގޭ މީހުންނާއެވެ. އުއްމަތް ބިނާކުރުމުގެ ހުނަރެއް ނެތް މީހުންނާ އެކަން މަތިކުރެވިއްޖެ ނަމަ، ކަނާތުން ފެންނަ ފާރު ފަދައިން އުއްމަތް އޮންނާނީ ވެއްޓެން ކައިރިވެފައެވެ. ދަރައި ބަނޑަށް ޖެހި، އުއްމަތުގެ ބިނާ ބިންމައްޗަށް ވެއްޓި ފުނޑުފުނޑުވެފައެވެ.