...

Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ދަރަނި ފުއްދުމުގެ މޮޅު އުކުޅެއް

ދަރަނީގެ ސަބަބުން އިބުރާހިމްބެ މުޅިން ހަލާކުވެއްޖެއެވެ. އިބުރާހިމްބެ ދަރަނި ނަގަމުން ދިޔައީ ދަރަންޏަކީ އަނބުރާ ދައްކަން ޖެހޭނޭ އެއްޗެއްކަން ދެކިގެންނެއް ނޫނެވެ. އަދި، މީގެ އިތުރުން، ދަރަންޏަށް ނެގި ފައިސާގެ ބޭނުންކުރީ އެއިން ފައިދާއަށް އެއްޗެއް ލިބޭ ކަހަލަ ގޮތަކަށް ނޫނެވެ. ރައްޓެހިންނަށް ސަައި ދިނުމަށާއި އަމިއްލަ ހޮބީގެ މަަސައްކަތް ކުރުމަށެވެ. އިބުރާހިމްބެއަކީ ދަތުރުކުރާ ހިތްވާ މީހަކަށް ވުމުން، ދުނިޔޭގެ އެތަން މިތަނަށް އާއިލާގެ މެމްބަރުންނާއި އަދި ރައްޓެހިންނާ ވެސް އެކު ދަތުރުތައް ކުރުމަށެވެ. ކޮންމެއަކަސް، އެންމެ ފަހުން ދަރަނިތައް ދައްކަންޖެހޭ ދުވަސް އަތުވެއްޖެއެވެ. ދަރަނި ދިން މީހުން އިބުރާހިމްބޭގެ ފަހަތުން ދުވަން ފަށައިފިއެވެ.

އަލިހޮއްކޮއަކީ އިބުރާހިމްބެގެ އެކުވެރިއެކެވެ. އަލި ހޮއްކޮ އަތުން ވެސް ދަރަންޏަށް އިބުރާހިމްބެ އެތައް ހާސް ރުފިޔާއެއް ނެގިއެވެ. ދެން އެއް ދުވަހަކު އަލިހޮއްކޮ އިބުރާހިމްބެއަށް ޒިޔާރަތްކޮށް ދަރަނީގެ ވާހަކަ ދެއްކިއެވެ. އަލިހޮއްކޮ ބުންޏެވެ. "އިބުރާހިމާއެވެ! ދަރަނިތައް އަދާކުރުމުގެ މޮޅު އުކުޅެއް އަހަރެން ކިޔައިދީފާނަމެވެ. ނަމަވެސް، ޝަރުތެއްލާފައެވެ. ދަރަނިތަކުން ސަލާމަތްވާނެ އުކުޅެއް ބުނެދީފި ނަމަ، އަހަންނަށް އަހަރެންގެ ދަރަނި އަދާކޮށް ޚަލާސްކުރަން ޖެހޭނެއެވެ."

ދެން އިބުރާހިމްބެ ބުންޏެވެ. "އެއްވެސް މައްސަލައެއް ނެތެވެ. އަހަރެންގެ ދަރަނިތަކުން ސަލާމަތްވާނޭ މަގެއް އަހަންނަށް ހޯދައިދީފި ނަމަ، އަލިހޮއްކޮގެ ދަރަނި މުޅިން ޚަލާސްކޮށް ނިންމައި އަދި ފައިސާގެ އިތުރު އިނާމެއް ވެސް ދޭނަމެވެ."

އަލިހޮއްކޮ ބުންޏެވެ. "މާދަމާ ކޯޓު ހުޅުވީމާ ކޯޓު ދޮރުމަތީގައި ހުންނަ ގަހުގައި އެއްސިގެން، ކުއްތާއެއްހެން އިށީނދެ އިންނާށެވެ. ދެން މީހަކު އެއްޗެކޭ ބުނެފިނަމަ، ކުއްތާއެއް ފަދައިން ވައްވައް ޖަހައިގަންނާށެވެ. އަނގައިން އިތުރު އެއްޗެއް ބުނާނެ ކަމެއް ނެތެވެ. މިހެން ކަންތައް ކުރުމުން، ރަށު ތެރޭގައި އިބުރާހިމު މޮޔަވެއްޖެ ކަމުގެ ވާހަކަ ފެތުރޭނެއެވެ. އަދި، މޮޔައެއް އަދާކުރަން ޖެހޭނޭ ތަކުލީފެއް ނޯންނާނެ ކަމަށް ވަކާލާތުކޮށް އިބުރާހިމުގެ ހުރިހާ ދަރަނިތައް ފޮހެވިގެންދާނެއެވެ."

އޭގެ އަނެއް ދުވަހު، އަލިހޮއްކޮ ބުނި ގޮތަށް އިބުރާހިމްބެ ކަންތައް ކުރިއެވެ. ކޯޓު ދޮށުގައި ހުރި ގަހުގައި އެއްސިގަނެގެން، ކުއްތާއެއްހެން އިނދެ، މީހަކު އެއްޗެކޭ ބުނާއިރަށް ކުއްތާއެއްހެން ވައްވައް ޖަހައިގަނެއެވެ. ދެން އަލިހޮއްކޮ ބުނި ފަދައިން އިބުރާހިމްބެ ބުއްދިފިލައި މޮޔަވި ވާހަކަ ރަށުތެރޭ ފެތުރުނެވެ. އަދި މާގިނަ ދުވަހެއް ނުވަނީސް އިބުރާހިމްބެއަކީ ބުއްދިފިލައި ގޮސްފައިވާ މޮޔައެއް ކަަމަށް ނިންމައި އިބުރާހިމްބެގެ ދަރަނިތައް ދައްކަން ނުޖެހޭ ގޮތަށް ކޯޓުން ނިންމިއެވެ.

ދެން އަލިހޮއްކު އިބުރާހިމްބެ ގާތަށް ދިޔައެވެ. އަދި، އަލިހޮއްކޮގެ ދަރަނި އަދާކުރުމަށް އެދުނެވެ. ނަމަވެސް، އިތުރު އެއްޗެއް ނުބުނެ، އިބުރާހިމްބެ ކުއްތާއެއްހެން ވައްވައްޖަހަން ފެށިއެވެ. އެންމެ ފަހުން، މާޔޫސްވެގެން އަލިހޮއްކޮ އެނބުރި ދިޔައެވެ. އިބުރާހިމްބެއަށް ދަރަނި އަދާކުރުމުގެ އުކުޅު ކިޔައިދެވުނު މޮޔަ ހީކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1

2 Responses

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.